އުގެއިލް ފައުންޑޭޝަނުން ހިންގާ ދަ ސާކަލްއިން ކުޑަކުދިންނަށް ހާއްސަކޮށް ކުރެހުމުގެ އިވެންޓެއް ބާއްވައިފިއެވެ.

ހުސްވިމަހު ބޭއްވި މި އިވެންޓުގައި 7 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިން ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވެއެވެ. މިއިވެންޓުގައި ބައިވެރިވި ކުދިންގެ ކުރެހުންތައް ފޭސްބުކްގައި ހިއްސާކޮށް އެންމެ ގިނަ ވޯޓު ލިބުނު 4 ކުއްޖަކު ވަނީ ހޮވާފައެވެ.

މިހަތަރު ކުދިންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިފައިވަނީ އުމުރުން 8 އަހަރުގެ މަރިޔަމް ރީއާ ރަމްޒީ އަށެވެ. ގާޒީ ސްކޫލްގެ ގްރޭޑް 2 ގައި ކިޔަވަމުންދާ ރީއާ އަކީ ކުޑައިރުސުރެން ކުރެހުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ.

އެގޮތުން އެކި ކްލާސްތަކުގައި ބައިވެރިވުމުގެ އިތުރުން ހުސްވަގުތުގައި ކުރެހުމާއި ކުލަޖެއްސުމުގެ ހުނަރު ކުރިއެރުވުމަށް މަސައްކަތް ކުރާކަމަށް ރީއާ ބުންޏެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އުގެއިލް ފައުންޑޭޝަނުގެ ދަ ސާކަލް އިން ކުޑަކުދިންނަށް ހާއްސަކޮށް ބާއްވާ މިކަހަލަ އިވެންޓުތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާކަމަށް ރީއާ ފާހަގަކުރިއެވެ.



މިއަރޓްސް އިވެންޓުގައި އެންމެ ގިނަ ވޯޓު ލިބުނު ހަތަރު ކުދިންގެ ތެރޭގައި އުމުރުން 10 އަހަރުގެ ފާތިމަތު ރިކްޒޫ ރަމީޒްވެސް ހިމެނެއެވެ. ގާޒީ ސްކޫލްގެ ގްރޭޑް 4 ގައި ކިޔަވަމުންދާ ރިކްޒޫ އަކީ ކުރެހުމުގެ އިތުރުން އެކިކަހަލަ ސްޕޯޓްސް އިވެންޓުތަކާއި، ޗެސް ކްލަބް އަދި ލިޓްލް މެއިޑްސްގައިވެސް ހަރަކާތްތެރިވަމުންދާ ކުއްޖެކެވެ.

މީގެ އިތުރުން އެކި އާޓް ކްލާސްތަކުގައި ބައިވެރިވެރިވެ ކުރެހުމާއި ކުލަޖެއްސުމުގެ ހުނަރު ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ތެރެއިން އާޓް އެގްޒިބިޝަނެއްގައި ރިކްޒޫގެ ހުނަރުވެރި ކުރެހުންތަކެއްވެސް ވަނީ ދައްކާލާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެކި ކަހަލަ އާޓް އިވެންޓުތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާކަމަށް ރިކްޒޫ ބުންޏެވެ.



ދަ ސާކަލް އިން ކުޑަކުދިންނަށް ހާއްސަކޮށް ބޭއްވި އާޓްސް އިވެންޓުން ދެން ފާހަގަކޮށްލެވުނު އުމުރުން 9 އަހަރުގެ ޒެއިނާ އަމްޒަތު އަހުމަދު ބުނީ މިއިވެންޓުގައި ބައިވެރިވީ ކުރެހުމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުންކަމަށެވެ. ހުރަވީ ސްކޫލްގެ ގްރޭޑް ތިނެއްގައި ތައުލީމު ހާސިލުކުރަމުންދާ ޒެއިނާ ބުނީ އާޓްސް ދާއިރާއިން އެންމެ ޝައުގުވެރިކަން ހުންނަނީ ހެދުން ޑިޒައިން ކުރުމާއި އެކިކަހަލަ މައުލޫތަކަށް ޕޯސްޓަރު ހަދަންކަމަށެވެ. އެގޮތުން ޒެއިނަރ ވަނީ އެކި ޖަމިއްޔާ ޖަމާއަތްތަކުން ކުރިއަށް ގެންދިޔަ ކުރެހުމުގެ އެކި އިވެންޓުތަކާއި މުބާރާތަކުގައިވެސް ބައިވެރިވެފައެވެ.



ދަ ސާކަލްގެ އާޓްސް އިވެންޓުން ދެން އެންމެ ފާހަގަކޮށްލެވުނީ އުމުރުން 9 އަހަރުގެ އީޝަލް ސިރާޖްއެވެ. ގާޒީ ސްކޫލްގައި ކިޔަވަމުންދާ އީޝަލް ބުނީ ކުރެހުމަށް ޝައުގުވެރިވެ އެކިކަހަލަ ގޮތްގޮތަށް ކުރަހަން ދަސްކުރަން އެކި ކްލާސްތަކުގައި ބައިވެރިވެފައިވާ ކަމަށާއި އެގޮތުން މިހުނަރު އިތުރަށް ޑިވެލޮޕް ކުރުމަށް ދަ ސާކަލްގެ އާޓްސް އިވެންޓުން އެހީތެރިކަން ލިބުނު ކަމަށެވެ. ފުޓުބޯޅަ ކުޅުމަށްވެސް ޝައުގުވެރިކަން ހުންނަ އީޝަލް ބުނީ ދަ ސާކަލް އިން ހިންގާ އެކިކަހަލަ އިވެންޓުތަކުން ސްކިލްސް ޑިވެލޮޕް ކުރުމަށް ފުރުސަތު ލިބޭކަމަށެވެ.



އުގެއިލް ފައުންޑޭޝަނުން ހިންގާ ދަ ސާކަލް އިން ކުޑަކުދިންނަށް ހާއްސަކޮށް ހުސްވިމަހު ބޭއްވި އާޓް އިވެންޓުން އެންމެ ފާހަގަކޮށްލެވުނު މިހަތަރު ބައިވެރިންނަށް އިއްޔެ ބޭއްވި ހާއްސަ ހަފްލާއެއްގައި އެކުދިންގެ ކުރެހުންތައް ފާހަގަކޮށް ސެޓިފިކެޓް ދީފައިވެއެވެ.



ދަ ސާކަލް އިން މިފަދަ އެކި ހަރަކާތައް ހިންގުމުގެ އިތުރުން، ހުޅުމާލެ ސެންޓްރޯ މޯލްގެ ތިންވަނަ ފަންގިފިލާގައި ހިންގަމުންދާ ދަ ސާކަލްގައި ހަމަޖެހިލައިގެން ފޮތް ކިޔާލާ، ސްކޫލް މަސައްކަތްކޮށްލައި އެކި ކަހަލަ މައުލޫމާތު ހޯދައި ލިބިގަތުމަށްވެސް ހާއްސަ ސަރަހައްދެއް ކަނޑައަޅާފައިވެއެވެ. އަދި ކުޑަކުދިންނަށް ހާއްސަކޮށް އެކި ހުނަރު ދަސްކޮށްދީ ސްކިލް ޑިވެލޮޕް ކުރުމަށް ބާރުއަޅާ އެކި ޕްރޮގްރާމްތައް ހިންގުމަށް ރާވަމުންދާކަމަށް ދަ ސާކަލް އިން ބުނެއެވެ. އަދި ދަ ސާކަލްގައި ހިންގާ މިފަދަ އެކި ހަރަކާތްތަކާއި ޕްރޮގްރާމް ތަކަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޕްރޮގްރާމްތަކެއްކަމަށް ދަ ސާކަލް އިން ބުނެއެވެ.

ދަ ސާކަލް އިން ހިންގާ ޕްރޮގްރާމްތަކާއި އެކި ހަރަކާތްތަކުގެ މައުލޫމާތު ދަ ސާކަލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން