މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ހުޅުމާލެއިން ދެ ބިން ގަނެފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޙައްޖު ކޯޕަރޭޝަނުން ހުޅުމާލެއިން ދެ ބިން ގަނެފައިވަނީ އޮފީސް އިމާރާތަކާއި ރެޒިޑެންޝަލް އިމާރާތެއް އެޅުމަށެވެ. އަދި ދެ ބިން ގަތީ ޙައްޖުވެރިންނާއި އުމްރާވެރިން އެ ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ކަމަށްވެއެވެ.

ނަމަވެސް، މި ދެ ބިމާ ގުޅޭ އިތުރު މަޢުލޫމާތު އެ ކޯޕަރޭޝަނުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ޙައްޖު ކޯޕަރޭޝަނުން ދެބިން ގަނެފައިވާއިރު އެކުންފުންޏަށް އިތުރު އާމްދަނީ ހޯދުމަށްޓަކައި ރިއަލް އެސްޓޭޓް އިންވެސްޓަންޓްތަކާއި ދިމާއަށް އަމާޒު ހިފާފައިވާކަމަށް އެ ކުންފުނިން މީގެ ކުރިން ވަނީ ބުނެފައެވެ.

އެގޮތުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް މީގެކުރިން ވިދާޅުވެފައި ވަނީ، ޙައްޖު ފަންޑުގެ ނަމުގައި ހާއްސަ ފަންޑެއް ގާއިމްކޮށް ޙައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އެހެންކަމުން އެކަމަށް އެ ކުންފުނިން މަސައްކަތްތަކެއް ކުރަމުން ދާކަމަށް ޝަކީލް ވިދާޅުވެފައިވެއެވެ.

ޝަކީލް ވިދާޅުވީ އެ މަސައްކަތުގެ ދަށުން ޙައްޖު ފަންޑުން އެކިއެކި އިންވެސްޓްމަންޓްކޮށް ކުންފުންޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި، މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ޙައްޖު ކޯޕަރޭޝަން ހެދުމަށް ޕްލޭންތަކެއް ކުރަމުންދާ ކަމަށެވެ.

އޭގެއިތުރުން ޙައްޖަށް ދިއުމަށް ދިވެހި ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަށްޓަކައި ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްތަކާއެކު ޙައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް މިހާރު އެ ކޯޕަރޭޝަނުން ފަށާފައިވާކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.

ޙައްޖު ކޯޕަރޭޝަނަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުގެ އިސްނެންގެވުމާއިއެކު އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނި އުފެދުންފަހުން ޙައްޖާއި އުމްރާ ދަތުރުތަކަށް ބޮޑެތި ލުއިތަކެއް އައިސްފައިވާކަން ފާހަގަ ކުރެވެއެވެ.

ރާއްޖެއަށް މިއަހަރު ލިބުނު ހުރިހާ ޙައްޖު ކޯޓާއެއް ދީފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން