އައްޑޫޫސިިޓީ މަރަދޫ ބަނދަރު؛ މަރަދޫއަކީ އައްޑޫސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ ރަށް
އައްޑޫޫސިިޓީ މަރަދޫ ބަނދަރު؛ މަރަދޫއަކީ އައްޑޫސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ ރަށް
މުޅި ދިވެހި ރާއްޖެ ތަރައްގީ ވުމަކަށް ވާނީ އައްޑޫ ސިޓީ ތަރައްގީ ވެގެން ކަމަށް ސިޔާސީ މުފައްކިރުން ވަރަށް ގިނައިން ވިދާޅުވެއެވެ. މިފަދަ ވާހަކަ ތަކުގެ އަޑު އެންމެ ގަދަޔަށް ގުގުމާލަނީ އަބަދުވެސް ކޮންމެވެސް އިންތިޚާބަކާއި ކައިރި ވުމުންނެވެ. އެއްބަޔަކަށް އެކަމުގެ ޔަގީންކަން އޮވެއެވެ. އަނެއްބަޔަކު ގަބޫލު ކުރަނީ އެއީ ސިޔާސީ ސްޓަންޓް ކަމަށެވެ.

ނަމަވެސް ހަގީގަތަކީ އައްޑޫ ސިޓީއަށް މާބޮޑު ތަރައްގީއެއް މިވީހާތަނަށް ލިބިފައިވާ ކަމަކަށް އެއްވެސް ބަޔަކު ގަބޫލެއް ނުކުރެއެވެ. މިކަމުގެ ކަންބޮޑުވުން ފާޅު ކުރާ ތަނަކީ ސޯޝަލް މީޑީއާއެވެ. ވައިބާ ގްރޫޕް ތަކުގައެވެ. އެހެން ޕްލެޓްފޯމެއްގައި މިފަދަ ވާހަކައެއް ދައްކާ އަޑެއްނީވެއެވެ. މިއިން މިފެންނަނީ އައްޑޫ މީހުންގެ ގާބިލުކަންތޯއެވެ. ނުވަތަ ނާގާބިލު ކަންތޯއެވެ؟ މިދެގޮތް ގަބޫލުކުރާ މީހުންވެސް މަދެކޭ ދެއްނެވޭކަށް ނެތެވެ.

މިހާރު ވެރިކަން ކުރާ އެމްޑީޕީގެ ސަޕޯޓަރުންގެ ނިސްބަތުން އެންމެ ބޮޑު މެޖޯރިޓީ އޮތީ އައްޑޫގައެވެ. އައްޑޫ ގިނަރައްޔިތުން އެޕާޓީ ދެކެ ވަނީ އަމަށަކު ލޯތްބެކެވެ. މިހާރުގެ މިވެރިކަން އެޕާޓީއަށް ހޯދާދިނުމަށް އެންމެ ގަދައަށް މަސައްކަތް ކުރީ އައްޑޫ މީހުންނެވެ. އެކަން މިދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ކަހަލަގޮތަކަށް ހެކިވާނެއެވެ. ވޯޓުގެ ނަތީޖާއިންވެސް އެކަން އެއޮތީފެންނާށެވެ. މަޖިލީސް މެމްބަރުންވެސް ހަމަ އެޕާޓީއެވެ. މުޅި ކައުންސިލްވެސް ހަމަ އެޕާޓީއެވެ. ނުވިތާކަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ރައީސުންވެސް ހަމަ އެޕާޓީއެވެ.

ވެރިކަމުގެ ސަތޭކަ ދުވަހުގެ ތަރައްގީގެ ޕްލޭނުގައި އައްޑޫއަށް ހަމަޖެހިފަ އޮތީ ސިޓީ ސްކޮއާއަށް ބޮޑުދިދަ އަލުން ނެގުމެވެ. އެކަން ސަރުކާރުން އިޢުލާން ކުރުމުން އައްޑޫ ރައްޔިތުންނަށް ލިބުނު އުފާވެރިކަން ކިތައްމެހާވެސް ބޮޑެވެ. ސަބަބަކީ އައްޑޫގެ ތަރައްގީ ފެށިގަތީއެވެ. މެކުހަށް ޖެހީއެވެ. ދެނެއް ނުހުއްޓުވޭނެއެވެ. ކައުންސިލަށްވެސް އާރާއި ބާރު ލިބުނީއެވެ. ނަމަވެސް ވެރިކަމަށް ދެއަހަރުވާން ކާރިވެފައިވާ އިރުވެސް އެދިދަ ނެގުމުގެ މަސައަކަތް އަދިވެސް މުޅިން ނިމިފައެއް ނެތެވެ. މަސައްކަތް ދަނީކުރިއަށެވެ.

ސުވާލަކީ އައްޑޫއަށް ހަމަ އެންމެ ފުރަތަމަ ބޭނުންވަނީ ދިދިއެއް ނެގުންތޯއެވެ؟ ނުވަތަ ކޮންކަމެއްތޯއެވެ؟ މީގެ އެތަކެއް އަހަރެއް ކުރިންފެށިގެން އައްޑޫ ރައްޔިތުންނަށް ދިމާވެފައިއޮތް އެންމެ ބޮޑު މައްސަލައަކީ ވިއްސާރަ މޫސުމުގައި މުޅި އައްޑޫގައި ފެންބޮޑުވެ، ގޭގެއަށް ފެންވަދެ ހިފާގެންގުޅޭ އެތަކެއް އެއްޗެހި ކޮންމެ އަހަރަކު ހަލާކުވެގެން ދިއުމެވެ.

އެކަމަށް ޙައްލެއް ލިބޭނީ ނަރުދަމާ އެޅި، މަގުތައް ހެދި އަދި ފެންހިންދޭނެ ނިޒާމެއް ގާއިމު ކޮށްގެން ކަމަށް އައްޑޫގެ ކުދިބޮޑު އެންމެންވެސް ގަބޫލު ކުރައެވެ. ނަރުދަމާގެ ނިޒާމާއި ފޭދޫގެ ފެންހިންދުމުގެ މަސައްކަތް ބަޔަކާއި ހަވާލު ކުރީ ނިމިދިޔަ ސަރުކާރުން ނެވެ. ޚާއްސަކޮށް ފޭދޫއަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލަ ޙައްލު ކުރުމަށެވެ. މިފަހަރުވެސް ފެންބޮޑުވެގެން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ފޭދޫ އަވަށުގައި ދިރިއުޅޭ ރައްޔިތުން ނަށެވެ. މިމައްސަލައަކީ މީގެ އެތަކެއް އަހަރެއް ކުރިން ދިމާވާ މައްސަލައެއްކަން ކައުންސިލުގެ ހުރިހާ މެމްބަރުންނަށާއި އަދި މަޖިލީހުގެ ހުރިހާ އިއްޒަތްތެރި މެމްބަރުންނަށް ވަރަށް ރަނގަޅަށް އެނގެއެވެ.

އައްޑޫގެ ރައްޔިތުންނަށް ދިމާވާ އެންމެ މުހިއްމުކަންތައްތައް އަދި އެކަމަކުން އެންމެ ގެއްލުންވާ ކަންތައްތައް އަވަސް ކުރުމަށް ޕްލޭން ނުކުރެވި، ސިޓީ ކައުންސިލުންވެސް އަވަސްވެގަތީ ބޮޑުދިދަ ނެގުމަށެވެ. ދިމާވެފައިވާ ހުރިހާ މައްސަލަތަކެއްގެ ޙައްލަކީ ދިދަނެގުން ކަމަށް ގަބޫލު ކުރެވުނީ ކަމަށް ވެދާނެއެވެ.

ނަމަވެސް ރައްޔިތުންނަށް އެންމެ މުހިއްމު ކަންކަމަކަށް ޙައްލު ހޯދާދިނުމަށް، އެ ސަތޭކަ ދުވަސްތެރޭ ނުނިމިހުރި މަސައްކަތް ނިންމެވުމަށް މަސައްކަތް ކުރެވުނު ނަމަ މިއަދު އައްޑޫ ރައްޔިތުން ފެންގަޑުގައި ފަތާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ޙިއްސާ ނުކުރީހެވެ. މުދަލަށް ގެއްލުން ނުލިބުނީހެވެ.

ފޭދޫގައި މިހާރު ކުރިއަށްދާ ފެންހިންދުމުގެ މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމަފައި ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް އެސިސްޓަމުގައި ބަހައްޓަން ޖެހޭ ޕަންޕްތައް ގުޅުމަށް ބޭނުންވާ ކަރަންޓްބޯޑާއި އަދި ކޭބަލް ލިބުން ލަސްވާތީ މަސައްކަތް އޮތީ މަޑު ޖެހިފައެވެ. ހަމަ ޔަގީނުންވެސް މަޖިލީސް މެމްބަރުންނާއި ކައުންސިލް މެމްބަރުން މިކަން އަވަސް ކުރުމަށް މަސައްކަތް ކުރިނަމަ، އެއްކަލަ ސަތޭކަ ދުވަސްތެރޭ މަސައްކަތް ނިމި ރައްޔިތުންނަށް ކިތައްމެހާވެސް ރަނގަޅެއް ވީހެވެ.

މިގޮތަށް ލިޔުމުންވެސް އެބޭފުޅުން ކޯފާ އިސް ވުމަކީ ވެދާނެ ކަމެކެވެ. އެއީ އައްޑޫގައި ކޮރޯނާވައިރަސްއަށް ޓެސްޓް ކުރެވެން ނެތުމުން ނައިފަރު މެމްބަރު އެކަމާއި ބެހޭ މައްސަލައެއް މަޖީލަށް ވެއްދުމުން މެމްބަރުން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެބޭފުޅާގެ ރަށުގެ ކަންކަން ނުބަލާ އައްޑޫގެ ކަންކަމުގައި ބެހުނީމައެވެ. އައްޑޫ މެމްބަރުން ތިއްބެވީ ހޭލާއެވެ. ވަރަށް ކެރިގެންނެވެ. ސަރުކާރުގެ އިސްފަރާތްތަކާއި ވާހަކަ ދައްކާ ޙައްލު ހޯދަނީއެވެ. އެކަމަކު، އެކަމެއް ރައްޔިތުންނަށް މިއެނގޭވަރުވީ ނައިފަރު މެމްބަރު އެމައްސަލަ ހުށަހެޅި ހިސާބުން ނެވެ.

އައްޑޫ ސިޓީގެ ރައްޔިތަކު ވައިބާ ގްރޫޕެއްގައި ލިޔެފައިވާ ކޮމެންޓެއް ޙިއްސާކޮށްލާނަމެވެ. "ތަރައްގީ އަކީ ސިޔާސީ ހިންގުމުގެ ތެރެއިން އަންނަ ކަމަކެވެ. މިއުޑު ހިޔާދަށުގައި ސިޔާސީ ހިންގުމުގެ ތެރެއިން ނޫން ގޮތަކަށް ތަރައްގީވެފައިވާ އެއްވެސް ގައުމެއް ނެތެވެ. އައްޑޫ ތަރައްގީ ކުރެވޭނީ، އައްޑޫގެ ގިނަ ރައްޔިތުން މިކަން ފުރަތަމަ ގަބޫލު ކޮށްގެންނެވެ. އައްޑޫގެ ކޮންމެ ރައްޔިތަކުވެސް ސިޔާސީ ގޮތުން އިސްކުރަން ޖެހޭނީ އައްޑޫގެ ތަރައްގީއެވެ. ޑިމޮކްރަސީއަކީވެސް އެއީއެވެ. ސިޔާސީ ކަންކަމުގައި މަޝްޢޫލުވެ އެންމެ އިސްކަން ދޭންޖެހެނީ މުޖުތަމަޢުގެ އާއްމުން ބޭނުންވާ ކަންކަމެވެ."

"އަހަންނާއި ހުވަދޫ ރައްޓެއްސަކާ ދިމާވެގެން ވަރަށް ގިނަވާހަކަ ދެކެވުނެވެ. އެއީ އެއަތޮޅުގެ ވިޔަފާރި ވެރިއެކެވެ. އެމީހުން ގަބޫލު ކުރާގޮތުން ސިޔާސީ ގޮތުން އެންމެ ގަމާރު މީހުން މިގައުމުގައި ތިބީ އައްޑޫ ގައެވެ."

މިގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެބަވެއެވެ. ސަބަބަކީ ހުވަދޫ އަތޮޅުގެ ގިނަ ރަށްތައް ތަރައްގީ ވެފައިވަނީ ނިމިދިޔަ ސަރުކާރުގައެވެ. އެމީހުންނަކީ ސިޔާސީ ގޮތުން ކުރީގެ ސަރުކާރާއި އަބަދުވެސް އިދިކޮޅު މީހުންނެވެ. ނަމަވެސް އަތޮޅާއި ރަށް ތަރައްގީ ކުރުމަކީ އެމީހުންގެ ސިޔާސީ ފިކުރެވެ. އެމީހުން އެކަން ޙާސިލު ކުރީ ރައްޔިތުންނަށް ފާގަތިކަން ހޯދާދިނުމަށެވެ.

އައްޑޫ މީހުންނަނީ ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭ ބައެއް ކަމަށް އެހެން މީހުން ގަބޫލު ކުރައެވެ. އެވެރިން ސިޔާސީ ގޮތުން އަނެކާއާއި ޖަދަލު ކުރަން ވަރަށް މޮޅުވާނެއެވެ. އެކަކު ކިތައްމެ ރަނގަޅު ހަރުދަނާ ވާހަކައެއް ދެއްކި ކަމުގައި ވިޔަސް އެވާހަކައާއި ދެކޮޅު ހަދާނެ ސަތޭކަ މީހުން ތިބޭނެއެވެ. އެ ސަތޭކަމީހުންގެ ތެރެއިން މީހަކު ރަނގަޅު ވާހަކައެއް ދެއްކި ކަމުގައި ވިޔަސް ދެންތިބި ނުވަދިހަ ނުވަމީހުން ދެކޮޅު ހަދާނެއެވެ. ސަބަބަކީ ކޮންމެ މީހަކީވެސް ވަރަށް ގަދަމީހެކެވެ. މިއީ މިހާރުވެސް ފެންނަންއޮތް ހަގީގަތަކެވެ. އެއްބަޔަކަށް ވުރެން އަނެއްބަޔަކު މާބޮޑަށްވެސް މޮޅުވާނެއެވެ.

އައްޑޫގެ މުސްތަގުބަލު އުޖާލާ ކުރުމަށް ބޭނުންވަނީ ސިޔާސީ މީހުންނެވެ. ނަމަވެސް އެމީހުންގެ ވިސްނުން ސިޔާސީ ވާންޖެހޭނީ ސިޓީގެ ތަރައްގީ އިސްކޮށްގެންނެވެ. އެހެންނޫންނަމަ އައްޑޫގެ މުސްތަގުބަލް އުޖާލާ ނުވާނެއެވެ. ކޮންމެ ސިޔާސީ ބަޔަކުވެސް އައްޑޫ މީހުން ބޭނުންކުރާނީ ހަމަ ސިޔާސީ ހަތިޔާރަކަށެވެ.

ކަންކަން ކުރުމަށް މޮޅުވާހަކަ ދެއްކުން ހުއްޓާލާ، އެންމެން އެކައްޗެއް ކިޔާ މުސްތަގުބަލައްޓަކައި އަދި ދަރިންގެ ދަރިންނައްޓަކައި އެކުއެކީ މަސައްކަތް ކުރުން ވަރަށް މުހިއްމެވެ. އެކަކު އެއްޗެކޭ ބުނާއިރަށް އެމީހާގެ އަގުވައްޓާލާ އެއީ ބޭކާރު ބަގުވާސް ވާހަކަ ދައްކާ މީހަކަށް ނަހަދާ، ސިޔާސީ ގޮތުން ފިކުރު ތަފާތުވި ނަމަވެސް ސިޓީގެ ތަރައްގީއަށް އެއްސިޔާސަތެއް ގެންގުޅެން އެބަޖެހޭ ނޫންތޯއެވެ؟



ކިޔުންތެރިންގެ ހިޔާލު


10

ހަސަން / ފޭދޫ

21-Jun-2020

ވަރަށް ރަގަޅު ލިއުމެއް. އައްޑޫ މީހުން އެންމެން އެކީ އެކައްޗެއް ކިޔައިގެން ތެދުވެ ހިންދަމާލަން އެބަޖެހޭ. އަބަދު ކޮންމެވެސް އެއްބަޔަކަށް ތާއީދު ކޮއްގެން އެމީހުން ކުރާނެ ކޮންމެ ކަމެއް ކުރިޔަސް ހަމަ އެމީހުންނަށް ތާއީދު ކޮއްގެން ގޮތްދޫނުކޮއް ތިބުން ދޫކޮއްފަ އަމިއްލަ އަށާއި ރަށަށް އަދި އަތޮޅަށް ވެސް ކުރިއެރުން ލިބޭނެ ގޮތަކަށް ވިސްނައިގެން އެންމެން އެއް ގަލަކަށް އަރަން ވެއްޖެ.



ޓްރެންޑިން