މީހަކު ނަމާދަށްފަހު މާތް ﷲ ދުޢާ ދަންނަވަނީ
މީހަކު ނަމާދަށްފަހު މާތް ﷲ ދުޢާ ދަންނަވަނީ
މިއުއްމަތުގެ މާތް ރަސޫލާ މުޙައްމަދުއް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާއެކު ޢަރަފާތުގައި ހުންނެވިއެވެ. އެކަލޭގެފާނު އަބަދުވެސް ވުޟޫމަތީ ހުންނެވުމަށް ސަމާލުކަން ދެއްވައެވެ. އެހެންކަމުން ޢަރަފާތުގައި ސަވާރީން ފައިބައިވަޑައިގަތުމާއެކު ވުޟޫކުރައްވަން ޤަސްދުކުރެއްވިއެވެ. ނަމަވެސް އެއީ ނަމާދުގެ ވަގުތަކަށް ނުވުމާއެކު، އަރިހުގައި ހުންނަވާފައި އުސާމާ ބިން ޒައިދު ރަޟިޔަ ﷲ ޢަންހު އެވަގުތު ވުޟޫކުރައްވާ ސަބަބު އޮޅުންފިލުވާލެއްވުމަށް ކީރިތި ރަސޫލާއާ ސުވާލު ދެންނެވިއެވެ. ޖަވާބުގައި ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "އެއީ ތިމަންރަސޫލާ އަބަދުމެ ޠާހިރުކަންމަތީ ހުންނެވުމަށް ލޯބިފުޅުވެ ވަޑައިގަންނަވާތީއެވެ." ދެން އުސާމާގެފާނު ކީރިތި ރަސޫލާގެ އަތްޕުޅަށް ފެންފޮދު އަޅުއްވަމުން ގެންދެވިއެވެ. ކީރިތި ރަސޫލާ ވަރަށް އަވަސް، ލުއިގޮތަކަށް ވުޟޫކުރެއްވިއެވެ. ދެންފަހެ ޢަރަފާތުގެ އަޅުކަމުން ނިމިވަޑައި ގަތުމުން މުޒްދަލިފާއަށް ދަތުރުފުޅު ފެއްޓެވިއެވެ.

މުޒްދަލިފާއަށް ވަޑައިގެން މަޣުރިބު ނަމާދު ކުރައްވަން ޤަސްދުކުރައްވައި ފެން ހޯއްދަވައިގެން ދެވަނަ ފަހަރަށް ވުޟޫ ކުރެއްވިއެވެ. މިފަހަރު ވަރަށް ލަސްލަހުން ފަރުވާތެރިކަމާއެކު ވުޟޫކުރެއްވިއެވެ. އަދި ވުޟޫފެ ގުނަންތަކަށް ފެންލެއްވުމުގައި ފަރުވާތެރިވެ ވަޑައިގެން ފުރިހަމައަށް ކަންތައް ކުރެއްވިއެވެ. އެއަށްފަހު ނަމާދަށް ޤަމަތްދެވުމުން އިސްވެ ހުންނަވައިގެން މަޣުރިބު ނަމާދު ކުރެއްވިއެވެ. ދެންހަމަ ވަގުތުން އިތުރު އެހެން ސުންނަތެއް ކުރެއްވުމެއް ނެތި ޤަމަތްދެވުމުން ޢިޝާނަމާދު ކުރެެއްވިއެވެ. (ބުޚާރީ، މުސްލިމް)

*އިރުޝާދު:

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިވަސައްލަމް ޙަދީޘްކުރެއްވިއެވެ. ތިޔައިން މީހަކު ނަމާދުކޮށްގެން (ސުންނަތުގެ ނަމާދެއް ކަމުގައި ވިޔަސް) އެނަމާދުކުރި މުސައްލަމަތީގައި އިންހާ ހިނދަކު އޭނާއަށްޓަކައި މަލާއިކަތުން ހެޔޮދުޢާ ކުރައްވާނެތެވެ. އަދި ވިދާޅުވާނެތެވެ. " އޭ އަޅުގެ ވެރިރަސްކަލާކޮ، އޭނާގެ ފާފަފުއްސަވާނދޭވެ، އޭނާއަށް ރަޙްމަތް ލައްވާނދޭވެ." މިގޮތަށް އޭނާގެ ވުޟޫނުގެއްލި އިންހާ ހިނދަކު އޭނާއަށްޓަކައި އެބޭކަލުން ދުޢާ ކުރައްވާނެތެވެ. (ބުޚާރީ)

* މިލިޔުމަކީ އައްޝައިހް ހުސައިން ރަޝީދު އަހުމަދު ނެރުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން