ޞާދިރު ޢަލީދީދީ   13 މޭ 2020 - 4:1
ޤިޔާމަތް ކައިރިވެއްޖެ
ޤިޔާމަތް ކައިރިވެއްޖެ
"ވަގުތު ފާއިތުވުމުގެ ކުރިން ނަމާދަށް

އަވަސްވެގަންނާށެވެ! މަރުވުމުގެ ކުރިން ތައުބާވުމަށް އަވަސްވެގެންނާށެވެ!"

* ކުރީގެ އަދަދާއި ގުޅޭ .......

ﷲ ސުބުުޙާނަހޫ ވަތަޢާލާގެ ޢިލްމުގައި އޭގެ އެތަކެއް މަޞްލަޙަތަކާއި އަދި ޙިކްމަތްތަކެއް ހިމެނިގެންވާނެއެވެ. އޭގެތެރެއިން އަޅުގަނޑުމެންގެ އުނިވިސްނުމަށް އަންނަ މަޞްލަޙަތަކީ މިދުނިޔޭގައި އިންސާނާގެ ގުޅުން އިންސާނުންނާއިއެކު ގުޅިފައިވާކަމެވެ. އެކަލާނގެ އިންސާނާއަށް އަންގަވައި ޙުކުމްކުރައްވާފައިވަނީ އެންމެހާ މަޚްލޫޤު ތަކުންނާއިމެދު ގުޅުންތަކާއި، އުޅުންތައް ރަނގަޅުކޮށް، އަނިޔާއިން ދުރުވެ އެއްކިބާ ވެގަތުމަށެވެ. މަޚްލޫޤުންގެ މައްޗަށްވާ މަޚްލޫޤުންގެ ޙައްޤުތައް އަޅުގަނޑުމެންގެ މާތްވެގެންވާ ޝަރީޢަތުގައި ބަޔާންވެގެން ވެއެވެ. އިންސާނުންގެ ޒިއްމާގައި މަޚްލޫޤުންގެ ޙައްޤުތައް ފިޔަވައި ﷲ ސުބުުޙާނަހޫ ވަތަޢާލާގެ ޙައްޤުވެސް ވެއެވެ. އޭގެ ތަފްސީލުވެސް ޝަރީޢަތުގައިވަނީ ބަޔާންވެގެންނެވެ. މިއާއެކު ހަނދުމަބަހައްޓަވަންޖެހޭ އަނެއް ކަމަކީ ހެޔޮޢަމަލާއި ނުބައި ޢަމަލުތައްވަނީ ދެބައަކަށް ބެހިގެންދާނެ ކަމެވެ. އެއްބަޔަކީ، އެކަންކުރުމުން ކުރިމީހާއަށް ސަވާބު ނުވަތަ ޢަޒާބުވުމާއެކު އެކަން ވަގުތުން ނިމިދާ ދެމިގެންނުވާ ޢަމަލެެވެ. އަނެއްބަޔަކީ، އެކަން ވުޖޫދަށް އައުމާއެކު ނިމިނުދާ އޭގެ އަސަރުތައް ދެމިގެންވާ ޢަމަލެވެ. އަދި އެޢަމަލުގެ ސަބަބުން އެޢަމަލުކުރި މީހާއަށް ބަރާބަރަށް ސަވާބު ނުވަތަ ޢަޒާބު އިތުރުވަމުންދާ ޢަމަލެވެ.

ކޮންމެއަކަސް ކަށްވަޅަކީވެސް ޢަމަކުގެ ގޮވައްޗެއް ކަމަށްވެފައި ޤިޔާމަތްދުވަހުން އެއަށް ސަވާބާއި ޢަޒާބު ލިބުންވާ ޢަމަލުތައް އެމީހާގެ ޢަމަލުގެ ފަހަތަށް ކަށްވަޅުގައިވެސް އިތުރުވަމުންދާއިރު، އެމީހާގެ ހުރިހާ ޢަމަލުތަކެއްގެ ބަދަލު ލިބެނިވި މަންޒިލަކަށް ކަށްވަޅުވާނީ ކޮންފަދައަކުންތޯއެވެ؟ އަދި ހަމަ މިއާއެކު އަޅުތަކުންގެ ޙައްޤުތަކުގެ ނިޔާވެސް ވާންޖެހެއެވެ. ކަށްވަޅުގައި ޙައްޤުތަކުގެ ވެރިން އެމެން އެއްކޮށް ޖަމަޢުވުމެއް ނުވެއެވެ. މިހެނީ ކަށްވަޅަށް ދިއުމުގައި ބައެއްމީހުން ކުރީން އަދި ބައެއްމީހުން ފަހުން އިސްފަސްވެގެންދާއިރު، ދަޢުވާކުރާ މީހާއާއި ދަޢުވާލިބޭމީހާއާއި އެއް ޙާޟިރުގައި ނެތިކުރެވޭ ނިޔާއަކީ ޢަދްލު އިންސާފާއި ޚިލާފަށް އަނިޔާގެވަސްވެސް ވުމީ ބުއްދި ޤަބޫލުކުރާ ކަމެއް ނޫނެވެ.

ވީމާ ޙިކްމަތާއި މަޞްލަޙަތު އެދޭގޮތަކީ އެދުވަހުގައި އެންމެން ޙާޟިރުވެ އެއްތަނަކަށް ޖަމައުވެ ތިބޭ ދުވަހެއް ނިޔާކުރެެއްވުމަށްޓަކައި ކަނޑައެޅިފައި އޮތުމެވެ. އަދި އެދުވަހުން ކޮންމެ މީހަކަށް އެމީހަކު ކޮށްފައިވާ ޢަމަލު (އެއީ އެމީހާ އަމިއްލައަށް ކުރިކަމެއް ކަމުގައިވިޔަސް އަދި އެއީ އެމީހާގެ ސަބަބުން ހިނގިކަމެއް ކަމުގައިވިޔަސް) ފުރިހަމައަށް އެއްވެސް އުނި އިތުރަކާނުލައި އޭގެ ޖަޒާދެއްވުމެވެ. މިދެންނެވި ތާރީޙީ ދުވަހަކީ ޤިޔާމަތް ދުވަހެވެ. މިދުވަހުން ކުރީގެ މީހުންނާއި ފަހުގެ މީހުންނާއި އެންމެން އެއްކޮށް މަޙްޝަރުގެ މައިދާނަށް ޖަމައު ކުރައްވައި ކޮންމެ މީހަކަށްވެސް އެމީހަކު ކޮށްފައިވާ ޢަމަލުގެ ޖަޒާ ﷲ ދެއްވާނެއެވެ.

ޢަމަލުތަކުގެ ބަދަލުދެއްވުމާއި ނިޔާކުރެއްވުން މިދުނިޔޭގައި ހަމަ ނުޖެއްސެވީ ކީއްވެގެންތޯއެވެ؟ މިސުވާލަކީވެސް ފަހަރުގައި ހިތުގައި އުފެދިދާނެ ސުވާލެކެވެ. މީގެ ޖަވާބުގައި ބުނަންޖެހޭނީ މިދުނިޔެއަކީ ޢަމަލުކުރުމަށްވާ އިމްތިޙާނުގެ ގޯތިކަމުގައެވެ. ހެޔޮކަންތަކުން ނުބައިކަންތައް ފޮހެވިދިއުމާއި ތަޢުބާއިން ފާފަ ފޮހެވުމާއި މިކަންތައް މިދުނިޔޭގައި ދެމިގެންވެއެވެ. ވީއިރު އިމްތިޙާނު ކުރެެއްވެވެމުން ދާދިއުމުގެތެރޭގައި އޭގެ ނަތީޖާތައް ފާޅުވަމުންދިއުމީ އިމްތިޙާނުގެ މަޤްޞަދު ގެއްލިދާ، ޙިކްމަތާއި މުޅިން އިދިކޮޅު ދެކޮޅުނުޖެހޭ ގޮތެކެވެ. އަދި އެގޮތަށް މިދުނިޔޭގައި ބަދަލު ލިބެންފަށައިފިނަމަ ޣައިބަށް އީމާންވުންވެސް ނެތުނީއެވެ. މިހެންކަމުން ކޮންމެހެން އެންމެންގެ ނިޔާތައް ވެނިމި، ކޮންމެ މީހަކަށްމެ އެމީހަކު ކޮށްފައިވާ ޢަމަލުގެ ބަދަލު ލިބި އެމީހެއްގެ ޢަމަލާއި އެކަށޭނެ ގޮތުން ނަރަކައަށް ނުވަތަ ސުވަރުގެއަށް ދިއުމަށްފަހު މުޢުމިނުންގެ ތެރެއިން އެމީހުންގެ ނުބައި ޢަމަލާއިހުރެގެން ނަރަކައަށް ދިޔަ މީހުން ﷲ އިރާދަކުރައްވަވާއިރަކުން ނަރަކައިން ނެރުއްވަވާ ސުވަރުގެ ވައްދަވާނެއެވެ. ސުވަރުގެއިން އެކަކުވެސް ނުނެރުއްވެވޭނެއެވެ. ޙަޤީޤީ ކާމިޔާބީއަކީ ޤިޔާމަތް ދުވަހުގެ ނިޔާއަށް ފަހު ސުވަރުގެ ލިބުމެވެ. ކީރިތި ޤުރްޢާނުގައި އިމްރާން ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ކޮންމެ ނަފްސެއް މަރުގެ ރަހަ ލިބިގަނެއެވެ. އަދި ޤިޔާމަތްދުވަހުން ކަލޭމެންނަށް ބަދަލު ދެވެއެވެ. ފަހެ ނަރަކައިން ދިންނެވި ސުވަރުގެ ވައްދާލެވުނު މީހާ ހަމަކަށަވަރުން ކާމިޔާބު ވެއްޖެއެވެ. އަދި ދުނިޔޭގެ ދިރިއުޅުމަކީ، ހެއްލުންތެރި ސާމާނުކަމުގައި ނޫނީ ނުވެއެވެ." މިފަދައިންނެވެ.

ސުވަރުގެއާއި ނަރަކައިގެ ސިފައިގައި އިންސާނުންނަށް ލިބޭ އެބައިމީހުންގެ ޢަމަލުތަކުގެ ބަދަލާއި އަދި ޤިޔާމަތްދުވަހުން ވެވޭ އެބައިމީހުންގެ ޢަމަލުތަކުގެ ނިޔާތަކާއި ބެހޭ އަޙްވާލުތައް ވަރަށް ތަފްޞީލުކޮށް ޤުރްޢާނާއި ޙަދީޘްތަކުގައި ބަޔާންވެގެން ވެއެވެ. މުސްލިމުން ފިޔަވައި އެހެނިހެން ބާޠިލު ދީންތަކަށް އުޅޭމީހުންވެސް މަރުވުމަށްފަހުގައި ޢަމަލުތަކުގެ ބަދަލު ލިބުމާއިބެހޭގޮތުން ޚިޔާލުތަކާއި ހީތަކެއް ގެންގުޅެއެވެ. ނަމަވެސް އެމީހުންގެ ޚިޔާލާއި ހީތަކުގެ އެއްވެސް ޙަޤީޤަތެއް ހަރުދަނާ ބިންގަލެއް ނުވެއެވެ. ހުރިހާވެސް ސަބަބަކީ އެބައިމީހުންގެ ޚިޔާލާއި ހީތަކަކީ އެބައިމީހުންގެ އަމިއްލަ ވިސްނުމުން ނެރެގެން އުޅޭ ﷲ ގެ ރަސޫލުންގެ ތަޢުލީމާއި އެބޭކަލުން ދެއްވާފައިވާ އިރުޝާދުން އެނގިބަޔާންވާ ޢަޤީދާތަކާއި ޚިލާފު އެއްޗަކަށް ވާތީ އެވެ. މިސާލަކަށް ބަލާނަމަ، ބާޠިލު ދީނަށް އުޅޭ ބައެއް މީހުންގެ ޚިޔާލަކީ އިންސާނާ މަރުވުމުން އޭނާގެ ފުރާނަ ކޮންމެވެސް އިންސާނެއްގެ ނުވަތަ ޙައިވާނެއްގެ ހަށިގަނޑަށް ބަދަލުވެގެން ދުނިޔެއަށް ދެވަނަ ދިރުމަކަށް ދިރިގެން އަންނަކަމުގައެވެ. މިނުބައި ފާސިދު ޚިޔާލު އެބައިމީހުން ކޮށްފައިވަނީ ފަހަރެއްގައިވެސް ރަސޫލުންނާއި ނަބިއްޔުންގެ އިރުޝާދުތަކަށް ބަލައިގެން އެބޭކަލުންގެ ތަޢުލީމާއި އެއްގޮތަށް ޚިޔާލު ކޮށްގެނެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މިޚިޔާލަކީ ދުނިޔޭގައި ތަފާތު ދަރަޖަތައް ވާތީ އެއާއިމެދު އެމީހުން ވިސްނިވިސްނުމުގެ ނަތީޖާއެވެ. މިހެނީ ދުނިޔޭގައި ބައެއްމީހުން ވެރީންނަށް، އަނެއްބައަކު މީހުންގެ އަމުރަށް ކިޔަމަންވާ ބަޔަކަށް، އެއްބަޔަކު މުއްސަނދިންނަށް އަނެއް ބައަކު ފަޤީރުންނަށް، އެއްބަޔަކު ޚާދިމުންނަށް، އެއްބަޔަކު ޙިދުމަތް ލިބިގަންނަބަޔަކަށް އަދި ހަމަ މިގޮތަށް އެތައް ގިނަ ތަފާތު ދަރަޖަތައް މީހުންގެ މެދުގައިވަނީ ކޮންސަބަބަކާ ހުރެތޯ މީހުން ވިސްނާފިކުރުކޮށް ހޯދާބެލުމުންވެސް މީގެ ފަލްސަފާ އެމީހުންނަކަށް ނުވިސްނުނެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް މިއުއްމަތަށް ދެއްވަވާފައިވާ މަތިވެރި އިރުޝާދުތަކުން މީގެ ފަލްސަފާ ހޯދާކަށެއް އެމީހުން ނޫޅެއެވެ. އެމީހުން އުޅެނީ އަމިއްލަ ވިސްނުމުން ވިސްނާ ފިކުރުކޮށް ހޯދާށެވެ. ނަމަވެސް އެމީހުންނަކަށް ނުވިސްނުނެވެ. ނުއެނގުނެވެ. އެންމެފަހުން އެމީހުން ޚިޔާލުކުރަންފެށީ މަރުވުމުގެ ކުރީން ދުނިޔޭގައި އުޅެގެން އެމީހާ ކޮށްފައިވާ ރަނގަޅުކަންތަކާއި ނުބައި ކަންތަކުގެ ނަތީޖާއެއްގެ ގޮތުން އަލުން ދެވަނަ ފަހަރަށް މިދުނިޔެއަށް ދެވަނަ ދިރުމުގައި އައިސް މޮޅުދެރަ ލިބެނީ ކަމުގައެވެ. މިގޮތަށް ހީކޮށްއުޅޭ މީހުންގެ ހުރި ނުވިސްނޭކަމާއި މޮޔަކަން ހިތާ ޙައިރާންވާންޖެހެއެވެ. މިހެނީ މިދުނިޔޭގައި އުޅޭ ހަމައެކަކަށްވެސް ތިމާއަށްލިބޭ މޮޅެއް އެލިބެނީ ތިމާގެ މިވެނިކަމެއްގެ ބަދަލުގައިކަން ނުވަތަ ލިބޭ ދެރައެއް އެލިބެނީ ތިމާގެ އެވެނި ނުބައިކަމެއްގެ ބަދަލުގައިކަން ނޭނގެއެވެ. ވީއިރު، މިހާއަށް މިދުނިޔޭގައި ލިބޭ މޮޅުދެރައީ ކުރީގެ ދިރުމުގައި ކޮށްފައިވާ ޢަމަލުގެ ބަދަލޭ ބުނެވޭކަށް ނެތެވެ. އަދި އެހެން ބުނުމުގެ އެއްވެސް މާނައެއް ނެތެވެ. ސަލާމަތް ބުއްދީގެ ވެރިއަކަށް، ވަންހަނާވެގެން ނުވާނެފަދައިން ބަދަލުލިބޭ މީހާއަށް ތިމާއަށް ލިބޭ މޮޅުދެރައަކީ މިއީ ތިމާކޮށްފައިވާ މިވެނިއެވެނި ހެވަކާއި ނުބައިކަމުގެ ބަދަލުކަން އެނގެންޖެހެއެވެ. ނޫންނަމަ ހެޔޮކަންތައް ކުރުމާއި ނުބައިކަންތަކުން ދުރުވެގަތުމުގެ އެދުން މީހާގެ ހިތުން ފިލައިގޮސް އެއްވެސް ޝުޢޫރެއް ނުވާދުނިޔެއެއްގައި އުފަލާއި ހިތާމައިގެ އިޙްސާސްނެތި އުޅެންޖެހޭނެކަމީ ވަންހަނާވެގެން ވާނެކަމެއްނޫނެވެ.

ކޮންމެއަކަސް ތެދު ޙަޤީޤަތަކީ ހަމައެކަނި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާ އިރުޝާދު ދެއްވާފައިވާ ގޮތެވެ. އެއީ މުޅިންމެ ޥަޙީއެވެ. ޚިޔާލައި ހީތަކަކީ އެއްވެސް މާނައެއްނެތް ބާޠިލް އެއްޗެއްކަންރަސޫލާވަނީ ހާމަކުރައްވާފައެވެ.

ވީމާ ކީރިތި ޤުރްޢަނާއި ކީރިތި ރަސޫލާގެ ޙަދިޘްގެ އަލީގައި ޤިޔާމަތުގެ ވާހަކަ ތަފްޞީލުކޮށް ލިޔަން ޤަސްތުކުރަމެވެ. މީގައި ބަޔާންވެގެންވަނީ ޙައްޤުތެދެވެ. ކޮންމެ މީހަކުވެސް މިތެދުކޮށް ޤިޔާމަތް ދުވަހުން ރަނގަޅު މޮޅު ނަތިޖާ ލިބިގަތުމަށްޓަކައި ގަދަ އަޅައި މަސައްކަތް ކުރަމާ ހިނގާށެވެ. .......(ނުނިމޭ)

* މި ލިޔުމަކީ ރިސާލާ ބުކްޝޮޕުން ނެރެމުން އަންނަ ދީނީ ސިލްސިލާ "ތަރިކަ" ފޮތްތަކުގެ ތެރެއިން، ޝެއިޚް އިދްރީސް ހުސައިން ލިޔުއްވާފައި ނެރުއްވި ފޮތް "ޤިޔާމަތް ކައިރިވެއްޖެ" އިން ނަކަލުކޮށް ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން