ޞާދިރު ޢަލީދީދީ   17 އޮކްޓޯބަރު 2020 - 14:11
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 05

................

[ރިޔާ...ކޮއްކޯ! ކާކުގެ ވާހަކައެއްތަ ތިދައްކަނީ؟ މީ ކާކުދިން މާބޮނޑިއެއްތަ!؟] ރީޙާން ވަރަށް ބޮޑަށް ޙައިރާންވިއެވެ.

[ބޭބެ ހާދަ މަކަރޭ...ކީއްވެތަ ސިއްރުކުރަން ތިއުޅެނީ...މިއަދު ޝަބާ ދައްތަ އަހަންނާ ބައްދަލުކޮށް ވާހަކަ ދައްކަން ވަރަށްގިނައިރު ހުރި...އޭރު މަންމައާއި ބައްޕަވެސް ގެޔަކު ނޫޅޭ....ތީވެސް ބޭބެއަށް ދޭން ޝަބާ ދައްތަ ދިން އެއްޗެއް.] ރިޔާ މިހެން ބުނީމާ، ރީޙާންގެ ދެލޯބޮޑުވިއެވެ.

[ޝަބާ ދައްތައޭ! ތިބުނާ ޝަބާބް އަހަރެން ދަންނަން. އެކަމަކު އެއީ ބޭބެގެ ގާރލް ފްރެންޑެއް ނޫން...] ރީޙާން އެނދުމަތީގައި މާބޮނޑި ބޭއްވިއެވެ.

[އޭނަ ބުނީ، މާދަމާވެސް މިގެޔަށް އަންނާނަމޯ....އަހަރެން މަންމަ ގާތުވެސް ބުނިން، މަންމަވެސް ބުނި، ޝަބާ ދައްތައާ ބައްދަލުކުރަން ބޭނުންވާ ވާހަކަ....] ރިޔާ މިހެން ބުނެފައި، ކޮޓަރިން ނިކުމެއްޖެއެވެ. ރީޙާން ބޯހޫރާލިއެވެ.

[އޭނަ މިގެޔަށްވެސް އަންނަން ފެށީ! އޭނަ އެއުޅެނީ ހުރިހާ މީހުނާ ގުޅާލައިގެން....] ރީޙާން އަނެއްކާވެސް އޮށޯތެވެ.

ޖެހިގެން އައި ދުވަހު ނަޝްވާ މާލެ ދިޔައެވެ. ނަޝްވާ ފުރައިގެން ދިޔުމުން، އެންމެ އުފާކުރި މީހަކީ ޝަބާބެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި، އޭނާގެ ލޯތްބަށް އޮތް ހަމައެކަނި ހުރަހަކީ ނަޝްވާއެވެ. އޭނާޔަށް ރީޙާންގެ ލޯބި ކާމިޔާބު ކުރެވޭނީ ނަޝްވާގެ ޚިޔާލުތަކާ ރީޙާން ދުރުކޮށްގެނެވެ.

[އަހަރެން ނުވިސްނަން. ނަޝްވާގެ ޚިޔާލުތަކެއް ނުކުރަން. ތީ ހައިޝަމަށް ހީވާގޮތް...] ޖެހިގެން އައި ދުވަހު ހަވީރުވަމުންދިޔަ ވަގުތު ރީޙާނާއި ހައިޝަމް ވާހަކަ ދައްކަން ތިބީ ހައިޝަމްގެ ގޭގެ ގޯތިތެރޭ ހުރި އުނދޯއްޔެއްގައެވެ.

[އެކަމަކު ހާދަ ހީނުވެޔޭ ނުވިސްނާހެން...އަހަންނަކަށް ނުފެނޭ، ރީޙާން ނަޝްވާއަށް އިންތިޒާރު ކުރާކަށް. ވެދާނެ، ކުރެވޭ އިންތިޒާރަކީ ބޭކާރު ދުވަސްތަކަކަށް. އެކަމަކު ޝަބާބާ ގުޅުމުގެ ކުރިން އޭނަގެ ޙަޤީޤަތްވެސް ހޯދަން އެބަޖެހޭ.] ހައިޝަމް ބުންޏެވެ. ޝަބާބާ ބެހޭގޮތުން ރީޙާން ދެއްކި ވާހަކަތަކުން ޝަބާބާ ދޭތެރޭ ހައިޝަމަށް ޝައްކުވަނީއެވެ.

[އަހަރެން ނޫޅެމޭ އިންތިޒާރު ކުރާކަށް. ޝަބާބާ ގުޅޭކަށްވެސް އަދި އަހަރެން ނުވިސްނަން. ޝަބާބް އަހަންނާ ގުޅެން ވަރަށް އެބަ މަސައްކަތް ކުރޭ. އެކަމަކު އަހަރެންވެސް ބޭނުން، އޭނަގެ ޙަޤީޤަތް ހޯދަން...] ރީޙާން ބުންޏެވެ.

[ދެން އޭނައާ ބައްދަލުވީމާ ބުނޭ، އޭނަ މިރަށުގައި އުޅޭ ގެ ދައްކާށޭ. އަދި އެގެޔަށް އޭނަޔާއެކު ދާންވެސްވާނެ. އެގޭ މީހުނާ ބައްދަލުކުރަންވެސްވާނެ. އެހާ ހިސާބުން ރީޙާން އޭނަޔާ ދޭތެރޭ ޝައުޤުވެރިވަންޏާ ގުޅެންވީ.] ހައިޝަމް ރަޙްމަތްތެރިޔާއަށް ޚިޔާލުދިނެވެ. ރީޙާން ބޯޖަހާލިއެވެ.

އެދުވަހުގެރޭވެސް ރީޙާން ޝަބާބާ ބައްދަލުވޭތޯ ދިޔައެވެ. އެރެޔަކީ މަހުގެ ސާދަވަނަރޭ ކަމުން، ސަނދުރަވީ ހިތްގައިމުކަން މުޅި ހިސާބުގަނޑަށް ވަނީ ފެތުރިފައެވެ. ރީޙާން އަބަދުގެވެސް އާދަފަދައިން އޭނާ އިށީންނަ ލަކުޑިގަނޑުމަތީގައި އިށީނެވެ.

[ރީޙާން...ހާދަވަރަކަށް ތިވިސްނަނީ؟] ރީޙާން ސިއްސައިގެންދިޔައީ، ދާދި ގާތުން އިވުނު ޝަބާބްގެ އަޑުންނެވެ. އަޑުއައި ދިމާއަށް ރީޙާން އެނބުރުނެވެ. ހިނިއައިސްފައި ޝަބާބް ހުއްޓެވެ.

[ޝަބާބް...ކީއްކުރަންތަ، އަހަރެންގެ ގެޔަށް ދިޔައީ؟] ރީޙާން ހިތްހަމަނުޖެހިފައިވާ ރާގަކަށް ބުންޏެވެ.

[ލޯބިވާތީ...ރީޙާންދެކެ ލޯބިވާތީ...ރީޙާން އަހަންނާ ދޭތެރޭ ވިސްނާލަބަލަ...އަހަންނަކީ އަންހެން ކުއްޖެކޭ...] ރީޙާންގެ ހިތްހަމަނުޖެހިފައިވާ މޫނުމަތި ފެނުމުން، ޝަބާބަށް އަސަރުކުރަނީކަންނޭނގެއެވެ. ޝަބާބްގެ ލޮލުން ކަރުނަ ހިލެން ފެށިއެވެ.

[ޝަބާބްގެ ތިޔަ ލޯބި އަހަންނަށް ޤަބޫލު ކުރެވޭނީ، ޝަބާބަކީ ކާކުކަމާއި، މިހާރު އުޅޭ ގެޔަކީ ކޮބައިކަން އެނގުމަށްފަހު....] ރީޙާން ޝަރުޠެއް ކަނޑައެޅިއެވެ. ރީޙާން އެހެން ބުނީމާ، ޝަބާބް ކުޑަކޮށް ފަސްޖެހުނެވެ. އޭނާ އަނެއް ފަރާތަށް އެނބުރި، ކުޑަކޮށް ވިސްނާލިވެސްމެއެވެ.

[ޝަބާބް ފަސް ތިޖެހެނީ ކީއްވެ!؟] ރީޙާން ތެދުވިއެވެ. އެހިނދު ޝަބާބްގެ ސިކުނޑިއަށް ރަނގަޅު ވިސްނުމެއް ވެރިވީކަންނޭނގެއެވެ. ކުއްލިއަކަށް އޭނާ ރީޙާނާ ދިމާއަށް އެނބުރިއްޖެއެވެ.

[ރީޙާން...އަހަރެން ރީޙާނަށް އެގެ ދައްކަފާނަން. އެކަމަކު ރީޙާން އެގެޔަށް ދިޔަޔަސް، އަހަރެން ރީޙާނަކާ ވާހަކައެއް ނުދައްކާނަން. ރީޙާން ތީ ދަންނަ މީހެއް ކަމަށްވެސް ނެހެދޭނަން...] ޝަބާބް ފުންނޭވާއެއްލިއެވެ.

[އެއީ ކީއްވެ؟ އެގޭ މީހުން ނުރުހޭނީތަ؟] ރީޙާން އެއްސެވެ.

[އެއީ އެގޭ ޒިޔާހް އަހަންނާ ހެދި ވަރަށް އުޅޭ...އެތައްފަހަރަކު ރައްޓެހިވާންވެސް އަހައިފި....އޭނަ ގާތު އަހަރެން ބުނެފައި ވާނީ އަހަރެން އަދި އެއްވެސް ކުއްޖަކާ ރައްޓެހިވާކަށް ބޭނުމެއް ނޫނޭ...މައްސަލައެއް ނެތްދޯ؟] ޝަބާބް އޮޅުންފިލުވައިދިނެވެ. ރީޙާން ބުނީ، އެގޮތްވެސް އެންމެ ރަނގަޅު ކަމަށާއި، އެރޭގެ ކޮންމެވެސް ވަގުތަކު އެގެޔަށްދާނޭ ކަމަށެވެ.

[އެގެޔަށް ކިޔާނީ [އޮއްސޭއިރު] ހޮސްޕިޓަލް ސަރަޙައްދުގައި ހުންނާނީ. މިރޭ ދިހައެއް ޖަހާއިރު އާދޭ. އަހަރެން ހުންނާނަން ދޮރުމަތީގައި. ރީޙާނަށް ގެ ދައްކާފައި، އަހަރެން ވަންނާނަން...އަހަރެން ވަނީމާ، އިރުކޮޅަކުން ރީޙާން ވަންނާނީ.] ޝަބާބް މިހެން ބުނެފައި ހިނގައިގަތެވެ.

[ދަނީތަ؟ ސައިކަލްގައި ގެންގޮސްދެންތަ؟] ރީޙާން ޝަބާބް ހުއްޓުވިއެވެ. ނޫނެކޭ ބުނާފަދަ ގޮތަކަށް ބޯހޫރާލުމަށްފަހު، އަނެއްކާވެސް ޝަބާބް ހިނގައިގެންފިއެވެ. ރީޙާންވެސް އެތަނުގައި ހުރެފައި ހައިޝަމަށް ގުޅާލުމަށްފަހު، އެވާހަކަ ބުނެފައި ދިޔައީ ގެޔަށެވެ.

އެރޭ ގާތްގަނޑަކަށް ނުވަގަޑި ސާޅީސް ފަހެއްވާން އުޅެނިކޮށް، ޝަބާބް ބުނި ގޭގެ ދޮރުމައްޗަށް ރީޙާނާއި ހައިޝަމް ސައިކަލް މަޑުކޮށްލައިފިއެވެ.

[ދިހައެއް ޖަހަންދެން ހުރުމުގެ ބޭނުމެއް ނެތް...ހިނގާ ވަންނަން.] ސައިކަލުން ފައިބައިގެން ގޮސް ރީޙާން ދޮރާށި ހުޅުވައި، ކުޑަކޮށް އެތެރެއަށް ވަނެވެ.

[އައްސަލާމް ޢަލައިކުމް...] ރީޙާން ސަލާމް ގޮވިއެވެ.

[ވަޢަލައިކުމުއް ސަލާމް...] ސަލާމް ބަލައިގަތުމަށްފަހު، ބޭރަށް ނިކުތީ ދެބައި ޢުމުރަށްވުރެން ޢުމުރު ދޮށީވެފައިވާ އަންހެނެކެވެ.

[މިގޭގައި އުޅޭތޯ ޝަބާބް ކިޔާ ކުއްޖެއް...މިބުނީ ލ. އަތޮޅު ކުއްޖެއްގެ ވާހަކަ.] ރީޙާން ހިނިތުންވެލަމުން އެއްސެވެ.

[އާނ...އުޅޭ....ޝަބާބް..ޝަބާބް ހޯދަން ބަޔަކު އައިސް އެބަތިބި.] ޝަބާބަށް ގޮވަމުން، އެ އަންހެންމީހާ ވަނީ އެތެރެޔަށެވެ. މިހާރު އެމީހާ ވަންދޮރުން ނިކުމެގެން އެ އަންނަނީ ޝަބާބެވެ. ރީޙާންމެން ފެނުމުން، ޝަބާބް ހުރީ ޙައިރާންވެފައެވެ. ހަމަގައިމުވެސް އެއީ އޭނާ ދަންނަ ބައެއް ނޫނެވެ.

[ކޮންބައެއް ތީ...!؟] ޙައިރާންވެހުރެ ޝަބާބް އެއްސެވެ.

[މިތާ އެއްވެސް މީހަކު ނެތީސްވެސް ނޭނގޭކަމަށްތަ ތިހެދެނީ.] ރީޙާން މިހެން ބުނި ވަގުތު ޝަބާބް ވަރަށް ބާރަށް ތެޅިގަތެވެ. ހީވީ އޭނާގެ ހަށިގަނޑުތެރެޔަށް އާދަޔާ ޚިލާފު ބާރެއް ވަންހެނެވެ.

[ފަހަރެއްގައި އަތުވެދާނެއެއްނު..ރީޙާން...ދެންދޭ...ޒިޔާހް އަތުވެދާނެ...] ޝަބާބް ވާހަކަ ދެއްކިއިރު، ރީޙާންމެނަށް ނޭނގުނަސް ޝަބާބަށް ވަނީ އެހެން ފަރާތެއްގެ ބާރާއި ނުފޫޒު ފޯރުވާފައެވެ.

ޙަޤީޤަތުގައިވެސް ރީޙާންމެންނަކީ ޝަބާބް ދަންނަވެސް ބައެއް ނޫނެވެ. މިވީ ކިހިނެއްބާއެވެ. އެރޭ ރީޙާންމެން އެގެއިން ނިކުމެގެން އެދިޔައީ ފިސާރި ހިތްހަމަޖެހިފައި ތިބެއެވެ.

[އެންމެ ރަނގަޅު، މިހާރު ޤަބޫލު ކުރެވިއްޖެތަ، ޝަބާބް ކިޔާ އަންހެން ކުއްޖަކު އުޅޭ ކަމަށް.] ގެޔަށް ދަމުން ހައިޝަމް ބުންޏެވެ.

އެރެޔަށްފަހު، ރީޙާން ޝަބާބާ ދޭތެރޭ ވިސްނަން ފެށިއެވެ. ވުމާއެކުވެސްމެއެވެ. ޖެހިގެން އައި ދުވަހުގެރޭ ވަރަށް ކުރިން ޝަބާބާ ބައްދަލުކުރަން ރީޙާން ނިކުތެވެ. ޝަބާބް އައީ ރީޙާން އިންތިޒާރުގައި ހުންނަތާ އިރުކޮޅެއްގެ ފަހުންނެވެ.

[ރީޙާން...ކިހިނެއް؟ ވަރަށްގިނައިރުވެއްޖެތަ ހުންނަތާ.] ޝަބާބް ރީޙާންގެ ފުރަގަހަށް ހުއްޓި ވާހަކަ ދެއްކިއެވެ. ރީޙާން ސިހިފައި އެނބުރުނެވެ.

[މާގިނައިރެއްނުވޭ...ޝަބާބް ތިއައީ ކީއްކުރަން..އެކަނިމާއެކަނި މިތަނަށް އަންނަން ބިރެއްވެސްނުގަނޭތަ؟] ރީޙާން ޝަބާބްގެ މޫނަށް ބަލައިލިއެވެ.

[އަހަރެން މިތަނަށް އަންނަ ސަބަބު ނޭނގޭތީތަ، ތިއަހަނީ...ތިސުވާލު ނުކޮށް އަހާބަލަ، އަހަރެން ރީޙާންގެ ފަހަތުން ފާރަލަނީ ކީއްވެހޭ؟ އޭރުން އަހަރެން ވަރަށް ފުރިހަމައަށް ޖަވާބުދޭނަން.] ޝަބާބް އިސްޖަހާލިއެވެ.

[އެނމެ ރަނގަޅު...އަހަރެންގެ ފަހަތުން ފާރަލަނީ ކީއްވެ؟ އަހަރެން އެނގުނީ ކިހިނެއް؟ އަހަރެންގެ އުފަންދުވަސް ހޯދީ ކިހިނެއް؟ އަހަރެންގެ ގެ އެނގުނީ ކިހިނެއް؟] ރީޙާން މިފަހަރު ކުރީ އެންމެ ސުވާލެއް ނޫނެވެ. އެތައް ސުވާލެއް އެއްފަހަރާއެވެ.

[ފާރަލަނީ ލޯބިވާތީ ލޯބި ހޯދަން. ނަން ހޯދީވެސް، މަޢުލޫމާތު ހޯދީވެސް ލޯބިވެވުމުން. ހުރިހާ މަޢުލޫމާތުތަކެއް އޮޅުންފިލުވީ، ރީޙާންގެ ކްލާސް ކުއްޖަކާ ގުޅައިގެން....] ޝަބާބް އިސްއުފުލައި، ރީޙާންގެ މޫނަށް ބަލައިލިއެވެ. އެހިނދު ރީޙާނާއި ޝަބާބްގެ ލޮލާއި ލޯ ސީދާވެ، ހަތަރުކަޅި ހަމަވިއެވެ. ޝަބާބްގެ ލޮލުގެ ތެރެއިން ރީޙާނަށް ފެންނަމުންދަނީ، އާދަޔާ ޚިލާފު އަސަރުތަކެކެވެ. އެ ލޮލުގެ ތެރެއިން ހީވަނީ ޢިޝްޤުގެ ޖަޒްބާތު ބަންޑުންވަމުންދާހެންނެވެ.

[ރަނގަޅު...އަހަރެން ޤަބޫލުކުރަން، ޝަބާބްގެ މަސައްކަތް ކާމިޔާބުކޮށްފި. އަހަންނަށް ޝަބާޔާމެދު ވިސްނެން ފެށިއްޖެ. ޝަބާޔަށް ޝަބާ ބޭނުންވާ ލޯބި ދޭން އަހަރެން ޤަޞްދުކޮށްފިން.] ރީޙާން ޝަބާބްގެ އަތުގައި ހިފަހައްޓާލިއެވެ. އެހިނދު ޝަބާބަށް ލިބުނީ ބަޔާންކުރަންވެސް ދަތި އުފާވެރިކަމެކެވެ. ލިބުނު އުފަލާއެކު، އޭނާއަށް ބޭއިޚްތިޔާރުގައި ރީޙާންގެ މޭގެތެރެޔަށް ބޮނޑިވެލެވުނެވެ. ރީޙާންގެ ދެއަތްވެސް ޝަބާބް ވަށާލައިފިއެވެ.

[އަޅެ...އަހަރެން ވަރަށް އުފާވެއްޖެ. ރީޙާން...ތިދެއަތުގެ ތެރެއިން އަހަރެން ބޭރުކޮށްނުލައްޗޭ....އެފަދަ ވަގުތެއް އަތުވެއްޖެނަމަ، އަހަންނަށްވާނެ ގޮތެއްވެސް ނޭނގެ....އެކަމަކު ރީޙާން...މިއުފަލާއެކު ހިތާމަވެރި ޚަބަރެއްވެސް އަހަރެން ދޭން އެބަޖެހޭ.] ޝަބާބް ކުރިޔަށްވުރެންވެސް ބާރަށް ރީޙާންގެ ހަށިގަނޑުގައި ބައްދައިގަތެވެ.

[ތި ޚަބަރަކީ ކޮބައިތަ؟ އަހަންނާ ވަކިވާން އުޅޭ ވާހަކަ ނުބުނާތި.] ރީޙާން ކުޑަކޮށް ޝަބާބާ ފޭއަށް (ދުރަށް) ޖެހިލިއެވެ.

[އަހަރެންވެސް ބޭނުމެއް ނޫން...ރީޙާނާ ވަކިވާކަށް....އެކަމަކު ރީޙާން...މީހެއްގެ ގެއެއްގައި އަބަދަކު އަހަންނަކަށް ނުވެސް ހުރެވޭނެއެއްނު. މަންމަވެސް އަންގައިފި....އަވަހަށް ރަށަށް އައުމަށް...ރަށަށް ދިޔަޔަސް އަހަރެން އަންނާނަން...އެކަމަކު އަހަންނަށް ތިގޭގައި ހުރެވޭނެ ގޮތް ހަމަޖައްސައިދޭންވާނެ. އެއީ ވަރިހަމަ، ރީޙާނާ ކައިވެނިކޮށްގެންވިޔަސް.] ޝަބާބަށް ރޮވުނެވެ.

[މައްސަލައެއްނެތް...އަހަރެން މަންމައާ ވާހަކަ ދައްކާނަން...އެކަމަކު އެހާ އަވަހަށް ކައިވެންޏެއް ނުކުރެވޭނެ. އަދި މިއުޅެނީ ސްކޫލް ނިމި ޖޮބަކަށްވެސް ނުވަދެވިގެން. އަހަންނަށް ޖޮބަކަށް ދެވެންދެން، އަހަރެންގެ ގޭގައި ޝަބާ ހުންނާނީ...] ރީޙާން ބުންޏެވެ.

[މައްސަލައެއް ނެތް. މާދަމާރޭ އަހަރެން ރަށަށްދާނަން. އެކަމަކު ދެދުވަހެއްގެ ތެރޭގައި، އަހަރެން އެނބުރި އަންނާނަން. އެންމެ ރަނގަޅުތަ؟] ޝަބާބް އަނެއްކާވެސް ފިސާރި ލޯތްބާއެކު، ރީޙާންގެ މޭގެތެރެޔަށް ބޮނޑިވެލައިފިއެވެ.

[އެންމެ ރަނގަޅު...މި ލޯބި ފައްޓުވައިދީފައި ނައިސް ނުހުންނައްޗޭ...ޝަބާ މިހާރު ތިވަނީ އަހަރެންގެ ހިތުން ނަޝްވާ ހޯދި މަޤާމް ހޯދައި މިލްކުކޮށްފައި.....ޝަބާބްގެ ކިބައިން ލޯބީގެ ހުރިހާ ގުނަންތަކެއްވެސް އެބަ ފެނޭ...ޝަބާ އެންމެ ރެއެއްގެ ބަދަހިވުމަކަށްފަހު އަހަންނަށް ވަކިނުވައްޗޭ....ފިރިހެނަކަށްވާތީ، ހާމަގޮތުގައި ރޯން ނޭނގިދާނެ. އެކަމަކު ހިތަށް ވަރަށް އަސަރުކުރާނެ. ޙަޤީޤަތުގައި އަހަރެން ވަރަށް ބޮޑަށް ޙައިރާންވޭ. އަހަންނަށް ޝަބާ ތިހެދި ޖާދޫއެއްގެ ސަބަބުން.] ދެފަރާތުގެ މިކަހަލަ ވަޢުދުތަކާއި ޢަހުދުތައް ވުމުގެ ގަޑިތަކެއް ފާއިތުވެގެން ދިޔައެވެ.

[ޝަބާ...ވަރަށް ގިނައިރު ވެއްޖެއެއްނު...ދެން ހިނގާ ދަމާ.] ގަޑިއަށް ބަލައިލުމަށްފަހު، ރީޙާން ސައިކަލަށް އެރިއެވެ. އެރޭ ޝަބާބް ސައިކަލްގެ ފަހަތަށް އެރިއެވެ. ރީޙާން ސައިކަލް ދުއްވާލިއެވެ.

[މާދަމާރޭ ފުރުން އޮތީ ކިހާއިރަކު؟] މަޑުމަޑުން ސައިކަލް ދުއްވަމުން ރީޙާން އެއްސެވެ. ޝަބާބް ކުޑަކޮށް ވިސްނާލިއެވެ.

[ދިހައެއް ޖަހާއިރު. ކޮންމެހެން ރީޙާން ނުދިޔަޔަސް ވަރިހަމަ...އަހަރެން ދެދުވަހެއްގެ ތެރޭގައި އަންނާނަން...] ޝަބާބް ބުނީ ޗެކިންގ އޮތް ވަގުތަށްވުރެން ބައިގަޑިއިރު ލަސްކޮށްފައެވެ. ވެދާނެއެވެ. އެއަރޕޯޓް ތެރެއިން އޭނާ ރީޙާނާ ދިމާވާން ބޭނުންނުވަނީއެވެ. ނުވަތަ އޭނާ ކޮންމެވެސް ކަމެއް ސިއްރުކުރަން މަސައްކަތް ކުރަނީއެވެ.

އެރޭ ޝަބާބް ރީޙާނާ ވަކިވީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ހުރެއެވެ. ރީޙާންވެސް ގެޔަށް ދިޔައީ ފިސާރި އުފަލާއި ހިތްހަމަޖެހުން ޙިއްޞާކޮށްގެން ހުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން