ރާއްޖޭގައި ބޭނުން ކުރަމުންދާ އިންޑިއާގެ ހެލިކޮޕްޓަރެއް.
ރާއްޖޭގައި ބޭނުން ކުރަމުންދާ އިންޑިއާގެ ހެލިކޮޕްޓަރެއް.
2019 ވަނަ އަހަރު ތިމަރަފުއްޓަށް އިންޑިއާގެ ހެލިކޮޕްޓަރ ޖެއްސީ އެމްއެންޑީއެފްގެ ހުއްދަ ނެތިކަމަށް ސަރުކާރުން ބުނި ބުނުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ދޮގުކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިހެން ބުނެފައިވަނީ، ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ދެއްކެވި ވާހަކަފުޅަކަށް ރައްދުދީ ނެރުނު ބަޔާނެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޣައްސާން ވިދާޅުވީ ދިވެހިންގެ ހުއްދަ ނެތި މީގެ ކުރިން ރާއްޖޭގެ ވައިގެ ތެރޭގައި އަސްކަރީ އުޅަނދެއް ދުއްވާފައިވާކަން އެނގޭ ކަމަށެވެ. ޣައްސާން މިހެން ވިދާޅުވީ، ރާއްޖޭގައި އިންޑިއާގެ އަސްކަރީ ސިފައިން އޮޕަރޭޓް ކުރި ހެލިކޮޕްޓަރެއް ހުއްދަނެތި ތިމަރަފުއްޓަށް ޖެއްސި ހާދިސާއަކަށް އަލިއަޅުވާލައްވައެވެ. ޣައްސާން ވިދާޅުވީ އޭރުގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރެއްވިއިރު މިމައްސަލަ، ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބެލިކަމަށެވެ.

މިކަމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ރާއްޖޭގައި އިންޑިއާގެ އޭވިއޭޝަން ޕްލެޓްފޯމްތައް އަބަދުވެސް ހިންގަމުން އައީ އެއްބަސްވެފައިވާ އުސޫލުތަކާއި އެއްގޮތަށް އަދި އެމްއެންޑީއެފްގެ ހުއްދަ ލިބިގެންކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މިނިސްޓަރ ޣައްސާން އިޝާރާތް ކުރެއްވި، 09 އޮކްޓޯބަރ 2019 ވަނަ ދުވަހު ދުއްވި އަސްކަރީ އުޅަނދު ދުއްވައި، ލޭންޑު ކުރީ ވެސް އެމްއެންޑީއެފްގެ ހުއްދަ ލިބިގެންކަމަށް އެބަޔާނުގައި ވެއެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ އެއުޅަނދު ތިމަރަފުށީގައި ޖެއްސީ އެމަރޖެންސީ ހާލަތެއް މެދުވެރިވެގެން، އެ ޕްލެޓްފޯމާއި، އުޅަނދުން ދަތުރުކުރި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޓީސީން ބޭނުންވާ އޮން ގްރައުންޑް އެޕްރޫވަލްތައް ނަގައިގެންކަމަށެވެ.



2019 ވަނަ އަަހަރު ދިވެހީންގެ ހުއްދަ ނެތި ތިމަރަފުއްޓަށް ޖެއްސި އިންޑިއާގެ އަސްކަރީ އުޅަނދުގެ ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ، އޭރު ރާއްޖޭގެ މިލިޓަރީ ކޮމާންޑް އެންޑް ކޮންޓްރޯލް ގެ ބޭރުން މިފަދަ ހާދިސާއެއް ހިނގިޔަސް، އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމާއެކު ރާއްޖޭގެ މިލިޓަރީ ކޮމާންޑް އެންޑް ކޮންޓްރޯލް ގެ ބޭރުން އަސްކަރީ އުޅަނދުފަހަރަށް ދަތުރުފަތުރު ނުކުރެވޭނެ ކަމުގެ ޔަގީންކަން ލިބިފައިވާކަމަށެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ހުރިހާ ސިފައިން ކުރު މުއްދަތެއްގެ ތެރޭގައި ޤައުމަށް ފޮނުވާލެވުނީ ރައީސް ޑރ. މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅުގެ ސަބަބުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން