އޮކްސްފޯޑު ޔުނިވަރސިޓީގެ ސައިންސްވެރިން.
އޮކްސްފޯޑު ޔުނިވަރސިޓީގެ ސައިންސްވެރިން.
އޮކްސްފޯޑު ޔުނިވަރސިޓީއިން ކޮރޯނާވައިރަހަށް އުފައްދާފައިވާ ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަމަށް ވެކްސިންގެ ތަހުލީލު ރިޕޯޓުތަކުން ދައްކައިފިއެވެ.

މިގޮތުން އޮކްސްފޯޑު ވެކްސިންގެ ތަހުލީލުތަކުން މިހާތަނަށް އެއްކުރެވިފައިވާ ޑާޓާ އިން މިވެކްސިންގެ ރައްކާތެރިކަން 70 އިންސައްތަ އާއި ހަމަޔަށް ދައްކައެވެ. ނަމަވެސް މި ވެކްސިންގެ ރައްކާތެރިކަން 90 އިންސައްތަ އާއި ހަމަޔަށް އަރާނޭކަމަށް ވެކްސިންގެ ދިރާސާގެ ސައިންސްވެރިން ހާމަކޮށްފައިވެއެވެ.

މިއީ ފައިޒަރގެ ވެކްސިނާއި މޮޑަރނާގެ ވެކްސިނަށްވުރެ ދައް ނަތީޖާއެއް ކަމުގައިވިޔަސް، އޮކްސްފޯޑުން ތައްޔާރުކުރި ވެކްސިނަކީ ފައިޒަރގެ ވެކްސިނާއި މޮޑަރނާގެ ވެކްސިނަށްވުރެ އަގުހެޔޮ ވެކްސިނެކެވެ. މިއާއެކު، އޮކްސްފޯޑުން ތައްޔާރުކުރި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ލިބިއްޖެނަމަ ކޮވިޑުން ރައްކާތެރިވާން މިވެކްސިން ބޮޑު ރޯލެއް އަދާކުރާނެކަމަށް އޮކްސްފޯޑުގެ ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ.

"މިއީ އުފާވެރި ހަބަރެއް އަދި ރަނގަޅު ނަތީޖާއެއްވެސްމެ." އޮކްސްފޯޑުގެ ވެކްސިންގެ ނަތީޖާ އާއެކު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެފައިވެއެވެ.

މިއާއެކު، އިނގިރޭސިވިލާތުގެ ބޮޑުބަޔަކަށް މިއަންނަ އަހަރު މެދަކާ ހަމައަށް ދާންވާއިރަށް ވެކްސިން ފޯރުކޮށް ދެވޭނެކަމަށްވެސް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެފައިވެއެވެ.

މިގޮތުން އިނގިރޭސިވިލާތުން ވަނީ އޮކްސްފޯޑުން ތައްޔާރުކޮށްފައިވާ ވެކްސިނުގެ 100 މިލިއަން ޑޯޒު ޕްރީއޯޑަރވެސް ކޮށްފައެވެ.

އޮކްސްފޯޑުން ތައްޔާރުކޮށްފައިވާ ވެކްސިނުގެ ތަހުލީލުތަކުގައި ބްރެޒިލް އަދި އިނގިރޭސިވިލާތުގެ 20،000 މީހުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ކޮވިޑް ޖެހިފައިވާ 30 މީހަކަށް މިވެކްސިން ދެވިފައިވާއިރު، 101 މީހަކަށް ޑަމީ ވެކްސިނެއް ވަނީ ދެވިފައެވެ.

ވެކްސިންގެ ތަހުލީލުތަކުން މިހާތަނަށް އެއްކުރެވިފައިވާ ޑާޓާ އިން މިވެކްސިންގެ ރައްކާތެރިކަން 70 އިންސައްތަ އާއި ހަމަޔަށް ދައްކާފައިވާއިރު މިއީ އާދައިގެ ހުން ރޯގާގެ ވެކްސިންގެ ތަހުލީލަކަށްވުރެއްވެސް ކާމިޔާބެއް ކަމަށް ސައިންސްވެރިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން 3000 މީހަކަށް ވެކްސިންގެ ފުރަތަމަ ޑޯޒުގެ އެއްބަޔާއި ފުރިހަމަ ދެވަނަ ޑޯޒެއް ދެވިފައިވާއިރު، ނަތީޖާއިން 90 އިންސައްތަ ރައްކާތެރިކަމަށް ދައްކާފައިވެއެވެ.

މީގެ އިތުރުން ފައިޒަރގެ ވެކްސިނާއި މޮޑަރނާގެ ވެކްސިނުގެ ނަތީޖާއިން 95 އިންސައްތަ ރައްކާތެރިކަމަށް ދައްކާފައިވާއިރު 70 އިންސައްތަ ރައްކާތެރިކަމަކީވެސް ކާމިޔާބު ވެކްސިނެއްކަމަށް ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން