ދުއްލާސް އާއި ރަނިލް
ދުއްލާސް އާއި ރަނިލް
ހަމަނުޖެހުމާއި އިގްތިސާދީ ތަދުމަޑުކަމެއްގައި އޮތް އަވަށްޓެރި ލަންކާއަށް މާދަމާއަކީ ވަރަށް މުހިއްމު ދުވަހަކެވެ. ގައުމުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާދެއްވުމުން އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ބާއްވާ އިންތިހާބު މާދަމާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށްދާނެއެވެ.

އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާފައިވަނީ 3 ބޭފުޅެއްގެ ނަންފުޅެވެ. އެއީ ބޮޑުވަޒީރު އަދި ވަގުތީ ރައީސްގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހައާއި އެސްއެލްޕީޕީގެ މަޖިލީހުގެ މެންބަރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ދުއްލާސް އަލަހަށްޕެރުމާއާއި ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ)ގެ ލީޑަރު އަނޫރާ ކުމާރަ ޑިސެނަޔަކައިގެ ނަންފުޅެވެ.

ރަނިލްގެ ނަން ހުށަހެޅުއްވީ ލަންކާގައި ސަރުކާރު ހިންގާ ޕާޓީ، ސްރީ ލަންކާ ޕޮޑުޕެރަމުނާ ޕާޓީ (އެސްއެލްޕީޕީ)ގެ ސެކްރެޓަރީ ޖެނެރަލް ޑިނޭޝް ގުނަވަރުދަނާއެވެ. މިއީ ރާޖަޕަކްސަ އާއިލާއަށް ނިސްބަތްވާ ޕާޓީއެވެ.

އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ކުރިން ވިދާޅުވިނަމަވެސް އޭނާ ފަހުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. އެސްއެލްޕީޕީގެ މަޖިލީހުގެ މެންބަރު ދުއްލާސްގެ ނަންފުޅު ހުށަހެޅުއްވީ އޭނާއެވެ. ދުއްލާސްއަކީވެސް ރާޖަޕަކްސަގެ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.

ނޭޝަނަލް ޕީޕަލްސް ޕަވާގެ ލީޑަރު އަނޫރާ ކުމާރަ ޑިސެނަޔަކައިގެ ނަންފުޅު ހުށަހެޅުއްވީ މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރާ 3 މެމްބަރުންގެ ތެރެއިން މެމްބަރެކެވެ.

ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބަލާއިރު މި އިންޔިހާބުގައި ވާދަވެރިކަން އޮންނާނީ ރަނިލްއާއި ދުއްލާސްއާ ދެމެދުއެވެ. ރާޖަޕަކްސައަށް ވަފާތެރި ފަރާތްތަކުން ރަނިލްއަށް ތައީދުކުރާނެކަމަށް ބެލެވޭއިރު، އިދިކޮޅު ފަރާތްތަކުން ތާއީދުކުރާނީ ދުއްލާސްއަށެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި 255 ގޮނޑި ހިމެނޭއިރު، ރައީސްކަމަށް ވަޑައިގަތުމަށް އޭގެ ތެރެއިން 113 ވޯޓު ބޭނުންވެއެވެ. ރާޖަޕަކްސަގެ އެސްއެލްޕީޕީން 114 ގޮނޑި ކޮންޓްރޯލްކުރެއެވެ. ނަމަވެސް އޭގެތެރެއިން ބައެއް މެމްބަރުން ވަނީ ރާޖަޕަކްސަ އާއިލާއާ ދެކޮޅަށް ނުކުންނަވާފައެވެ. ދުއްލާސްއަކީ އޭގެތެރެއިން ބޭފުޅެކެވެ.

ނަމަވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން ގާނޫނު ހަދާ މަޖިލީހުގައި ނަގާ ވޯޓު ކާމިޔާބު ކުރައްވާނެކަމަށް ބެލެވެނީ ރަނިލްކަމަށެވެ. އެއީ ގިނަ މެންބަރުންތަކެއް ރަނިލްއަށް ތާއީދުކުރާކަން ހާމަކޮށްފައިވާތީއެވެ.

ބައެއް ހަބަރުތައް ބުނާގޮތުން ރަނިލްއަށް ރައީސްކަން ލިބިވަޑައިގަންނަވައިފިނަމަ ބޮޑުވަޒީރަކަށް ވަޑައިގަންނަވާނީ ރާޖަޕަކްސަ ޕާޓީ ނުވަތަ ސްރީލަންކާ ޕޮޑުޕެރަމުނާ ޕާޓީ (އެސްއެލްޕީޕީ)ގެ ސެކްރެޓަރީ ޖެނެރަލް ޑިނޭޝް ގުނަވަރުދަނާއެވެ. އަދި ދުއްލާސްއަށް ރައީސްކަން ލިބިވަޑައިގަންނަވައިފިނަމަ ބޮޑުވަޒީރަކަށް ވަޑައިގަންނަވާނީ ސަޖިތުކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން