މިއަދަކީ ރާއްޖޭގެ ތާރީހުގައި ފަލަސްތީނަށް އެންމެ ބޮޑަށް އެހީދޭ ދުވަހަށް ހައްދަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

އިސްރާއިލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ދައުލަތުގެ މީޑިއާއިން މިއަދު ކުރިއަށް ގެންދާ ޓެލެތޯން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުކޮށްދެއްވައި ރައީސް މުއިއްޒު ވިދާޅުވީ މުސްލިމުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކުރިން ގޯސް ނުވާހާ މިންވަރަށް މިއަދު ގޯސްވެފައިވާ ކަމަށެވެ.

އެހެންވެ ފަލަސްތީނުގެ ރައްޔިތުންނަށް މިއަދު އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްނުދީފިނަމަ ދެން ދައްކާނެ އެހެން ވާހަކައެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެންމެ މުއްސަނދި ވިޔަފާރިވެރިޔާއާއި އަދި އެންމެ އާދައިގެ މީހާވެސް އެމީހަކަށް ވެވުނު ވަރަކުން މިއަދު ކުރިއަށްދާ ޓެލެތޯނަށް އެހީވުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.

"އަޅުގަނޑު ޔަގީންކުރަނީ މީގެ ކުރިން ބޭއްވި ހަރަކާތްތަކާއި ޓެލެތޯންތަކުގައި އެހީތެރިކަން ދެއްވި ރައްޔިތުން ވަރަށް ލާމަސީލު. އެހެން ނަމަވެސް އެއަށް ވުރެ ވެސް ގިނަ އެއަށް ވުރެ ވެސް ބޮޑު އަދަދުތަކުން ފައިސާ ދެއްވާނެކަމަށް، މިއަދު މި އެއްކުރެވޭ ފައިސާއިން މާނަހުރި ބަދަލެއް ފަލަސްތީނުގެ ރައްޔިތުންނަށް ގެނެސްދެވޭނެ ކަމަށް." ރައީސް ވިދާޅުވި އެވެ.

އެހެންކަމުން މިއަދަކީ ރާއްޖޭގެ ތާރީހުގައި އަޅުގަނޑުމެން އެންމެ ބޮޑަށް އެހީތެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް ދޭ ދުވަހުގެ ގޮތުގައި ހައްދަވައިދެއްވުމަށް ވެސް ރައީސް އިލްތިމާސް ކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން