އޮމާރް ޓޭލަރ އާއިލާއާއިއެކު
އޮމާރް ޓޭލަރ އާއިލާއާއިއެކު
ކޯވިޑް-19 އާއި ދެކޮޅަށް ކުރި ހަނގުރާމައިގައި ވާހަކަ ދެއްކުމުން މުޅިން މަހުރޫމްވި ދެކުދިންގެ ބައްޕައަކު ކޯވިޑް-19 އާއި ބެހޭގޮތުން ކުރާ ދިރާސާއެއްގައި ބައިވެރިވާން ނިންމައިފިއެވެ.

އިނގިރޭސި ވިލާތުގެ އެސެކްސްއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އޮމާރް ޓޭލަރ ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ހޮސްޕިޓަލުން ގެއަށް ދޫކޮށްލުމާ ދޭތެރޭގައި އޭނާއަށްވަނީ ނިއުމޯނިޔަ ދެފަހަރަށް ޖެހި، ސެޕްސިސް، ހާޓް އެޓޭކްގެ އިތުރުން، ދެ ސްޓްރޯކްވެސް ޖެހިފައެވެ. ކެއަރ ޔޫކޭގެ ރީޖަނަލް ޑިރެކްޓަރެއްގެ މަގާމުގައި މަސައްކަތްކުރަމުން އައި އޮމާރް އަށް ފަރުވާ ދެމުންދިޔަ ކޮލްޗެސްޓަރ ހޮސްޕިޓަލުން އޭނާގެ އާއިލާއަށް އެންގީ އެންމެ ގޯސް ހާލަތަކަށް ތައްޔާރުވެ ތިބުމަށެވެ.

އެ ހޮސްޕިޓަލްގެ އައިސީޔޫގައި ޖުމްލަ 30 ދުވަހު ވެންޓިލޭޓަރުގައި އޮތުމަށްފަހު އޮމާރްގެ ކަނާއަތު އަތް ވަނީ ޕެރެލައިޒްވެފައެވެ. ދެން ނުވެސް ހިނގޭނެކަމަށް ޑޮކްޓަރުން އޭރު ބުނަމުން ދިޔަ ނަމަވެސް، އޮމާރް ހޮސްޕިޓަލުން ނުކުތީ ނަރުހުން އޭނާއަށް ކީ ކުލަގަދަ އަލްވަދާޢާއެކު ހިނގާފައެވެ.

އަދިވެސް ވާހަކަ ނުދެއްކޭ އޮމާރް އިއްޔެ ހެނދުނު "ގުޑް މޯނިން ބްރިޓެއިން" ޝޯވއިން ފެނިފައިވަނީ އޭނާގެ އަންހެނުން ކޭޓްލިންއާއި 4 އަހަރުގެ އަންހެން ދަރިފުޅު، ވިވިއެން އަދި 2 އަހަރުގެ ހެރިސަން އާއެކު އެމީހުން ދިރިއުޅޭ ގެއިންނެވެ. އަދި ސައިންސްވެރިން ހަދާ ހާއްސަ ދިރާސާއެއްގައި އޮމާރްގެ ކޯވިޑް-19ގެ ކޭސް ދިރާސާ ކުރެވޭނެކަން އާއިލާއިން ހާމަކޮށްފައިވެއެވެ.

ނަރުސްކަން ކިޔަވަމުންދާ އުމުރުން 30 އަހަރުގެ އޮމާރްގެ އަންހެނުން، ކޭޓްލިން ބުނީ ނިމިގެން އެ ދިޔައީ ވަރަށް އުނދަގޫ ދުވަސްތަކެއްކަމަށެވެ. އަދި އޮމާރް އަށް ދިމާވެފައިވާ މައްސަލަތައް ރަނގަޅުވުމަށް ދިގު މުއްދަތެއް ނަގާނެ ކަމަށާއި އެތައް މަސައްކަތެއް ކުރަން ޖެހޭނެ ކަމަށް ކޭޓްލިން ވަނީ ފާހަގަކޮށްފައެވެ. އޮމާރް އަށް 12 ހަފްތާ ވާންދެން ކެނޑިނޭޅި އިންޓެންސިވް ރީހެބިލިޓޭޝަން ލިބެމުންދާކަން ކޭޓްލިން ވަނީ ފާހަގަކޮށްފައެވެ.

"އޮމާރްއަށް ދެބަސް ނޫނީ ތިން ބަސް ވަރު އެއްފަހަރާ ކިޔޭ. އެކަމަކު މިހާރުވެސް ސްޕީޗް އަދި ލޭންގުއެޖް ތެރަޕިސްޓެއް ގެނެސްގެން ކޮންމެ ދުވަހަކު ތެރަޕީ ދެމުން މިދަނީ. އަދި އަހަރެމެން ގޭގައި ޕްރެކްޓިސްވެސް ކުރަން." ކޭޓްލިން ކިޔައިދިނެވެ.

އޮމާރްގެ ކަނާއަތް ޕެރެލައިޒްވެފައި އޮތްނަމަވެސް، ގަވައިދުން ފަރުވާ ދެވިއްޖެނަމަ އެއަތް 90 އިންސައްތަ ރަނގަޅުވާނެކަމަށް ޑޮކްޓަރުން ގަބޫލުކުރާކަމަށް ކޭޓްލިން ބުނެއެވެ.

"ހިއެއް ނުކުރަން އޮމާރް ސަލާމަތްވާނެކަމަކަށް. އަދި ދެފަހަރު ސްޓްރޯކް ޖެހުމުން ޑޮކްޓަރުން ބުނި ދެން ނުހިނގޭނެއޭ. އަދި ވެންޓިލޭޓަރުގައި އޮތްއިރު ޓްރެކިއޯޓޮމީއެއް ހެދުމުން ދުވަހަކު ވާހަކަދެއްކޭނެ ކަމެއްވެސް ނޭނގެއޭ." ކޭޓްލިން ބުންޏެވެ.

ކޭޓްލިން ވަނީ އޮމާރް އަށް ފަރުވާކުރުމުގައި ހަރަކާތްތެރިވި ސިއްހީ ޚިދުމަތްތެރިންނަށް ތައުރީފްކޮށްފައެވެ. އަދި ޝުކުރުގެ ބަސްތައް އޮއްސާލިނަމަވެސް އެމީހުންނަށް އަދާކުރަންޖެހޭ ޝުކުރު އަދާނުކުރެވޭނެ ކަމަށް ކޭޓްލިން ބުންޏެވެ.

އޮމާރް ހޮސްޕިޓަލްގައި ޖުމްލަ 8 ހަފްތާ ހޭދަކުރިއެވެ.

"ބޮޑު މީހަކަށް އެއީ ދިގު މުއްދަތަކަށް ނުވިނަމަވެސް، ކުޑަކުދިންނަށް އެއީ ވަރަށް ގިނަ ދުވަސް. އެކުދިން ހީކުރީ ބައްޕަ ދެން ނާންނާނެކަމަށް." ކޭޓްލިން ކިޔައިދިނެވެ.

އޮމާރްގެ ކޭސް ހާއްސަކޮށް ދިރާސާކުރުމަށް ސައިންސްވެރިން ނިންމާފައިވަނީ އޭނާގެ ކޭހުން ދަސްވާނެ ފިލާވަޅުތަކެއް އޮތްކަމަށް އެމީހުން ގަބޫލުކުރާތީއެވެ. އަދި އެހެން ބަލި މީހުންނަށް ފަރުވާކުރުމުގައި އެކަންކަން ބޭނުންކުރުމަށް ޑޮކްޓަރުން ބޭނުންވާކަމަށް ކޭޓްލިން ބުންޏެވެ. އޮމާރްގެ މެޑިކަލް ފައިލްތަކާއި ރިޕޯޓުތައް ޑޮކްޓަރުންނަށް ދިނުމަށް އޮމާރް އެއްބަސްވެފައިވާކަން ކޭޓްލިންވަނީ ކޮލްޗެސްޓަރ ގެޒެޓްގައި ހިއްސާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން