ޑޮނަލްޑް ޓްރަމްޕްގެ ދޮށީ ދަރިކަލުން، ޑޮނަލްޑް ޓްރަމްޕް ޖޫނިޔަރ އޭނާގެ ލޯބިވެރިޔާއާއެކު.
ޑޮނަލްޑް ޓްރަމްޕްގެ ދޮށީ ދަރިކަލުން، ޑޮނަލްޑް ޓްރަމްޕް ޖޫނިޔަރ އޭނާގެ ލޯބިވެރިޔާއާއެކު.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދޮށީ ދަރިކަލުން، ޑޮނަލްޑް ޓްރަމްޕް ޖޫނިޔަރ ކޮވިޑަށް ޕޮޒިޓިވް ވެެއްޖެއެވެ.

ޓްރަމްޕްގެ ދޮށީ ދަރިކަލުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިހަފްތާގެ ކުރީކޮޅުގައެވެ. ކޮވިޑަށް ޕޮޒިޓިވްވުމުން ޓްރަމްޕްގެ ދޮށީ ދަރިކަލުން އޭނާގެ ހަންޓިން ކެބިންގައި ކަރަންޓީނު ކުރައްވަމުން ގެންދަވާކަމަށް ޓްރަމްޕްގެ ތަރުޖަމާނު ހާމަކޮށްފައިވެއެވެ. ކޮވިޑަށް ޕޮޒިޓިވް ވުމަށް ފަހުވެސް އިތުރު އަލާމާތްތަކެއް ނުފެންނަކަމަށްވެސް ޓްރަމްޕްގެ ތަރުޖަމާނު ހާމަކޮށްފައިވެއެވެ.

މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދަރިކަލަކު ކޮވިޑަށް ޕޮޒިޓިވްވި ފަހަރުވެސްމެއެވެ. މިގޮތުން ޓްރަމްޕްގެ ދަރިންގެ ތެރެއިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ހަގު ދަރިކަލުން ބެރޮން ޓްރަމްޕްއެވެ.

އެމެރިކާގެ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޓްރަމްޕާ އެންމެ ގާތުން މަސައްކަތް ކުރަށްވާފައިވާ އެއްބޭފުޅެއްގެ ގޮތުގައި ޓްރަމްޕްގެ ދޮށީ ދަރިކަލުން، ޑޮނަލްޑް ޓްރަމްޕް ޖޫނިޔަރ ވަނީ ފެނިގެންގޮއްސައެވެ. މީގެ އިތުރުން ޓްރަމްޕްގެ ދޮށީ ދަރިކަލުން އެމެރިކާގެ ރައީސް ކަމަށް ވަޑައިގެންނެވުމަށް ޝައުގުވެރިވާކަމަށް، ޓްރަމްޕްގެ ކެމްޕޭނުގެ ތެރެއިން ގިނަ ބަޔަކު ދިޔައީ ފާހަގަ ކުރަމުންނެވެ. ނަމަވެސް މިކަމާ ބެހޭގޮތުން ޑޮނަލްޑް ޓްރަމްޕް ޖޫނިޔަރ ވަކި އެއްޗެކޭ ވިދާޅުވެފައެއް ނުވެއެވެ.

މީގެ އިތުރުން، ހުސްވިމަހު ކޮވިޑް ޖެހިގެން އެމެރިކާގައި މަރުވެފައިވާ މީހުންގެ އަދަދު އޮޅުވާލަން އުޅުއްވިކަމަށް ބުނެ، ޓްރަމްޕްގެ ދޮށީ ދަރިކަލުންނަށް ގިނަ ބަޔަކު ފާޑު ކިޔައިފައިވެއެވެ. މިގޮތުން ޓްރަމްޕްގެ ދޮށީ ދަރިކަލުން ފޮކްސް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މީޑިޔާތަކުން ފޯކަސް ކުރަނީ އެމެރިކާގައި ކޮވިޑް ޖެހޭ މީހުންނަށް އެކަނި ކަމަށާއި ކޮވިޑް ޖެހިގެން މަރުވެފައިވާ މީހުންގެ އަދަދަކަށް ނޫން ކަމަށް ތުހުމަތު ކުރައްްވާފައިވެއެވެ.

"މީޑިޔާތަކުން ފޯކަސް ކުރަނީ އެމެރިކާގައި ކޮވިޑް ޖެހޭ މީހުންނަށް އެކަނި. ކޮބާ ކޮވިޑް ޖެހިގެން މަރުވެފައިވާ މީހުންގެ އަދަދު؟ ކޮވިޑް ޖެހިގެން މަރުވެފައިވާ މީހުންގެ އަދަދު މާބޮޑަށްވެސް މަދު، މީހަކު މަރެއް ނުވެއޭވެސް ބުނާހާ މަދު. ކޮވިޑަކީ ކޯއްޗެއްކަން އަހަރުމެންނަށް އެނގޭ. އަދި އެމެރިކާގައި ކޮވިޑް ކޮންޓްރޯލްވެސް ކުރެވިއްޖެ." ޓްރަމްޕްގެ ދޮށީ ދަރިކަލުން ފޮކްސް ނިއުސް އަށް ދެއްވި އިންޓަރވިއުގައި ވިދާޅުވެފައިވެއެެވެ.

ޓްރަމްޕްގެ ދޮށީ ދަރިކަލުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިދިޔަމަހު ކުރީކޮޅު ޑޮނަލްޑް ޓްރަމްޕް އަދި އަނބިކަނބަލުން މެލާނިޔާ ޓްރަމްޕް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއަށްފަހު އެމެރިކާގެ ވައިޓްހައުސްގެ ގިނަ އޮފިޝަލުން ކޮވިޑަށް ޕޮޒިޓިވްވަމުންދާކަމަށް އެމެރިކާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން