ބަހަކީ އެ ބަހަކުން ވާހަކަދައްކާ އެންމެންގެ އެއްޗެކެވެ. އެއީ ވަކި މީހެއްގެ އެއްޗެއް ނޫނެވެ. ތެދުފުޅެކެވެ. ބަސް ކިޔަވައިދެއްވުމަކީ މުދައްރިސުންގެ ކަމެކެވެ. ބަހާ ބެހޭ ދިރާސާކުރައްވައި ބަހުގެ ގަވާއިދުތައް އިޞްލާޙުކުރެއްވުމަކީ ބަހަވީ ޢީލްމުވެރީންގެ ކަމަށް ވެދާނެއެވެ. ބަސްތަރައްޤީކޮށް ކުރިއަރުވައި ތަރައްގީކުރުމަކީ ކަމާ ބެހޭ ވިދާރާއެއްގެ ކަމަކަށް ވެދާނެއެވެ. އެހެންނަމަވެސް އެ ބަހަކުން މުޢާމަލާތުކުރުމަކީ އެންމެން ކުރާ ކަމެކެވެ. ކުރާން ޖެހޭ ކަމެކެވެ. ވީމާ، ހެޔޮ ގޮތުގައި ބަސް ބޭނުންކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.

ޕާކިސްތާނުގެ މަޝްހޫރު ފިލޯސަފަރު ޢައްލާމާ ޑރ. މުޙައްމަދު އިޤްބާލު (ރަޙިމަހުﷲ) ވިދާޅުވެފައިވާ ފަދައިން، އެ މީހެއްގެ މާދަރީބަސް އެ މީހަކު ދަސްކޮށް ހެޔޮ ގޮތުގައި ބޭނުންކުރާންޖެހެނީ އެއީ ހަމައެކަނި އެ މީހެއްގެ ޤައުމަށް ޓަކައެއް ނޫނެވެ. އަދި އެއީ އެ މީހެއްގެ ނަސްލަށް ޓަކައެއް ވެސް ނޫނެވެ. އެއީ ޚުދު އެމީހަކަށް ޓަކައި ވެސް ކުރުން ލާޒިމު ކަމެކެވެ. އޭނާ ވިދާޅުވެފައިވަނީ އެއީ އެ މީހެއްގެ "މަންމަންކަމާއި ބީތާންކަން ފިލުވުމަށްޓަކައި" ކުރާންޖެހޭ ކަމެއް ކަމުގައެވެ.

ކަން ހުރިމަގުމަގީ މިއީ ކަމަށް ވިޔަސް ބައެއް ބޭފުޅުން މި ހަގީގަތް ގަބޫލުކުރައްވާކަށް ބޭނުންފުޅެއް ނުވެއެވެ. ދިވެހިބަހަކީ ދަސްކުރާންޖެހޭ މާ ގިނަ ކަންތައްތަކެއް ހުރި ބަހެއް ނޫންކަމަށް ބައްލަވައި ތިމާގެ ނުކުޅެދުންތެރިކަމުގެ ބަދުނާމު ބަހުގެ ކިބައިގައި އަޅުއްވަމުން ކުރިއަށް ވަޑައިގަންނަވަނީއެވެ. ތިމަންނައަކީ ބަހުގެ ބޭފުޅެއް ނޫނޭ، ތިމަންނަގެ ދާއިރާއަކީ ބޭސްވެރިކަމޭ، އިންޖިނޭރުކަމޭ، ޤާނޫނީ މަސައްކަތޭ، ޝަރުޢީ މަސައްކަތޭ، ދީނީ މަސައްކަތޭ، ނޫސްވެރިކަމޭ ވިދާޅުވެ ކުރިއަށް ވަޑައިގަންނަވަނީއެވެ. އަދި ބަހުގެ ހަމަތަކާއި އުޞޫލުތަކަށް ބެއްލެވުމަކީ އެ ފަދަ ބޭފުޅުށްނަށް ވަރަށް "ދަށް" ކަމަކަށް ބެއްލެވެނީއެވެ. އަދި ދިވެހިބަހުން މިވެނި ވާހަކައެއް ވިދާޅުވާން އެނގިވަޑައެއް ނުގަންނަވައޭ ވިދާޅުވާން ލަދުފުޅުނުގަނެ، އެއީ ފަޚުރެއްކަމަށް ވެސް ބައްލަވަނީއެވެ. ނަމަވެސް މި ދެންނެވި (އަދި ނުދެންނެވުނަސް) ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިކަމަކީ ވެސް އިންސާނުންނާ ގުޅިފައިވާ ކަންކަމަށް ވާތީ، އެ ހުރިހައި ދާއިރާއެއްގެ މަސައްކަތްތަކުގައި ވެސް ބަހުން އިސްތިޢުމާލުކޮށް މުޢާމަލާތުކުރާން ޖެހޭނެތީ ބަހުގެ މުހިއްމުކަން ކުޑަ އެއްވެސް ދާއިރާއެއް އިންސާނީ މުޖުތަމަޢެއްގައެއް ނޯންނާނެއެވެ. ނަމަވެސް ............

އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކުހެން ފެންނަނީ މަޢުލޫމާތާއި ޚަބަރު ފަތުރުއްވާ ބޭފުޅުން މި ކަމަށް ސަމާލުކަން ނުދެއްވާ ތަނެވެ. ހުރިހާ ބޭފުޅުންނެއް ނޫނެވެ. ބައެއް ބޭފުޅުންނެވެ. ހަނޑޫ ބަސްތާއެއްގައި އެންމެ މީދާ ގުޔެއް އޮތަސް އެއީ މީދާ ގުއި ހުރި ހަނޑު ކަމަށް ބެލޭ އުޞޫލުން އެންމެ ބޭފުޅެއްގެ ފަރުވާކުޑަކުރެއްވުމުގެ ސަބަބުން އޭގެ ހިތާމައާއި ގެއްލުން އަދި ލަދުވެތިކަމާއި ބަދުނާމު އެތައް ބޭފުޅުންނެއްގެ އިސްތަށިފުޅުގައި އެޅޭ ގޮތް ވަނީއެވެ.

ދާދި ފަހުން ވެސް ނޫހެއްގައި އޮތް ޚަބަރެއްގެ ސުރުޚީއާ ބެހޭ ގޮތުން ލިޔުމެއް ލިޔެ މި މަހު 12 ވަނަ ދުވަހު އަޅުގަނޑު "ފަންވަތް" ސައިޓްގައި ޝާއިޢުކޮށްފައިވާނެއެވެ. އެއީ ޖޫން މަހު 9 ގައި އޮންނައިލް ނޫހެއްގައި އޮތް ޚަބަރެއްގެ ސުރުޚީއެވެ. އެ ލިޔުމުގެ ލިންކު މި ކޮލަމުގެ ތިރީގައި އެ ވަނީއެވެ.

މިއަދު އަނެއްކާ ވެސް ލިޔާން މި ޖެހުނީ އެ ފަދަ ވާހަކައެކެވެ. އިއްޔެ (2020 ޖޫން 16 ވީ އަންގާރަ ދުވަހު) އޮންލައިން އެހެން ނޫހެއްގައި އޮތް ޚަބަރެއްގެ ސުރުޚީ ފެނުމުން ދެރަވިޔަސް ދާއިމީ އުފަލެއް އިޙުސާސްކުރެވުނެވެ. ތިން މީހަކު މަރުވި ކަން އެނގުމަކީ ހިތާމައެކެވެ. ނަމަވެސް ބޮޑު ދެބާރެއްގެ ދެމެދުގައި އޮންނަ ހަމަނުޖެހުމެއް ދާއިމީ ގޮތެއްގައި ޙައްލުވީކަން އިޙުސާސްކުރެވުނީމާ ލިބުނު އުފާ މާ ބޮޑުވިއެވެ. އެހެނީ ސަރަޙައްދަށާއި މުޅި ދުނިޔެއަށް ވެސް އެކަމުން ފައިދާ ލިބޭނެތީއެވެ.

މި ދެންނެވި ނޫހުގައި (ކުރީ ދުވަހު ދެންނެވި ނޫސް ނޫން އެހެން ނޫހެއްގައި) އޮތް ޚަބަރުގެ ސުރުޚީގައި އޮތީ "އިންޑިއާ-ޗައިނާ ބޯޑަރުގައި ކުރިމަތިލުމެއް ހިންގާ ތިން މީހުން" މަރައިލި ވާހަކައެވެ. އެ އިމުގައި ހަމަނުޖެހުމެއް ހިންގަނީ އެންމެ ތިން މީހުންކަމާއި އެ ތިން މީހުން މަރައިލެވުނުކަން އެނގުމުން އެ ސަރަޙައްދަށް ދެން އަންނާނެ ހަމަޖެހުން ހިތަށް ވަދެ އުފާވެރިކަން އިޙުސާސްވީއެވެ.

ނަމަވެސް ޚަބަރު ކިޔައިލުމުން ދޭހަވީ މުޅިން އެހެން މާނައެކެވެ. އެ ތާނަގައި ދެ ކަމެއް ހިނގީއެވެ. ބަޔަކު ހަމަނުޖެހުމެއް ވެސް ހިންގީއެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ތިން މީހަކު މަރައި ވެސް ލީއެވެ. މި ބޮޑު އޮޅުން އެރީ ދިވެހިބަހުގައި ކަންކުރި ފަރާތް އެއްގޮތްވުމާއެކު އޭނާ ކުރާ އެއް ކަމެއް އަނެއް ކަމަކާ ގުޅަމުން ގެންދިޔުމުގައި އައިބައިފިލި ޖަހާ ހަމަ ދޫކޮށްލައި، ކަމުން ނަންއިތުރު އުފައްދާން ބޭނުންކުރާ ހަމައިގެ މަތީން އެ އަކުރުގައި އާބާފިލިޖަހައިފައި އޮތީމައެވެ. މީ ކުޑަކުޑަ ވިސްނުމަކުން ރަނގަޅު ކުރެވޭނެ ކަމެކެވެ. ނަމެއްގެ ކުރިއަށް އެއާ ވިދިގެން އޮންނަ ކަމެއްގެ ފަހު އަކުރުގައި އާބާފިލި ޖެހިއްޖެ ނަމަ، އެ ކަމެއް، އެއާ ވިދިގެން އޮންނަ ނަމަކަށް އިތުރު ސިފައެއް ގެނެސްދޭ ނަންއިތުރަކަށް ބަދަލުވާކަން ގަބޫލުކުރެއްވީމާ މުޅި މައްސަލަ އަބަދާއަބަދަށް ވެސް ޙައްލުވީއެވެ.

މި ވަރުގެ ކުޑަކުޑަ ކަމެއް ކޮށްލައިގެން މައްސަލައެއްގެ ދާއިމީ ޙައްލު ހޯދާން މަސައްކަތް ނުކުރުމަކީ ކޮން ޙިކުމަތަކަށް ޓަކައި ކޮން މަގުޞަދެއްގައި، ކޮން ބޭނުމަކު ކުރާ ކަމެއް ބާވައޭ ހިތަށް އަރައިގެން ހަމަ މި ހިޔާލު ފާޅުކޮށްލާ ހިތް ވީއެވެ. ހެޔޮ ގޮތުގައި ބަސް ބޭނުންކުރުމަކީ ހަމައެކަނި ބަސްވަރުންނާއި އަދީބުންގެ ކަމެއްކަމަށް ބައްލަވާނަމަ، މުޖުތަމައަށް މަޢުލޫމާތު ފެތުރުމުގައި ވަރަށް ބޮޑެތި އޮޅުންތައް އަރައި ނުބައި ވިސްނުންތަކެއް ވިސްނާންޖެހިދާނެތީއެވެ. އެ ކަމުގެ ސަބަބުން އިޖުތިމާޢި އަދި ޤައުމީ ކިތަންމެ މައްސަލައެއް ފެންމަތިވެދާނެތީއެވެ. ވީމާ، ހެޔޮ ގޮތުގައި ބަސް ބޭނުންކުރުމަކީ ހަމައެކަނި ބަސްވަރުންނާއި އަދީބުންގެ ކަމެއްކަމަށް ދެކެވަޑައިގަތުމަކީ ރަނގަޅު ގޮތެއް ނޫނެއް ނޫންތޯއެވެ! ވީމާ، އަޅުގަނޑުމެން އެންމެން ވެސް އަޅުގަނޑުމެންގެ ބަހަށް އިޙުތިރާމްކޮށް، ބަހުގެ އުޞޫލުތަކާ އެއް ގޮތަށް ޢަމަލުކުރުމުގެ ޢަޒުމުކަނޑައަޅަމާތޯއެވެ!

ލިންކު



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން