މަރްޔަމް ނަހްދާ ވަޙީދު   5 ޖުލައި 2024 - 8:2
އަޅާލުން ބޭނުންވެފައިވާ މާމައެއް: މިއީ މިއަދުގެ ދިވެހިމުޖުތަމަޢުތަކުންވެސް ފެންނަ ހިތާމަވެރި މަންޒަރެއް
އަޅާލުން ބޭނުންވެފައިވާ މާމައެއް: މިއީ މިއަދުގެ ދިވެހިމުޖުތަމަޢުތަކުންވެސް ފެންނަ ހިތާމަވެރި މަންޒަރެއް
މައިންބަފައިންނަކީ އިންސާނުން މި ދުނިޔެއަށް އައުމަށް ލައްވާފައިވާ ސަބަބެވެ. އަޅުގަނޑުމެން އެންމެ ތުއްތުއިރުއްސުރެ ބަލާ، ބޮޑުކޮށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް އެމީހުން ވަރަށް ގިނަ ގުރުބާނީތަކެއް ވެފައިވެއެވެ. އަޅުގަނޑުމެންނަށް އުނގަންނައިދީ މުޖުތަމަޢުއަށް ފައިދާހުރި ދަރިންތަކަކަށް ހެދުމަށް އެމީހުންވަނީ ގިނަގުނަ މަސަތްކަތްތަކެއް ކޮށްފައެވެ. ދުނިޔެވީ އުފާތަކާއި ރޭގަނޑުގެ އަރާމު ނިދިން މަޙްރޫމުވެ އެމީހުންގެ ޙަޔާތުގެ ބޮޑުބައެއް ހޭދަކޮށްފައިވަނީ އަޅުގަނޑުމެންގެ ހައްޤުގައެވެ. މައިންބަފައިން ވަމުންދާ ޤުރުބާނީތަކަކީ އެއްވެސް އިތުރު މީހަކަށް ވެވޭނެ ޤުރުބާނީ ތަކެއް ނޫނެވެ. އަދި އަޅުގަނޑުމެންނަކަށް ދުވަހަކުވެސް އެމީހުން އަޅުގަނޑުމެންގެ ޙައްޤުގައި ވެފައިވާ ޤުރުބާނީތަކުގެ އަގު އަދާ ނުކުރެވޭނެއެވެ.

މައިންބަފައިން މުސްކުޅިވެ ގައިބާރުދެރަވެ، އެހީއަށް އެންމެ ބޮޑަށް ބޭނުންވާ ދުވަހު އެމީހުންނަށް އޯގާތެރިވެ، އިޚްތިރާމްކޮށް އަޅާލުމަކީ ދަރިންގެ މައްޗަށްވާ ވާޖިބެކެވެ. އަޅުގަނޑުމެން އެންމެ ތުއްތުއިރުއްސުރެ ބަލާބޮޑުކޮށް ތަރުބިއްޔަތު ކުރުމަށް މައިންބަފައިން ގިނަ ޤުރުބާނީތަކެއް ވެފައިވާއިރު އެމީހުންގެ މިންނެތް މަސަތްކަތުގެ އަގު އެންމެ ބޮޑަށް ވަޒަންކުރެވޭނީ އެމީހުންނަށް ދޭންޖެހޭ ގަދަރާއި އިޚްތިރާމް ދީގެންނެވެ.

އިސްލާމްދީނުގައި މައިންބަފައިންނަށް ވަނީ ވަރަށް ޙާއްސަ ގަދަރަކާއި އިއްޒަތެއް ދެވިފައެވެ. އެގޮތުން ކިރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުގައިވެސް މައިންބަފައިންގެ ހައްގުތަކާބެހޭ ގިނަގުނަ ދަލީލުތަކެއް އައިސްފައިވެއެވެ. އެމީހުންނަށް ކިޔަމަންތެރިވެ އެމީހުންގެ ހިތުގައި ޖެހޭފަދަ އެއްވެސް ބަހެއް ނުބުނެ އިހްތިރާމް އަދާކޮށް، އެމީހުންނަށް ދޭންވާ ލޯތްބާއި އަޅާލުންދީގެންނެވެ. އަދި އެމީހުންގެ ބޭނުންތައް ފުއްދައި ދިނުމަކީ އަޅުގަނޑުމެން ދަރިންގެ މައްޗަށް އޮތް ވާޖިބެކެވެ.

މާތްވެގެންވާ ނަބިއްޔާގެ ޙަދީޘްތަކުން އިރުޝާދުދެއްވާފައިވާ ގޮތުގައި ސުވަރުގޭގެ އެންމެ މަތިވެރި ދޮރުކޮޅުތަކުން ސުވަރުގެ ވަންނަން ބޭނުންވާ މީހާ އޭނާގެ މައިންބަފައިންނަށް ހެޔޮކޮށްހިތަން ޖެހެއެވެ. މިއިންވެސް އެނގިގެންދަނީ އިސްލާމްދީނުގައި މައިންބަފައިންނަށް ދެއްވާފައިވާ ޤަދަރާއި އިއްޒަތެވެ. މީގެ އިތުރުން މައިންބަފައިންނަށް އިޙްސާންތެރިވެ، އިޙްތިރާމްކޮށް ހިދުމަތް ކުރުމަކީ ހައްޖުގެ އަޅުކަން އަދާކުރުމާ އެއްފަދަކަމެއް ކަމަށް ބައެއް ދަލީލުތަކުގައި ވެއެވެ. މިއިންވެސް މައިންބަފައިންނަށް ކަމޭހިތުމުގެ މުހިންމުކަން އެނގިގެން ދެއެވެ.

އިސްލާމްދީނުގައި މިކަން މިހެން އޮތްނަމަވެސް ހިތާމައަކީ މި ޒަމާނުގައި މައިންބަފައިންނަށް ދޭންޖެހޭ އިޚްތިރާމާއި އަޅާލުން އެންމެ ފުރިހަމަ ގޮތުގައި މިހާރުގެ ގިނަ ޒުވާންނުން އަދާ ކުރާތަން ނުފެނުމެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުއިން ފެނިގެންދަނީ މައިންބަފައިންގެ ހައްގުތަކަށް ފަރުވާކުޑަކޮށް، އެމީހުންގެ ބޭނުންތަކަށް އެއްވެސް ވަރެއްގެ އަހައްމިއްޔަތުކަމެއް ނުދީ، ދަރިން އެބައެއްގެ އަމިއްލަ ބޭނުންތަކަށް އިސްކަންދީގެން އުޅޭތަނެވެ. ނަތީޖާއެއްގެ ގޮތުން އަމިއްލަ އެދުން ބޮޑު މުޖުތަމައެއް އުފެދި އޭގެ ސަބަބުން މައިންބަފައިންގެ ހައްގުތަކުން އެމީހުން މަހުރޫމުވެގެންދަނީއެވެ. އެމީހުން މުސްކުޅިވެ އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ދުވަހު އެމީހުން ބިކަކޮށް ބާކީކޮށްލަނީއެވެ.

މަދުރަސީ ޙަޔާތްނިމި އަމިއްލަ ފައިމައްޗަށް ތެދުވެ، ޒަވާޖީ ހަޔާތެއްފަށާ ހިސާބުން އަދުގެ މުޖުތަމައުގެ ގިނަ ދަރިން މައިންބަފައިން މަތިނަ ހަނދާން ނައްތާލައެވެ. ތިމާ އެ މަންޒިލަށް ވާސިލްކޮށްދިނުމަށް އެ މައިންބަފައިން ކޮށްދެއްވި މިންނެތް މަސަތްކަތް ހަނދާން ނައްތާލައި އެމީހުންނާމެދު ފަރުވާ ކުޑަކޮށްލައެވެ. ނަތީޖާއެއްގެގޮތުން ދަރިން ދުނިޔޭގައި ތިބެގެންވެސް މައިންބަފައިން ނިކަމެތިވެގެންދެއެވެ. އެއް ގެއެއްގައި އުޅޭއިރުވެސް ގިނަފަހަރު މަންމައާއި ބައްޕައާއި ހަތަރުކަޅި ހަމަކޮށް ވާހަކަ ދައްކާލަން މަޑުކޮށްލާނެ ވަގުތެއްވެސް ދަރިންނަކަށް ނުވެއެވެ. މައިންބަފައިންނާ ދުރުގާއުޅޭނަމަ އެމީހުން ދެކިލަން އެމީހުންނަށް ޒިޔާރަތްކޮށްލާނެހާ ވަގުތެއް ނުވާތާގައި އެމީހުންނަށް ގުޅާފައި ހާލުބަލާނެ ވަގުތެއްވެސް ގިނަފަހަރު ނުވެއެވެ. ދުނިޔެވީ އުފަލާ އަރާމަށް ހެއްލިގެން ތިމާ މައިންބަފައިންގެ މައްޗަށް އަދާކުރަންޖެހޭ ވާޖިބެއް ވާކަންވެސް ހަނދާން ނެތެނީއެވެ. ދިރިއުޅުމުގެ އެކި ކަންކަމުގައި ބިޒީވިނަމަވެސް ވަގުތުކޮޅެއް ހުސްކޮށް މައިންބަފައިންގެ ހާލުބަލައި އެމީހުންގެ މައްޗަށް އަދާކުރަން އޮތް ވާޖިބު އަދާކުރަންޖެހެއެވެ. ދަރިންނާއި މައިންބަފައިންނާއި ދެމެދު ވާ ގުޅުމަކީ ވަރަށްވެސް މާތް މަތިވެރި ގުޅުމަކަށްވާއިރު އެ ގުޅުން ބަދަހި ކުރުމަށް މަސަތްކަތް ކުރުމަކީ ކޮންމެ މީހެއްގެ މައްޗަށްވެސްވާ ޒިންމާއެކެވެ.

ޒަވާޖީ ޙަޔާތެއް ފަށައި ދަރިން ލިބުމަށްފަހު ޒުވާން ދެމަފިރިން ވަޒީފާއަށް ދާއިރު ތުއްތު ދަރިފުޅު ބަލަން ގިނަފަހަރަށް ހަވާލު މިކުރަނީ ދުވަސްވެ ގައިބާރުދޫވެފައިވާ ބަލިކަށި މަންމައާއެވެ. އުމުރުން ދުވަސްވީދުވަހު މާމަދަރިން ބެލުމުގެ އިތުރުން، ގޭތެރެ ފޮޅާ ސާފުކޮށް، ކެއްކުމުގެ ޒިންމާވެސް އުފުލަންޖެހިފައިވަނީ އެ މަންމައިންނަށެވެ. އެންމެ އަރާމުބޭނުންވާ ދުވަހު އަރާމު ކޮށްލާނެ ވަގުތެއްވެސް އެމައިންނަށް ނުލިބެއެވެ. މިއީ ރާއްޖޭގެ ގިނަ އާއިލާތަކުގެ ހާލަތެވެ. ދަރިން ވަޒީފާއަށް ފޮނުވުމަށްޓަކައި މާމަ ދަރިން ބޮޑުކުރުމުގެ ޒިންމާއުފުލަންޖެހޭ އެތައް މާމައިންނެއް ރާއްޖޭގައި އެބައުޅެއެވެ. މިހާރުގެ ޒުވާނުން ވަޒީފާގައި އުޅެފައި ގެއަށް އައިސް ދެން އަވަސްވެގަންނަނީ ރައްޓެހިންނާއިއެކު ކޮފީތަކަށް ގޮސް ކުޅިވަރާއި މަޖަލުގަ ދުވަހުގެ ބާކީބައި ހޭދަކުރުމަށެވެ. މުޅި ދުވަހު ތިމާގެ ދަރިން ބަލައި ގޭތެރޭގެ ކަންތައްކުރި މަންމައާއި ލޯބިން ވާހަކަ ދައްކާލާނެ ފުރުސަތެއްވެސް އެމީހުންނަކަށް ނުވެއެވެ. އެ މައިންނަކަށް އަމިއްލަ އުފަލަށްޓަކައި އެއްވެސް ކަމެއް ކުރާނެ ވަގުތެއް ނުލިބެއެވެ. ރައްޓެހިންނާ ދިމާކޮށް ތިމާގެ ދުވަސް ދިޔަ ގޮތުގެ ވާހަކަ ދައްކާލާނެ ވަގުތެއްވެސް ނުވެއެވެ. އެ ބޯހާސްކަންމަތީ ހަމަ ކޮންމެ ދުވަހެއް ވޭތުކުރާއިރުވެސް މި ޒުވާނުންނަކަށް އެމީހުންގެ މައިންބަފައިންގެ މައްޗަށް އަދާކުރަންޖެހޭ ވާޖިބެއް ވާކަމަށްވެސް ރޭކާނުލައެވެ. އެމީހުން ހިތުގާ ޖެހޭނެ ވަރެއް ވިސްނާލާނެ ވަގުތެއްވެސް ނުވެއެވެ.

އުމުރުން ދުވަސްވެ އެކިކަހަލަ ބަލިތަކަށް މައިންބަފައިން ހުށަހެޅިގެންދާއިރުވެސް އެމީހުންނަށް އަޅާލާނެ ވަގުތެއް މިޒަމާނުގެ ދަރިންނަކަށް ނުވެއެވެ. ދަރިންނަށްޓަކައި ގުރުބާންވި މައިންބަފައިން ބަލިވުމުން އެމީހުންނާއެކު ވަގުތު ހޭދަކުރުންވެސް ވަނީ ބުރަ ކަމަކަށެވެ. މައިންބަފައިން މުސްކުޅިވެ، ގައިބާރު ދެރަވެ، އެކަނި ހެލިފެލިވެ ނޫޅެވޭ ވަރުވުމުން އެމީހުންގެ ހުރިހާ ކަމެއްކޮށް އެމީހުން ބެލުމަކީ ދަރިންގެ މައްޗަށް އޮތް ވާޖިބެކެވެ. ނަމަވެސް ހިތާމައަކީ މިއަދުގެ މުޖުތަމައުގައި އުމުރުން ދުވަސްވީ އެތައް މައިންބަފައިންނެއް އެކަހެރިކޮށް، އެކަނިކޮށް ބާކީކޮށްލާފައިވާކަމެވެ. އެމީހުންނަށްޓަކައި އެންމެ ބޮޑުވަރަކަށްވެސް ކޮށްދެވޭކަމަކީ ލާރި ދީފައި އެމީހުން ބަލާނެ މީހެއް ގޭގައި ބެހެއްޓުމެވެ. ދަރިން ދުނިޔޭގައި ތިބެގެންވެސް މައިންބަފައިން ގޮތްނޭނގޭ މީހެއްގެ އަތްމައްޗަށް ދޫކޮށް، ބިކަކޮށްލަނީއެވެ. މިކަމުގެ ސަބަބުން އެ މައިންބަފައިންގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބިދެއެވެ. އެމީހުންގެ ޙަޔާތުގެ ފަހު ދުވަސްތައް ގުނަމުންދަނީ ހިތާމައާއި ކެކުޅުމުގައެވެ. ތިމާ ބަލާ ބޮޑުކޮށް ހޭލުންތެރި ކުރުވި މައިންބަފައިން އެ ކޮށްދެއްވާފައިވާ ބުރަ މަސަތްކަތްތަކުގެ އަގު ވަޒަންކުރުމަށްލިބޭ ފުރުސަތު ވިސްނާނުލާތިބެ ނަގާލަނީއެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގެ އެންމެ ބޮޑު ބައެއް އަދާކުރަނީ މައިންބަފައިންނެވެ. ތިމާގެ މައިންބަފައިންނާމެދު އިހާނެތިކޮށް ކަންތައް ކުރާތަން މާމަ ދަރިންނަށް ފެނުމުން އެ ދަރިންނަށްވެސް ދަސްވެގެންދާނީ އެ އުޅުމެވެ. ތިމާ މުސްކުޅިވެ އެހީއަށް އެންމެ ބޮޑަށް ބޭނުންވާދުވަހު އެ ދަރިންވެސް ތިމާއާއިމެދު ކަންކުރާނީ ހަމަ އެ ބީދައިންނެވެ. ވީމާ ދަރިން ތަރުބިއްޔަތު ކުރާއިރު އެމީހުންނަށް ރަނގަޅު ނަމޫނާއަކަށް ތިމާމީހާ ވާންޖެހެއެވެ. އަދި ދަރިންނަށް ދީނީ ވާޖިބުތައް އެންމެ ފުރިހަމަ ގޮތުގައި އުނގަންނައި ދިނުމަށް މަސަތްކަތް ކުރަންޖެހެއެވެ. މައިންބަފައިންނަށް ހެޔޮކޮށްހިތުމުގެ މުހިންމުކަން ބޮޑުވެ ފުރާވަރަށް އަންނަ ދަރިންނަށް ވިސްނައިދޭންޖެހެއެވެ. އަދި ތިމާއަކީވެސް މައިންބަފައިންނަށް ލޯބިކުރާ، އެމީހުންނަށް ޤަދަރުކުރާ ނަމޫނާ މީހަކަށް ވާންޖެހެއެވެ.

މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންތައް ކުރެވޭނެއެވެ. އެގޮތުން މައިންބަފައިންނާ ދުރުގައި ދިރިއުޅޭނަމަ އެމީހުންނަށް ގުޅައި ހާލުބަލައި، އެމީހުން ބޭނުންވާ އެއްޗެހި ހޯދައިދެވޭނެއެވެ. އަދި އެމީހުންނާ ވާހަކަ ދައްކާއިރު އަދަބުވެރިކޮށް ވާހަކަ ދައްކައި އެމީހުންގެ ހިތުގައި ޖެހޭފަދަ ބަހެއް ބުނެވިފައިވާނަމަ ލަސްނުކޮށް މައާފަށް އެދެންޖެހެއެވެ. އަދި އެމީހުންނަށް އޯގާތެރިވެ، ކިޔަމަންތެރިވާން ޖެހެއެވެ. އަދި މީގެ އިތުރުން މައިންބަފައިންގެ މައްޗަށް ގިނަގިނައިން ހެޔޮދުޢާ ކުރުމަކީވެސް އެމީހުންނަށް ހެޔޮކޮށްހިތުމަށް އަޅުގަނޑުމެންނަށް ކުރެވިދާނެކަމެކެވެ.

މައިންބަފައިންނަށް އޯގާތެރިވުމަކީ އިސްލާމްދީނުގައި ދަރިންގެ މައްޗަށްވާ ވާޖިބެކެވެ. ނަމާދަށްފަހު އެންމެ ބޮޑުވެގެންވާ ހެޔޮކަމެއްގެ ގޮތުގައި ރަސޫލާ ބަޔާން ކޮށްދެއްވާފައިވަނީ މައިންބަފައިންނަށް ހެޔޮކޮށްހިތައި އަޅާލުމުގެ ވާހަކައެވެ. މިކަމުން މަންމައާއި ބައްޕައަށް އޯގާތެރިވުމުގެ މުހިންމުކަމާއި މާތްކަން އަޅުގަނޑުމެންނަށް އެނގިގެންދެއެވެ. އެއްވެސް ހާލެއްގައި އެބޭފުޅުން ބިކަކޮށްލުމަކީ އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫނެވެ. މައިންބަފައިންގެ ރުހުމަކީ ދަރިންނަށް ލިބޭނެ އެންމެ މަތިވެރި ނިއުމަތެވެ. ވީމާ އަޅުގަނޑުމެން އެންމެންވެސް މައިންބަފައިންނަށް އޯގާތެރިވެ އެމީހުންގެ ރުހުން ހޯދުމަށް އަބަދުވެސް މަސަތްކަތް ކުރަންޖެހެއެވެ.

އުމުރުން ދުވަސްވެ ގައިގެ ބާރު ދޫވެ ބަލިކަށިވެފައިވާ މައިންބަފައިންނަށް އެންމެ ބޭނުންވަނީ ދެލޮލުގެ ކޮއި ކަމުގައި ދެކެމުން އަންނަ އެމީހުންގެ ދަރިންގެ ލޯތްބާއި އަޅާލުމެވެ. އިޚްތިރާމާއި އޯގާތެރިކަމާއިއެކު ޤަދަރުން ފުރިގެންވާ ދިރިއުޅުމެކެވެ. އެ ދިރިއުޅުން ތިމާގެ މައިންބަފައިންނަށް ހޯދައިދިނުމަކީ ކޮންމެ ދަރިއެއްގެ މައްޗަށްވެސް އޮތް ވާޖިބެކެވެ. އަޅުގަނޑުމެންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް އެމީހުން ވެދިން ޤުރުބާނީއަކީ އޭގެ އަގު އަދާކުރެވޭނެ ކަމެއް ނޫނެވެ. އަޅުގަނޑުމެންނަށް އޮތީ މާއިންބަފައިންނަށް ކަމޭހިތައި ލޯތްބާއި އަޅާލުން ދިނުމެވެ.

ތިމާގެދަރީންނަށް، މާމައިން ކާފައިންނަކީ ކިހާ މުހިއްމު ބައެއްކަން ތިމާމެން ބަހާއި އަމަލުން މިއަދު ދައްކައިދޭންޖެހޭނެއެވެ. ގިނަފަހަރަށް ދަރީންނަށް ދަސްވާނީވެސް ތިމާމެން އެދަރީންނަށް ދައްކާ މަންޒަރުތަކެވެ. ތިމާ ކަންތައް ކުރާގޮތެވެ. ތިމާ ކިތަންމެ ވަރަކަށް ލޯތްބާއި އަޅާލުންދީގެން އެދަރީން ބޮޑެތި ކުރި ނަމަވެސް ތިމާ ތިމާގެ މައިންނަށް ކުލުނުވެރިކަމެއް ނެތް ނަމަ އެދަރިންވެސް ތިމާއާ މުސްކުޅިވެ ބަލިކަށިވާ ދުވަހު އަޅައެއް ނުލާނެއެވެ. މިއީ ދުނިޔޭގެ ކަންކަން ހިނގަމުންދާ ގޮތެވެ.

ހެއްދެވި ކަލާނގެދެކެ ލޯބިވާނަމަ އަދި އެކަލާނގެ ރުއްސެވުމާއި ފުއްސެވުން އެދޭނަމަ މައިންބަފައިންނަށް ކަމޭހިތާނެއެވެ. އެ މައިންބަދައިންނަށް ހިދުމަތްކުރަން ލިބޭ މަދު ދުވަސްކޮޅު އެންމެ ފުރިހަމަގޮތުގައި އަޅާލުންދީ ލޯބިދީ އުފަލުގައި ބަހައްޓަން މަސައްކަތް މަސައްކަތް ކުރާނެއެވެ. އަދި އެމައިންބަފައިން މިދުނިޔެއާ ވަކިވެގެން ދިޔުމުން ކަށްވަޅުގެ އަޒާބުން ސަލާމަތްކޮށްދީ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރުންމަތީ ދެމިތިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން