އޭޕްރިލް އަދި މޭ މަހަކީ ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ނިމި، ޓްރޮފީތައް އުފުލާލަން ކްލަބްތަކުން ގަދައަޅާ މަސައްކަތް ކުރާނެ ދެމަހެވެ. އަނެއްކޮޅުން މިއަހަރުގެ ރޯދަމަސް އޭޕްރީލްމަހާއި ދިމާވުމުން، ޔޫރަޕާއި އެހެނިހެން ބޮޑެތި ފުޓްބޯޅަ ލީގުތަކުގައި ކުޅޭ މުސްލިމް ކުޅުންތެރިން އަމަލުކުރާނީ ކިހިނެއްތޯ މިއީ ގިނަ ބަޔަކު ހިތަށް އަރާފާނެ ސުވާލެކެވެ. ބުންވަރާއި ހަށިގަނޑުގެ ދުޅަހެޔޮކަން ވަކިގޮތަކަށް ހިފެހެއްޓުމަށް ގަޑިން ގަޑިއަށް ކައިގެން އުޅެންޖެހޭ ކުޅުންތެރިން އަމަލުކުރާނީ ކިހިނެއްތޯ ގިނަ ބަޔަކު ސުވާލުކުރާނެއެވެ.

ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ މުސްލިމުންނަށްވާއިރު ދުނިޔޭގެ އެންމެ މަޝްހޫރު ލީގުތަކުގައި މުސްލިމް ކުޅުންތެރިން އެންމެ މަތީ ފަންތީގައި ދަނީ ފުޓްބޯޅަ ކުޅެމުންނެވެ. އެގޮތުން ލިވަރޕޫލްގެ ފޯވާޑް މުހައްމަދު ސަލާހާއި ސާޑިއޯ މާނޭ، މެންޗެސްޓަރ ޔުނައިޓެޑްގެ ޕޯލް ޕޮގްބާ، ރެއާލް މެޑްރިޑްގެ ކަރިމް ބެންޒީމާ، އަދި މެންޗެސްޓަރ ސިޓީގެ ރިއާދު މަހްރޭޒް ފާހަގަކޮށްލެވެއެވެ.

ސިއްހީ ބައެއް ޖަރނަލްތަކުގައިވާ ގޮތުން ރޯދައަށް ތިބެގެން އެކި ކުޅިވަރުތައް ކުޅެންޖެހޭ ކުޅުންތެރިންނަށް އެހީތެރިވުމަށް ކްލަބްތަކުންވެސް މަސައްކަތްކުރެއެވެ. އެއީ ރޯދައަށް ތިބޭއިރު ބުންވަރާއި އެހެނިހެން ކަންކަމަށް ކުރާ އަސަރު ކުޑަކުރުމަށެވެ. އެގޮތުން ރޯދައަށް ތިބޭ ކުޅުންތެރިންނާއި އެހެނިހެން ކުޅުންތެރިންގެ ޓްރެއިނިންގތައް އެ ކުޅުންތެރިންނަށް ފަސޭހަގޮތަކަށް ރާވައިދިނުން ހިމެނެއެވެ.

މުސްލިމް ކުޅުންތެރިންނަށް ރޯދަމަހު ފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ކްލަބްތަކުގެ އިތުރުން ލީގުތަކުންވެސް މަސައްކަތްކުރެއެވެ. އެގޮތުން މިދިޔަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗެއް ވަނީ މުސްލިމް ކުޅުންތެރިން ރޯދަ ވީއްލުމަށް މެދުކަނޑާލަދީފައެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީހުގައިވެސް މިގޮތަށް މިކަން ކުރި ފުރަތަމަ ފަހަރެވެ. އަދި މިހާރު ކުރިއަށްދާ ސީޒަނުގައި ޓީމުތަކުގެ ކެޕްޓަނުން އެދުމުން އެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން މި ރޯދަމަހު ޕްރިމިއަރ ލީގުގައި މުސްލިމް ކުޅުންތެރިން ކުޅޭ 6 މެޗެއްގައި ރޯދަ ވީއްލާ މަންޒަރު ފެނިގެންދާނެއެވެ.

މީގެކުރިން ބައެއް ބޮޑެތި ފުޓްބޯޅަ މުބާރާތްތައް ރޯދަމަހު ކުރިއަށް ގޮސްފައިވެއެވެ. 2014 އަދި 2018ގެ ވޯލްޑް ކަޕް، އޮލިމްޕިކްސް 2012 އަދި ޔޫރަޕިއަން ޗެމްޕިއަންޝިޕް 2016 މިގޮތުން ފާހަގަކޮށްލެވެއެވެ. ރޯދަމަހު މި މުބާރާތްތައް ކުރިއަށްދިޔަނަމަވެސް، މުބާރާތްތަކުގައި ވާދަކުރި މުސްލިމް ކުޅުންތެރިން ވަނީ އެމީހުންގެ އެންމެ ފެންވަރު ރަނގަޅު ކުޅުން ދައްކާލާފައެވެ.

2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ކުޅެ، ގޯލް ޖެހި ލިވަރޕޫލްގެ މާނޭ އެ މެޗު ކުރިއަށްދިޔައިރު ހުރީ ރޯދައަށެވެ. ރޯދަމަހެއްގެ ބައެއްގައި ކުރިއަށްދިޔަ އެ އަހަރުގެ ވޯލްޑް ކަޕްގައި މިސްރުގެ ޓީމަށް ކުޅުނު މުހައްމަދު ސަލާހު ވަނީ އޭނާގެ ހުނަރަށްވެސް ރޯދައިގެ ސަބަބުން ބަދަލެއް ނާންނަކަން ދައްކާލާފައެވެ.

އެހެންކަމުން ދުނިޔޭގެ އެންމެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ދައްކައިދެމުން އެ ދަނީ ރޯދައާއެކުވެސް ޕްރޮފެޝަނަލް ކުޅިވަރުގައި ހަރަކާތްތެރިވެވޭނޭކަމެވެ. މެޗު ކުޅެން ރޯދަ ދޫކޮށްނުލާނެކަމެވެ. އަދި އެކަމުގެ ސަބަބުން ގެއްލުމެއްވެސް ނެތްކަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން