މަންކީޕޮކްސް ފެތުރުން އިތުރުވުމާ ގުޅިގެން އެމެރިކާ ސަރުކާރުން އެގައުމުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.



އެމެރިކާ ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަންކީޕޮކްސް ފެތުރެމުންދިޔުމާއި ގުޅިގެން އެންމެ މަތީ ކުއްލި އެލާޓް ނެރުނުތާ ދެހަފްތާ ނުވަނީހެވެ.

އެމެރިކާ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ވައިރަސް ފެތުރުން ހުއްޓުވުމަށް ވެކްސިންތަކާއި ފަރުވާތަކާއި އެކި ރިސޯސްތައް ބެހުމުގެ މަސައްކަތް އަވަސްވެގެންދާނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެމެރިކާގައި މަންކީޕޮކްސް ޖެހުނު މީހުންގެ އަދަދު 6،600 އަށް ވަނީ މިހާރު އަރާފައެވެ. މި ކޭސްތަކުގެ ތެރެއިން ތިންބައިކުޅަ އެއްބައި ފެނިފައިވަނީ މިދިޔަ ހަފްތާގައި މަންކީޕޮކްސް އާއި ގުޅިގެން އަމިއްލަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ނިއުޔޯކް ސްޓޭޓުންނެވެ. ދެން އެންމެ ގިނައިން ކޭސްތައް ރިޕޯޓުކޮށްފައިވަނީ ކެލިފޯނިއާ އާއި އިލިނޮއިސް އިންނެވެ. މިދެ ސްޓޭޓުންވެސް ވަނީ މި ހަފްތާގެ ކުރީކޮޅު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

އެމެރިކާގެ ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަހަރުގެ ތެރޭގައި 26،000 އަށްވުރެ ގިނަ މީހުން ވަނީ މަންކީޕޮކްސްއަށް ޕޮޒިޓިވްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން