ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށީ ތައްޔާރުނުވެކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ދިރާސީ އަހަރުގެ ތަހުނިޔާ އެންމެހާ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންނާއި ސްކޫލުތަކުގެ އިސްވެރިންނާއި މުވައްޒަފުންނަށް އަރިސްކޮށް އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ދިރާސީ އާ އަހަރަށް އެޑިއުކޭޝަން މިނިސްޓްރީން ވާން ޖެހޭ ތައްޔާރީތައް ރަނގަޅަށް ވެވިފައި ނެތް ކަމަށެވެ.

އެހެންވެ ސްކޫލުގައި ދަރިވަރުން ހޭދަކުރަންޖެހޭ ވަގުތު ކުރުގަޅުވާލާ އެކިއެކި ބަހަނާ ދައްކައިގެން އެކަން ފޮރުވަން ކުރާ މަސައްކަތް ކުށްވެރިކުރާކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

"ގިނަ ބެލެނިވެރިން ދަނީ ސްކޫލު ހުޅުވުނު އިރުވެސް ދަރިވަރުންގެ ފޮތްތައް ހަމަނުވާކަމުގެ ޝަކުވާތައް ކުރަމުންނެވެ. އަދި ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހަމަނުވާކަމުގެ ޝަކުވާ ގިނަ ޕްރިންސިޕަލުންނާއި ޓީޗަރުންދަނީ ކުރަމުންނެވެ. އަދި މިކަމާ ނުރުހިގެން ސޯޝަލް މީޑިޔާގައި މުވައްޒަފަކު ހިޔާލެއްފާޅުކޮށްފިނަމަ އެ މީހަކަށް ފިޔަވަޅު އަޅާކަމުގެ ޝަކުވާތައްވެސް އަޅުގަނޑުމެންނަށް ދަނީ ލިބެމުންނެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ދެހާސް ސައްބީހުން ފެށިގެން ދިރާސީ އާ އަހަރު ފެށޭއިރަށް ބަދަލުކުރަން މި ސަރުކާރުން ނިންމާފައިވާއިރު އެގޮތަށް ބަދަލުތައް ގެންނާތީވެސް އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެމްޑީޕީން ބުނީ ރޭވުންތެރިކަމެއްނެތި އެކިފަހަރުމަތިން ގެންނަމުންދާ އެ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ދަރިވަރުންނަށް ފިލާވަޅުތަކުގެ ބޮޑުބައެއް ގެއްލި ދަރިވަރުންގެ އުނގެނުމުގެ މުޅިތަރުތީބަށް ނުހަނު ބޮޑެތި ގެއްލުންލިބެމުން ދާކަމަށެވެ. އަދި ވިއްސާރަ ބަހަނާއަކަށް ހަދާ، ފުރަތަމަ ހަފްތާގައި ކިޔަވައިދޭ ވަގުތު ކުރުކުރުމުން ދަރިވަރުންނަށް ގެއްލޭ ބައި އިތުރުވާތީ ވެސް އެމްޑީޕީން ކަންބޮޑުވުން ފާޅުކުރި އެވެ.

"އަޅުގަނޑުމެން އެދެނީ އެއްވެސް ރޭވުންތެރިކަމެއްނެތި ކުއްލިކުއްލިއަށް ނިންމާ ނިންމުންތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ދިމާވެދާނެ ބޮޑެތި ގެއްލުންތަކުން އެކުދިންނާއި އެ ބޭފުޅުން ސަލާމަތްވުމެވެ. އެހެންކަމުން، މިފެށޭ އާ ދިރާސީ އަހަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނިންމާ ނިންމުންތަކަކީ ހަރުދަނާ، ތަޢުލީމީ ދާއިރާއަށް ފައިދާހުރި ދަރިވަރުންނަށް ގެއްލުން ނުލިބޭ ނިންމުންތަކަށް ހެދުމަށް މި ޕާޓީން އިލްތިމާސްކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން