ޞާދިރު ޢަލީދީދީ   6 މޭ 2020 - 14:31
މިސްކިތަށް އެރުމަށް މުސްލުމުންގެ ބަޔަކު ވުޟޫކުރަނީ
މިސްކިތަށް އެރުމަށް މުސްލުމުންގެ ބަޔަކު ވުޟޫކުރަނީ
އެއްދުވަހަކު ޢަބްދު ﷲ ބުނި ޒައިދު މީސްތަކުންނާއެކު އިށީނދެވަޑައިގެން އިންނެވިއެވެ. އެހިނދު އެތަނަށް މީހަކުއައިސް ދެންނެވިއެވެ. ރަސޫލާ، މުޙައްމަދު ޞަލަ ﷲ ޢަލައިހިވަސައްލަމް ވުޟޫކުރެއްވީ ކިހިނަކުންކަން ތިމަންނައަށް ވިދާޅުވެ ދެއްވަފާނަންތޯއެވެ؟ ޢަބްދު ﷲ ގެފާނު ވިދާޅުވިއެވެ. އާނ ބުނެދީފާނަމެވެ. ދެން އެތަނަށް ފެން ކަންވަރެއް ގެނައުމަށް އެންގުމުން، އަވަހަށް ފެންކަންވާރެއް ގެނެވުނެވެ. އެކަލޭގެފާނު ކަންވާރުން ފެންނަންގަވައިގެން ވުޟޫ ކުރައްވަން ފައްޓަވައިފިއެވެ. އެވަގުތު އެމީހާ އެކަލޭގެފާނަށް ބަލަހައްޓައިގެން ކޮޅަށް ހުއްޓެވެ.

ޢަބްދު ﷲ ގެފާނު އަތްގޮށިކޮޅުން ކަންވާރުން ފެން ނަންގަވައިގެން، ތިންފަހަރުމަތިން ދެއަތްތިލަފުޅު ދޮންނެވިއެވެ. ދެން ތިންފަހަރުމަތިން ނޭފަތްޕުޅަށް ފެންފޮދުލައްވަވާ، ކޯފުޅު ދޮންނެވިއެވެ. އެއަށްފަހު މޫނުފުޅު ތިންފަހަރުމަތިން ދޮންނެވިއެވެ. ދެން އުޅަނބޮށި ކަށްޓަށްވުރެން މައްޗަށް ކަނާއަތްޕުޅު ދޮންނެވިއެވެ. މިކަމުގައިވެސް ތިންތިންފަށް ކުރެއްވިއެވެ. ދެން ހަމަ އެފަދައިން ވާއަތްޕުޅުވެސް ތިންފަހަރުމަތީން ދޮންނެވިއެވެ. އެއަށްފަހު މުޅި އިސްތަށިފުޅުގައި ފެން ފުއްސެވިއެވެ. އިސްތަށިފުޅުގެ ކުރިމަތިން ފައްޓަވައިގެން ފުއްކިބަފުޅާ ހަމައަށް ގެންދެވުމަށްފަހު، ފުއްކިބަފުޅުން ފެށިގެން އިސްތަށިފުޅުގެ ކުރީކޮޅާ ހަމައަށް ދެއަތްޕުޅު ގެންދެވިއެވެ. ދެން އެއަށްފަހު ކަނާއަތްޕުޅުގެ ފައިންޕުޅު ފައިދަނޑީގެ ބަޔަކާއެކު ދޮންނެވިއެވެ. މިކަމުގައިވެސް ތިންތިންފަތް ކުރެއްވިއެވެ. އެއަށްފަހު އެފަދައިން ވާއަތްޕުޅުގެ ފައިންޕުޅުވެސް ތިންފަހަރުމަތިން ދޮންނެވިއެވެ. ދެން ޢަބްދު ﷲ ގެފާނު އެމީހާއާ މުޚާޠަބުކޮށް ވިދާޅުވިއެވެ. ރަސޫލާ، މުޙައްމަދު ޞަލަ ﷲ ޢަލައިހިވަސައްލަމް ވުޟޫކުރައްވަނީ މިފަދައިންނެވެ. (މާލިކު- ޝާފިޢީ - އަޙްމަދު - ބުޚާރީ - މުސްކިމް)

*އިރުޝާދު

1- އެއްދުވަހަކު ރަސޫލާ، މުޙައްމަދު ޞަލަ ﷲ ޢަލައިހިވަސައްލަމް ވުޟޫކުރެއްވިއެވެ. ދެން މިފަދައިން ޙަދީޘްކުރެއްވިއެވެ. ތިމަންރަސޫލާގެ މިވުޟޫއާ އެއްގޮތަށް ވުޟޫކޮށް، އެއަށްފަހު (ދުނިޔަވީ) ދުނިޔަވީ ވާހަކައެއް ދެއްކުމަކާނުލައި ދެރަކްޢަތް ނަމާދުކޮށްފި މީހެއްގެ އިސްވެގޮސްފައިވާ (ކުދި) ހުރިހާ ފާފަތަށް މާތް ﷲ ފުއްސަވާނެތެވެ.

(ބުޚާރީ - މުސްލިމް- ތިރުމިދީ)

2. ބޮލުގައި ފެންފުހުމުގައި ތިންތިންފަށް ކުޅައުމަކީ ސުންނަތެކެވެ. އިމާމު މުސްލިމު ޢުޘްމާނުގެފާނުގެ ކިބައިން ރަސޫލާ، މުޙައްމަދު ޞަލަ ﷲ ޢަލައިހިވަސައްލަމް ވުޟޫކުރެއްވުމުގައި ތިންތިންފަށް ކުރައްވާ ކަމުގައި ރިވާކުރައްވާފައިވެއެވެ. އަދިވެސް އިމާމު އަބޫދާއޫދު ޢުޘްމާނުގެފާނުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވުޟޫކުރެއްވި އިރު އިސްތަށިފުޅުގައި ތިންފަހަރު މަތިން ފެންފުއްސެވިއެވެ. އަދި ވިދާޅުވިއެވެ. މިގޮތަށް ރަސޫލާ ވުޟޫކުރެެއްވިތަން ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ.

3. ބޮލުގައި ފެންފުހުމުގައި އެއްފަހަރު ފުހުމުން ފުދިދާނެއެވެ. އެއީ އިތުރު އެކަކޭގެފާނުގެ އަރިހުން އެގިތޮތްވެސް ސާބިތުވާތީއެވެ. އިމާމު ނަވަވީ އަލްމަޖްމޫޢުގައި ބަޔާންކުރައްވާފައިވެއެވެ. ބޯތަލަވުމުގެ ސަބަބުން، ތިމާގެ ބޮލުގައި އިސްތަށި ނެތް މީހާއަށް ނުވަތަ ބޯބާލާފައިވާ މީހާއަށް މޮޅުގޮތަކީ އެއްފަހަރު ފެންފޮހެލުމެވެ. ނަމަވެސް ބޮލުގައި އިސްތަށިގަދަ މީހާއަށް އައުލާކަން ބޮޑީ ތިންތިންފަށް ކުޅައުމެވެ.

4. ބޮލުގައި ފެންފުހުމަށްފަހު ދެކަންފަތުގެ އެތެރޭފުށުގައްޔާއި ބޭރުފުށުގައި ފެން ފުހުމަކީ ސުންނަތެކެވެ. މިކަން މިގޮތަށް ރަސޫލާ، މުޙައްމަދު ޞަލަ ﷲ ޢަލައިހިވަސައްލަމް ކުރައްވާ ކަމުގައި އިމާމު އަޙްމަދާއި އަބޫދާއޫދާޢި ތިރުމިޛީއާއި ނަސާއީ ރިވާކުރައްވާފައި ވެއެވެ.

ކަންފަތުގައި ފެންފުހޭއިރު މޮޅުގޮތަކީ ބޮލުގައި ފެންފުހުމަށްފަހު އާފެނެއް ނަގައިގެން ކަންފަތުގައި ފުހުމެވެ. ޢަބްދު ﷲ ބުނި ޒައިދުގެ އަރިހުން އިމާމު ބައިހަޤީ އާއި ނަވަވީ ޞައްޙަ ސަނަދުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ރަސޫލާ، މުޙައްމަދު ޞަލަ ﷲ ޢަލައިހިވަސައްލަމް ވުޟޫގައި އިސްތަށިފުޅުގައި ފެންފުއްސެވުމަށްފަހު އެނޫން ފެނަކުން ދެކަންފަތްޕުޅުގައި ފެންފުއްސެވިތަން ތިމަން ކަލޭގެފާނު ދެކެވަޑައިގަތީމެވެ.

އިމާމު ޝާފިޢީ ވިދާޅުވެފައިވެއެވެ. ވުޟޫކުރުމުގައި މޮޅުގޮތަކީ ބޮލާއި ކަންފަތާއި ދެގުނަނަށްޓަކާ، ވަކިވަކި ފެންނެގުމެވެ. ބޮލަށް ބޭނުން ކޮށްފައިވާ ފެން އެބަހީ ފެން މުސްތަޢްމަލް ވުމަށްފަހު އަނެއްގުނަނުގައި ބޭނުން ނުކުރުމެވެ. ނަމަވެސް ބޮލާއެކުކަންފަތުގައި ފެންފުހިދާނެ ގޮތެއް އޮވެއެވެ. އެއީ ބޮލުގައި ފުހޭއިރު ތިމާގެ އަތުގެ ޝަހާދަތް އިނގިއްޔާއި ބޮޑުވާ އިނގިލި ބޮލުގައި ނުޖައްސައި ބަހައްޓާފައި ދެން އެދެއިނގިލިން ކަންފަތުގައި ފެން ފުހުމެވެ. އެއިރުން ދެގުނަނުގައިވެސް ބޭނުންކުރެވުނު ފެން ބެލެވޭނީ އައުފެން ކަމަށެވެ. (އަލްމަޖްމޫޢު)

* މިލިޔުމަކީ އައްޝައިހް ހުސައިން ރަޝީދު އަހުމަދު ނެރުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން