ރާއްޖޭގެ ރަށެއްގައި ކުރިއަށްދިޔަ ބޮޑުއީދުގެ ކުޅިވަރުގެ ތެރެއިން
ރާއްޖޭގެ ރަށެއްގައި ކުރިއަށްދިޔަ ބޮޑުއީދުގެ ކުޅިވަރުގެ ތެރެއިން
ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ބަލީގެ ނުރައްކާ ވަރަށް ބޮޑުވެފައި އޮތުމަށްފަހު، މާތް ﷲ ގެ ހެއުރަހުމަތްފުޅާއި ސިއްހީ އެހީތެރިންނާއި އަދިވެސް އެތައް ބައެއް ގުރުބާނީއާއި ބުރަ މަސައްކަތުން ބަލީގެ ހާލަތު ރަނގަޅުވެ، ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އިއްޔެއެވެ. ރާއްޖޭގެ ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ނުރައްކާވެ ސައުވީސް ގަޑިއިރު ތެރޭގައި ރެކޯޑް އަދަދަކަށް މީހުން ނިޔާވިކަން ހަނދާނަށް ގެންނަވާށެވެ. ދުވާލަކު 13 14، މީހުން ބަލީގައި ނިޔާވި ދުވަސް ދިވެހިން ހަނދާން ނެތޭހާ ދުވަހެއް އަދިއެއް ނުވެއެވެ. ކޮވިޑު ބަލީގެ ނުރައްކާ ބޮޑުވެ ހޮސްޕިޓަލުތަކާއި ފެސިލިޓީތައް ފުރި، ހާލު ސީރިއަސްވެ ހޮސްޕިޓަލާ ފެސިލިޓީތަކުގައި އެޑިމިޓްކުރާ އަދަދު ބޮޑުތަނުން އިތުރުވެ، ފަރުވާ ދޭނެ ނަރުހުންނާއި ޑޮކުޓަރުން ނެތި މުޅި ސިއްހީ ދާއިރާ ގޮތް ހުސްވެ "ހަތަރު އުދަރެސް ފެނު ޖެހުނު" މަންޒަރު އިއްޔެވީ ކަމެއްހެން ގިނަ ބަަޔަކު ހަނދާނުގައި ހުންނާނެއެވެ. ހަމަގައިމުވެސް ބަލީގައި ނިޔާވި މީހުންގެ އާއިލާތަކަށް ދާއިމަށް ލިބުނު ފުން ހިތާމައަށް ނިމުމެއް ނެތެވެ.


މިއީ އިއްޔެގެ ވާހަކައެއް ކަމަކު މިއަދު ވެސް ކޯވިޑްގެ ނުރައްކާތެރި ބިރުވެރިކަން އެއްގޮތަކަށް ވެސް ފިލައި ދިޔައީކީ ނޫނެވެ. ރާއްޖެއަކުން ވެސް އަދި ދުނިޔޭގެ އެހެން ގައުމަކުން ވެސް އެބިރުވެރިކަން ފިލައި ދިޔައީކީ ނޫނެވެ. އަދި ކޯވިޑް ފެތުރުމަށް ލިއެއް ލިބުނީމާ ދޭ ދޫތަކަށްފަހު ގައުމުތައް ކުރަމުންދާ ތަޖުރިބާއިންނާއި ޚުދު ރާއްޖެއިން އިހަށް ދުވަހު ކޮށްފައިވާ އެ ތަޖުރިބާގެ އަނިޔާތައް އަދި ހަނދާން ނައްތާލައިގެން ވާކަށް ނެތެވެ. އެތައް ބުރަ މަސައްކަތަކުން އެތައް ބައެއްގެ ގުރުބާނީގެ އިތުރުން ރައްޔިތުންގެ ތެރެއިން ވެސް ގިނަ ބަޔަކު ބަސް ގަބޫލުކޮށްގެން ގޭގައި ބަންދުވެގެން ތިބުމުގެ ނަތީޖާ ކޮންމެވެސް ވަރަކަށް ފެނުމަކީ ކޯވިޑްގެ ބިރު ފިލައިގެން ދިޔައީ ނޫންކަން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެއެވެ.

ކޮންމެއަކަސް "މިދުވަސް ވެސް ހިނގައިދާނެޔޭ" ބުނާ ބީދައިން އެ ދުވަސް ފާއިތުވެ ދިޔަޔަސް އެދުވަހުގެ މަތީން ހަނދާން ނެތިއްޖެ ނަމަ ނަތީޖާ ވަރަށް ވެސް ހިތިވާނެކަން ގަބޫލުކުރަށްވާށެވެ. އަޅުވެތިކަމުގެ ކަސްތޮޅުން ދޫވީމާ ލިބޭ މިނިވަންކަން ހިތަކަށް ބޭނުން ކުރާނަމޭ ހިތައްއަރާ ބީދައިން، ގޭބަންދުވެފައި އެތައް ދުވަހަކު ތިބެފައި ގެއިން ނުކުމެވުނީމާ ހިތުހުރި ގޮތަކަށް އުޅޭން ކޮޅުކޮޅުމައްޗަށް ދުއްވައި ގަންނައިރު މި ނުބައި ބަލިމަޑުކަމުގައި ވަކިވެދިޔަ އާއިލާގެ މާމައާއި ކާފައާއި މަންމައާއި ބޮޑުދައިތައާއި ބޮޑުބޭބެ ނިމިދިޔަ ހިތާމަވެރި ހާދިސާ ތަސައްވަަރުކޮށްލައްވާފައި ވެސް އެދުވަސް އަލުން ތަކުރާރުވިޔަ ނުދިނުމަށް އަޒުމު ކަނޑައަޅުވާށެވެ.

ކޮވިޑް ކޮންޓްރޯލް ލަގަން އަތުން ދޫވެ ހާލަތު އަތްނުފޯރާ ފަށައް އަރައިގެންދިޔުމުން ކާފިއު އިއުލާނުކޮށް ހަރުކަށި ފިޔަވަޅުތައް އަޅަން ސަރުކާރަށް އަދިވެސް މަޖުބޫރުވާނެއެވެ. ރައްޔިތުން ގޭ ބަންދުކޮށް ސަލާމަތީ ބާރުތައްނެރެ "ހަންމުށި" އަޅައިގެން ކުރި ބުރަ މަސައްކަތުން ކޮވިޑުގެ ކުރީގައި އޮތް ހާލަތަށް ރުޖޫއަވެވުނުއިރު، އަޅުގަނޑުމެންނާ މިލައިގަތީ ބޮޑު އީދުގެ ބޮޑު ބަންދާއެވެ. ދިވެހިންނަކީ ބޮޑު އީދުގައި ނިކަން ފޯރި ނަގާބަޔެކެވެ. ބޮޑު އީދުގެ ބަންދާއި މިނިވަން ދުވަހުގެ ބަންދާދިމާވީމާ ބަންދު ދުވަސްތައް އިތުރުކޮށްދީ ގާތްގަޑަކަށް ބޮޑު ޗުއްޓީއަކަށް މިޗުއްޓީ ވެގެންދިއުމަކީ ގިނަ ބަޔަކަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމުގައި ގަބޫލުކުރަން ޖެހެއެވެ.

ކޮވިޑުގެ ހާލަތު ކޮންޓޯލްވި ކަމަށް ބަލައި ފިޔަވަޅުތައް އުވާލައި ބޮޑެތި ލުއިތަކެއް ސަރުކާރުން ދީފިއެވެ. ވެކްސިންގެ ދެ ޑޯޒް ޖަހައި 14 ދުވަސްހަމަކޮށް 72 ގަޑިއިރުނުވާ ޕީސީއާރު ނަތީޖާއަކާއެކު ކަރަންޓީނުނުވެ ދަތުރުކުރަން ހުއްދަ ދިނުމުން މާލެއިން ވަރަށް ގިނަ ބަޔަކު އީދު ބަންދާ ދިމާކޮށް އެކި ރަށްރަށަށް ދަތުރުކޮށްފިއެވެ. އަދިވެސް މާލޭގެ ލަފާފުރާ ހުރިހާ ދިމާއަކުން ފެންނަމުން ދަނީ މިދެންނެވި މަންޒަރެވެ. އެއްބަޔަކު އާއިލާއާއެކުގައެވެ. އަނެއް ބަޔަކު ބައި ހަދާފައި އެކުވެރިންނާއި ރައްޓެހި ރަހުމަތްތެރިންނާއި އެކުގައި ފުރަމުންދާ މަންޒަރެވެ. ވެކްސިން ޖަހައިގެން ރަށްރަށަށްދާ މީހުންދަނީ އުސޫލާ އެއްގޮތަށްތޯ ބެލޭނެ ގޮތެއް ނެތެވެ. އެޗްޕީއޭ އިން އެޒިންމާ ކައުންސިލްތަކުގެ ބޮލުގައި އެޅުވުމަށްފަހު ޒިންމާއިން ރެކިގެންފިއެވެ. ގިނަ ކައުންސިލް ތަކުގައި އެކަން ކުރެވޭނެ ވަސީލަތްތަކެއް ނުވަތަ ކުރެވޭނެ ގޮތެއް ވެސް ނެތެވެ. މިދުވަހަކަށް ތައްޔާރެއް ނުވެއެވެ. ފުރައިގެން ދާންވީމާ ދާންވީއެވެ. އެމީހަކާ އެމީހެކެވެ. ގިނަ މީހުންނަކަށް ހަދަންވީ ގޮތެއް ނުވެސް އެނގެއެވެ. ފުރައިގެން ދެވޭނެއޭ ބުނީމާ ފުރައިގެން ދަނީއެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން ގިނަ ބަޔަކު އެެއްވެ ކުޅިވަރުތައް ނުބާއްވަން އެޗްޕީއޭއިން އެންގި ނަމަވެސް އެއަޑު އިވުނީ މަދުބަޔަކަށެވެ. ގިނަ ރަށްރަށުގެ މީހުންނަށްވެސް އެރަށްރަށް ދިޔަ މީހުންނަކަށް ވެސް ހަަމަ ހިލާ އެއަޑުއިވުނު ކަމަކަށްނުވިއެވެ. ފެންކުޅި ކުޅުމާއި ސަގާފީ ކުޅިވަރުތަކާއި ސްޓޭޖް ޝޯތަކާއި މާލި ޕްރޭޑްތައް ބާއްވައި ނިކަން ފޯރިއާއި ޖޯޝްގައި ރަށުގެ ހުރިހާ ރައްޔިތުން އެއްކޮށް ނާޗަރަންގީ ކުޅެމުންދާއިރު ކޮވިޑޭ މިކިޔާ އެއްޗެއް ރާއްޖޭގައި އުޅޭހެންވެސް ހީވެސް ނުވެއެވެ. އެ ހަނދާނެއް ވެސް ގިނަ މީހުންގެ ނެތެވެ. ކުޅިވަރުތައް ބާއްވަން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅޭއިރު ސޯސަލް ޑިސްޓެންސް ނުވަތަ ގައިދުރު ކަމެއް ނެތެވެ. މާސްކް މަތީންވެސް ގިނަ މީހުން ހަނދާނެއް ނުހުރެއެވެ. އޭތި އޮންނަނީ ދަތްދޮޅީގައި ނޫނީ އަތްދަބަހުގައި ނޫންނަމަ ޖީބުގައެވެ. ކުޅިވަރު ބަލަން ގޯސް ތިބޭއިރު އަރާނެ ގޮޅިގޮޅި ކުރަހާފައި ހުއްޓަސް އަރާ ފޯރީގައި އެއަށް ބަލާ މީހަކު ނޫޅެއެވެ. ރަށްޓެހިންނާއި ބައްދަލުކުރުމާއި ގޭގެއަށް ޒިޔާރަތް ކުރުމާއި ގުރޫޕް ހަދައިގެން މަސްދަތުރު ދިޔުމާއި އެކިކަހަލަ ކެއުންތައް ބާއްވައި ނިކަން ކުލަގަދަކޮށް އީދު ފާހަގަކޮށްފިއެެވެ. މި މަޖާގަނޑުގައި މާލެއިން ދިޔަ މީހުންނާއި ރަށުގައި ތިބި ކުދިބޮޑު މީހުންނާއި ކައުންސިލް ތަކާއި ސަރުކާރު މުއައްސަސާތަކުގެ މީހުން ވެސް އިސްތިސްނާއެއް ނުވެއެވެ. ރަށަށް އެރި މީހުން ތިބީ ވެކްސިން ފުރިހަމަކޮށްގެން ކަމަށްވިޔަސް ރަށުގައި ތިބި މީހުން ތިބީ ވެކްސިން ޖަހައިގެންތޯ ވެސް ބެލުމެއް ނެތެވެ. ބަލާނެ މީހަކު ވެސް ނެތެވެ.

ހަމަ ހަގީގަތުގައި ފެންނަނީ އެތައް ދުވަހަކު ރަށު ބަންދުގައި އަޅުވެތިކަމުގައި ތިބި ބަޔަކު މިނިވަންކޮށް ދޫކޮށްލުމުން އުޅޭ ފަދަ މަންޒަރެވެ. ގިނަ ބަޔަކަށް ހީވީ ދެ އީދު އެއްފަހަރާ ލައިގަނެގެން އުޅޭހެންނެވެ. އެމަންޒަރުތަކަށް ބަލައިލުމުން މިރާއްޖޭގައި ކޯވިޑޭ ކިޔާ ވަބާއެއް އުޅުނު ކަމެއް އެއްވެސް މީހަކު ހަނދާނެއް ނެތެވެ. އެފަދަ ބިރުވެރި އިހުސާސެއް ކޮށްފައި ވެސް ނެތެވެ.

އެކަމަކު ދަންނަވަން ތޯއެވެ؟ ތިޔަ އުޅުއްވަނީ އަވާމެންދުރެއްގައެވެ. ގޯސް ހުވަފެނެއްގެ ތެރޭގައެެވެ. ހަގީގަތް ގަބޫލުކުރަށްވާށެވެ. މިރާއްޖެއަކުން ވެސް އަދި ދުނިޔެއަކުން ވެސް ކޯވިޑޭ މިކިޔާ ނުރައްކާތެރި ވަބާ ފިލައިގެނެއް ނުދެއެވެ. އެބައްޔަށް ސައްތައިން ސައްތަ ފަރުވާއެއް ވެސް އަދި ނެތެވެ. ހޯދިފައިވަނީ ވެސް ކޯވިޑާއި ދެކޮޅަށް ހަށިގަނޑު މަސައްކަތްކުރުމަށް ބާރުޖައްސާ ވެކްސިނެކެވެ. އެވެކްސިން ޖެހީމާ ކޮންމެވެސް މިންވަރަކަށް ކޯވިޑާއެކު އުޅެވެނީއެވެ. ކޯވިޑް ޖެހުން ކޮންމެވެސް ވަރަކަށް ދުރުކޮށްދެނީ ހަށިގަނޑުގެ ދިފާޢީ ބާރު ގަދަކޮށްދޭތީއެވެ. ވެކްސިން ޖެހީމާ ކޯވިޑް ޖެހުނަސް ހާލުބޮޑުވެ މަރުގެ ތަންމައްޗަށް އެރުމާއި ދުރުކޮށްދެނީއެވެ. އެއީ ކޯވިޑް ނައްތާލައި އެވައިރަސް ފޮހެލާ ވެކްސިނެއް ނޫނެވެ. އެ ވެކްސިން ޖަހައިގެންވެސް އުޅެން ޖެހޭނީ ކޯވިޑާއެކު އުޅެން އަންގާފައިވާ ޚާއްޞަ ހާލަތާ އެއްގޮތަށެވެ. ރާއްޖޭގައި ކިތަންމެ ގިނަ ބަޔަކަށް ވެކްސިން ޖެހުނު ނަމަވެސް ވެކްސިން ނުޖެހޭ އުމުރުފަރައެއްގެ ވަރަށް ނާޒުކު ބަޔަކު އެބަތިބިކަން ހަނދާން ނައްތާ ނުލާށެވެ. ބައްޕައާއި މަންމައާއި މާމައާއި ކާފައާއި ދައްތައާއި ބޭބެ ވެކްސިން ޖަހައިގެން ތިއްބަސް ކުޑަކުދިންކޮޅު އަދި އެތިބީ ހަމަ ރޯހާލާއެވެ. ތިމަންނާއަށް ނޭވާލާން އެބަ ދަތިވެޔޭ ބުނާންވެސް ނޭނގޭ ވަރުގެ ކުޑަދަރިންކޮޅު އެތިބީ ކޯވިޑްގެ ތުންފަތްމަތީގައެވެ. ތިމާ ވެކްސިން ޖަހައިގެން ހުރީމާ ކޮންމެވެސް ވަރަކަށް ރައްކާތެރިކަން ލިބުނު ނަމަވެސް ކައިރީގައި ހުރި ކުޑަ ދަރިފުޅު ނުވަތަ ކޮއްކޮއަށް އެފަދަ އެއްވެސް ރައްކާތެރި ކަމެއް ނެތެވެ. އެހެންވީމާ ވެސް އަދި އެއްފަހަރު ވިސްނާލާފައި ހަމަ ބިމަށް ފައިބާށެވެ. އަދި ތިޔަ އުޅެނީ ހަމަ ކޯވިޑާއި އެކުގައެވެ. ޖެހިގެން ހުރި މީހާގެ ގައިގާ އެ ނުބައި ވައިރަސް ނެތް ކަމެއް ތިބާއަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގޭނެއެވެ.

މިމަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް-19 އަށް މާލެއިން ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ ވިއްސަށްވުރެ ދަށުގައެެވެ. އެހެން ނަމަވެސް ފާއިތުވި ތިން ދުވަހުގެ އަދަދުތަކަށް ބަލާއިރު މާލެ އިން ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ އިތުރުވާން ފަށާފައެވެ. މިއީ ހަމަ ނުރައްކާތެރި ކަމުގެ ނިޝާނަކަށް ވެސް ވެދާނެއެވެ. އެންމެންގެ ވެސް އެދުމަކީ މިގޮތުގައި ބަލި ކޮންޓްރޯލް ކުރެވިފައި އޮތުމެވެ. ހާލުބޮޑުވެ ހޮސްޕިޓަލުގައި އެކަކުވެސް އެނދުމަތި ކުރާން ނުޖެހުމެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައި ހުރި ހުރިހާ ފިޔަވަޅެއް މާލެއިން އުވާލިތާ ދެހަފްތާ ފަހުން އަނެއްކާވެސް އަދަދުތައް ކޮންމެވެސް ވަރަކަށް އިތުރުވާން ފެށުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މީގެ ކުރިން ވެސް ފިޔަވަޅުތަކަށް ލުއިތައް ދިނުމުން ހާލަތު ގޯސް ވާން ފަށައިފައި ހުރީ ފިޔަވަޅުތަކަށް ލުއިތައް ދޭތާ ދެހަފްތާއެއް ދުވަސް ފަހުންނެވެ. ލުއިތަކާއެކު ގިނަ ބަޔަކު މާލެއިން ރަށްރަށައް ދަތުރުކޮށް އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފަށް އަމަލުތައް ބަހައްޓަމުންދާއިރު، މިބޮޑު ބަންދާއި ޗުއްޓީއަށްފަހު ރާއްޖޭގެ ރަށްރަށުގައި ބަލީގެ ހާލަތު ގޯސްވެގެންދިޔުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. މިއީ ކޮންމެ ފަރުދަކުމެ ވިސްނާލަން ޖެހޭ މުހިންމު ކަމެކެވެ.

އީދު ކުޅިވަރު ކުޅުނު ނަމަވެސް އެޗްޕީއޭ ގައިޑްލައިނާއި ޚިލާފަށް އަމަލުތައް ބަހައްޓާނަމަ ކުރިއަށް އޮތީ ދަތި އުދަނގޫ ދުވަސް ތަކެކެވެ. ހިތްދަތި ބިރުވެރި ދުވަސް ތަކެކެވެ. ފަހަރުގައި އެއީ ފުރަބަންދަކަށް ވެސް ވެދާނެއެވެ. "ރައްކާވެ ތިބިއްޔާ ދަތުރެވެ."

ބޮޑުބަންދުގައި މަޖާކޮށްލާފައި އައިސް އަލުން ގޭބަންދުވާން ބޭނުން ނުވާނަމަ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އުޅޭށެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅޭއިރު ރަނގަޅަށް މާސްކް އަޅާށެވެ. އަވަސް އަވަހަށް އަތް ދޮންނާށެވެ. ނޫނީ ސެނިޓައިޒް ކުރާށެވެ. ތިމާއާއި އެކުގައި އެއް ބަބްލެއްގައި އުޅޭ މީހުން ފިޔަވައި އެހެން މީހުންނާ ވީހާވެސް ބައްދަލު ނުވެ އުޅޭށެވެ. މާސްކް އަޅައިގެން ތިންފޫޓަށްވުރެ ދުރުގައި ހުރެގެން އަނެކާއާ ބައްދަލު ކުރާށެވެ. ސަލާންކޮށް ނޫޅޭށެވެ. ގެއިން ބޭރުން އައިސް ފުރަތަމަ ކުރާ ކަމަކީ ލައިގެން ހުރި އެއްޗެހި ބާލައި ފެންވެރުން ކަމުގައި ހަދާށެވެ. ވެކްސިން ނުޖެހޭ އުމުރުފުރައިގެ ކުދިން އާންމުންގެ ތެރެއަށް ނުނެރޭށެވެ. ހައިރިސްކް މީހުން ގޭގައި ތިބޭށެވެ. ކެއްސައި ކިނބިހި އަޅައި ހުންއައިސް ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ގޭގައި މަޑުކުރާށެވެ. އެފަދަ މީހަކު ތިމާ ހުންނަ ތަނެއްގައި ހުރިނަމަ ނަސޭހަތްތެރިވެ އެމީހަކު އަވަހަށް ފޮނުވާލައި ރައްކާތެރިކަން ހޯދާށެވެ. އެއީ ތިމާއާއި އެހެން މީހުންގެ ސަލާމަތަށްވެސް އޮތް އެންމެ މޮޅު ގޮތެވެ.

ކިޔުންތެރިންގެ ހިޔާލު