ކުރީގެ ދިފާއީ ވަޒީރު އާދަމް ޝަރީފް ޢުމަރު
ކުރީގެ ދިފާއީ ވަޒީރު އާދަމް ޝަރީފް ޢުމަރު
އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ހެދި އުތުުރު ތިލަފަޅު އެއްބަސްވުމުގެ އަސްލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އާ ހިއްސާ ކޮށްދިނުމަށް ކުރީގެ ދިފާއީ ވަޒީރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވައިފި އެވެ.

ޔޫޓީއެފް އެއްބަސްވުމާ ގުޅޭގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވީ ޔޫޓީއެފް މަޝްރޫޢަކީ ސިފައިން ބޭނުންވެގެން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ. އަދި އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ސަރުކާރަށް "ޕުޝް ކުރަމުންދަނީ" (ބާރުއަޅަނީ) ދިވެހި ސިފައިންކަމަށް ޝަމާލް އެދުވަހު ވަނީ ވިދާޅުވެފައެވެ.

މެންބަރު އާދަމް ޝަރީފް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވަނީ ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާއެކު ހަދަމުންދާ ބައެއް އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވެ، ސިޔާދަތު ގެއްލެމުންދާކަމަށް ރާއްޖޭގެ ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުން ކަމަށެވެ. މިކަމާގުޅިގެން އުތުރުތިލަފަޅު ތަރައްޤީކުރުމާބެހޭ އެއްބަސްވުމުގެ އަސްލު، 241 ކޮމިޓީއަށް ލިބޭނެގޮތް ހައްދަވައިދެއްވުންއެދި، 15 މާރޗް 2021 ގައި މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އާދަމް ޝަރީފް ވިދާޅުވީ، ދިވެހިރާއްޖެއާއި އިންޑިއާއަކީ ވަރަށް ރަޙުމަތްތެރި ދެޤައުމަށްވާއިރު، ދެޤައުމުގެ މެދުގައި އޮންނަންޖެހޭ އިތުބާރާއި ދެޤައުމުގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އެކުވެރިކަމަށް ބުރޫއަރާފަދަ ކަންކަން ވުމަކީ ދެޤައުމުގެ ރައްޔިތުންނާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލި، ދުނިޔޭގެ އެހެން ނުފޫޒުތަކުން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެތެރެއަށް ވަނުމުގެ ފުރުޞަތު ބޮޑުވާނެ ކަމެއް ކަމަށެވެ.

"ވީމާ، ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި ޤައުމީ ސަލާމަތާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ކަމެއް ނެތްކަން ކަށަވަރު ކުރުމަށްޓަކައި، އުތުރުތިލަފަޅު ތަރައްޤީކުރުމާބެހޭ އެއްބަސްވުމާއި، ހައިޑްރޮގްރަފީއާބެހޭ އެއްބަސްވުމާއި އަދި ޑޯނިއޮރ މަތިންދާ ބޯޓާބެހޭ އެއްބަސްވުމުގެ އަސްލު ހޯއްދަވައި، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ދިރާސާ ކުރައްވައި ޤައުމީ ސަލާމަތާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ކަންކަން ހުރިތޯ ބައްލަވައިދެއްވުން އެދެމެވެ." އާދަމް ޝަރީފްގެ ސިޓީގައި ވެއެވެ.



ޤައުމީ ދިފާޢީ ބާރުން މީގެ ކުރިން ބުނެފައިވަނީ، އުތުރުތިލަ ފަޅަކީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ހިމެނިގެން ތަރައްގީ ކުރެވޭ ތަނެއް ކަމަށާއި އޭގެ ސަބަބުން ވަރަށް ބޮޑު ފަސޭހަ ތަކަކާއި ފައިދާތަކެއް ދިވެހި އަސްކަރިއްޔާއަށް ލިބިގެންދާނެ ކަމަށެވެ. ޚާއްޞަކޮށް ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑްގެ އުޅަނދުތައް މަރާމާރުކޮށް ބެލެހެއްޓުމުގެ ގާބިލުކަން މީގެސަބަބުން އިތުރުވެގެން ދާނެ ކަމަށާއި، ދިވެހި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި ސިފައިންގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ވެސް އެމްއެންޑީއެފުން ފާހަގަ ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން