މާލޭގެ ފެންބޮޑުވުމުގެ މައްސަލަ އަވަހަށް ހައްލުކުރަން އިތުރު ވަގުތު މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ޜޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފި އެވެ.

މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ދިފާޢީ ވުޒާރާއިން އާރުޑީސީއާ ޙަވާލުކޮށްގެން އަދި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ އެއްބާރުލުމާއެކު މަޝްރޫއެއް ފެށީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އެ މަޝްރޫޢުގެ ދަށުން ވެސްޓްޕާކް ސަރަޙައްދުގައި އުފެދޭ ފެން ބޭރުކުރުމަށް ހަރުކުރަންޖެހޭ ވަސީލަތްތައް ހަރުކުރުމަށް ވަނީ ނިންމާފަ އެވެ.

އެ މަޝްރޫއުގެ އެންމެ ފަހުގެ މަސަައްކަތްތަކާ ގުޅޭ ގޮތުން އާރުޑީސީން މިއަދު ބުނީ މަޝްރޫޢުގެ މަސައްކަތްތައް ވެސްޓްޕާކް ސަރަހައްދުގައި މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން 24 ގަޑިއިރު އެ ސަރަހައްދުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައި ވެއެވެ.

"މަޝްރޫގައި ގާއިމު ކުރެވޭ ކަލެކްޝަން ޓޭންކުގެ ކޮންކްރީޓް މަސައްކަތް ގާތްގަނޑަކަށް ނިމިފައި. މަސައްކަތް ކުރިއަށްދާއިރު ވެސްޓްޕާކް ސަރަހައްދުގެ ޓްރެފިކް ފްލޯ ކަންކަމާއި އާންމު ދިރުއުޅުމުގައި ރައްޔިތުންނަށް ގުޅުންހުރި ކަންކަމުގައި އަމަލުކުރާނެ ގޮތްތަކާ ބެހޭ ގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާއެކުގައި މަޝްވަރާތައް ކުރެވި ގޮތްތަކެއް ކަނޑައެޅިފައިވޭ." އާރުޑީސީން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން ވެސްޓްޕާކް ސަރަޙައްދުގައި އުފެދޭ ފެން ބޭރުކުރުމަށް ހަރުކުރަންޖެހޭ ވަޞީލަތްތައް ހަރުކުރުމަށްފަހު އިތުރު ސަރަހައްދުތަކުގައި އެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށް ވެސް އާރުޑީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން