ދައުލަތުން ގެރެންޓީދީފައިވާ "އަޙްމަދު ސިޔާމް ހޯލްޑިންްސް"ގެ ލޯނަށް އެކުންފުނިން ފައިސާ ދައްކަމުންދާކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ، "އަޙްމަދު ސިޔާމް ހޯލްޑިންސް"(އޭއެސްއެޗް)އަށް ދައުލަތުން ގެރެންޓީ ދީފައިވާ ލޯނަށް އެކުންފުނިން ފައިސާ ދައްކަމުންނުދާކަމަށް ބުނެ، އެމައްސަލަ މަޖިލީހަށްވެސް ހުށަހަޅާފައިވަނިކޮށެވެ. ފިނޭންސް މިނިސްޓްރީން މިކަމާ ގުޅޭގޮތުން ނެރުއްވި ބަޔާނުގައި ބުނީ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމްގެ، އަޙްމަދު ސިޔާމް ހޯލްޑިންގްސް، އޭއެސްއެޗްއަށް ސޮވްރިންގ ގެރެންޓީ ނުވަތަ ދައުލަތުން ގެރެންޓީ ދީފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި 14 ޑިސެމްބަރު 2017 ގައިކަމަށެވެ. އަދި ޗައިނާގެ އެގްޒިމް ބެންކުން 127 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް އެކުންފުންޏަށް ދައުލަތުގެ ނަމުގައި ގެރަންޓީ ދީފައިވަނީ ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުންކަމަށްވެސް ފިނޭންސުން ބުނެއެވެ.

"މި ލޯނުގެ ދަށުން، ޗައިނީޒް އެގްޒިމް ބޭންކަށް ދަރަނި އަދާކުރުމުގައި، ޖަނަވަރީ 2020 ގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ ސިޔާމްގެ ކުންފުނިން ވަނީ ދައްކާފަ. ނަމަވެސް، 21 ޖުލައި 2020ގެ ކުރިން، ސިޔާމްގެ ކުންފުނިން އެގްޒިމް ބޭންކަށް ދައްކަންޖެހޭ ލޯނުގެ ޕްރިންސިޕަލް، އިންޓަރެސްޓް އަދި އެހެނިހެން ފީ އަށް ވާ އަދަދު ދައްކާފައި ނުވާތީ، އެބެންކުން ފިނޭންސް މިނިސްޓްރީއަށް އެކަން އެންގި. ސޮވްރިން ގެރެންޓީ ދޫކުރި ފަރާތުގެ ހައިސިއްޔަތުން، އެފައިސާ ދެއްކުމަށް ސަރުކާރަށް އެންގި. ނަމަވެސް އެފައިސާ ސިޔާމްގެ ކުންފުނިން އެސްކްރޯ އެކައުންޓަށް ޖަމާކުރުމުން، އެސްކްރޯ އޭޖެންޓް މެދުވެރިކޮށް އެފައިސާ މިއަދު ޗައިނީޒް އެގްޒިމް ބޭންކަށް ދައްކާފައިވޭ." ފިނޭންސް ގެ ބަޔާނުގައިވެއެވެ.

ފިނޭންސްގެ ބަޔާނުގައި އަހުމަދު ސިޔާމް ހޯލްޑިންގްސް ފިޔަވައި އިތުރު އަމިއްލަ ފަރާތަކަށް ސޮވެރިން ގެރަންޓީއެއް ދޫކޮށްފައި ނުވާކަމަށް ބުނެފައިވެއެވެ. އަދި މި ސަރުކާރުން ސޮވްރިން ގެރަންޓީ ދޫކުރާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ރައްޔިތުންގެ މަސްލަޙަތު ހިމެނޭ ބޮޑެތި މަސައްކަތްތައް ހިންގާ ކުންފުނިތަކުން ނަގާ ލޯނުތަކުގެ ތެރެއިން ކޮންމެހެން ސޮވްރިން ގެރަންޓީ ބޭނުންވާ ލޯނުތަކަށް އެކަނި ކަމުގައިވެސް ފިނޭންސްއުން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައިވަނީ ސިޔާމް ނަގާފައިވާ ލޯނަށް ފައިސާ ދައްކާތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މެންބަރު މީކާއިލް ފޮނުއްވި ސިޓީގައި 2017 ވަނަ އަހަރު ދައުލަތުން ސޮވެރިން ގްރެންޓީ ދީގެން ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 127 މިލިއަން ( ދެ ބިލިއަން ރުފިޔާ ) ޑޮލަރުގެ މައްސަލާގައި ބައެއް ކަންކަން ސާފުކުރުމަށް ވަނީ އެދިވަޑައިގެންފައެވެ. މިގޮތުން ސަރުކާރުން ގެރެންޓީ ދީގެން ސިޔާމްގެ ކުންފުނިން ނެގި ލޯނެއް ޑިފޯލްޓް ވެފައިވޭތޯ އާއި އެލޯނު ސަރުކާރުން ދައްކަންޖެހޭ ގޮތަކީ ކޮބައިތޯއާއި އެކަމުގައި މާލީ ގޮތުން ކުރާނެ އަސަރަކީ ކޮބައިތޯ ސާފުކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. މީކާއިލް ވަނީ މިކަންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ލިޔުމުން ޖަވާބުދެއްވުމަށް އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން