މެންބަރު އާދަމް ޝަރީފު އުމަރު
މެންބަރު އާދަމް ޝަރީފު އުމަރު
ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ކޯލިޝަން ތަމްސީލުކުރާ މަދު މެންބަރުންގެ ތެރެއިން އާދަމް ޝަރީފު އުމަރާއި ކޯލިޝަން ބައިވެރިޔާ ޕީ އެން ސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ އަކީ އެއް އޮޑިއެއްގައި ތިއްބަސް ބައެއް ފަހަރު ބައެއް ކަންކަމުގައި ވިސްނުން ވަރަށް ބޮޑަށް ތަފާތު ދެބޭފުޅުންކަން މިއަދު މިވަނީ ވަރަށް ރަނގަޅަށް ސާބިތުވެފައެވެ. މިކަން މިފަހުން ސާބިތުވެފައިވަނީ މިހާރުގެ ސަރުކާރާއި އަދި ރައްޔިތުންގެ މަޖިލީހާއި މެދު ދެބޭފުޅުން ގެންގުޅުއްވާ ވިސްނުމުގެ ތަފާތުކަމުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ މަޖިލިސް މެދު ކަނޑާލާފައި އޮތުމަށް ފަހު ރައްޔިތުންގެ މަޖިލިސް މިހާރު ފެށިގެން ކުރިއަށް އެދަނީ ވަރަށް ތަފާތު ގޮތަށެވެ. އަދި މިހާތަނަށް ދުނިޔޭގައި ޤާނޫނު ހަދާ މަޖިލީހެއް ނުވަތަ ރައްޔިތުންގެ މަޖިލީހެއް ބާއްވާފައި ނުވާ ފަދަ، ތަފާތު ގޮތަށެވެ.

ކޮރޯނާ ވައިރަސްގެ ބިރުވެރިކަމުގައި މުޅި ދުނިޔެ އޮތީ ހުއްޓިފައެވެ. ގާތްގަނޑަކަށް މުޅި ރާއްޖެ ވެސް ހުއްޓިފައެވެ. އެންމެން ގޭބަންދު ވެފައެވެ. އެންމެން އުޅެން ޖެހިފައިވަނީ އެކަކު އަނެއްކަކާ ގާތްނުވެ ސަލާން ނުކޮށް ގައިދުރުކޮށްގެންނެވެ. އެހެން ވީމާ ގައި ކައިރިވެދާނެ ހަމަ އެއްވެސް ކަމެއް މިވަގުތު ކުރެވޭން ނެތިގެން ސަރުކާރު އޮފީސްތައްވެސް، ސްކޫލްތައް ވެސް މަޖިލީސް ވެސް ބަންދުކުރީއެވެ.

މިބަންދުގައި އެންމެވެސް ތިބެން ޖެހިފައިމިވަނީ އަމިއްލަ ގައިދެއްގައެވެ. ހަމަ ރަނގަޅަށް ގޭބަންދު ވެގެންނެވެ. މަޖިލިސް ބަންދު ކޮށްލާފައި ހުރިހާ މެންބަރުންވެސް ވެންނެވީ ގެއަށެވެ. ސަރުކާރުގެ ހުރިހާ ވެރިންވެސް ތިއްބެވީ ބަންދު ވެގެންނެވެ. ސަރުކާރުގެ ކަމެއް ހިނގިއްޔާ ހިނގަނީ ދަރުބާރުގޭ ކުއްލި ހާލަތުގެ މާލަމުގައެވެ. އެތަނުގައި މީޑިއާއި ކުރިމަތި ލިއަސް އާންމުންނާ ކުރިމަތި ލިއަސް، ބޮޑެތިސިންގާ ނަސޭހަތްތައް ދިނަސް، ދޭން އެހެރީ މަބްރޫކެވެ. އުމުރުން ކިތަންމެ ހަގަކަސް “އެސޮރު” އެހެރަ ދައްކާލަނީ ރައީސަކުވެސް ނުދައްކާ ވަރުގެ ބިޔަ، ބޮޑެތި ވާހަކަ ތަކެވެ. ސީދާ ހަމަ ރައީސުލްޖުމްހޫރިއްޔާ އެ ވާހަކަ ވިދާޅުވަންޏާ ވިދާޅުވާނީ ވެސް އެ ބަހުރުވައިން، އެހާ ޖަޒުބާތާއެކުގައެވެ.

ދެން މި ތަނުގައި ހިނގާ ކަމަށް ވަނީ އެޗްޕީއޭގެ މަސައްކަތް ތަކެވެ. ކޮންމެ ރެއަކު ރައީސުލްޖުމްހޫރިއްޔާއާ އެކީގައި ބައްދަލުވުމެއްގައި އިންނަވާފައި ނަންގަވާ ފޮޓޯގަނޑަކާ އެކު މިޤައުމުގެ ޚާރިޖީ ވަޒީރު އޭނާގެ މީޑިޔާ ޓީމު ލައްވާ ވަރަށް ސަޅި ޓްވީޓެއް ކުރައްވައެވެ. އަޅުގަނޑުމެން މިކިޔާ ސަރުކާރުގެ ތަރުޖަމާން، މަބްރޫކް އަރިހުގައި އެތާ އިންނަވައިގެން، އެމަނިކުފާނު ކުރިން އެކުރެއްވިހާ ދަތުރުތަކުން އުފެދުނު ބަދަހި ގުޅުމުގެ ސަބަބުން މިހާލަތުގައި އެއްޗެއް ދިއްކޮށްލަފާނެ ކަމުގެ އުއްމީދީ ޚަބަރެއްގެ އުފާވެރި ކަމެއް، ފޮނި އުއްމީދެއް ރައްޔިތުންނަށް ދެއްވާކަށް ވެސް ކެރިވަޑައެއް ނުގަންނަވައެވެ. އަދި ރާއްޖެއިން ބޭރުގައި ތިބި ދިވެހީންނަށް އުއްމީދީ ޚަބަރެއް ދެއްވާންވެސް ޚާރިޖީ ވަޒީރު އެތަނަށް ވަޑައެއް ނުގަނެއެވެ. އެހެން އުޅޭ މީހުންނަށް ރާއްޖޭގެ އެންމެ ދެކުނުގައި އުޅޭ މީހުން ކިޔައި އުޅެނީ އެއީ “ޖެހޭވައިގައިނިކައި” އުޅޭ މީހުން ކަމަށެވެ.

ދެން ޓްވީޓް އެކުރައްވަނީ އެމަނިކުފާނުގެ މަސައްކަތުން ބޭރުގައި ހާލުގައި ޖެހިފައި ތިބި ބަޔަކު ރާއްޖެއަށް ގެންނަން މޯލްޑިވިއަންގެ ފްލައިޓެއް ހެއުފުޅުކަމުން ބާއްވާ ވާހަކައެވެ. ރަނގަޅަށް ބަލައިލިއިރު ކޮޅުނބާ ކޮޗިނުން މާލެއަށް އަންނަ ދަތުރަށް ބޮލަކަށް 300 އެމެރިކާ ޑޮލަރު ނަގައެވެ. ސްރީލަންކަން އެއާލައިންސުން ދިވެހީންގެންނަން ޚާއްޞަ ފްލައިޓެއް ބާއްވަން ކުރިން އުޅުމުން ކުއްލިއަކަށް އެދޭތެރެއަށް ބޭފުޅަކު ވަދެ ފަނިކޮށްލީއެވެ. އޭރު ރާއްޖެއަށް ޚާއްޞަ ފްލައިޓްތައްވެސް ދަތުރު ކުރެއެވެ. މިއޮތީ ކޮންމެވެސް ބޭފުޅަކު ގޯހެއް ހައްދަވާފައި ކަމަށް ޝައްކު ކުރެވެއެވެ. ލަންކާގައި އެ ފްލައިޓުން ޓިކެޓް ނަގައިގެން ގޮސް ތިބި މީހުންގެ ޖީބަށް ހަމަގައިމުވެސް އޭރުން ތަންފުކެއް ލުއިވީސް ތާއެވެ.

ކޮންމެއަކަސް ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ނިކަން ރަނގަޅަށް މިޒަމާނަށް ލޯފުޅު ހުޅުވިގައި ހުންނެވި ވާނުވާ އެނގިވަޑައިގަންނަވާ ބޭފުޅެކެވެ. އެހެންކަމުން މި ފަދަ ހައްސާސް ދަނޑިވަޅެއްގައި ޤައުމުގެ ތިންބާރުން އެއްބާރު ބަންދުކޮށްގެން ގޭގައި ހުންނަވާކަށް އެބޭފުޅާގެ ހިތްޕުޅެއް ހަމައެއް ނުޖެހުނެވެ. އަދި އެންމެ “ބޯކޮށް” ދައުލަތުން މުސާރަ ނަންގަވާ އެންމެ ޒިންމާދާރު ބޭފުޅުން ގޭބަންދުގައި ނިދަން ބައިތިއްބާކަށްވެސް އެމަނިކުފާނުގެ ހިތްޕުޅެއް ނުރުހުނެވެ.

އިނގިރޭސި ވިލާތުން އެވަޑައިގެންނެވި ގޮތަށް ނެންގެވީ މައިކްރޯސޮފްޓްގެ ސޮފްޓްވެއާތަކާ ބެހޭ އަތްމަތީ ފޮތެވެ. އޭގެ ފުރަތަމަ ގަނޑު އެއްލަވާލެއްވި ހިސާބުން އެ ފެނިވަޑައިގެންނެވީ މެންބަރުން ގޭގައި ބައިތިއްބައިގެން ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ކަމުގެ ހެޔޮ ޚަބަރެވެ.

އެހާހިސާބުން ހަމަ އެންމެ މިނެޓެއްވެސް ނަންގަވާ ނުލައްވާ ޒަމާނީ މައުލޫމާތު ބަދަލު ކުރުމުގެ އީޖާދީ ބޭނުން ހިއްޕަވައިގެން ޖަލްސާތައް ފައްޓަވަން އެއިޢުލާން ކުރެއްވީއެވެ. އަދި މަޖިލިސް ޖަލްސާތައް މެންބަރުން ތިއްބެވި ތަނަކުން ނުވަތަ ބޭނުންވާ ތަނެއްގައި ތިއްބަވައިގެން ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވޭ ގޮތަށް ދުނިޔޭގެ ރެކޯޑު ފޮތުންވެސް ޖާގަ ހޯއްދެވީއެވެ.

މާލޭގައި ކުއްޔަށް އުޅުއްވަން ޖެހިވަޑައިގަންނަވާތީ މާލޭގެ ގެދޮރުގެ ކުލި އަގުހެޔޮ ކުރަން ދެއިރު ދެދަޅައަށް އެކި ރާގުރާގަށް ގޮވާލައްވައި، މާލޭ މީހުން ރުޅި އަރުވަމުން ގެންދާ މެންބަރު، އަލީ ހުސައިނަށް ރަށުގައި ހުންނަވައިގެންވެސް މަޖިލިސް ޖަލްސާ ތަކުގައި ބައިވެރިވެ ވަޑައިގެންނެވިދާނެކަން ރައީސް ނަޝީދު އެ ސާބިތުކޮށްދެއްވީއެވެ. އެހެންވީމާ ދެން މާލޭގެ ގެދޮރުގެ ކުލި އަގުބޮޑުވެގެން ހިތަށް އައިހާ އެއްޗެއް ކިޔައި މާލޭ މީހުން ރުޅި ނޭރުވުމަށް ދެން އޮންނަ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އޭނާއަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރެވެއެވެ.

ރައީސް ނަޝީދުގެ މި މަސައްކަތް ޕުޅަށް ވަރަށް ގިނަ ބަޔަކު ތަޢުރީފު ވެސް ކުރިއެވެ. ބައެއް ބޭފުޅުން ފާޑުވެސް ވިދާޅުވިއެވެ. މަޖިލީހުގެ ޖަލްސާ ތަކުގެ ނަތީޖާއަކާއި މެދު އެއްޗެއް ދަންނަވާކަށް ނެތީމެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ. ނަތީޖާ އެނގިވަޑައިގަންނަވާނީ ކަމެއް ހާސިލު ކުރެވޭ މިންވަރަކުންނެވެ. ހަމަގައިމުވެސް މަޖިލީހުގެ “މިސްޓަރ ބީން” ގެ ގޮތުގައި މިހާރު ގިނަ ބަޔަކު ސިފަ ކުރާ ހެންވޭރު ތިމާވެށި އަބްދުﷲ ޖާބިރު މިފަހަރު ހަނު ހުންނެވީކީ ނޫނެވެ. ޖާބިރު މަޖިލީސް ޖަލްސާއަށް ހާޒިރުވެ އިންނެވީ އޭނާގެ ބޮޑުމޮހޮރާގެ ބީޗުގައެވެ.

ރައީސް ނަޝީދު މިގޮތަށް ރާއްޖޭގެ މަޖިލިސް ބާއްވާލުމުން އެކަމަށް ތަޢުރީފު ކުރެއްވީ ހަމައެކަނި ޕާޓީގެ މެންބަރުންނެއް ނޫނެވެ. އެކަން ފާހަގަ ކުރައްވައި އެންމެ ފަށުވި، އެންމެ ރީތި ޢިބާރާތްތައް ބޭނުން ކުރައްވައިގެން ރައްޔިތުންގެ މަޖިލީހަށާއި އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ތަޢުރީފު ކުރެއްވި އެއް ބޭފުޅަކީ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ އާދަމް ޝަރީފެވެ.

ވިޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރާއްޖޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އާދަމް ޝަރީފަށް ބޭއިހުތިޔާރުގައި ނަމަވެސް އަދި ހަމަ ގަސްތުގައި ނަމަވެސް ވިދާޅުވެވުނީ 19 ވަނަ ރައްޔިތުންގެ މަޖިލީހާ އަދި މިހާރުގެ ސަރުކާރަކީވެސް ވަރަށް ޤާބިލު ސަރުކާރެއްކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ. ގޭގައި އިންނަވައިގެން ވާދަވެރި ޕާޓީން ސުޕަރ، ސުޕަރ މެޖޯރިޓީއާއެކު މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރު މިހާރުގެ ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ތަޢުރީފުގެ ބަސްތައް ރައްދު ކުރެއްވީ ކުރެއްވުނު އިހުސާސްތަކެއްގެ ޖަޒުބާތުގައި އިންނަވައިގެން ކަމަށްވެސް ވެދާނެއެވެ.

އާދަމް ޝަރީފުގެ ވާހަކަ އަޑުއަހާފައި ގިނަ ބަޔަކަށް ޝައްކުތަކެއް ވެސް ކުރެވުނެވެ. “ބޫން ބޫން” ލާފައި މަޖިލީހުގެ ތަޅުމުގައި މަތިންދާ ބޯޓު ދުއްވި އަލީ ވަހީދުމެންގެ ޒަމާނުގައި ހިނގާ ދިޔަ ކަހަލަ ކަންތައް ގަނޑެއް ހިނގަނީ ނޫންބާވައޭ ވެސް ބައެއް މީހުން ކިއެވެ. އިދިކޮޅު ލީޑަރު ޖަލުގައި އޮއްވާ އިދިކޮޅުގެ މަޖިލިސް މެންބަރަކު ސަރުކާރަށާއި މަޖިލީހަށް ރީތި ބަހެއް ބުނެ ސަނާ ކިޔާފާނެ ކަމަށް ހަމަ އެކަކަށްވެސް ގަބޫލު ނުކުރެވެނީއެވެ. އަނެއްކާ އާދަމް ޝަރީފު ސަރުކާރު އަތަށް އެނބުރުނީ ނޫން ބާވައޭ ސުވާލު އުފެދުނީއެވެ.

ތިޔަ ހީކުރެއްވުނީ ހަމަ ރަނގަޅަށެވެ. ރައީސް ޔާމިން ނަގާފައި ކޯލިޝަންގައި ދެވަނައަށް މިހާރު ހުންނެވި އެންމެ އިސް ލީޑަރު، އަބްދުއްރަހީމް ނުވަތަ އަދުރޭ މިކަމާ އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެރި ރުޅީގައި އާދަމް ޝަރީފަށް ހަޔަކުން ހަތަކަށް ދީފިއެވެ. ވާނީވެސް އެހެންތާއެވެ. އެއްބަޔަކު މި ހަފުސްވަނީ ލީޑަރު “ނުހައްގުން” ޖަލުގައި އޮވެގެން ދޫކޮށްނުލައިގެންނެވެ. އެވެރިން ކޯވިޑް-19 ގެ ނޫސްކޮންފަރެންސަށް ކުދިން ފޮނުވައިގެންވެސް ރައީސުލްޖުމްހޫރިއްޔާއާވެސް އެ ކުރުވަނީ އެސުވާލެވެ.

އާދަމް ޝަރީފަށް މިވެގެން އުޅުއްވާ ގޮތަކާއިމެދު އޮޅުން ފިލުވާލަން “ރަސް އޮންލައިން” ނޫހުން އަދުރޭއާއި ސުވާލު ކޮށްލީމެވެ. ވިދާޅުވީ އެއީ “އަޅުގަނޑުމެންގެ ވިސްނުމެއް ނޫން” ކަމަށެވެ. އަދުރޭ ވިދާޅުވީ މިސަރުކާރަކީ ގާބިލު ސަރުކާރެއް ކަމަށް އެބޭފުޅުން ގަބޫލު ނުކުރައްވާ ކަމަށެވެ. “އަޅުގަނޑުމެން ގަބޫލު ކުރަނީ މިއީ ވަރަށް ނާގާބިލު ސަރުކާރެއް ކަމަށް.”

މިއީ އަދުރޭގެ ބަސްމަގު ހުރި ގޮތެވެ. އާދަމް ޝަރީފުގެ ބަހާއި ކޯލިޝަންގެ ލީޑަރުންގެ ބަސް މިފަހަރު މިއޮތީ ދިމާ ނުވެފައެވެ. ހަމަގައިމުވެސް ބަހަކީ ބަސްބުނެ ދޫކޮށްލުމުގެ ކުރިން ތިމާގެ އަޅަކަށްވިޔަސް ބަސް ބުނެ ދޫކޮށްލުމަށްފަހު ތިމާ ވާނީ އެބަހުގެ އަޅަކަށެވެ. ޔަގީނުންވެސް މަޖިލީހުގެ އަރްޝީފަކުން، މީޑިޔާތަކުގެ އަރްޝީފަކުން، ވިޑިއޯއާއި އޯޑިއޯއަކުން ދެން އެވާހަކައެއް ނުފޮހެވޭނެއެވެ. އަދި ކިތަންމެ ބޮޑު އަގެން ދެއްކިޔަސް ވިދާޅުނުވާ ބަހަކަށް ވެސް ނުހެދޭނެއެވެ. ދެން ޖެހޭނީ އެހެން ދުވަހަކުން މަޖިލީހުގެ ތަޅުމުގައި، ގޭގައި އިންނަވައިގެން އަމިއްލައަށް ދެއްކެވި ވާހަކަ އަމިއްލައަށް ދޮގު ކުރައްވައިގެން އަނެއް ކޮޅަށް ވާހަކަ ދައްކަވާށެވެ.


ކިޔުންތެރިންގެ ހިޔާލު


20

ވަހީދު

08-Apr-2020

އާދަމް ޝަރީފް އަކީ ވިސްނުންތެރި މީހެއްކިން ލިއުމުން ދަޭހަވޭ ވިސްނުންތެރހންނަކީ ދެކޮޅަސް އެއްކޮޅަސް ހަގީގަތަށް ތާއިދުކުރާ ބައެއް


11

މޯޑު

08-Apr-2020

ރަނގަޅު ސަރުކާރެއް އަދި ނުލިބޭ. އެކަމަކު ޔާމީނު ސަރުކާރަށް ވުރެ ހާސްބައި ރަގަޅު.


18

ނަސީދު

06-Apr-2020

އަަދަންސަރީފު އެހެންބުނުމަކުން އަދި ހީފުޅުނުކުރައްވާތި މިސަރުކާރު ރަގަޅުވީޢޭ މެޖޯރެޓީއައް ދާންވާނީ



ޓްރެންޑިން