ޢަދާލަތު ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން
ޢަދާލަތު ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން
ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ޢަދާލަތު ޕާޓީން ކޮށްފައިވާ އިޢުލާނެއްގައި ވަނީ، ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި 30 ޖަނަވަރީ 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފައިވާއިރު އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތި ލެއްވުމަށް މިހާރުގެވެސް ރައީސް އިމްރާން ޢަބްދުﷲ ވަނީ ނިންމަވާފައެވެ. އިމްރާން މިއަދު ވިދާޅުވީ، އެގޮތަށް ނިންމެވީ ޤައުމުގެ ޙާލަތު ހުރިގޮތުން ޢަދާލަތުޕާޓީ އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި އެމަނިކުފާނުގެ ދައުރު މުހިންމުކަމަށް އެ ޕާޓީގެ މެމްބަރުން ފާހަގަކުރަށްވާތީ ކަމަށެވެ.



ޢަދާލަތު ޕާޓީން މިއަދު ކުރި އިޢުލާނުގައި ވަނީ، ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދޭ ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުން 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ޢަދާލަތު ޕާޓީގެ މައި އޮފީހަށް ހުށައެޅުމަށް އެދިފައެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ 13 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ، ޕާޓީގެ ކޮންމެ މެންބަރަކަށް ކަމަށް އެ ޕާޓީން ކޮށްފައިވާ އިޢުލާނުގައި ވެއެވެ. 18 އޯގަސްޓް 2005 ގައި ރަޖިސްޓްރީ ކޮށްފައިވާ، ޢަދާލަތުޕާޓީގެ ފުރަތަމަ ރައީސް އަކީ ޝެއިޚް ޙުސައިން ރަޝީދު އަޙްމަދެވެ. އަދި މިހާރު ރައީސްގެ މަޤާމުގައި ހުންނެވި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އެ މަޤާމުގައި ހުންނަވާތާ މިހާރު ވަނީ 12 އަހަރުވެފައެވެ. އެ ޕާޓީގައި މިވަގުތު 6436 މެމްބަރުން އެބަތިބިކަމަށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކަޢެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން