ޞާދިރު ޢަލީދީދީ   13 ޖެނުއަރީ 2021 - 15:27
ވޭނީކަރުނަ
ވޭނީކަރުނަ
25 ވަނަ ބައި

..................

[އެންމެ ރަނގަޅެވެ. ދައްތައަށްޓަކައި އެއްހަފްތާ ލަސްކޮށްލައިފީމެވެ....] މުޢާޒު ފިނި ނޭވާއެއް ދޫކޮށްލަމުން ބުންޏެވެ.

[މުޢާޒުއެވެ... ތިޔައީ ވަރަށް ރަނގަޅު ކުއްޖެކެވެ. މާތްރަސްކަލާނގެ ހަނދެއްފަދަ ރީތި ފިރިހެން ކުއްޖެއް ދެއްވާށިއެވެ.]

[ފުރަތަމަ އަޅުގަނޑުގެ ހަނދެއްފަދަ އަނބިމީހާ މިކޮޅަށް އަޔަދެއްވާށެވެ.]

ކިސްރާ ދައްތަ ބާރަށް ހީނގެންފިއެވެ. [އަމެވެ.... މަނިކުފާނުގެ ހަނދެއްފަދަ އަނބިމީހާއާއި ވާހަކަ ދައްކާލާށެވެ.]

އަނެއްކާވެސް ރަމްލާ ފޯނު އަތްގަނޑުގައި ހިފައިފިއެވެ.

[ރަމްލާއެވެ....] މުޢާޒު ޖަޒުބާތުގައި ތެމިފައިވާ އަޑަކުން ބުންޏެވެ. [އަހަރެން އަދި އެއްހަފުތާގެ ޗުއްޓީ ދީފީމެވެ.] [ލައްބައެވެ. ވަރަށް ރަނގަޅެވެ....] ރަމްލާ މަޑުމައިތިރި ގޮތަކަށް ބުންޏެވެ.

[އަދި ބުނެބަލާށެވެ.]

[ދެން ކީކޭތޯއެވެ....] ރަމްލާ ބުންޏެވެ. [ދެން ބުނެބަލާށެވެ.]

ރަމްލާ ހިމޭން ވެއްޖެއެވެ.

[ކޮންމެވެސް އެއްޗެކޭ ބުނެބަލާށެވެ.] މުޢާޒު ބުންޏެވެ.

[އަޅުގަނޑު ބުނާނީ ކީކޭތޯއެވެ.]

[އިތުރު ވާހަކަ ދެއްކުމަކީ ރަމްލާ ކުރާކަމެއްވެސް ނޫނިއްޔާއެވެ.]

[މަންމައަށް އަޅުގަނޑުގެ ސަލާން ބުނެދެއްވާށެވެ.] ރަމްލާ އަވަސް އަވަހަށް ބުންޏެވެ.

[ގައިމެވެ.... ބުނެދޭނަމެވެ.... އެހެން ވާހަކައެއް އެބައޮތް ހެއްޔެވެ.....؟]

[ދެން އެހެން ވާހަކައެއް ނެތެވެ.]

[އަމިއްލަ ނަފްސާމެދު ޚިޔާލު ބަހައްޓައިގެން އުޅޭށެވެ. އަހަންނަށް ހީވަނީ މިއަދު ރަމްލާގެ ތަބީޢަތް ރަނގަޅު ނޫން ހެންނެވެ.]

[ނޫނެކެވެ.... އަޅުގަނޑު މުޅިން ރަނގަޅެވެ.]

[އެންމެ ރަނގަޅެވެ.... ދެން ދާށެވެ.... އަރާމުކޮށްލަން އޮށޯވެލާށެވެ. މިހާރު މާބޮޑަށް ދަންވެސް ވެއްޖެއެވެ.

ރަމްލާއަށް ރަނގަޅަށް ނިދި ނުލިބޭތާ ދެރެއެއް ވެއްޖެއެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. ރޭގަނޑު ހަތަރުދަމު ފުރޮޅި ފުރޮޅި އޮންނަނީއެވެ. ޑޮކްޓަރުވެސް ބުނެފައި އޮންނަނީ މިގޮތަށް ނުނިދޭ ރޭރޭ ނިދާބޭސް ކައިގެން ނިދުމަށެވެ. އެކަމަކު ބޭސްކެއުމަކަށް އޭނާގެ ހިތެއް ނުރުހެއެވެ. އޭނާގެ ހިތް އޮންނަނީ އަޖައިބެއްފަދަ ހަމަނުޖެހުމެއްގެ ތެރޭގައެވެ. ހީވަނީ ސިކުނޑިއަށް ކޮންމެވެސް ކަހަލަ ގެއްލުމެއް ލިބިގެން އުޅޭ ހެންނެވެ. ނުވަތަ އަނިޔާ ލިބެމުން ދަނީއެވެ.

މިރެއަކީ ކުޑަކޮށް ހަމަޖެހިފައިވާ ރެއެކެވެ. އެހެންކަމުން މާބޮޑު މަސައްކަތަކާނުލާ އޭނާގެ ގާތަށް ނިދި އަތުވެއްޖެއެވެ. އާދެ! ބޭސް ކެއުމަކާނުލާ ގުދުރަތީ ގޮތުން އަންނަ ނިންޖެވެ. އެހެންކަމުން އޭނާ އަރާމުގައި ނިދައިފިއެވެ..... މިގޮތަށް އޭނާ ނިދާފައި އޮއްވާ ކޮންމެވެސް މީހަކު އޭނާގެ މޫނު މައްޗަށް ވިހުރުވިފައިވާ އިސްތަށިތައް ދުރުކޮށްލިހެން ހީވިއެވެ.... ތުންފަތުގާ ކިސްކޮށްލިކަން އެނގުނެވެ.... ނޭވާގެ ހޫނުވައި މޫނަށް އެޅެމުން ދާހެން އިޙްސާސް ވިއެވެ.

އޭނާ ކުއްލިއަކަށް ތެދުވެ އިށީދެއްޖެއެވެ. ގައިމަތީ އޮތްފޮތިގަނޑު ނަގާއެއްލާލިއެވެ. އެއާއެކު އެމީހާ ތަންކޮޅެއް ދުރަށް ޖެހިލައިފިއެވެ. ނިންޖާއި ރުޅީގެ އާލަމެއްގައި ކުޑައިރުކޮޅަކު އޭނާ ކަންބޮޑުވެފައި އިނެވެ. ދެލޯ ބޮޑުކޮށްގެން އިނދެ ކުރިމަތީގައިވާ މޫނު ދެނެގަންނަން މަސައްކަތް ކުރިއެވެ. ނިދާ ބޮކީގެ ފަނޑުއަލިކަން ކޮޓަރި ތެރެއަށް ވެރިވެފައި އޮތެވެ. އެމީހާ ހުރިލެއް ކައިރިކަމުން ސާފުކޮށް އޭނާގެ މޫނު ފެނެއެވެ. އެއީ ކާކުކަން އެނގުމާއެކުވެސް އޭނާ ބަލަހައްޓައިގެން އިނީއެވެ. ބައެއް ފަހަރަށް ބިރުވެރި އަޑެއްއިވިފައި ރޭގަނޑު ދަންވަރުގައިވެސް ކުއްލިއަކަށް ލޯހުޅުވާލެވެއެވެ. އެކަމަކު ނިދީގެ ފުރަތަމަ ހަރުފަތުގައި ވަނިކޮށް މިގޮތަށް ލޯހުޅުވާ ލެވިއްޖެއްޔާ އިންސާނާގެ ހޭބުއްދި ފިލާ ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. އޭނާ އެއިނީ ނިދާފައިކަމެއް، ހޭލާކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ.... ހުވަފެނުގައި ބާވައެވެ. ހަމަ ހޭވަރިކަމުގެ ޢާލަމެއްގައި ބާވައެވެ.... އުޑުގައި ބާވައެވެ.... ބިމުގައި ބާވައެވެ.... އިރުކޮޅެއް ވަންދެން އޭނާ ހުރިހާ ޙިއްސުތައް ކެނޑިފައި އިނެވެ.

ރަމްލާގެ ބޮޑުވެފައިވާ ލޮލުގައި ޙައިރާންކަން އުފެދުނެވެ. ދޫ ތަޅުލެވިއްޖެއެވެ. އޭނާ އިނީ ހޭބުއްދި ފިލާފައެވެ. އެމީހަކު ވައިއަޑުން ރަމްލާގެ ކަންފަތް ދޮށުގައި ބުންޏެވެ.

[ރަމޫ ޑާރލިންގއެވެ. ... މިއީ އަހަންނެވެ. ޝާން!]

[ޝާން ބޭބެތޯއެވެ؟]

ރަމްލާގެ ކަރުފަޅާލާފައި އަޑުނުކުތެވެ. އެތައް ޒަމާނަކުއްސުރެ ވާހަކަ ނުދެކެވިފައި އިން މީހެއްގެ އަނގައިން ކުއްލިއަކަށް އަޑުނުކުތް ފަދައަކުންނެވެ....

[މަޑުން ވާހަކަ ދައްކާށެވެ....] ޝާންގެ މީރުވަސްދުވާ އަތް ރަމްލާގެ އަނގަމަތީގައި އަޅައިފިއެވެ. ރަމްލާ ބާރުލާފައި އޭނާ ކޮށްޕާލައިފިއެވެ. ދެން ކޮޅަށް ތެދުވެފައި ރުޅިވެރި ރާގުގައި ތުރުތުރު އަޅަމުން ބުންޏެވެ.

[މިވަގުތު މިތާނގައި ތިޔަކުރައްވަނީ ކީއްތޯއެވެ؟]

[ޑާރލިންގއެވެ.] އޭނާ އަޖައިބެއްފަދަ އަޑަކުން ބުންޏެވެ.] އަހަންނަކީ ޢާޝިޤަކީމެވެ.... އަހަރެން އައީ ކީއްކުރަންތޯ ސުވާލު ނުކުރާށެވެ....]

[ޝާން ބޭބެއެވެ....] މިހާރު ރަމްލާއަށް ރަނގަޅަށް ހޭލެވިއްޖެއެވެ. [ކިސްރާ ދައްތަ ކޮބައިތޯއެވެ؟] އޭނާ ތެޅިތެޅިއޮތް ހިތުގެ މައްޗަށް ބާރުފޯރުވަމުން ބުންޏެވެ.

[އޭނާ ކޮޓަރީގައި ނިދާފައި އެބައޮތެވެ. ކަންބޮޑު ނުވާށެވެ. މިރޭ އެއޮތީ ބޮލުގައި ރިއްސާތީއެވެ. އަހަރެން ބޮލުގައި ރިހުމުގެ ބޭސްގުޅައަކާއެކު ނިދާބޭސް ގުޅައެއްވެސް އޭނާއަށް ކާންދިނީމެވެ.... އަހަރެން މިއައީ އަހަރެންގެ ހިތުގައި ރަމްލާއަށްޓަކައި ރައްކާ ކުރެވިފައިވާ ލޯބި ކަޝްފުކޮށް ދެއްކުމަށްޓަކައެވެ. ރަމްލާދެކެ އަހަރެން ލޯބިވާވަރު މިރޭ ބަޔާން ކޮށްދޭނަމެވެ. އަހަރެން ރަމްލާދެކެ ލޯބިވާންފެށީ އަހަރެންގެ ކައިވެނިވީ ދުވަހުން ފެށިގެންނެވެ. ކައިވެންޏަށްފަހު މޫނުބަލާ ލޯގަނޑުން ކިސްރާގެ ބަދަލުގައި ފުރަތަމަ އަހަންނަށް ފެނުނީ ރަމްލާގެ މޫނެވެ.... ރަމްލާއަކީ އެސިފަ ހުތުރު އިންސާނާއާ އެކަށީގެންވާ ކުއްޖެއް ނޫނެވެ.... ރަމްލާއާ ހުރިހާ ގޮތަކުންވެސް ގުޅެނީ އަހަންނާއެވެ.... އަދި.....]

އޭނާގެ ޖުމްލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ރަމްލާ އަތަށް ބާރުލާފައި ޝާންގެ އަނގަމަތީގައި އެތިފަހަރެއް ޖަހައިފިއެވެ. އެއާއެކު އޭނާގެ އަނގަ ބަންދުވެއްޖެއެވެ.

މިކުއްލި ޙަމަލާއަށް ޝާންހުރީ ތައްޔާރުވެގެނެއް ނޫނެވެ. އެ މަޑުމައިތިރި ރަމްލާ މިކަހަލަ ކަމެއް ކޮށްފާނެއެކޭ ފަހަރެއްގައިވެސް އޭނާ ހީނުކުރެއެވެ........ ސިހުމާއެކު އަނެއްކާވެސް އޭނާ ރަމްލާއަށް ބަލާލިއެވެ. ފިރިހެން މީގޮނު ރަތް ފޮތިގަނޑަށް ބަލާލާ ފަދައިންނެވެ. އެހެން ނަމަވެސް ހަމަ އަވަހަށް އޭނާގެ ސިފަ ބަދަލުކޮށްލިއެވެ.

ރަމްލާ އިނީ ޝާންގެ މިވިހަ ސިފަގަނޑު ދެކެ ބިރުންނެވެ.

[އަހަރެން ރަމްލާދެކެ ލޯބިވަމެވެ. ރަމްލާއަށްޓަކާ ފުރާނައިން ޤުރްބާންވޭވެ ހުންނަތާ ކިހާ ދުވަހެއް ހެއްޔެވެ. މިހާރު ރަމްލާ ތިޔައިނީ ކިހާ ކައިރީގައި ހެއްޔެވެ.... ކިހާ އުދާސްވެފައި ހެއްޔެވެ.... އަހަރެން ރަމްލާއާ ލޯބިކޮށްލަން ބޭނުންވަނީ....]

ރަމްލާގެ ސިކުނޑީގައި ބިރުވެރިކަމުގެ ރަނގަބީލު ޖެހެން ފަށައިފިއެވެ.... ރޭގަނޑުގެ ހިމޭން ދަންވަރު ކުއްލިއަކަށް އޭނާގެ ސިކުނޑީގައި ބައްތިއެއް ދިއްލައިފިއެވެ.... އޭނާ ދޮރާ ދިމާއަށް ބަލާލަމުން ބުންޏެވެ.

[އެއޮއް ދުރުވަނީ ކިސްރާ ދައްތައެވެ....]

މިހިސާބަށް ބުނެވުނުތަނާ ޝާން ނަގޫ ޖެހިތާ ބޯޖަހާފައި ދުއްވައިގަތެވެ. ހީވީ ކަރަންޓްގައި ޖެހިގެން ތެޅިގެން ހެންނެވެ. އޭނާ އެއްވެސް އެއްޗެކޭ ނުބުނެ ނުކުމެގެން ހިނގައްޖެއެވެ. ހަމައެއާއެކު ރަމްލާ ދޮރު ތަޅުލައިފިއެވެ.

ފަތިސް ވަންދެން ރަމްލާ އިނީ ނުނިދައެވެ. އެނދުމަތީގައި ކޮޅަށެވެ.....

ވީދެރައިންނާއި އައިރުޅީގެ ސަބަބުން އޭނާގެ ހަށިގަނޑަށް ގަދަފިނީގެ އަސަރެއްވެސް ނުކުރެއެވެ. ފިކުރުކޮށްކޮށް އޭނާ އިނީ ވަރުބަލިވެފައެވެ.... ގިނައިރު ރުއިމުގެ ސަބަބުން ހަށިގަނޑުން ރުޅީގެ އަސަރުތައް ކަނޑައިގެން ދިއުމާއެކު އަނެއްކާވެސް އޭނާގެ ހަށިގަނޑު ފިނިވެއްޖެއެވެ. އަވަސް އަވަހަށް ވެއްޓިފައި އޮތް ސާލުނަގާފައި ގައިމަތީގައި އަޅާލިއެވެ. ހީކަރުވައިގަތްވަރުން އޭނާގެ އަތްފައި ގަނޑުފެނަށް ވެއްޖެއެވެ. އެހެނީ މިދުވަސްކޮޅު އަބަދުހެން އޭނާގެ ޙާލަކީ މިއެވެ. އަބަދުވެސް ހުންނަނީ އަތްފައި ފިނިވެފައެވެ. އެކަހަލަ ވަގުތު ތަކުގައި ގަނޑުފެނުގެ ތެރެއަށް ގެނބެމުންދާ ކަމުގައި އޭނާއަށް އިޙްސާސް ކުރެވެއެވެ.

މަޑުމަޑުންގޮސް އޭނާގެ ދަތްޕިލާވެސް ތެޅެން ފަށައިފިއެވެ. އޭނާ ހިތްވަރުކޮށްލާފައި ތެދުވެ ހީޓަރު ޖެއްސިއެވެ. ހީޓަރު ކައިރީގައި ހުރެގެން އަތަށް ހޫނުކުރިއެވެ. ދެއަތުން އޭނާގެ ފިނިފައި މޮޑެމުން ދިޔައެވެ. އެވަގުތު ދިރިހުރުމަށްޓަކާ ހޫނުކަން ބޭނުންވަނީ ކިހާވަރަކަށްކަން އޭނާއަށް އިޙްސާސް ކުރެވުނެވެ. ކޮންމެއަކަސް މިކަހަލަ ގޮތަކަށްގޮސް ފަޖުރުލައިފިއެވެ.

ފަތިސްވެއްޖެކަމުގެ އިޙްސާސް ކުރެވުމާއެކު އޭނާގެ މަރުވެފައިވާ ހަށިގަނޑަށް ދިރުން ލިބުނެވެ.

ފަތިސްވުމާއެކު ހުރިހާ ވާހަކައެއް ދައްތައަށް ކިޔާ ދޭނަމެވެ.... ހަމަ މާދަމާ އަހަރެން ފުރައިގެން ދާނަމެވެ.... މުޢާޒަށް ފޯނުކުރާނަމެވެ....

މިރޭ އަހަންނަށް ލޯހުޅުވާ ނުލެވުނުނަމަވާނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ.....

ރަމްލާ ޚިޔާލުގެ ތެރޭގައި ގެއްލިފައިއިނެވެ. ރޭގަނޑަކީ ޖާދޫގެ ސާލެކެވެ. އެރޭގަނޑު އަންނަ ހިނދު އަންނަނީ ތަފާތުއެތައް ކަމަކާއިގެންނެވެ. އެކަމަކު ފަތިހުގެ ކުލައަކީ މުޅިން ތަފާތު އެއްޗެކެވެ. ރޭގަނޑަކީ މަރެވެ. ހެނދުނަކީ ދިރުމެވެ.

ބޭރުން އިވުނު ފުރަތަމަ ފިޔަވަޅުގެ އަޑާއިއެކު ރަމްލާގެ ހަށިގަނޑުގައި އައުބާރެއް އުފެދުނެވެ.... ރަޖާގަނޑު ރަނގަޅަށް ގައިގައި އޮޅާލިއެވެ.... ބޭރު ލައުންޖުގައި މީހަކު ހިނގާއަޑު ރަމްލާއަށް އިވުނެވެ. ކިސްރާ ދައްތަ ހިނގަނީ ކަންނޭގެއެވެ. ކުޑަކޮއްކޮގެ އަޑުވެސް އިވުނެވެ. މިއަޑުތައް އިވިފައި ރަމްލާގެ ބަލިވެފައިވާ ނާރުތަކަށް ވަރަށްބޮޑު ހަމަޖެހުމެއް ލިބުނެވެ. އޭނާ ބޮލުގައި ރަޖާގަނޑު އޮޅާލިއެވެ. ބަންދުވެފައިވާ ރަޖާގަނޑުގެ ތެރޭގައި ނޭވާގެ ހޫނުކަން އުފެދުމުން އޭނާ ހަމަޖެހިގެން ނިދާލައިފިއެވެ.

ރަމްލާއަށް ލޯހުޅުވާލެވުނީ ކިސްރާ ދައްތަ ދޮރުގައި ތަޅާއަޑަށެވެ. އޭރު ގަޑިން ދިހައެއް ޖަހައިފިއެވެ. ދައްތަ ހަޅޭއްލަވަލަވާފައި އޭނާއަށް ގޮވަނީއެވެ.... ރަމްލާ ތެޅިގެންފައި ތެދުވެއްޖެއެވެ. ރަޖާގަނޑު ނަގާ އެއްލާލިއެވެ. އޭނާ ތެޅެމުން ފޮޅެމުންގޮސް ތަންޑު ނައްޓާލިއެވެ. ދެން އަނެއްކާވެސް އައިސް ތަންމައްޗަށް ވެއްޓިގެންފިއެވެ.

[ރަމޫއެވެ! ތިޔަކުރީ ކީއްހެއްޔެވެ.....؟] ކިސްރާ ދައްތަ ހަލުއިކަމާއެކު ކޮޓަރި ތެރެއަށް ވަނެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން