އިދިިކޮޅު ކޯލިޝަންގެ ޕީޖީ ގްރޫޕްގެ ލީޑަރ އާދަމް ޝަރީފް
އިދިިކޮޅު ކޯލިޝަންގެ ޕީޖީ ގްރޫޕްގެ ލީޑަރ އާދަމް ޝަރީފް
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އިސްތިސްނާކޮށް އެމްއެމްއޭއިން 4.2 ބިލިއަން ރުފިޔާގެ ދަރަނި ނެގުމުގެ ހުއްދަ ދިނުމަކީ އެއްގޮތަކަށް ވެސް ކުރަން ރަނގަޅު ކަމެއް ނޫން ކަމަށާއި، އެންމެ ކަންފަސޭހަ ގޮތަށް ކަންކުރަން މަޖިލީހުން ހުއްދަ ދިނުމަށް ދެކޮޅު ހަދާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލާމެދު ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އިސްތިސްނާކޮށް ސަރުކާރަށް އެމްއެމްއޭއިން 4.2 ބިލިއަން ރުފިޔާ ދޫކުރުމަކީ އެއްގޮތަކަށް ވެސް ކުރަން އެންމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި މަޖިލީހުން އެ ހުއްދަ ދިނުމާ ދެކޮޅު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"މިކަމަށް ސަރުކާރުން މި އިޚްތިޔާރު ކުރީ އެންމެ ކަންފަސޭހަ ގޮތް. އެންމެ ގަޔަށް ފަސޭހަވާނެ ގޮތަކަށް މިކަން މި ކުރަނީ. އެމްއެމްއޭ އިން ފައިސާ ހޯދައިގެން މިކަން ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. މަނިޓަރައިޒް ކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް އިންތިހާއަށް ގެއްލުންވެގެން ދާނެ ކަމެއް. މިއީ ހަމަ ބްލޭންކް ޗެކެއް ދިނުންފަދަ ކަމެއް. މިކަމުގެ ނުރައްކާތެރިކަމާއެކު ހުއްޓާލާފައި އޮތްކަމެއް ރައީސް ޔާމީންގެ ވެރިކަމުގައި މިގޮތަށް މަރުކަޒީ ބޭންކުން ފައިސާ ނެގުމަކީ." އާދަމް ޝަރީފް ވިދާޅުވިއެވެ.

މިޙާލަތުގައި މާލީ ވަޒީރު ހުށައަޅާފައިވާ ގޮތަށް ކަންކުރަން ދޫކޮށްލައިފިނަމަ ރާއްޖޭގެ އިޤްތިޞާދު އިތުރަށް ބަނގުރޫޓް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީގެ ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. އޭނާ ވަނީ މާލީ ވަޒީރު އިސްތިޢުފާ ދެއްވުމަށް ވެސް ގޮވާލައްވާފައެވެ.

އާދަމް ޝަރީފު އިތުރަށް ވިދާޅުވީ މިއީ އަވަސް އިންތިޚާބެއް ބާއްވައި ސަރުކާރު ހިންގަން ދަންނަ ބަޔަކާ، ސަރުކާރުގެ ހިންގުން ޙަވާލުކުރަންވީ ވަގުތު ކަމަށެވެ. އަދި މި އިގްތިސާދީ ހާލަތުން ގައުމު އަރައިގަތުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަން ދަންނަ ސިޔާސީ ލީޑަރެއްގެ ގޮތުގައި މި ވަގުތު ހުންނެވީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި، އެމަނިކުފާނަށް ނޫނީ މި ގައުމު ސަލާމަތް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް ޓަކައި މި ވަގުތު ބޭނުންވާ އިތުރު 4.2 ބިލިއަން ރުފިޔާ އެމްއެމްއޭއިން ދަރަންޏަށް ނެގޭ ގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތަކެއް އިސްތިސްނާ ކުރުމަށް ފާސްކޮށްފައެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އިސްތިސްނާ ކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގެންނެވި ގޮތަށް މަޖިލީހުން ހުއްދަ ދިނުމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ހުށަހެޅުއްވުން ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. އެ ކަމާ ދެކޮޅަށް ހަތް މެންބަރަކު ވޯޓު ދެއްވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން