ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް މިމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު އެއްލައްކަ ވިހިހާހަށް އަރައިފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހު މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 120،529 ފަތުރުވެރިންނެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މަޢުލޫމާތު ހާމަކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 732،896 ފަތުރުވެރިންނެވެ. މި އޯގަސްޓްމަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 120،529 ފަތުރުވެރިންނެވެ. ޖެނުއަރީމަހު ރާއްޖެއަށް 92،103 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ފެބްރުއަރީމަހު 96،882 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

އަދި މާރޗް މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 109،585 ފަތުރުވެރިންނެވެ. އޭޕްރީލް މަހު 91،200 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މެއި މަހު ރާއްޖެއަށް ޒިޔާރަތް ކުރީ، 64،613 ފަތުރުވެރިންނެވެ. އަދި ޖޫން މަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ، 56،166 ފަތުރުވެރިންނެވެ. މިދިޔަ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރީ 101،818 ފަތުރުވެރިންނެވެ.

މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިންނެވެ. އެޤައުމުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރި ނިސްބަތް 21.5 އިންސައްތައިގައި ހުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން ޙިއްސާކުރަނީ 19.9 އިންސައްތަ ފަތުރުވެރިންނެވެ. މިއަހަރު އެވްރެޖްކޮށް ރާއްޖެއަށް ދުވާލަކު ޒިޔާރަތް ކޮށްފައިވަނީ، 3،096 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ 823 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން 156 ރިސޯޓަކާއި، 143 ސަފާރީގެ އިތުރުން 10 ހޮޓަލަކާއި، 514 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެެވެ. މިއީ 50،294 ބެޑް ކެޕޭސިޓީއެވެ. އަދި ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީއަކީ 36،932 އެވެ.

ސަރުކާރުން ލަފާކޮށްފައިވަނީ، މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށެވެ. މީގެއިތުރުން މިއަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް ފަތުރުވެރިކަމުގެ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. މައުސޫމް ވިދާޅުވެފައިވަނީ، މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 93 އިންސައްތަ މުވައްޒަފުން ވެކްސިންގެ 2 ޑޯޒްވެސް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން