ރާއްޖޭގެ އިންޓަރނެޓްގެ ޚިދުމަތުގެ އަގުބޮޑު ވާހަކައާއި އެޚިދުމަތުގެ ފެންވަރު ދަށް ވާހަކައަކީ ދައްކާ ދައްކާ ބާވެފައިވާ ވާހަކައެކެވެ. ރައްޔިތުން އެވާހަކައެއް ދައްކައިގެން، ހަޅޭއްލަވައިގެން ނޫނީ "ބަވައިގެން" އިސްލާހުވެ އަގުހެޔޮވާނަމަ މިހާރު އޮންނާނީ އިންޓަނެޓް ޚިދުމަތް ރަނގަޅުވެ އަދި އަގުވެސް ހެޔޮވެފައެވެ. ނަމަވެސް އެއީ މިހާތަނަށްވެސް ބަދަލެއް ނައި ޚިދުމަތެކެވެ. ޒަމާނާއި ޓެކްނޮލޮޖީއަށް ކުރިއެރުން އައިސްގެން އިންޓަނެޓްގެ އަގު ހެޔޮވެ، ސްޕީޑް ހަލުއިވާނަމަ މިހާރު ހުންނާނީ އަގު ހެޔޮވެފައެވެ. ސްޕީޑް އަތުނުޖެހޭހާ އަވަސް ވެފައެވެ.


ސަރުކާރުގެ ބޮޑު ހިއްސާއެއް އޮވެގެން ރާއްޖޭގައި އެ ޚިދުމަތްދޭތާ އެންމެ ގިނަ ދުވަސްވީ ކުންފުންޏަކީ ދިރާގެވެ. އުރީދޫއަކީ ވާދަވެރިކަން އުފައްދައިގެން، ކޮންޓްރޯލް ގެއްލުވާލައިގެން ނޫނީ މޮނަޕަލައިޒް ކުރުން ހުއްޓުވައިގެން ރައްޔިތުންނަށް ޚިދުމަތުގެ އަގު ހެޔޮކޮށް ޚިދުމަތުގައި ވެސް ވާދަވެރިކަމެއް އުފައްދައިގެން ޚިދުމަތް ރަނގަޅު ވާނެ ކަމަށް ގެނައި ކުންފުންޏެކެވެ. ނަމަވެސް މިއަދު މުޅި ދުނިޔޭގައި އިންޓަނެޓަކީ ކާބޯތަކެއްޗަށްވުރެވެސް އަސާސީ ޚިދުމަތެއް ކަމުގައި ވެފައިވާއިރުވެސް އަދި ޒަމާނީ އީޖާދުތަކާއި އުފެއްދުން ތަކުގެ އަލީގައި ދުނިޔޭގެ ގިނަ ގައުމުތަކުން އިންޓަނެޓްގެ ޚިދުމަތުގެ އަގު ހެޔޮކޮށް ސްޕީޑް ހަލުއިކުރަމުން ދާއިރުވެސް ރާއްޖޭގައި އެޚިދުމަތްދޭ ދިރާގާއި އުރީދޫ އުޅެނީ ޕެކޭޖު ހަދައިގެން ފޮނި ވާހަކަ ދައްކައިގެން ރައްޔިތުންގެ ބޯކާލައިގެން ލިބޭ އާމްދަނީ އިތުރުކުރެވޭތޯއެވެ. މިއަދު އިންޓަރނެޓަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ދެކިގެން އެޚިދުމަތް ރައްޔިތުންނަށް ދޭން މަސައްކަތްކުރާ ގައުމުތަކުން ބްރޯޑްބޭންޑް އިންޓަރނެޓަށް އަގުނަގާ އުސޫލަށް ބަދަލު ގެނަސް ޑޭޓާއަށް އަގު ނެގުމުގެ ބަދަލުގައި ސްޕީޑަށް އަގުނަގާ އުސޫލު ގާއިމު ކުރަމުންދާއިރު މިގައުމުގައި އެ ޚިދުމަތްދޭ ކުންފުނިތަކުން އަދިވެސް ބަލަނީ ޚިދުމަތް ފިނިހަކަ ސްޕީޑްގައި ބަހައްޓައިގެން ޑޭޓާ ވިއްކައިގެން ރައްޔިތުންނަށް އޮޅުވާލައިގެން ރައްޔިތުން ފެލާށެވެ.

އެކަމަކު ދެކުންފުނިން ޕެކޭޖް ހަދައިގެން މޮޅު ވާހަކަ ދެއްކިއަސް ޑޭޓާ ވިއްކީމާ ކިތަންމެ ބޮޑު ޕެކޭޖެއް ނެގިޔަސް އެބުނާ ފެއާ އެލަވަންސްކޮޅު ހުސްވީމާ ޑައުން ލޯޑް ސްޕީޑް ހުއްޓި ޚިދުމަތް ގާއަރާނެކަން މިއަދު ދިވެހީންނަށް އެނގޭނެއެވެ. އަދި ޑޭޓާއަކީ 200 ޖީބީ ގަތަސް 24 ގަޑިއިރުގެ ތެރޭގައި ވެސް ހުސްވެގެން ހިނގައިދާނެ އެއްޗެއްކަން ގިނަ ދިވެހީންނަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ޑޭޓާ ޕެކޭޖް ވިއްކައިގެން ޑައުންލޯޑް ކުރީމާ ސިކުންތުން ޑޭޓާ ކެނޑެމުންގޮސް އިސާހިތަކު ޑޭޓާކޮޅު ހުސްވާނެކަން ގިނަ ބަޔަކަށް މިހާރު އެނގޭނެއެވެ. ދިރާގާ އުރީދޫން އެކައްޗެއް ކިޔާފައި ދެކުންފުނިންވެސް ކުރާ ކަމަކީ ޑޭޓާ ޕެކޭޖް ވިއްކައިގެން ރައްޔިތުން ފެލުމެވެ. މިއީ ދިވެހީން ކިޔާ ގޮތެވެ.

މިސަރަހައްދުގެ ގައުމުތަކުގައި އިންޓަރނެޓްގެ ޚިދުމަތް ހުރި އަގުތަކަށް ބަލާއިރު ރާއްޖޭގެ އިންޓަރނެޓްގެ އަގުހެޔޮ ކަމަށް ދާދިފަހުން ވެސް ރާއްޖޭގެ މީޑިއާއެއްގައި ލިޔެފައި އޮތް ހަދާނެއް ވެގެން އެއީ ކިހާވަރެއްގެ ހަގީގަތެއްތޯ އަޅުގަނޑުވެސް ބަލައިލީމެވެ. މިކަން ހޯދާލާކަށް މާގިނަ އިރެއްވެސް ނުނެގިއެވެ. "އެޓްލަސް އެންޑް ބޫޓްސް ޑޮޓް ކޮމް" ގެ ހޯދުން ތަކުން ދައްކާ ގޮތުން އިންޓަރނެޓްގެ އަގުގެ ރޭންކިންގައި ރާއްޖެ ހިމެނެނީ 157 ވަނައިގައެވެ. އެއީ އެވްރެޖްކޮށް ޕެކޭޖެއް 80 ޑޮލަރަށް ވިއްކައިގެންނެވެ. އޭރުން އެމްބީއަކަށް ޖެހެނީ 3.50 އެމެރިކާ ޑޮލަރެވެ. ދިވެހިރާއްޖެއާއި އެންމެ ގާތުގައި އޮތް އަވަށްޓެރި ސްރީލަންކާ އޮތީ މި ލިސްޓުގައި ރާއްޖެ ލަދުގަންނަހާ ވެސް ކުރީގައެވެ. އެއީ ދުނިޔޭގެ ނިސްބަތުން އިންޓަނެޓްގެ އެންމެ އަގުހެޔޮ ގައުމުތަކުގެ ލިސްޓުގެ ފަސްވަނައިގައެވެ. ލަންކާގައި އެވްރެޖްކޮށް އިންޓަރނެޓް ޕެކޭޖެއް ވިއްކަނީ 9.58 އެމެރިކާ ޑޮލަރަށެވެ. ލަންކާގައި އެމްބީއަކަށް އެވްރެޖްކޮށް ޖެހެނީ 1.68 ޑޮލަރެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޔޫކްރެއިނާއި ސީރިޔާއާއި ރަޝިޔާއާއި ބޫޓާނެވެ.



އޭޝިޔާ ބައްރުގެ ގައުމުތަކުގެ ތެރެއިން އިންޓަރނެޓްގެ ޚިދުމަތް އެންމެ އަގުހެޔޮ ދިހަ ގައުމުގެ ލިސްޓުގައި ދިވެހިރާއްޖެ ލައްވާވެސް ނުލައެވެ. އޭޝިޔާގެ ގައުމުތަކަށް ބަލާއިރު އިންޓަނެޓް އެންމެ އަގުހެވީ ބޫޓާންގައެވެ. ދެވަނައިގައި ސްރީލަންކާއެވެ. އޭގެ ފަހަތުން އީރާނާއި ކަޒަކިސްތާނާއި މޮންގޯލިޔާއާއި ވިއެޓްނާމެވެ. މިލިސްޓްގެ ހަތްވަނައިގައި ޗައިނާ އޮތްއިރު އޭގެފަހަތުން އަންނަނީ ނޭޕާލާއި އިންޑިއާއާއި ކިރިގިސްތާނެވެ. ރައްޔިތުން މިއޮށްވަރަށް ދިރާގާ އުރީދޫގެ ޚިދުމަތް ކަޑައޭ، ޚިދުމަތުގެ ފެންވަރު ކަމަކު ނުދެއޭ، އަގުބޮޑޭ، ފިނިހަކަ ސްޕީޑޭ، ޖައްސާލީމާ ހުސްވިއްޔޭ ގޮވާނަގާއިރުވެސް ދެކުންފުނިން ހަމަ ކަހާތަން ހިރުވައިވެސް ނުލައެވެ. އިންޓަނެޓް ސްޕީޑް ބާރު ކުރުމާއި އަގުހެޔޮ ކުރުމަކީ މިސަރުކާރުގެ ބޮޑު ވަޢުދަކަށް ވިޔަސް ޚިދުމަތްދޭ ދެކުންފުނި ވެސް އަދި އެބުނާ މިސަރުކާރުގެ ބޮޑު "ޕޮލިސީ" އަކަށްވެސް އެއަޑެއް ނީވެއެވެ. އެއެއްޗެއް އަގުހެޔޮ ނުވެގެން ސްޕީޑް ސްލޯ ވެގެން ހަޅޭއްފަޅޭއް ޖަހަން ފެށީމާ ރައްޔިތުންގެ މަޖިލީހުގެ މިސަރުކާރުގެ މެންބަރުން ރުޅިއައީ އޭރު އެކަމާ ހަވާލުވެ ހުރި ވަޒީރު ދެކެއެވެ. ދެން އެފަކީރު އިންޓަނެޓާއި ނުވެސް ގުޅޭ، ފާޑެއްްގެ ބަރުލަމާނީއެއްގެ ވާހަކައެއް ޓީވީއަކަށް އަރާ އިނދެ ދެއްކީމާ ހުރިހާ ކަމެއް އެފަކީރުގެ ބޮލަށް ކަނޑާލާފައި ރައްޔިތުން ކުރިމަތީގައި އެފަކީރުގެ އަގު ވެއްޔާ މޮޑޭން ކުރެވުނުހާ މަސައްކަތެއް ކޮށްފައި ފެއިލްވީމާ އެފަކީރު ކަނޑާ ވައްޓާލާފައި އެވާހަކަ ދެއްކި މީހުންވެސް ހޮރަށް ވަދެ ނިމިއްޖެއެވެ. މިހާރަކު އިންޓަނެޓްގެ މައްޗަކުން ހަނދާނެއްވެސް ނެތެވެ. ދެން ވަޒީރު ކަނޑާ ވައްޓާލީމާ އެބުނާ އެއްޗެއް އަގުހެޔޮވެއްޖެހޭ ކިޔައިގެން ރައްޔިތުން ފޮށެން ފެށީމާ ފާޑެއްގެ ސްޓޭޓް މިނިސްޓަރަކު ނުކުމެ މާބޮޑަށް އެނގޭ މީހަކަށް ހެދިގެން، ފަސް ރުފިޔާއަށް އިންޓަނެޓް ޖީބީއެއް ވެސް ވިއްކައިފިއެވެ. ދެން އެސޮރަކީ ރައީސް ނަޝީދު އިންދެވި "ފެންފޯއް ރުއް" ކަނޑަން އުޅުނު ސޮރެކޭ އޭނާއަށް އެނގޭނީ ފެންފޯއް ރުއް ކަނޑާށޭ ކިޔާ މީހުން ހަޅޭއް ލަވަން ފެށީމާ އެސޮރުވެސް ނަގޫޖެހިތާ ބޯޖަހާފައި ދުވެފިލާ ރައްކާވެއްޖެއެވެ.

ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތްދޭ ދެކުންފުނިން ޓީވީތަކަށް އަރާ ތިބެ ފޮނި ކަނޑާއިރު ހީވަނީ އެހެން ކަމެއް ހެނެވެ. ބައެއް ފަހަރު އެމީހުން އިންޓަރނެޓް ޑޭޓާ ހިލޭ ބަހަނީއޭ ހީވާ ފަހަރުވެސް އާދެއެވެ. އެކަމަކު ތިމަންމެންގެ ސަބަބުން މިގައުމުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތެއް ދިނުގައި ގައުމު އޮތީ ދުނިޔޭގެ ނިސްބަތުން 157 ދަރަޖަ ފަހަތުގައޭ ބުނީމާވެސް އެވެރިން ލަދެއްނެތި މާދަމާވެސް ކޮންމެވެސް ޓީވީއަކަށް އަރައި މޮޅުވާހަކަ ދައްކާނެއެވެ. ހަގީގަތުގައި މިފަހަރު ވަޒީރު ފައްޔާޒުމެން ލަދުވެތިވާން މިޖެހުނީ މިދެކުންފުނީގެ ސަބަބުންނެވެ.

ވަޒީރު ފައްޔާޒުއަރިހުން ދަންނަވާލަން އޮތީ ބްރޯޑްބޭންޑް އިންޓަރނެޓް ޑޭޓާ ވިއްކިޔަނުދީ ސްޕީޑަށް އަގުކިޔަން މިވެރިންނަށް ދަސްކޮށްދެއްވުމަށެވެ. އެހެން ނޫނީ "50 އެމް ބޭސިކް" އޭ ކިޔައިގެން 200 ޖީބީ ޑޭޓާ ވިއްކާފައި، ޑޭޓާ ކަނޑަމުން ގޮސް ދެތިން ދުވަހުންވެސް އެ ޑޭޓާކޮޅު ހުސްވެގެން ހިގައިދާނެއެވެ. އޭރުން އެބުނާ ފެއާ ޔޫސޭޖް ނިމުނީއެވެ. ދެން ގުޑާވެސް ނުލާނެއެވެ. އަނެއްކާވެސް އެވީ 100 ރުފިޔާ ދީފާ 20 ޖީބީ ޑޭޓާ ބޫސްޓޭ ކިޔާފައި ވިއްކާ ޕެކޭޖެއް ގަންނާށެވެ. ދެތިން މީހުން ނެޓްފްލިކްސް ބަލައިލީމާ އެއަށް ވެސް ވާނީ ހަމަ ދެ ދުވަހެވެ. މިއީ ޑޭޓާ ވިއްކީމާ ވާގޮތެވެ. ޑޭޓާ ވިއްކަނީ މަކަރާ ޖަހައިގެން ލާރިކާށެވެ. ދެން މިއޮށްފަދަ ޒަމާނުގައި އިންޓަނެޓް ޑޭޓާ ވިއްކައިގެން ރައްޔިތުން ފެލައިގެން ކުންފުންޏަށް ފައިދާ ހޯދަނީ ކޮން ނާތަހުޒީބު ގައުމެއްގައި ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު