ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕީޕީއެމާއި ގުޅޭނެ މެމްބަރުން އެބަތިބި ކަމަށް ޕީއެންސީގެ ނާއިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެއެވެ.

ޕީޕިއެމްގެ އޮފީހުގައި މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މަޖިލީހުގައި ޕީޕިއެމާއި ގުޅޭނެ މެމްބަރުން އެބަތިބި ކަަމަށާއި، ވަގުތު ޖެހުމުން އެމެމްބަރުން އެޕާޓީގެ ޕޯޑިއަމްތަކުން ފެންނާނެ ކަމަށެވެ.

އެމްޑީޕީގެ ބައެއް އާންމު މެމްބަރުން ވެސް އެޕާޓީން ވަކިވެ ޕީޕިއެމާއި ގުޅެމުންދާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެމްޑީޕީގެ މެމްބަރުންނަށް ވެސް ދެން އުފެދޭނީ ޕީޕިއެމްގެ ސަރުކާރެއްކަން އެނގޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ޕީޕިއެމާއި އެޕާޓީގެ ލީޑަރޝިޕް އޮތީ ވަރަށް ބަދަހިކަމާއެކު ރައީސް ޔާމިންގެ ފަހަތްޕުޅުގައި ކަމަށެވެ. އަދި އެޕާޓީގެ ލީޑަރޝިޕުގެ އިސްބޭފުޅުންނާއި ގުޅޭގޮތުން ދައްކަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރުގައި ރައްޔިތުންގެ ޖީބަށް ފައިސާ ވަންނަމުންދިޔަ ކަމަށެވެ. އަދި އެތަން ރައްޔިތުންނަށް ފެންނަމުންދިޔަ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެނގޭ މިއަދު މި ގައުމު އޮތް ހާލަތަށް ބަލާއިރުވެސް ދެވަނަ މީހަކު އެއްވެސް ދިމާލަކުން މިރާއްޖޭގެ އެއްވެސް ޕާޓީއަކުން ރައީސް ޔާމިން ފިޔަވައި އަޅުގަނޑުމެންނަކަށް ނުފެނޭ. އެހެންވީމަ އުއްމީދު އެބައޮތް އިރާދަކުރެއްވިއްޔާ މި ޕާޓީ ވެރިކަމަށް އާދެވޭނެ. އެ އުއްމީދުގައި މިތިބީ. އެއްގޮތަކަށް ވެސް ބަޔަކު ދައްކާ ވާހަކަ އަކަށް ހާސްވާނެ ކަމެއް ނެތް. އެދައްކާ ވާހަކަ އަކީ ޕާޓީ ބައިބައިކޮށްލެވޭނެ ކަމަށް ދައްކާ ވާހަކަ. އެއަށްވުރެ މި ތިބީ ބަދަހިކަމާއެކު." އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވަނީ ރައީސް ސާލިޙުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކާފައެވެެ. އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި މިއަދު އޮތީ ސަރުކާރެއް ނޫން ކަމަށާއި، ސަރުކާރުގައި ހަރުދަނާ ލީޑަރޝިޕެއް ނެތް ކަމަށެވެ. އަދި މި ސަރުކާރަކީ އެއްވެސް ކަމެއް ކުރަން ދަންނަ ސަރުކާރެއް ނޫން ކަމަށާއި ސަރުކާރުގައި އުރައްޕެއް ނެތް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ލީޑަރޝިޕެއް ހުރެގެން ކަންކުރާންވީ ގޮތް ބަޔަކަށް ކިޔައިދީގެން ރަނގަޅަށް ގެންދާއިރު ބަޔަކު ގަބޫލު ކޮށްފާނެ އެކިޔަނީ ރަނގަޅު ލަވައެއް ކަމަށް. އެޖަހަނީ ރަނގަޅު ބެރެއް ކަމަށް. މިހާރު މި ޖަހާ ބެރަކާއި ކިޔާ ލަވައަކާއި ދިމަލެއް ނުވޭ. ނަށަން އަރައިފިއްޔާ ހަދަނީ ގޯހެއް،" ރައީސް ޔާމިން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން