ހުޅަނގުން ގަތަރަށް ދޭން ޖެހޭ ފިލާވަޅެއް ނެތް ކަމަށާއި، އޭގެ ބަދަލުގައި ޔޫރަޕްގެ ގައުމުތަކުން މާޒީގެ ތަޖުރިބާތަކަށް މައާފަށް އެދެން ޖެހޭ ކަމަށް، ފީފާގެ ރައީސް ގިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

ގިއާނީ އިންފަންޓީނޯ މިހެން ވިދާޅުވެފައިވަނީ މިއަހަރުގެ ވޯލްޑް ކަޕް މުބާރާތް ހުޅުވުމުގެ މުނާސަބަތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޤަތަރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ފާޑުކިޔާ މީހުންނަށް ޖަވާބު ދާރީ ވުމުގެ ގޮތުންނެވެ.

މިއަހަރު ވޯލްޑް ކަޕް ބާއްވާ ޤަތަރަށް ގިނަ ބަޔަކު ފާޑު ކިޔަމުން ދަނީ، އެގައުމުގައި މަސައްކަތް ކުރާ ބިދޭސީންނާ މެދު އަމަލުކުރާ ގޮތާއި، އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުން މަނާކުރުމާއި، މުބާރާތް އޮންނަ ހުރިހާ ދަނޑެއްގައި ރާ ވިއްކުން މަނާކުރުމަށް ނިންމުމުންނެވެ.

ޤަތަރު ދިފާއުކޮށް ވާހަކަ ދައްކަވަމުން ގިއާނީ ވިދާޅުވީ ޤަތަރުގައި މަސައްކަތް ކުރާ ބިދޭސީންގެ ހައްގުތަކާ ގުޅޭގޮތުން އެއްވެސް ބަޔަކު ވަކާލާތު ނުކުރާ ކަމަަށާއި، އެންމެންވެސް ދިއްކުރަނީ އިނގިލި ކަމަށެވެ. ނަމަވެސް ޔޫރަޕުން މިދިޔަ 3،000 އަހަރު ތެރޭގައި ކަންކަންކޮށްފައިވަނީ ކުރިއަށް އޮތް 3،000 އަހަރުވެސް އެކަމަށްޓަކައި މުޅި ދުނިޔޭގެ ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭނެ ފަދަ ގޮތަކަށްކަމަށް ބުނެ ގިއާނީ ވަނީ ފާޑުކިޔާ ފަރާތްތަކަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

"ޤަތަރުން މިލިއަނުން، ބިލިއަންމުން ރުފިޔާ ލިބޭ މި ޔޫރަޕްގެ ނުވަތަ ހުޅަނގުގެ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން ކިތައް ކުންފުނިންތޯ ޤަތަރުގައި މަސައްކަތް ކުރާ އެހެން ގައުމުތަކުގެ މީހުންގެ ހައްގުތަކާއި ބެހޭ ގޮތުން ވަކާލާތުކޮށްފައިވަނީ؟" ގިއާނީ އެއްސެވިއެވެ.

މީގެ އިތުރުން ޤަތަރުން ފަހުވަގުތު ނިންމި ރާ ނުވިއްކާނެ ގަވާއިދާއެކު، ފީފާގެ ބާރު ގެއްލެމުންދާ ކަމާމެދު ސުވާލު ކުރުމުން، ގިއާނީ ވަނީ މި ވޯލްޑް ކަޕުގެ 200 އިންސައްތަ ކޮންޓްރޯލް އޮތީ ފީފާ އަތުގައި ކަމަށެވެ. އަދި އެފަދަ ގަވާއިދުތަކަކީ މީގެ ކުރިން، ސްކޮޓްލޭންޑް، ފްރާންސް އަދި ސްޕެއިން ފަދަ ގައުމުތަކުގައިވެސް އަޅާފައިވާ ގަވާއިދުތަކެއްކަމަށް ގިއާނީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން