މިސްކިތަށް އެރުމަށް މުސްލުމުންގެ ބަޔަކު ވުޟޫކުރަނީ
މިސްކިތަށް އެރުމަށް މުސްލުމުންގެ ބަޔަކު ވުޟޫކުރަނީ
އިމާމު މުސްލިމް ރިވާކުރައްވާފައިވެއެވެ. އެއްފަހަރެއްގައި ޢުޘްމާނު ރަޟިޔަ ﷲ ޢަންހު ވުޟޫކުރެއްވިއެވެ. އަދި ވުޟޫކުރެއްވުމުގައި ފަރުވާތެރިކަމާއެކު މުބާލަޣާކުރައްވައި ފުރިހަމަކޮށް ކުރެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ވުޟޫ މިކުރެެއްވިގޮތަށް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވުޟޫކުރެއްވިތަން ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އަދި އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. މިގޮތަށް ފުރިހަމަކޮށް ވުޟޫކޮށްފި މީހާގެ ހަށިގަނޑުގެ ގުނަންތަކުންނާއި އިނގިލިތަކުގެ ނިޔަފަތިތަކުގެ ދަށުން އޭނާގެ ފާފަތައް ނިކުމެގެން ފޮހެވިގެން ދާނެއެވެ. އަދި އޭނާގެ ނަމާދާއި، ނަމާދަށްޓަކައި އޭނާ މިސްކިތަށް ދާދިއުން ވެގެންދާހުށީ ޘަވާބުގެ ގޮތުން ކުރެވޭ އިތުރު ޢަމަލެއް ކަމުގައެވެ.

* އިރުޝާދު:

1- އިމާމު މުސްލިމު ޙަޟްރަތު އަބޫހުރައިރާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންގެ ޚަލީލު، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި އަޑު ތިމަން އެއްސެވީމެވެ. މުޢުމިނެއްގެ އީމާންކަމުގެ ގަހަނާ ޒީނަތްތެރިވެ ފުރިހަމަ ވާހުށީ ވުޟޫގައި މުބާލަޣާކޮށް ފުރިހަމަ ކުރި މިންވަރަކުންނެވެ.

2- ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. ތިޔައިން މީހަކު ވުޟޫކުރުމުގައި ފަރުވާތެރިކަމާއެކު ވުޟޫ ފުރިހަމަކުރުމަށްފަހު، ވުޟޫ ދުޢާ ކިޔައިފި ނަމަ، އެމީހާ ބޭނުން ދޮރުކޮޅަކުން ވަނުމަށްޓަކާ ސުވަރުގޭގެ އަށްދޮރުކޮޅު ހުޚުވާލެވޭނެއެވެ. (މުސްލިމު- ތިރުމިޛީ)

* މިލިޔުމަކީ އައްޝައިހް ހުސައިން ރަޝީދު އަހުމަދު ނެރުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން