ދިވެހި ރާއްޖޭގައި ކެންސަރާއި ހިތުގެ ބަލި އާދަޔާ ޚިލާފަށް ގިނަކަން ފާހަގަ ކުރެވިފައިވާއިރު ރާއްޖޭގައި މިފަދަ ބަލިތައް އިތުރުވެގެން މިއުޅޭ މައިގަނޑު ސަބަބަކީ ދިރިއުޅުމާއި ކެއިންބުއިމުގެ އާދަތަކަށް އައި ޒަމާނީ ބަދަލު ތަކުގެ ސަބަބުން ކަމުގައި ވުމީ ދުރުގައި ވާކަމެއް ނޫނެވެ. ކެއިންބުއިމުގައި އާޓިފިޝަލް ނުވަތަ މަސްނޫޢީ މާއްދާތައް ހިމެނޭ ކާނާގެ ބާވަތްތައް ބޭނުން ކުރުމަކީ ދިވެހީންގެވެސް މިއަދުގެ ސަގާފަތެކެވެ. އާދައެކެވެ. މިކަމުގެ މިސާލެއް ދަންނަވާނަމަ ސުގަރ ފްރީއޭ ކިޔައިގެން ދޯބުރާލި ހަކުރުގެ ބަދަލުގައި އާޓިފިޝަލް ހަކުރުގެ ބާވަތްތައް ބޭނުން ކުރުމަކީ މިއަދު ދިވެހީންގެ އާދައެކެވެ. ސައިތަށި، ފޮނިކޮށްލަން ނުވަތަ ކޮފީތަށި ފޮނިކޮށްލަން ކޮންމެވެސް ބާވަތެއްގެ އާޓިފިޝަލް ހަކުރެއް ބޭނުން ކުރުމަކީ މިހާރު އާންމު ކަމެކެވެ. އާޓިފިޝަލް ހަކުރު ބޭނުން ކޮށްގެން ފޮނިކޮށްފައިވާ ބުއިންތައް ބޭނުން ކުރުމާއި ދޯބުރާލި ހަކުރުގެ ބަދަލުގައި އާޓިފިޝަލް ހަކުރު އަޅައިގެން ފޮނި ކާއެއްޗެހި ހެދުމަކީ ދިވެހީންގެ ތެރޭގައި މިއަދު ވަރަށް އާންމު ކަމެކެވެ.

އިންތިހާއަށް ދޯބުރާލި ހަކުރު އަޅައިގެން ފޮނިކުރާ ކޮކާ ކޯލާ ނުވިކޭން ފެށުމުން ޒީރޯ ކޯކަށްވީ ނުވަތަ ޑައިޓް ކޯކަށްވީ އާޓިފިޝަލް ހަކުރު އިންތިހާއަށް އަޅައިގެން ފޮނިކޮށްގެންނެވެ. ހިކޭ ހަކުރޭ ކިޔައިގެން ސްލިމް ޖަހައިގެން އާޓިފިޝަލް ހަކުރު ރާއްޖޭގެ ބާޒާރަށް ނެރެ މަޝްހޫރު ވިޔަފާރިވެރިއަކު ވިއްކާ ނަގާއިރުވެސް ކަމާބެހޭ ފަރާތްތަކުން އަޅާނުލާ ތިބެނީ އެއީ ކިހާވަރެއްގެ ގެއްލުމެއް ހުރި އެއްޗެއްކަން ނޭނގޭތިއަކީ ނޫނެވެ.

ދިވެހީން މިހަކުރު ބޭނުން ކުރަނީ ހަކުރު ބަލިންނާއި ހަށިގަނޑު ފަލަވުމުން ސަލާމަތް ވުމަށެވެ. ހަށިގަނޑު ރީތިކޮށް ލޫޅާފަތިކޮށް ބެހެއްޓުމަށް ދޯބުރާލި ހަކުރު ދޫކޮށްލާފައި އެނބުރެނީ އާޓިފިޝަލް ހަކުރާ ދިމާއަށެވެ. އާޓިފިޝަލް ހަކުރުގެ ބާވަތްތައް އިސްތިހާރުކުރާ ފަރާތްތަކުން ވެސް އެކަން ވިސްނައި ދެނީ މިދެންނެވި ގޮތަށެވެ.

ނަމަވެސް މިކަން އޮތީ ތިޔަ ހީކުރާ ގޮތަކަށް ނޫންކަން ފަހުގެ ދިރާސާތަކުން މިވަނީ އެނގި ޔަގީން ވެފައެވެ. ދޯބުރާލި ހަކުރުގެ ބަދަލުގައި އާޓިފިޝަލް ހަކުރު ނުވަތަ އާޓިފިޝަލް ފޮނި އެއްޗެހި ބޭނުން ކޮށްގެން ތިޔަ ބޭނުންފުޅުވާ މަޤްޞަދު ހާސިލު ނުވާކަން އެނގުނީ އެތަކެތި ބޭނުންކުރުމުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު 9 އިންސައްތަ އަށް އިތުރުކޮށްދޭކަން ނުވަތަ އެމިންވަރަށް އެއާއި ގުޅުން ހުރިކަން އެނގުމުންނެވެ.

މަޝްހޫރު ސްކައި ނިއުސްގައި މިއަދު ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ވާގޮތުން މިކަން ހާމަވީ ފްރާންސްގެ ސޯރބޮން ޕެރިސް ނޯޑް ޔުނިވާސިޓީގެ ދިރާސާވެރިން ހޯދި ހޯދުންތަކަކުންނެވެ. އެ ހޯދުން ތަކުން އިތުރަށް އެނގުނު ގޮތުގައި އާޓިފިޝަލް ހަކުރު ނުވަތަ އާޓިފިޝަލް ފޮނި އެއްޗެހި ބޭނުންކުރުމަކީ ސިކުނޑިއަށް ލޭ ދައުރުވުމަށް އަސަރުކުރާ ހާލަތްތަކުގެ ނުރައްކާ ގާތްގަނޑަކަށް 20 އިންސައްތައަށް އިތުރުވާ ކަމެކެވެ.

ޕެރިހުގެ ދިރާސާވެރިންގެ މިދިރާސާގެ ބައިވެރިން މިފަދަ އާޓިފިޝަލް ހަކުރު ބޭނުން ކޮށްގެން އުފައްދާފައިވާ އެކި ބާވަތްތަކުގެ ބުއިންތަކާއި ކާނާއާއި އަދި ކިރުގެ އުފެއްދުންތައް ބޭނުންކޮށްފައި ވެއެވެ.

ބްރިޓިޝް މެޑިކަލް ޖާނަލްގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި ދިރާސާވެރިން ވަނީ ފްރާންސްގެ 100،000 އަށް ވުރެ ގިނަ މީހުން ބޭނުންކޮށްފައެވެ. ބައިވެރިންގެ އެވްރެޖް އުމުރަކީ 42 އަހަރެވެ. މިދިރާސާގައި ބައިވެރި ކުރި ކޮންމެ ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އަންހެނުންނެވެ. މިދިރާސާގެ ނަތީޖާ ނެރުމުގައި ދިރާސާވެރިން ވަނީ ބައިވެރިން ބޭނުންކުރި ކާބޯތަކެތީގެ ރެކޯޑްތައް ބޭނުންކޮށްގެން އެމީހުން ފޮނި އެއްޗެހި ބޭނުންކޮށްފައިވާ މިންވަރު ދެނެގަނެފައެވެ.

އެގޮތުން ދިރާސާގެ ބައިވެރިން 24 ގަޑިއިރުގެ ތެރޭގައި ކެއިން ބުއިމަށް ބޭނުންކުރި ހުރިހާ އެއްޗަކާއި ބޭނުންކުރި ބްރޭންޑްތައް ހިމެނޭ ގޮތަށް، ކޮންމެ ދުވަހަކު އެމީހުން ބޭނުން ކުރާ ކާނާގެ ބާވަތްތައް ރެކޯޑްކޮށް، އެކި މަރުހަލާ ތަކުގައި ތަހުލީލުތައް ކޮށްފައި ވެއެވެ. މިދިރާސާގެ ބައިވެރިންގެ ތެރެއިން 37 އިންސައްތައެއްހާ މީހުން ވަނީ އާޓިފިޝަލް ފޮނި އެއްޗެހި ބޭނުންކޮށްފައެވެ.

އެވްރެޖްކޮށް ނުވަ އަހަރުގެ ފޮލޯއަޕް މުއްދަތެއްގެ ތެރޭގައި ބައިވެރިންގެ 1،502 ކާޑިއޯވަސްކިއުލަރ އިވެންޓް، ނުވަތަ ހިތާއި ގުޅުންހުރި އެކި ބަލިތައް ވަނީ ރެކޯޑްކުރެވިފައެވެ. މީގެ ތެރޭގައި ހާޓް އެޓޭކް، ސްޓްރޯކް، މިނީ ސްޓްރޯކް އަދި އެންޖައިނާ ނުވަތަ ހިތުގެ މަސްތަކަށް ލޭ ދައުރުވުން ދަށްވުމާ ގުޅިފައިވާ މޭގައި ރިއްސުން ހިމެނެއެވެ.

އެގޮތުން މިދިރާސާތަކުން ދިރާސާވެރިންނަށް އެނގިގެން ދިޔަ އެއްކަމަކީ އާޓިފިޝަލް ސްވީޓްނަރ ބޭނުންކުރުމުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު 9 އިންސައްތައަށް އިތުރުވާ ކަމެވެ. މީގެއިތުރުން ވަކިން ޚާއްޞަކޮށް އެސްޕަޓޭމް ކިޔާ ބާވަތެއްގެ ސްވީޓްނަރ ނުވަތަ އާޓިފިޝަލް ހަކުރު ބޭނުން ކުރުމުން ސެރެބްރޯވަސްކިއުލަރ ޖެހުން 18 އިންސައްތައަށް އިތުރުކޮށްދޭ ކަމަށް މިދިރާސާއިން ދައްކައެވެ. ސެރެބްރޯވަސްކިއުލަރއަކީ ސިކުނޑިއަށް ލޭ ދައުރުވުމަށް އަސަރުކުރާ ހާލަތްތަކާ ގުޅިފައިވާ ބައްޔެކެވެ.

އެހެންކަމުން، ކިތަންމެ ހަކުރު މައްޗަށް ދިޔަޔަސް އަދި ދޯބުރާލި ހަކުރުގެ ބަދަލުގައި ފޮނިކޮށްލާނަމޭ ހިތައި ވެސް ސްވީޓްނާ ނުވަތަ އާޓިފިޝަލް ހަކުރާއި އެފަދަ ހަކުރު ބޭނުންކޮށްގެން އުފައްދާފައި ހުންނަ ފޮނިކާތަކެތި ބޭނުން ކުރުމަކީ ރަނގަޅު ކަމެއްނޫނެވެ.

މިހާރު ދުނިޔޭގެ އެތައް މިލިއަން މީހުން ބޭނުން ކުރަމުން ގެންދާ އާންމު ކާނާގެ އެތައް ބާވަތެއްގައި އާޓިފިޝަލް ހަކުރު ބޭނުންކޮށްފައިވާއިރު މިބާވަތްތައް އާންމުކޮށް ބޭނުން ކުރުމަކީ ދިރިއުޅުމުގެ އާދައަކަށް ވީ ނަމަވެސް މިއާދަތަކަކީ ދޫކޮށްލަން ޖެހޭ އާދަތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު


9

ޙަމަ

25-Feb-2023

ޥެބްސައިޓެއްގަ އާޓިކަލްއެއް އޮތީތީ ވީ އަވަހަށް ތަރުޖަމާކޮށް އާންމު ކޮށްލަންތަ ?? ތިއީ ހުސް އޮޅުވާލުން!! ޙިތުގެބަލިތައް ގިނަވުމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ކުކުޅު, ސޮސެޖް ގެރިމަސް ފަދަ ޕްރޮސެސް ފުޑް ވިއްކާ ސިނާއަތްކުން !! ޢެއީ ހަކުރޭކިޔައިން ކޮންފިއުޝަން އަދި ޑައުޓް މިފަދަ ހަބަރުތަކުގެ ޒަރިއްޔާއިން ސީދާގޮތުންނާއި ނުސީދާގޮތުން ފެތުރުމަކީވެސް ހަމަ ސީދާ އެމިހުންގެ ޕްރޮޕެގެންޑާ!!


6

ޢަހުމަދު

25-Feb-2023

ވަރަށް ރަނގަޅު ލިޔުމެއް. މިފަދަ ލިޔުންތައް ގެނެސްދެއްވާއިރު ޑޮކްޓަރުންގެ ވިޔު އަކާއެކު ގެނެސްދެއްވާނަމަ، ވަކިން ފުރިހަމަވާނެ. މަސްދަރުގެ ގޮތުގައި ހަމައެކަނި ތަރުޖަމާ އަކަށް ބައްލަވައިގެން ލިޔުއްވުމުގެ ބަދަލުގައި، އިތުރު ރިސާރޗް ކުރެއްވުން ވަރަށް ފައްކާވާނެ. މިއީ މި މަސައްކަތް އެޕްރިޝިއޭޓް ނުކުރާންވެގެން ދައްކާ ވާހަކައެއްކަމަށް ހީނުކުރެއްވުން އެދެން. މިއީވެސް ވަރަށް ބުރަ މަސައްކަތެއްކުރައްވައިގެން ގެނެސްދެއްވި އާރޓިކަލްއެއްކަމަށް ޤަބޫލުކޮށް ޝުކުރު ދަންނަވަން.



ޓްރެންޑިން