މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ( ބޮންޑާ )
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ( ބޮންޑާ )
ރާއްޖެއިން އީޔޫއަށް ބޭރުކުރާ މަހަށް ޑިއުޓީ ނަގަން ފެށީ އިންޑިއާ ކަނޑުގެ ރާޑަރުތައް ނިއްވާލި ހިސާބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ( ބޮންޑާ ) މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ހިމެނިވަޑައިގަންނަވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ( ބޮންޑާ ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 2013 ވަނަ އަހަރުން ފެށިގެން ރާއްޖެ އިން އީޔޫ އަށް ބޭރުކުރާ މަހަށް ޑިއުޓީ ނަގަން ފެށީ އިންޑިއާގެ ކަނޑުގެ ރާޑަރުތައް ނިއްވާލި ހިސާބުން ކަމަށެވެ. ރާޑަރުތައް ނިއްވާލީ އިންޑިއާ ކަނޑުގެ ސަރަހައްދު، ޓްރާންޝިޕްމަންޓް ޑްރަގް ހަބެއްގެ ގޮތުގައި ބޭނުންކުރުމަށް ކަމަށް ބޮންޑާ ވަނީ ތުހުމަތު ކުރައްވާފައެވެ.

" ނިވާލި ރާޑަރުތައް އެކްޓިވޭޓް ކުރެވި ގާނޫނުގައި މިކަން ހުއްޓުވާނެ ހަމަތައް ވަނީ ކަނޑައެޅިފައި." އޭނާ ވިދާޅުވިއެވެ.

ބޮންޑާ މިހެން ވިދާޅުވެފައިވާއިރު ދާދިފަހުން ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ރާއްޖެ ހިމެނޭ އިންޑިޔާ ކަނޑުގެ ސަރަހައްދުން މި ސަރަހައްދުގެ ގައުމުތަކަށް ޑްރަގު އެތެރެކޮށް އުޅޭ ބައިނަލްއަގުއާމީ ނެޓްވޯކެއް ހުއްޓުވައި ސަތޭކަ ކިލޯއަށް ވުރެ ގިނަ ޑްރަގުގެ ބާވަތްތައް އަތުލައިގަނެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ނެޓްވޯކް އަތުލައިގެންފައިވަނީ އައްޑޫ ކަނޑުގެ ސަރަހައްދުން ޑިންގީ އެއްގައި އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

އޭގެފަހުން ހުޅުމާލޭގައި އޮތް ކަންނެލި ދޯއްޏަކުން ވެސް 100 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައިވާއިރު އެމައްސަލައިގައި ވެސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. މިއީ ފަހުގެ ތާރިޚެއްގައި މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ފަހަރު ކަންވެސް ފާހަގަކޮށްލެވެއެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައިދިނުމަކީ މި ސަރުކާރުން ކުރަމުން އަންނަ އެންމެ މުހިއްމު އެއް މަސައްކަތް ކަމަށެވެ. އެގޮތުން ޔޫރަޕްގެ ގައުމުތަކުން ރާއްޖޭގެ މަހަށް ނަގާ ޑިއުޓީ ކުޑަކުރެވޭތޯ ބަލަމުން އަންނަ ކަމަށާއި، އެކަމަށްޓަކައި ޔޫރަޕިއަން ޔޫނިއަން އަށް ހުށަހަޅަން ޖެހޭ ކަރުދާސްތައް ހުށަހަޅައިގެން މަޝްވަރާތައް ކޮށްފައިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް މިކަމަށް ޔޫރަޕިއަން ޔޫނިއަނުން ގޮތެއް ނިންމަން އިތުރަށް ދުވަސްތަކެއް ނަގާނެކަމަށް ބެލެވޭ." ޒަހާ ވިދާޅުވި އެވެ.

އީޔޫ އަށް ބޭރުކުރާ މަހަށް ޑިއުޓީ ނަގަން ފެށީ އިންޑިޔާ ކަނޑުގެ ރާޑަރުތައް ނިއްވާލި ހިސާބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ( ބޮންޑާ) ވިދާޅުވި ނަމަވެސް އީޔޫ އަށް ބޭރުކުރާ މަހަށް ޑިއުޓީ ނަގަންފެށީ ރާއްޖޭގެ ދީނީ މިނިވަންކަން ނެތް ކަމަށް ބުނެ އެވެ. ރައީސް ވަހީދުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވެފައިވަނީ ޑިއުޓީގެ އިނާޔަތް އިތުރު އެއް އަހަރަށް ދެމެހެއްޓުމަށް އީޔޫގެ، ޖީއެސްޕީ ޕްލަސް ސްކީމްގައި ރާއްޖެ ބައިވެރިކުރުވަން އެ ޖަމާއަތުން ދެކޮޅު ހަދަނީ ރާއްޖޭން ތަސްދީގުކޮށްފައިވާ 27 މުއާހަދާގެ ތެރެއިން ދެ މުއާހަދާއަކަށް ރިޒަވޭޝަން ލާފައިވާތީ އެވެ. 

އެ ދެމުއާހަދާއަކީ އެ މީހަކު ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން އޮންނަންވާނެ ކަމަށް ބަޔާންކުރާ މުއާހަދާ ތަކެކެވެ. އީޔޫ ޕާލިމެންޓްގެ ބައެއް މެންބަރުން ވަނީ ރާއްޖޭގައި ދީނީ މިނިވަންކަން ނޯންނާތީއާއި މުސްލިމަކަށް ނޫނީ ދިވެއްސަކަށް ނުވެވޭނެ ކަމަށް ގާނޫނު އަސާސީގައި ލިޔެފައި އޮންނާތީއާއި އިސްލާމްދީނުގެ ބައެއް ހުކުމްތައް ރާއްޖޭގައި ތަންފީޒު ކުރާތީ އިޔޫއިންދޭ އެފަދަ ލުއިތައް ރާއްޖެއަށް ނުދިނުމަށް ފާޅުގައި ވަކާލާތު ކޮށްފައެވެ. މި ހާރުގެ ސަރުކާރުން ވަނީ އީޔޫއިން ކަންބޮޑުވާ ބައެއް ރިޒަވޭޝަންތައް ނަގައި ބައެއް މުއާހަދާތަކުގައި މިހާރު ސޮއިވެސް ކޮށްފައެވެ.

ރާއްޖޭން ބޭރު ކުރާ މަހުގެ 40 އިންސައްތަ ބޭރުކުރަނީ އީޔޫގެ ގައުމުތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން