ޞާދިރު ޢަލީދީދީ   21 ޑިސެމްބަރު 2020 - 11:49
ވޭނީކަރުނަ
ވޭނީކަރުނަ
05 ވަނަ ބައި

..................

މުޢާޒު ހަމައައުމާއެކު އޭނާ ކޮންމެވެސް ބަހަނާއެއް ދައްކައިގެން ބޭރަށް ނިކުމެއެވެ. ދެން އޭނާ އަންނަނީ މުޢާޒު އެނބުރިދާ ވަގުތު ޖެހުމުންނެވެ. އާދެ، އެވަގުތު މުޢާޒުގެ މޫނު މަތީގައި ހުންނަނީ ކޮންކަހަލަ ކުލައެއްތޯ ބެލުމަށެވެ.

އެއްދުވަހެއްގެ ހަވީރެވެ. ރަމްލާއޮތީ އޭނާގެ ޙަޔާތުގައި މިދިމާވި ހައިޖާނާމެދު ފިކުރުކޮށްލަ ކޮށްލައެވެ. ޝަބްނަމްގެ ތިކިތަކެއް ފަދައިން އޭނާގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. އޮށޯވެގެން އޮތް ބާލީސްވެސް އޮތީ ހިސާބަކަށް ތެމިފައެވެ. އެވަގުތު ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލާފައި މުޢާޒު ވަދެއްޖެއެވެ. މުޢާޒު ޙައިރާން ވެއްޖެއެވެ. ރަމްލާގެ ލޮލުން އޮހޮރެމެންދާ ކަރުނަތައް ފެނިފައި އޭނާ އަވަސް އަވަހަށް ކުޑަރުވާލުން ކުރަނަ ފޮހެދޭން ފަށައިފިއެވެ.

[އަހަރެންގެ ފުރާނައާއެވެ. މިހާރު މުޅިން ރަނގަޅު ވެއްޖެއެވެ.]

އޭނާ މަޑުމައިތިރި ކަމާއެކު ބުނެލިގޮތުން ހީވީ މީރުވަސްދުވާ މާބޮނޑިއެއްގައި ނޭފަތް ޖައްސާލާފައި އޭގެ ވަސް ބަލާލި ހެންނެވެ.

[ކީކޭތޯއެވެ....] ރަމްލާވެސް އަސަރާއެކު ބުންޏެވެ.

[ރަމްލާ މިހާރު މުޅިން ރަނގަޅު ވެއްޖެއެވެ.]

[ލައްބައެވެ....!]

[ހިތްވަރު ކުރާށެވެ....] އޭނާ ލޯތާބްއެކު ރަމްލާގެ ކޮލުގައި މަޑުމަޑުން ޖަހާލިއެވެ. އެއާއެކު ރަމްލާ ހިނިތުން ވެލުމަށް މަސައްކަތް ކުރިއެވެ.

[ބުނަން ހެއްޔެވެ.... އަހަރެން ތަކުރާރުކޮށް ރަމްލާއަށް އުނދަގުލެއް ނުކުރާނަމެވެ... ނުތޮޅެންކަމަށް ވަޢުދުވަމެވެ..]

އެއާއެކު އަނެއްކާވެސް ރަމްލާ ރޯންފަށައިފިއެވެ.

[ދަރިންނަކީ މާތްރަސްކަލާނގެ ދެއްވާ ނިޢުމަތެކެވެ. އެހެންވީމާ ދަރިފުޅު ވައްޓާލަން މަސައްކަތް ކުރުމުގެ ޙައްޤެއް އަހަންނަކަށް ނެތެވެ. ކޮންމެއަކަސް މިއުނދަގޫ މިފަހަރު އުފުލާށެވެ.... ދެން ......]

ރަމްލާ އެސްފިޔަތަކުގެ ކިޑިކީ ކުޑަކޮށް ހުޅުވާލާފައި މުޢާޒުގެ މޫނަށް ބަލާލިއެވެ.

[ދެން ރަމްލާ ނުބުނަނީސް... ރަމްލާ ހުއްދަ ނުދެނީސް.... އެންމެ ކުއްޖެއް ފުދެއެއްނޫން ހެއްޔެވެ.]

މުޢާޒު ތަޖުރިބާކާރެއް ފަދައިން ސުވާލުކުރިއެވެ. އެއާއެކު ރަމްލާ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. މުޢާޒު ހީކުރީ އޭނާ އެނބުރިގަތީ ލަދުން ކަމުގައެވެ.

ދެން އަނެއްކާވެސް ބުންޏެވެ.

[ދެން އަހަރެން ދަން ހެއްޔެވެ.]

ރަމްލާ ފަހަރެއްގައިވެސް އޭނާނުދާށެކޭ ނުބުނާނެއެވެ. އެނދުގެ ބޯލާކޮޅުގައި އިށީންނާށެކޭ އަދި ނިކްތުރީގައި ފިރުމާށެކޭވެސް ނުބުނާނެއެވެ.

ރަމްލާ އަބަދުވެސް އެދެނީ މުޢާޒު އޭނާއާ ދުރަށް ދިޔުމަށެވެ. އޭނާގެ މޫނުމަތީގައި ލިޔެވިފައިވާ ނަފްރަތުގެ އަކުރުތައް ފަހަރެއްގައިވެސް މުޢާޒަށް ފެނިދާނެތީއެވެ.

ދެން މުޢާޒު ރަމްލާގެ ނިތްކުރީގައި ކިސްކޮށްލާފައި ހިނގައްޖެއެވެ. އޭނާގެ ތުންފަތް ކިހާ ހޫނު ހެއްޔެވެ. އެ ތުންފަތް ރީތިނަމަ ކިހާ ރަނގަޅު ހެއްޔެވެ.

މުޢާޒު އެތައް ފަހަރެއްގެ މަތިން ހޮސްޕިޓަލުގައި ރޭގަނޑު އިނުމަށްއެދި ރަމްލާ ގާތު އެހިއެވެ. އެހެން ނަމަވެސް ހަމަ ކޮންމެ ފަހަރަކުމެ ރަމްލާ އެކަން މަނާކުރަނީއެވެ. އަދި މުޢާޒުގެ މަންމަވެސް އެކަމަކަށް ހުއްދައެއް ނުދެއެވެ. އޭނާގެ ލޯހުޅުވެއެވެ. އޭނާއަށް އެނގެއެވެ. އަދި އެދެކުދިންނަކީ މޮޔަ ދެކުދިންނެވެ. ރޭގަނޑު ހޮސްޕިޓަލުގައި މުޢާޒު އިނުން ރަނގަޅެއް ނުވާނެއެވެ.

މުޢާޒު ދިއުމުން ރަމްލާ މަތި ބަލަހައްޓައިގެން އޮވެއެވެ. އޭނާ ކިހާ ވަރަކަށް ކެތްކުރޭ ހެއްޔެވެ... އެކަމަކު އޭނާ އެދެނީ މުޢާޒުއާ ދުރަށް މާދުރަށް ދުއްވައި ގަންނާށެވެ.

ބައެއް ފަހަރަށް އަމިއްލަ އަމިއްލައަށް މަރުވެދާނަމޭވެސް އޭނާގެ ހިތަށް އަރައެވެ.

އެއްދުވަހަކު އޭނާ ނަރުސް ކުއްޖާއަށް ގޮވާގެނެސްފައި ސުވާލު ކުރިއެވެ.

[ސިސްޓަރއެވެ. މިބަލީގައި މީހުން މަރުވެސްވޭ ހެއްޔެވެ؟]

[ކޮންކަހަލަ ބައްޔެއްތޯއެވެ؟] ނަރުސް ސުވާލު ކުރިއެވެ.

[މިބައްޔެވެ... އަހަންނަށް ޖެހިގެން މިއުޅޭ ބައްޔެވެ.]

ރަމްލާގެ ވާހަކައަށް ނަރުސް ހީނގެންފައި ބުންޏެވެ.

[ތިޔައީ ބައްޔެއްތޯއެވެ. ބަލިވެއިނުމަކީ ބައްޔެއް ނޫނެވެ. ތިޔައީ އިންސާނާގެ ހަށިގަނޑަށް އަންނަ ބަދަލެކެވެ. އަދި އެބަދަލުގެ ރައްދު ޢަމަލެއްގެ ގޮތުން ތަބީޢަތަށް އެތައް ވައްތަރެއްގެ އުނދަގުލެއް ލިބެމުންދެއެވެ. ދުނޔޭގައި ދުވާލެއްގެ މައްޗަށް އެތައްލައްކަ މީހުނެއް މިތަޖުރިބާގައި ވޭތުކުރެއެވެ.]

[ދެން އެހެންވީއިރު އަހަރެން ތަންމަތީގައި ބާއްވާފައި މިއޮންނަނީ ކީއްވެގެން ހެއްޔެވެ؟]

[ބައެއްމީހުނަށް ފުރަތަމަ ބުރުގައި ވަރަށް އުނދަގޫ ލިބެއެވެ. އެމީހާގެ މަޢިދާ ކެއުން ބުއިމާމެދު އިންކާރުކުރަނީ ކަމުގައިވަނީ ވިއްޔާ މޭނުބައި ކުރާނެއެވެ. އެއާއެކު ހަށިގަނުން ފެންހުސްވެ ބާރު ދެރަވާން ފަށާފާނެއެވެ. އެކަމަކު ވަގުތުން ޑޮކްޓަރީ ފަރުވާ ލިބިއްޖެއްޔާ މުޅިން ރަނގަޅު ވެދާނެއެވެ. ނިކަން ބައްލަވާށެވެ. ރަމްލާ ކުރިއަށްވުރެ ކިތަންމެ ތަނެއް ރަނގަޅެއް ނޫންތޯއެވެ. މޫނުމަތިވެސް ކިހާބޮޑަކަށް އަލިވެއްޖެ ތޯއެވެ. އިރާދަ ކުރެއްވިއްޔާ އަންނަމަހުން މުޅިން ރަނގަޅު ވާނެއެވެ.]

[ހަމަ ޔަޤީން ހެއްޔެވެ.]

[ލައްބައެވެ... ޢާއްމު ގޮތެއްގައި ފުރަތަމަ ތިންމަހުގެ ތެރޭގައި ވަރަށް ޙާލު ބޮޑުވާނެއެވެ. ދެން މަޑުމަޑުންގޮސް ރަނގަޅު ވެދާނެއެވެ. އަދި ފުރިހަމަ ނުވަމަހުގައި އުނދަގޫ ބޮޑުވެ ބަނޑުގައި ރިއްސަން ފަށައިފިއްޔާ ކުއްޖާ ވިހާފައި ހަމަވަރަށް އަވަހަށް ރަނގަޅު ވެދެއެވެ. އެކަމަކު މިހާރު އެރިހުމަށްވެސް ވަނީ ބޭސްތައްޔާރު ކުރެވިފައެވެ.

[އެހެންވިއްޔާ މާނައަކީ މިކަމުގައި އަހަރެން މަރުވުމުގެ އެއްވެސް އުއްމީދެއް ނެތީއޭތާއެވެ.] ރަމްލާ ބޭއިޚްތިޔާރުގައި ބުންޏެވެ.

ރަމްލާގެ ވާހަކައަށް ނަރުސް ހޭންފަށައިފިއެވެ.

[ރަމްލާއަށް ވައްތަރު ވައްތަރުގެ ޝައްކު ކުރެވެނީ ކީއްވެގެންތޯއެވެ. ރަމްލާއަށް މުޅިން ރަނގަޅު ވެދާނެއެވެ.]

ދެން އަނެއްކާވެސް އޭނާ ރަމްލާގެ ކައިރީގައި އިށީނދެ އިނދެގެން ހިތްހަމަޖެހޭ ފާޑުގެ ވާހަކަތައް ދައްކަން ފަށައިފިއެވެ. ރަމްލާގެ މޫނުމަތިން ކުޑަވެސް ހަމަޖެހުމުގެ އަސަރެއް ނުފެނުމުން އޭނާ ބުންޏެވެ.

[ބައެއް މީހުން ފުރަތަމަ ކުއްޖާއަށްބަލިވެ އިންނަ ހިނދު ޒާތްޒާތުގެ ޚިޔާލުތައް ސިކުނޑިއަށް އުނދަގޫ ކުރެއެވެ. އެމީހާގެ މައްޗަށް ނާއުއްމީދުގެ ހިތާމަތައް ވެރިވެގަނެއެވެ. ރޭގަނޑުގެ ނިދީގައި މާނައެއްނެތް ބިރުވެރި ހުވަފެންތައް ފެންނަން ފަށައެވެ. ތިޔައީވެސް ކިޔަވައިގެންހުރި ރަނގަޅު ކުއްޖެކެވެ. މިދުވަސްކޮޅު ހިތްހަމަޖައްސައިގެން އުޅުން ކޮންމެހެން ބޭނުމެވެ. ރަނގަޅު ފޮތްފޮތް ކިއުއްވާށެވެ. މަޖާ ވާހަކަތައް ދައްކަވާށެވެ.]

ރަމްލާ ބިއްދޮށަށް އެނބުރިލައި ފިއެވެ.

މިކުއްޖާ އެންމެ ވައްތަރުވާނީ ކާކާ ބާވައެވެ. ފަހަރެއްގައި ކުއްޖާގެ ސިފަ މުޢާޒުގެ ސިފައާ ވައްތަރު ވެއްޖެއްޔާ..... އަސްތާ!... އޭނާއަށް ކެތްކުރެވޭނީ ކޮން ފަދައަކުން ހެއްޔެވެ.... ކިހާބޮޑު ހިތާމައަކާ ކުރިމަތިލާން އޭނާއަށް ޖެހޭނެ ހެއްޔެވެ.... އެކުއްޖާފުޅާމެދު އޭނާގެ ހިތުގައި އޮންނާނީ ކޮންކަހަލަ ޤަދަރެއް ހެއްޔެވެ.... ފިރިމީހާގެ މައްޗަށް އޭނާގެ ހިތުގައިއޮތް ނުރުހުންތެރިކަން އޭނާވަނީ ފަރުދާގެ އަނެއް ފަރާތަށްލާ ފޮރުވާފައެވެ. އެކަމަކު ދަރިފުޅާމެދު އުފެދޭ ނަފްރަތު ސިއްރުކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ. އަމިއްލަ ދަރިފުޅުގެ ކަރުގައި އަމިއްލަ ދެއަތުން ހިފިދާނެ ހެއްޔެވެ. ނުހިފޭނެއެވެ. ނަސީބު ދިމާކުރާ ގޮތުން އަންހެން ކުއްޖަކަށް ވެއްޖެއްޔާ.........؟

މިގޮތަށް އޮށޯވެގެން އޮވެ ދިރިހުރުމާ މަރާ ބެހޭގޮތުން އޭނާ ވިސްނަމުން ދިޔައީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭގެއެވެ. ބަހާރު މޫސުމުގައި ރީތީގެ ސާލެއް ގައިގައި އޮޅާލައިގެން މަރުވުން އެއީ އުފާވެރިކަމެއް ކަމުގައި އޭނާ ދެކޭ ކަހަލެއެވެ.

މީސްމީހުން ކިހާ ހިތާމައެއް ކުރާނެ ހެއްޔެވެ.... އެފަކީރު ދުނިޔޭގެ އެއްވެސް އުފަލެއް ނުދެކެއޭ ބުނާނެއެވެ. ހިތާމަހުރި ކަމެކެވެ.

ދެން އޭނާ ވިސްނުމުގެ ތެރޭގައި އޮވެފައި ކުއްލިއަކަށް ރޯން ފަށައިފިއެވެ.

މިއީ އޭނާ ދިރި ދުނިޔޭގައި ހުންނަންވީ ދުވަހެއެވެ. އޭނާ ދިރިހުރުމަށް އެދެއެވެ. އޭނާ ގެއްލުން ދިނީ ކާކަށް ހެއްޔެވެ. އެކަމަކު ހިތާމަ ހުއްޓެވެ. މަރުވެއްޖެއްޔާ އޭނާގެ އަގުބޮޑު ޙަޔާތް ބޭކާރު އެއްޗެއް ކަމުގައި ވެދާނެއެވެ. މިޙަޔާތް ބަރުބާދުވެގެން ދާނީ ކާކުގެ ސަބަބުން ހެއްޔެވެ....؟ އޭނާ ހަމައެކަނި ސިފަހުތުރު އިންސާނަކާހެދި ފުރާނައާ ކުޅެލަފާނެ ހެއްޔެވެ...؟

މާދަމާއަކީ ރަމްލާ ގެއަށްދާ ދުވަހެވެ. މިއަދު ހަވީރު މައިދައިތަ ތަންކޮޅެއްކުރިން އަތުވެއްޖެއެވެ. ހަމައައުމާއެކު ބުނަން ފެށިއެވެ.

[ދަރިފުޅާއެވެ! މާދަމާއަކީ ޗުއްޓީ ލިބޭ ދުވަހެވެ. ދަރިފުޅު ގެންގުޅޭ ސާމާނުތައް މަންމައަތަށް ދޭށެވެ. އަތްމަތީ ގެންގުޅޭ ސާމާނު ފިޔަވާ އެހެން ހުރިހާ އެއްޗެއް މިއަދު ގެއަށް ގެންދާނީއެވެ.]

މުޢާޒު މަންމަ އަބަދުވެސް ރަމްލާއާ މުޚާޠަބު ކުރަނީ ދަރިފުޅާއޭ ކިޔައިގެންނެވެ. އޭނާ ދަރިފުޅާއޭ ބުނާ ކޮންމެ ފަހަރަކު ރަމްލާގެ ހިތަށް ތަދުވާ ކަހަލައެވެ. އޭނާ ފަހަރެއްގައިވެސް ތިމާއަކީ މީހަކާ އިނދެގެން އުޅޭ މީހެއް ކަމުގައި އިޙްސާސެއް ނުކުރެއެވެ. އޭނާއަށް ހީކުރެވެނީ އަދިވެސް މިއިނދެވެނީ މާބަގީޗާއެއްގެ މެދުގައި ފޮރުވިގެން ކަމުގައެވެ. ނުފޮޅޭ މަލެއްގެ ގޮތުގައެވެ. އޭނާ ފިނިފެން މަލަކަށް ވިޔަނުދޭން ކޮންމެވެސް އެއްޗެއް މަސައްކަތް ކުރަނީއެވެ.

އަލަތު ކައިވެނީގެ އަންހެން ކުއްޖާއަކީ އުއްމީދުތަކުން ބަރުކުރެވިފައިވާ ފާލިކީއެކެވެ.... ނޫނީ... ފުރިފައިވާ ތައްޓެކެވެ. އެތަށި، ހިނިތުންވެލާ ހިނދު ބަންޑުން ވެދެއެވެ.... ނާނާ ކިޔާލައިފިއްޔާ ބަނޑުން ވެދެއެވެ.... ކުއްލި އަޑެއް އިވުނަސް ބަންޑުން ވެދެއެވެ.... ހިނގާފައި އަންނަ ހިނދު ފައި އޮޅުނަސް ބަންޑުން ވެދެއެވެ.... އެކަމަކު ރަމްލާއަށް އެކަހަލަ އެއްވެސް ކަމެއް އިޙްސާސެއް ނުކުރެވެއެވެ.

އެންމެ ހިތާމަހުރި ކަމަކީ އޭނާގެ އަމިއްލަ ޢަމަލުން އަމިއްލަ ނަފްސަށް ގެއްލުން ދޭކަމެކެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ

**********************

* ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން