ވަރކް ވިސާގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތައް ދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އޮންލައިންކޮށް ޓޯކެން ނެގޭނެ އިންތިޒާމު މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އަންނަ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިއަށް އިމިގްރޭޝަނަށް ހާޒިރުވެ އެފަރާތެއްގެ ނަންބަރު ޖެހެންދެން އިމިގްރޭޝަނުގައި މަޑުކުރަންޖެހުމުން ގިނަ ފަރާތްތަކެއްގެ ޝަކުވާ ލިބޭ ކަމަށެވެ.

އެހެންކަމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ޒަމާނާއި އެއްގޮތަށް އެ ހިދުމަތް އޮންލައިންކޮށް މިހާރު ކަނޑައެޅިފައިވާ ގަޑީގައި "އޭންޓް ކިޔޫ" މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ނަންބަރު ނެގޭގޮތަށް ހަމަޖައްސާފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އެހެންކަމުން އެކަމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކުގެ އެތައް ވަގުތެއް ސަލާމަތްވެ އެކަމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މި ހިދުމަތް ދިނުމުގައި 5 ޕާސްޕޯޓަށްވުރެ ގިނަ ޕާސްޕޯޓު ނަގާ ފަރާތްތަކަށާއި އަދި 5 ޕާސްޕޯޓަށްވުރެ މަދުން ޕާސްޕޯޓު ނަގަން ބޭނުންވާ ފަރާތްތަކަށް ކިއު ނަންބަރު ނެގުމަށް ވަކި ގަޑިތަކެއް އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން