image ގައްދޫ ރަޝީދު   14 ނޮވެމްބަރު 2021 - 18:57
07 ވަނަ ބައި

................

ތިރްލޯކް ތެޅިތެޅި އޮތް ހިތަކާއެކު ޢިމާރާތުގެ ފުރަގަހު ބަޔަށް ހިނގައްޖެއެވެ. ދިޔަ ދޮވީގެ ހޮޅިން މައްޗަށް އެރުމަށްޓަކައި ބޫޓް ބާލަން ޖެހުނެވެ. ފުރަތަމަ އޭނާ ރައްކައުތެރި ކަމާއެކު ތަޅުދަނޑި ނަގާ ޖީބަށް ލައިފިއެވެ. ދެން އިސްޓާކީނު ބާލާފައި ފަޓްލޫނު ފައިކޭޓަށް ކޮށްޕާލިއެވެ. އެއަށްފަހު ހޮޅިން ލައިގެން މައްޗަށް އަރަން ފަށައިފިއެވެ.

ގާތް ގަނޑަކަށް ދިހަވަރަށް މިނިޓްގެ މަސައްކަތަށްފަހު އޭނާ މައްޗަށް އަރައިފިއެވެ. އެހެން ނަމަވެސް އެތައްހާސް މޭލެއްދުވެފައި އައުމުންވެސް ނުވާނެ ވަރުބަލި މި ދިހަމިނިޓްގެ ތެރޭގައި އޭނާ ވެއްޖެއެވެ. ވަރުބަލި ވެފައިވާ ވަރުން އިރުކޮޅަކު ފުރާޅުމަތީގައި ބަނޑުޖަހާލައިގެން އޮތެވެ.

އެގޮތަށް ތިރްލޯކް އޮއްވާ ރޭލްގެ ބަރުގޮނުގެ އަޑު އޭނާ ސިއްސުވާލިއެވެ. ދުރުން އަލިވެސް ފެންނަން ފަށައިފިއެވެ. ތިރްލޯކް ފިރުކިފައި ކަހަލަ ގޮތަކަށް ފެންލައިޓް ކައިރިއަށް އަތުވެއްޖެއެވެ. އަދި ރޭލް އަޑުގޮއްވަމުން އެދިމާއިން ހުރަސްކުރި ވަގުތު ތިރްލޯކް ގޮށްމުށުގެ އެތިފަހަރެއް ބިއްލޫރި ގަނޑުގައި ޖަހައިފިއެވެ. އެއާއެކު ކުނޑިކުޑިވެގެން އެތެރެއަށް ފައިބައިގަތެވެ. ތިރްލޯކް ހިމޭންވެއްޖެއެވެ. އަދި މި ޙަރަކާތުގެ ރައްދު ޢަމަލެއްގެ އިންތިޒާރު ކުރަން ފަށައިފިއެވެ. އެކަމަކު ރޭލު ދިއުމަށްފަހުގައިވެސް އެއްވެސް ކަހަލަ ހިލަމެއް ނުވިއެވެ.

ތިރްލޯކް އެބާގަނޑުން އެތެރެއަށް ބަލާލިއެވެ. ފަންގިލާއާ ދެމެދުގެ ރާސްތާ މާކަ ދުރެއްނޫނެވެ. އެހެން ނަމަވެސް އެ ދިމާއަށް ތިރީގައި އޮތީ ހުސް ފުޅިތޮށްޓެވެ. އެހެންކަމުން އެނާ އެންމެ ފުރަތަމަ ފަޔަށް އިސްޓާކީނު ލައްވައިފިއެވެ. ދެން އުނަގަނޑުގައި އޮތް ބެލްޓް ނަގާފައި ދޮރުގެެ ތޭރިއެއްގައި އެއްކޮޅު ހަރުކޮށްލިއެވެ. ދެން އޭގެ އެހީއާއެކު އެތެރެއަށް އެޅިގެންފިއެވެ.

ބެލްޓްގެ އެހީވެސް ކުޑައެއްނޫނެވެ. އެހެން ނަމަވެސް ފަހުން އޭނާ ފުންމާލައިފިއެވެ. މިހާރު އޭނާގެ ހިތް ގަޑިއަކު އެއްލައްކަ މޭލުގެ ބާރުމިނުގައި ދުވަމުން ދިޔައެވެ. ތުރުތުރުއަޅާ އަތުން ތަޅުދަނޑިނަގާފައި ތަޅުގައި ޖަހައިފިއެވެ. ސޭފްގެ ދޮރުފަތް ހުޅުވުމާއެކު އޭނާގެ ކުރިމަތީގައި އެތައްލައްކަ ރުފިޔާއެއްގެ ބޮނޑިވަރުތައް ހުއްޓާ ފެނުނެވެ.

ތިރްލޯކް ދިހަހާހުގެ ދެބޮނޑިނަގާފައި ފަޓްލޫނުގެ ޖީބަށް ކޮށްޕާލިއެވެ. އަދި ސޭފްގެ ދޮރުފަތް ލައްޕާލާފައި ތަޅުލައިފިއެވެ. އަދި ތަޅުދަނޑި އެހުރިގޮތަށް ބަހައްޓައިފިއެވެ. ތިރްލޯކްގެ ހިތް ބާރަށްތެޅެއެވެ. ދެން އޭނާ މޭޒު ދަމާލާފައި އޭގެ މަތީގައި ގޮނޑިއެއް ބެހެއްޓިއެވެ. މިގޮތުން ވަރަށްފަސޭހައިން އޭނާގެ އަތް ބެލްޓާ ހަމައަށް ފޯރައިފިއެވެ.

ސްކައިލައިޓުން ބޭރަށް ނުކުތުމާ ދެމެދު ވަގަތުކޮޅެއް ހޭދަވިއެވެ. ނޫޓްތަކުގެ ސަބަބުން އޭނާގެ ޖީބު ފުއްޕާފައިވެއެވެ. ދެން އޭނާ ހޮޅީގައި ހިފަމުން އަވަސް އަވަހަށް ތިރިއަށް ފައިބަން ފަށައިފިއެވެ. އަދި........!

ތިރްލޯކުގެ ފައި ބިންމަތީގައި ޖެހުމާއެކު ބަރު އަޑަކުން ކަންފަތް ގުގުމައިގެން ދިޔައެވެ.

"ކާކު ހެއްޔެވެ."

ހަމައެއާއެކު ޓޯޗްގެ އަލި އޭނާގެ ގަޔަށް އެޅިއްޖެއެވެ. ހަމަ އެވަގުތު އޭނާގެ އަމިއްލަ ކުށުގެ އިޙްސާސް ކުރެވިއްޖެއެވެ. އޭނާ ފާރަވެރިޔާގެ މަތިން ހަނދާން ނެތުނީއެވެ. އެކަމަކު ދެން ހެދޭނީ ކޮންގޮތެއް ހެއްޔެވެ. އެހެނީ މިހާރު އެނާހުރީ ފާރަވެރިޔާގެ ކުރިމަތީގައެވެ. އޭނާ ޙައިރާންވެފައި ބުންޏެވެ.

"ތިރްލޯކް ބާބޫއެވެ. ކަލާތޯއެވެ."

ތިރްލޯކްގެ ހަށިގަނޑުގައި ހުރި ހުރިހާ ލެއެއް އުއްދަނޑިއަކުން ދިޔަ ފެލާހެން ކޮންމެވެސް މީހަކު ފެލާލި ކަހަލައެވެ. ފާރަވެރިޔާ އަވަހަށް ތިރްލޯކްގެ ކައިރަށް އަތުވެއްޖެއެވެ. އެހެން ނަމަވެސް ތިރްލޯކަށް ހުރިތަކުން ގުޑާވެސް ނުލެވުނެވެ. އޭނާގެ އުފުލިފައި ހުރި ދެޖީބު ބަލާލާފައި ޙައިރާންކަމާއެކު ފާރަވެރިޔާ ސުވާލުކުރިއެވެ.

"ތިޔައީ ކޮން އެއްޗެއްތޯއެވެ؟ ތިޔަ ދުރުވީ ވައްކަން ކުރައްވަންތޯއެވެ؟"

މަޑުމަޑުން ތިރްލޯކްގެ ހިއްސުތައް އެބުރި އަންނަން ފަށައިފިއެވެ. އޭނާ ވަރަށް އުނދަގުލުން ބުންޏެވެ.

"ނު .... ނޫނެކެވެ."

"އެހެންވީއިރު ޖީބުގައި ހުރީ ކޮންއެއްޗެއްތޯއެވެ؟"

ތިރްލޯކް އެއްވެސް ޖަވާބެއް ނުދިނެވެ. ފާރަވެރިޔާ ތިރްލޯކްގެ ޖީބު ބަލައިފިއެވެ. އަދި ސިހިފައި ބުންޏެވެ.

"މިއީ ހައްތާވެސް ނޫޓެވެ."

ތިރްލޯކްގެ އަނގައިން ކުޅު ހިކިއްޖެއެވެ. އޭނާ ދެއަތް ޖޯޑުކޮށްފައި ބުންޏެވެ.

"މިއީ އަހަރެންގެ ޙަޔާތުގައި ކުރި ފުރަތަމަ ކުށެވެ."

ކުއްލިއަކަށް ފާރަވެރިޔާ އޭނާއާ ދިމާއަށް ބަޑި އަމާޒުކޮށްފައި ބުންޏެވެ.

"ފުރަތަމަ ކުށަށްވިޔަސް ކުށްވާނީ ކުށްކަމުގައެވެ. އަދި ކޮންމެ މީހަކަށްވެސް ޖެހޭނީ ކުށުގެ އަދަބު ލިބިގަންނާށެވެ. އަޅުގަނޑާއެކު ގޭޓާ ދިމާއަށް ހިންގަވާށެވެ."

"ނޫނެކެވެ. ތިޔަހެން ނަހަދާށެވެ."

"ސާހިބްއެވެ! އަޅުގަނޑަކަށް ވަފާތެރި ކަމުގައި ލައްގަނޑެއް ނުޖެއްސޭނެއެވެ."

"އަހަރެންގެ އަންހެނުން މަރުވެދާނެއެވެ. އަހަރެން ވައްކަންކުރީ އޭނާގެ އޮޕަރޭޝަން ކުރުމަށްޓަކައެވެ. މިއޮޕަރޭޝަން ނުކުރެވިއްޖެއްޔާ އޭނާ މަރުވެދާނެއެވެ."

"ސާހިބުއެވެ! ތިޔައީ އެހެން ކަމެކެވެ."

"ނިކަން ވިސްނާލަ ބަލާށެވެ. ސޭޓް ސާހަބަކީ ފައިސާވެރިއެކެވެ. މިހާރު އޭނާގެ މުދަލުގެ ވާރިސަކުވެސް ނެތެވެ. ސޭފްގައި ވިހިލައްކަ ފަންސާސް ހާސް ރުފިޔާ އެބަހުއްޓެވެ. އެކަމަކު އަހަރެން ބޭނުންވަނީ ވިހިހާސް ރުފިޔާއެވެ. އަހަރެން ނެގީ އެޢަދަދަށެވެ."

"ސާހިބްއެވެ! ތިޔަ ދަލީލުތަކަކުން އަދި ސަލާމަތެއް ނުވާނެއެވެ. ހިންގަވާށެވެ."

"އެންމެ ރަނގަޅެވެ. އަހަރެން ފައިސާ ހުރި ތަނުގައި ބަހައްޓާފައި އަތުވެދާނަމެވެ. އޭރުން ދޫކޮށްލަ ފާނަން ހެއްޔެވެ."

"އެއްގޮތަކަށްވެސް ދޫކޮށެއް ނުލެވޭނެއެވެ. ސާހަބްއެވެ. ވަގަކަށް އެއްފަހަރު މާފުކޮށްފިއްޔާ އޭނާ ތަކުރާރުކޮށް ވައްކަން ކުރާނެއެވެ. އެހެންނޫނަސް އަޅުގަނޑަކީ ވަގުދޫކޮށްލުމުގެ މުސާރަ ލިބޭ މީހެއްނޫނެވެ. އަޅުގަނޑަކީ ވަގު ހިފުމުގެ ވަޒީފާ އަދާކުރާ މީހަކީމެވެ."

"ދެން އެހެން ނަހަދާށެވެ." ތިރްލޯކް އާދޭސް ކުރިއެވެ.

"ރުހުމުގައި ދުރުވާނީތޯއެވެ. ނޫނީ ފަޔަށް ބަޑިޖަހަން ވީތޯއެވެ."

ތިރްލޯކްގެ އެންމެފަހު އުއްމީދުވެސް ފެނަށް ވެއްޖެއެވެ. ފާރަވެރިޔާގެ ބަޑި އޭނާއާ އަމާޒު ކުރެވިފައިވެއެވެ. މިހާރު ދެން އޮތީ އެންމެ ގޮތެކެވެ. އޭނާ ކުރެހިފައިވާ އަޑަކުން ބުންޏެވެ.

އެންމެ ރަނގަޅެވެ. ހިނގާށެވެ.

ފާރަވެރިޔާ ކުޑަކޮށް އެނބުރިލިތަނާ ކުއްލިއަކަށް ތިރްލޯކް ފުންމައިގެންގޮސް ބަޑީގެ ކުރީގައި ހިފާފައި މައްޗަށް ހިއްލާލިއެވެ. ފާރަވެރިޔާ ހުރީ ވަރަށްބާރަށް ބަޑީގައި ހިފަހައްޓައިފައެވެ. އޭނާ ތިރްލޯކް ފޮޅުވާލުމަށް ވަރަށް މަސައްކަތްކުރިއެވެ. އެހެން ނަމަވެސް ތިރްލޯކް ދުލެއްނުކުރިއެވެ. އެހެނީ މިއީ މަރާ ދެކޮޅަށްކުރެވޭ ހަނގުރާމަ އެއްކަން އޭނާއަށް އެނގެއެވެ. ބަޑިން ދޫކޮށްލުމާއެކު ފާރަވެރިޔާ އެނާއާ ޙަމަލާ ދޭނެކަން އެނގެއެވެ.

ދެން ކުއްލިއަކަށް އަޑުފަށްގަނޑަކާއެކު ފަހަތުން ލޯރިއެއް ދާންފަށައިފިއެވެ. ހީވަނީ މުދާ ލޯރިއެއް ހެންނެވެ. އެވަގުތުކޮޅުގެ ތެރޭގައި އެއްފަހަރު ބަޑިގޮވައިފިއެވެ. އެއާއެކު ބާރުލާފައި ފާރަވެރިޔާ ތިރްލޯކް ކޮއްޕާލަން އުޅުނެވެ. އަނެއްކާވެސް ބަނޑިގޮވައިފިއެވެ. މިހާރު ތިރްލޯކް ހިތްހަމަ ޖެހިއްޖެއެވެ. ބަޑިން ވަޒަން ހުސްވީއެވެ. މިހާރު ދެން އޭނާގެ އަތުން ބަޑިދޫވިކަމުގައި ވިޔަސް ބިރެއްނެތެވެ.

ތިރްލޯކް ކުއްލިއަކަށް ދެކަކޫ ޖައްސާލާފައި ފާރަވެރިޔާ ނަގާ ބޯމަތިން އެއްލާލިއެވެ. ބަޑި ވިއްސައިގެން އައިސްޖެހުނީ އޭނާގެ މޭގައެވެ. ފާރަވެރިޔާ ޖެހުނީ މާދުރުގައެވެ. ހަމަ ޖެހުމާއެކު އޭނާ ފުންމައިގެން ތެދުވެއްޖެއެވެ. އެހެން ނަމަވެސް ތިރްލޯކް އޭރުހުރީ ކޮޅަށެވެ. އޭނާ ބަޑީގެ ކުރީކޮޅުގައި ހިފާފައި ގައިގައިހުރި ބާރާއެކު ފާރަވެރިޔާގެ ބޮލުގައި ޖަހައިފިއެވެ.

ފާރަވެރިޔާގެ ހަޅޭކުގެ އަޑު ލޮރީގެ އިންޖީނުގެ އަޑާއެކުވެގެން ހިނގައްޖެއެވެ. އޭނާ ކާލި އަޅާލާފައި ބިންމައްޗަށް ވެއްޓުމުން ތިރްލޯކްގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. އެހެނީ އޭނާގެ ބޮލުން ހޯސްލާފައި ލޭ ފައިބަމުންދާ ތަން ރީއްޗަށް އޭނާއަށް ފެނެއެވެ. އަދި އަވަސް އަވަހަށް ގުދުވެލާފައި ފާރަވެރިޔާއަށް ގޮވަން ފަށައިފިއެވެ. އެހެން ނަމަވެސް މިހާރު އޭނާގެ އެއްވެސް ޙަރަކާތެއްނެތެވެ.

ތިރްލޯކަށް ކުރެވުނު ފާފައިގެ އިޙްސާސް މިހާރު ކުރެވެން ފަށައިފިއެވެ. އޭނާހިތާހިތުން ހެއްދެވި ފަރާތުގައި ދެންނެވިއެވެ. ނިކަމެތި އަޅާގެ ނިޔަތަކީ ފާރަވެރިޔާ މަރާލުމެއް ނޫނެވެ. މިއީ ބޭއިޚްތިޔާރުގައި ކުރެވުނު ކަމެކެވެ. ނިކަމެތި އަޅާއަށް މީހަކު މަރާލެވިއްޖެއެވެ. މީގެ އަދަބަކީ ޢުމުރަށް ޖަލަށްލުމެވެ. ނުވަތަ މަރަށް މަރުހިފުމެވެ. އަޅާ ހައްޔަރު ވެއްޖެއްޔާ ވާނީ ކިހިނެއްތޯއެވެ. އަންހެނުން ހިތާމައިގައި ހަލާކުވެ ހިނގައިދާނެއެވެ. ކުޑަކުޑަ ދަރިފުޅަށް އެހީވެދޭނީ ކާކުތޯއެވެ.

ކުއްލިއަކަށް އަނެއް ފަރާތުން ވަރަށްބާރަށް ކަށިގަނޑު ފުމޭއަޑު އިވިއްޖެއެވެ. އޭނާ ސިހިފައި ފުންމައިގަތެވެ. ހީވީ ކޮންމެވެސް މީހަކު ފައިބުޑުގައި ބޮމެއް ބޭއްވި ހެންނެވެ. ދެވަނަ ހިނދުކޮޅުގެ ތެރޭގައި އޭނާ ވަރަށް ބާރަށް ދުއްވައިގެންފިއެވެ. ފާރު ކައިރީގައި އެތެރޭގައި ކުޑަ ގަރާޖެއް ހުއްޓެވެ.

ބަލަބަލާ ހުއްޓާ އޭނާ ގަރާޖުގެ ފުރާޅަށް އަރައިފިއެވެ. އަދި ކަށިނަރުތައް މަތިން ފުންމައި ގަތުމުގައިވެސް ކާމިޔާބު ކޮށްފިއެވެ. އެހެން ނަމަވެސް ފުންމައިގަތް ވަގުތު ނަރުގައި ފަޓްލޫނު އަޅައިގަތުމާއެކު ރާސްލާފައި ވީދައިގެން ދިޔައަޑުއިވުނެވެ. އެކަމަކު ފަސް އެނބުރި ބަލައެއް ނުލައެވެ. އޭނާ ގައިގާހުރި ބާރެއްލާފައި ރޭލްސްޓޭޝަން މަތިން ދުވަން ފަށައިފިއެވެ. މާނޭވާލަމުން އެނބުރި ފަހަތް ބަލާލައެވެ.

+ + + + +

ތިރްލޯކް އަވަސް ނޭވާލަމުން ގެއާ ހަމައަށް ހިގައްޖެއެވެ. އަދި ދޮރުކައިރީ ފާރުގައި ލެނގިލައިގެން ހުރެ ނޭވާ ހަމަޖެއްސޭތޯ މަސައްކަތް ކުރަން ފަށައިފިއެވެ. އޭނާގެ ހިތަށް އެރިއެވެ. އެތެރޭން ދޮރުތަންޑު އަޅާފައި ހުރެއްޖެއްޔާ ވާނީ ކިހިނެއް ބާވައެވެ. އެހެނީ ގޭގެ ވެރިންނާ ކުރިމަތިލުމަކަށް އޭނާގެ މިހާލަތު ތަނެއް ނުދެއެވެ. މިހާރު މިހުރިގޮތުން ކޮންމެ މީހަކަށްވެސް އޭނާއާމެދު ޝައްކުވާނެއެވެ.

* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 26 އިން 28 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން