ރަޝިޔާގެ ރައީސް ވްލާޑިމަރ ޕޫޓިން
ރަޝިޔާގެ ރައީސް ވްލާޑިމަރ ޕޫޓިން
ކޮވިޑުން ރައްކާތެރިވާން ރަޝިޔާއިން އުފައްދާފައިވާ ވެކްސިން، ސްޕަޓްނިކް ވީ، އެހެން ގައުމު ތަކަށް ފޯރުކޮށްދޭން ތައްޔާރުވެފައިވާކަމަށް ރަޝިޔާގެ ރައީސް ވްލާޑިމަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ރައީސް ޖީ20 އިއްތިހާދުގެ ގައުމުތަކަށް ރަޝިޔާއިން އުފައްދާފައިވާ ވެކްސިން، ސްޕަޓްނިކް ވީ އާއި ބެހޭގޮތުން މަޢުލޫމާތުދެއްވަމުން ވިދާޅުވީ ވެކްސިން ބޭނުންވާ ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ތައްޔާރުވެފައިވާކަމަށެވެ.

ސްޕަޓްނިކް ވީ ގެ އިތުރުން، އިތުރު ދެ ވެކްސިނެއްގެ މަސައްކަތް ކުރެވެމުންދާކަމަށްވެސް ރަޝިޔާގެ ރައީސް ވަނީ ފާހަގަކުރަށްވާ ފައެވެ.

ރަޝިޔާ އިން ކޮރޯނާ ވައިރަހަށް އުފައްދާފައިވާ ވެކްސިން، ސްޕަޓްނިކް ވީ އަކީ ރައްކާތެރި ވެކްސިނެއްކަމަށް ކަށަވަރުވެފައިވާ ކަމަށް ރަޝިޔާގެ ސިއްހީ އިދާރާތަކުން މީގެ ދެހަފްތާކުރިން ވަނީ ހާމަކޮށްފައެވެ. މިގޮތުން ސްޕަޓްނިކް ވީގެ ތަހުލީލު ރިޕޯޓުތަކުން މިވެކްސިންގެ 95 އިންސައްތަ ރައްްކާތެރިކަމަށް ދައްކައިފައިވެއެވެ.

40،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާ މިވެކްސިންގެ ތަހުލީލުތައް އަދި މުޅިން ނިމިފައި ނުވިނަމަވެސް މިވެކްސިންގެ ތަހުލީލުތަކުގެ ނަތީޖާ މިހާތަނަށް ރިޕޯޓު ކޮށްފައިމިވަނީ ތަހުލީލުތަކުގެ ފޭސް ތިނެއްގައި ބައިވެރިވެފައިވާ 16،000 މީހުންގެ ފަރާތުން ލިބުނު ނަތީޖާއިންކަމަށް ރަޝިޔާގެ ސިއްހީ އިދާރާތަކުން ހާމަކޮށްފައިވެއެވެ. އަދި މިވެކްސިނަކީ އެންމެ ފުރަތަމަ އިންސާނުންގެ ގަޔަށް ޖަހައި ތަހުލީލުތައް ފެށި ވެކްސިންވެސްމެއެވެ.

މިވެކްސިންގެ ބައެއް ތަހުލީލު ތަކުގެ ބައިވެރިންގެ ފަރާތުން ހުން އައުމާއި، ވަރުދެރަވުމާއި ބޮލުގަ ރިއްސުން ފާހަގަ ވެގެން ދިޔަ ކަމުގައިވީނަމަވެސް ނުރައްކާތެރި ސައިޑް އެފެކްޓް ތަކެއް މިހާތަނަށް ފެނިފައިނުވާ ކަމަށްވެސް ރަޝިޔާގެ ސިއްހީ އިދާރާތަކުން ބުނެފައިވެއެވެ.

ރަޝިޔާގެ ވެކްސިން ސްޕަޓްނިކް ވީގެ އިތުރުން، މޮޑަރނަރ ކުންފުނީގެ ވެކްސިން، އަދި، ފައިޒަރ އަދި ބައޯޓެކް ކުންފުނީގެ ވެކްސިންގެ ތަހުލީލުތަކުގެ ކާމިޔާބީވެސް ވަނީ މިހާރު އާންމުކޮށްފައެވެ. މިގޮތުން ފައިޒަރ އަދި ބައޯޓެކް ކުންފުނީގެ ވެކްސިންގެ 90 އިންސައްތަ ރައްކާތެރިކަމަށް ދައްކާއިރު، މޮޑަރނަރ ކުންފުނީގެ ވެކްސިން 94.5 އިންސައްތަ ރައްކާތެރިކަމަށް ދައްކައިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން