ޞާދިރު ޢަލީދީދީ   29 ޖޫން 2020 - 14:46
ސަރާ
ސަރާ
އެޕިސޯޑް 10

...............

އޭރު ގޭގެ ބޮޑު ކޮޓަރީގެ ކައިވެނި ކުރުމަށް ޚާއްޞަ ކޮށްފައިވާ ފަރާތުގައި ހުރި މޭޒުދޮށުގައި ޤާޟީއާއި ހެކިވެރިންގެ އިތުރުން ދެތިން މީހަކުވެސް ތިއްބެވެ. މަލަކާގެ މަންމަ ޝާޢިރާއާއި ބައްޕަ ވަޖުދީއަށް އާދެވުނީ މަލަކާއާއި ޢިމްރާންވެސް ތައްޔާރުވެގެން އައިސް އިށީންފަހުންނެވެ.

އޭގެ މާގިނައިރުތަކެއްނުވެ ޤާޟީ ކައިވެނި ޚުޠުބާއަށް ފެށިއެވެ.

ހަމަ އެވަގުތެވެ. ޢިމްރާނަށް ސައިޕްރައިޒެއް ދިނުމުގެ ގަސްދުގައި ސަރާ މާލެ އައިސް ގެއަށް ދިއުމަށްޓަކައި ޓެކްސީއެއްގައި ދަތުރު ކުރަމުން ދަނީއެވެ. މާބޮޑަށް ޢިމްރާން އޭނާ ހަނދާންވާތީ އުޅޭވަރުން އޭނާ ބޭނުންވަނީ ލޯބިވާ ފިރިމީހާއަށް ކުއްލި ހިތްހަމަޖެހުމެއް ދޭށެވެ.

ޢިމްރާން އެކަންޏެއް ނޫނެވެ. ޙަޤީޤަތުގައިވެސް އޭނާއަށްވެސް ޢިމްރާނާ ވަކިން އުޅުމަކީ މާފަސޭހަ ކަމެއް ނޫނެވެ. ޢިމްރާނަށް އަންގާވެސް ނުލާ އޭނާ އައީވެސް އެހެންވެގެންނެވެ. މިހާރު ކާރުތެރޭގައިވެސް އޭނާއަށް އިނދެވެނީ ކެތްތެރިކަން ކުޑަވެފައެވެ.

[ޑްރައިވަރ އެހެރަ ފެންނަނީއޭ ފަހީމާ މަންޒިލް....] އެގެ ހުންނަ މަގަށް ކާރު ވަނުމާއެކު ސަރާ ޑްރައިވަރަށް ގެ ދައްކާލިއެވެ.

[އެއީ ނުލާހިކު މަޝްހޫރު ގެއެއްނު. އެގެ ނޭނގޭނެ ޑްރައިވަރެއް ޓެކްސީއެއް ނުދުއްވާނެ. ތީ އެގެއަށް ކީއްކުރަންދާ ކުއްޖެއް؟] ޑްރައިވަރު ލޯގަނޑުން ފަހަތު ޝީޓްގައި އިން ސަރާގެ މޫނަށް ބަލައިލުމަށްފަހު އެއްސެވެ.

[އެއީ އަޅުގަނޑުގެ ފިރިމީހާގެ ގެ.] ސަރާ ޖަވާބު ދިނުމަށްފަހު ދިހަރުފިޔާވެސް ދިއްކޮށްލިއެވެ. އެވަގުތު ޓެކްސީވެސް އެގޭ ދޮރުމައްޗަށް މަޑުކޮށްލައިފިއެވެ.

[އަޅުގަނޑު ފޮށި ދޮރާށިން އެތެރެއަށް ވައްދަދީފާނަންތޯ؟] ސަރާ ކާރުން ފައިބަމުން ޑްރައިވަރު ގާތު އެދުނެވެ. ޑްރައިވަރު ހިނިތުންވެލުމަށްފަހު، ދޮރާށިން އެތެރެއަށް ފޮށި ވައްދާލައިފިއެވެ. އެހިނދު މާނަލަކޮށް ޒީނަތްތެރިކޮށްފައިވާ ގޭގެ ޗާލުކަން ފެނި ހިސާބަކަށް ޙައިރާންވެފައި ހުރެމެ ސަރާ އެތެރެއަށް ވަނެވެ. އެއާއެކު އޭނާގެ ފައިގައި ހީވީ ކަސްތޮޅު އެޅުނުހެންނެވެ. ކަންފަތުގައި ޖެހުނު އަޑުން ކަންފަތުގެ ހިނދުރި ހީވީ ފޫއަޅުވާލާފައި ދިޔަހެންނެވެ.

[އަނބި ގަބޫލުކޮށްފިން.] އެއީ ހަމަ އޭނާގެ ލޯބިވާ ފިރިމީހާއެވެ. ޤާޟީއާއި ހެކިވެރިންގެ ކުރިމަތީގައި އެހެން އަންބަކު ގަބޫލުކުރީއެވެ. އެހިނދު ލިބުނު ޝޮކެއްގެ ބޮޑުކަމުން އޭނައަށް ހުރެވުނީ ގަނޑުވެފައެވެ. އިސާހިތަކު އޭނާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. އެތެރެއަށް ވަނުމުގެ ބަދަލުގައި މަޑުމަޑުން ފަހަތަށް ޖެހެން ފެށުނެވެ. ސަރާ އައިސް ދޮރުމަތީގައި ހުރިކަން ޢިމްރާނަށް އެނގުނީ ސަރާގެ ގިސްލުމުގެ އަޑު އިވުނީމައެވެ. ޢިމްރާން ވަގުތުން ތެދުވެއްޖެއެވެ. ބޭއިޚްތިޔާރުގައެވެ. ސަރާ ފަހަތަށް ޖެހެމުންގޮސް ނިކުތީ ބޭރަށެވެ. ޢިމްރާންވެސް ނިކަން ބާރަށް ހިނގާފައި ގޮސް ސަރާގެ ފަހަތުން ނުކުމެއްޖެއެވެ. ޢިމްރާން ނިކުތްއިރު ސަރާ ރޮމުން ގިސްލަމުން އެގެއާ ދުރަށް ދަނީއެވެ.

[ސަރާ...ސަރާ...މަޑުކޮށްބަލަ.] ޢިމްރާން އަސަރުން ފުރިފައިވާ އަޑަކުން ސަރާއަށް ގޮވާލިއެވެ. ކޮންމެފަދަ ޙާލަތެއްގައިވެސް ކިޔަމަންތެރިކަން އިޚްތިޔާރު ކުރާ ސަރާ ޢިމްރާންގެ އަޑަށް ވަގުތުން ހުއްޓިއްޖެއެވެ. އޭރުވެސް އޭނާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުންދެއެވެ. ޢިމްރާން އައިސް ސަރާއާ އަރާހަމަކުރިއެވެ.

[އަޅެ...ސަރާ...އަހަރެންގެ މަޖުބޫރީ ޙާލަތަށްޓަކައި އަހަންނަށް މަޢާފްކުރޭ...އަންބެއްގެ ގޮތުގައި އޭނާ ގަބޫލު ކުރިޔަސް، އަހަރެންގެ ހުރިހާވެސް އުފަލަކީތީ. ހިތްހަމަޖެހުން ޙިއްޞާ ކުރަން ބޭނުންވަނީ ތިޔަ އަހުރަވެތި ޔާރާއެކު. ނުރޮއި އަހަންނާއެކު ގެއަށް ވަންނަން އާދޭ.] ޢިމްރާން ވަރަށް ލޯތްބާއެކު ސަރާގެ ލޯ ފޮހެދިނުމަށްފަހު ސަރާގެ އަތުގައި ހިފަހައްޓާލިއެވެ.

[އިމޫ....އަޅެ ކީއްވެތަ ކައިވެނި ކުރަން އުޅޭ ވާހަކަ...] ސަރާގެ ޖުމްލަ ފުރިހަމަވިޔަނުދީ ޢިމްރާން ހިފެހެއްޓިއެވެ. ޢިމްރާން ސަރާގެ އަނގަމަތީގައި އަތްއެޅުމަށްފަހު ބުންޏެވެ.

[މިހާ ހިތްދަތި ޚަބަރެއް އަހަންނާ ދުރުގައި ހުއްޓާދޭން އަހަރެންގެ ހިތަށް ކުޅަދާނަނުވީ. ދެން ނުރޮއި އާދޭ އެތެރެއަށް.] ޢިމްރާން ސަރާ އަތުލަފިކޮށްގެންގޮސް އެތެރެއަށް ވަނެވެ.

އޭރު ކައިވެނިކޮށްދިން މީހުނާއެކު ފަހީމާއާއި އައިސް ތިބި މީހުން ކެއުމަށް ޚާއްޞަ ކޮށްފައިވާ ފަރާތުގައި އުޅެއެވެ. ޢިމްރާން ސަރާ އަތުލަފިކޮށްގެން އެތެރެއަށް ވަންއިރު ސިޓިންގރޫމްގައި އިނީ އެކަނި މަލަކާއެވެ. އޭނާ އިނީ ލިބުނު ކާމިޔާބަށްޓަކައި ފަޚްރުވެރިވެފައެވެ.

ޢިމްރާން މަލަކާއާ ދިމާއަށް ބަލައިވެސްނުލައެވެ. އޭނާ ސަރާގެ އަތުގައި ހިފައިގެންގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އެއަށްފަހު ޢިމްރާން އޭނާ މަލަކާއާ އިނަސް ސަރާއަށް ދެމުން އައި ލޯބިން ޒައްރެއްވެސް އުނިނުވާނޭކަމުގެ ޔަޤީންކަން ދިނެވެ. އަދި ތަކުރާރުކޮށް އެތައްފަހަރަކު ހަމައެކަނި އެރޭވެސް އޭނާ ސަރާދެކެވާ މަތިވެރި ލޯބީގެ ވާހަކަ ދެއްކިއެވެ.

[އަހަރެން ކެތްކުރާނަން. އެކަމަކު އިމޫ މަލަކާއާއެކު މާގާތްކޮށް އުޅޭތަން ފެންނަންޏާ....އަހަންނަށް ވަރަށް އަސަރު ކުރާނެ....] ސަރާ އޭނާގެ ލޮލަށް ގިނަވަމުން އައި ކަރުނަތައް އަނެއްކާވެސް ފޮހެލައިފިއެވެ.

[އަހަރެން ސަރާ ދެރަވާނޭ އެއްވެސް މަންޒަރެއް ސަރާއަކަށް ނުދައްކާނަން.] ޢިމްރާން ސަރާ އޭނާގެ މެޔާލާ ބޮނޑިކޮށްލައިފިއެވެ.

އެއީ ޙަޤީޤަތެވެ. ފަހަރެއްގައިވެސް އޭނާ އެންމެ ލޯބިވާ މީހާގެ ހިތުގައި ޖައްސާކަށް އޭނާ ބޭނުމެއް ނުވާނެއެވެ. ނަމަވެސް އޭނަޔަށް ނޭނގުނަސް އޭނާގެ މަންމަގެ ފަރާތުން ސަރާއަށް އިންތިހާއީ ހިތްދަތިކަމާ ކުރިމަތިލާން ޖެހެއެވެ. ކުރިއެކޭ އެއްގޮތަށް އެކަން އަބަދުވެސް ތަކުރާރު ކުރާނޭ ކަމަށް ބެލެވެއެވެ. ފަހީމާއަކީ އެހާވެސް ޒީލަގަދަ އަންހެނެކެވެ. އޭނާގެ ހުރިހާވެސް ރޭވުމަކާއި ވިސްނުން ގުޅިފައިވަނީ ސަރާ ނިކަމެތިކޮށް އެގެއިން ނެރެލުމާއެވެ.

އެދުވަހު މަލަކާ އޭނާގެ ކާމިޔާބީ ފާހަގަކޮށް، އޭނާގެ ރަޙްމަތްތެރިޔާ މީޝާއާވެސް ވާހަކަ ދެއްކިއެވެ. މީޝާ މަލަކާއަށް ހިތްވަރުދިނީ ސަރާމަތިން ފޫހިވާވަރަށް ޢިމްރާނަށް ލޯބިދީ ސަރާ އެގެއިން ނެރެލުމަށެވެ.

[ތިކަން ކުރާނަން..އެންމެ ރަނގަޅު...މީޝާ ބުނެބަލަ...އަހަންނަށް ކުއްޖަކު ލިބި ސަރާއަށް ދަރިން ނުލިބެންޏާ، ޢިމްރާން އޭނަގެ މަތިން ފޫއްސެއް ނުވާނެތަ؟] އެއީވެސް މަލަކާ ވިސްނާފައިވާ މޮޅު ވިސްނުމެކެވެ.

[ކިހިނެއް އެނގެނީ ސަރާއަށް ދަރިން ނުލިބޭނެކަން. އަދި ނޭނގެއެއްނު މަލަކާއަށް ލިބޭނެ ކަމެއްވެސް.]

[އިރާދަކުރެއްވިއްޔާ އަހަންނަށް ލިބޭނެ.] މަލަކާ ދެލޯ މަރާލަމުން ފުން ނޭވާއެއްލިއެވެ. ސަރާގެ އެއުފާތަކަށްވެސް އޭނާ ހުރަސްއަޅާނެއެވެ. ހަތިޔާރަކަށް އެޢާއިލާގެ ޚާއްޞަ ޑޮކްޓަރ ޝަހީދު ބޭނުންކޮށްގެނެވެ. ޝަހީދު އޭނާ ބުނި ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. ފައިސާގެ ދަހިވެތިކަމުގައެވެ.

އޭގެ ދެތިންދުވަސް ފަހުން މަލަކާ އެކަމާ ޑޮކްޓަރ ޝަހީދާ މަޝްވަރާ ކުރިއެވެ.

[ބާރތް ކޮންޓްރޯލަކީ ދުވާލަކު ގުޅައެއް ބޭނުންކުރަން ޖެހޭނޭ ބޭހެއް. މަލަކާއަށް ގަވާއިދުން ކޮންމެ ދުވަހަކު އޭނާއަށް ބޭސްދެވޭނެތަ؟[ މަސައްކަތް ފެށުމަށްޓަކައި ފުރަތަމަ ފިޔަވަޅު ޝަހީދު އެޅިއެވެ.

[އަޅެ...ކޮންމެ ދުވަހަކުވެސް ދޭންޖެހޭނެތަ.....ތީ ވުމަށްވުރެ ނުވުން ގާތް ކަމެއް..ނެތްތަ އެހެން ގޮތެއް؟] މަލަކާ ހިސާބަކަށް މާޔޫސްވާގޮތްވިއެވެ.

[ދެން ހުންނާނީ އިންޖެކްޝަން. އޭރުން ތިންމަސް ވަންދެން ހިފަހައްޓާނެ. އެންމެ ބުއްދިވެރީވެސް މިިވަސީލަތް ބޭނުންކުރުން.] ޑޮކްޓަރ ޝަހީދު ބުންޏެވެ.

[ތީ އަނެއް ހަކަންތައް...ކިހިނެއްތަ އަހަރެމެން އޭނަގެ ގަޔަށް އިންޖެކްޝަނެއް ޖަހާނީ....އަޅެ ޝަހީދު ގޮތެއް ރާވާލަބަލަ....] މަލަކާގެ ސިކުނޑި ސުމަކަށްދިޔަ ކަހަލައެވެ.

[ކޮންމެވެސް ތަނަކުން އޭނަ ވައްޓާލެވޭތޯ ބަލައިލަބަލަ...އޭނަ ކޮޓަރި ދޮރުމަތީގައި ކައްސާލާކަހަލަ އެއްޗެއް ހާކާފަ ބަހައްޓާނީ. އުސްފައިވާނަށް އަރައިގެން ހިނގާއިރު ވަރަށް ކައްސާލާނެ.] ޑޮކްޓަރ ޝަހީދު ލަފާދިނެވެ. އެޚިޔާލުވީ މަލަކާއަށް ވަރަށް ކަމުދިޔަ ރޭވުމަކަށެވެ. ވުމާއެކު އެގޮތަށް ޢަމަލު ކުރުމަށް އޭނާ ނިންމިއެވެ.

އެކަންތައް ކުރުމަށް އޭނާގެ އެހީތެރިޔަކަށް ބޭނުންކުރީ އެގޭގެ މޮޕް އަޅަން އުޅޭ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ހެމަންތުއެވެ. ހެމަންތަށްވެސް އޭނާ ދެއްކީ ފައިސާގެ ދަޅައެވެ. އަނިޔާވެރިވުމަށް އޭނާވެސް ހެއްލުނީ ހީކުރިވަރަށްވުރެންވެސް މާފަސޭހައިންނެވެ.

ކޮންމެ ދުވަހެއްގެވެސް އާދަ ފަދައިން މުޅި ގޭގައި މޮޕްއަޅާ ސާފުކުރުމުގެ މަސައްކަތް ހެމަންތު މިއަދުވެސް ނިކަން ހެނދުނާ ފަށައިފިއެވެ. ހެނދުނު ހޭލައިގެން މަލަކާވެސް އޭނާ ޖަހާފައިވާ މަޅީގައި ސަރާ ޖެހޭތޯ ދުރުގައި މަންޒަރު ބަލަން ހުއްޓެވެ. ސަރާމެންގެ ކޮޓަރި ދޮރުމައްޗަށް ޝޭމްޕޫ ފުޅިއެއް އަޅާލައިގެނެވެ. އޭރު ހެމަންތު އެހިސާބު މޮޕް އަޅަމުން ދަނީއެވެ. އިސާހިތު ޢިމްރާނުމެންގެ ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ބޭރަށް އެނިކުތީ ސަރާއެވެ. ނަމަވެސް ސަރާޔަކަށް ކުރިއަކަށް އެއްވެސް ފިޔަވަޅެއް އެޅޭގޮތެއް ނުވިއެވެ. ކައްސާލައިގެން އޭނާ ވެއްޓުނީ ނިކަން ބާރަށެވެ. އެއަޑަށް ނިކަން ބާރަށްއައިސް ޢިމްރާންވެސް ކޮޓަރިން ނުކުމެއްޖެއެވެ. އޭނާ ސަރާ ނަގަންދިޔަ ވަގުތު އޭނާވެސް ހިސާބަކަށް ކައްސާލިއެވެ.

[ހެމަންތު!؟] މޮޕް އަޅާށޭ ކިޔާފަ ކޯއްޗެއްތަ މިތަނަށް އަޅައިގެން ތިއުޅެނީ....އަވަހަށް އައިސް ސާފުކުރޭ.....ސަރާ....ތަދުވީތަ؟] ޢިމްރާން ސަރާ އަތުލަފިކޮށްގެން ގޮސް ކޮޓަރއަށް ވަނެވެ. އޭރު ވިހަ ހިނިތުންވުމަކާއެކު ޢިމްރާންމެނަށް ނުފެންނާނޭހެން މަލަކާ އެމަންޒަރު ބަލަން ހުއްޓެވެ.

[ކޮންތަނެއްތަ ޖެހުނީ؟] ޢިމްރާން ސަރާގެ އުނަގަނޑުގައި އަތްކާއްތަން ފެށިއެވެ.

[ވަރަށް...ތަދުވޭ...ވަރަށް ބާރަށޭ ޖެހުނީ....] ސަރާއަށް ރޮވުނެވެ. ވަގުތުން ޢިމްރާން ގުޅީ ޢާއިލާގެ ޚާއްޞަ ޑޮކްޓަރ ޝަހީދަށެވެ. އޭރު މަލަކާވެސް ވަނީ ޝަހީދަށް ގުޅާފައި އެވާހަކަ ބުނެފައެވެ. ވުމާއެކު އޭނާ އައީ ވަރަށްރަނގަޅަށް ތައްޔާރުވެގެން ހުރެމެއެވެ.

މާގިނައިރުތަކެއްނުވެ ޑޮކްޓަރ ޝަހީދުވެސް އަތުވެއްޖެއެވެ.

[ތަދުކަނޑުވާ އިންޖެކްޝަނެއް ޖަހަން ޖެހޭނީ. އަހަރެން މިއައީ އިންޖެކްޝަންވެސް ހިފައިގެން...] ޑޮކްޓަރ ޝަހީދު ސަރާ ތަދުވާކަމަށް ބުނި ދިމާގައި ކަށިގަނޑު ޖައްސާލަމުން ބުންޏެވެ.

[ވަރަށް ތަދުވޭދޯ. ޓައިލްސްމަތީގައި ޖެހޭއިރު ވާނޭ ތަދު އަހަންނަށްވެސް އިޙްސާސްކުރެވޭ.] އިންޖެކްޝަން ޖަހަން ތައްޔާރުވަމުން ޝަހީދު ވާހަކަ ދެއްކިއެވެ. އޭރު މަލަކާވެސް އައިސް ދޮރުމައްޗަށް ހުއްޓި ސަރާއަށް ކިހިނެއްވީހޭ އަހައިފިއެވެ. ޑޮކްޓަރވެސް ހުރީތީއާއެކު ޢިމްރާން ސަރާ ކައްސާލީއޭ ބުންޏެވެ.

[އަޅެ ހާދަ ދެރައޭ...ސަރާ ވަރަށް ތަދުވޭތަ...އަވަހަށް ތަދުކަނޑުވާނޭ ބޭހެއްދީ ޝަހީދު...] މަލަކާ މާހެޔޮކަމަށް ހެދިހުރެ ހަމްދަރުދީ ފާޅުކުރިއެވެ. އެވަގުތު ޑޮކްޓަރ ޝަހީދު އިންޖެކްޝަން ޖަހައިފިއެވެ. ތަދު ކަނޑުވާ އިންޖެކްޝަންގެ ނަމުގައި ބާރތް ކޮންޓްރޯލްގެ ރޭވުން ކާމިޔާބުވީތީ ހިތްހަމަޖެހިފައި ހުރެ މަލަކާ އެތަނުން ނުކުތީ ޢިމްރާނަށް ނުފެންނާނޭހެން އަނގަޔަށް ވައްތަރެއް ޖައްސާލުމަށްފަހުގައެވެ.

[އަނެއްކާވެސް ތިންމަސް ފަހުން..އެހެން ގޮތެއް ރާވާނީ.....] ހިތާހިތާ ވާހަކަ ދައްކަމުން މަލަކާ އެތަނުން ނިކުތީ ޝަހީދު ގާތު އެބަޔަށްވެސް ވަދެލުމަށް ބުނެފައެވެ. އިންޖެކްޝަން ޖެހުމަށްފަހު ޙަޤީޤަތުގައި ތަދުވާ ކަނޑުވާ ބޭހެއްވެސް ޝަަހީދު ދިނެވެ.

އެދުވަހު ޑޮކްޓަރ ޝަހީދު މަލަކާއާ ބައްދަލުކުރީމާ ތިންމަސް ފަހުންވެސް ކަންތައްކުރާނޭ ރަނގަޅު ގޮތެއް މަލަކާ ކިޔާދިނެވެ. އެދުވަހުވެސް ޑޮކްޓަރ ޝަހީދު ގެއަށް ދިޔައީ އޭނާ ބޭނުންވާ ވަރަށް މަލަކާގެ އަތުން ފައިސާ ލިބިގަތުމަށްފަހުގައެވެ.

[ފައިސާއިން ކުރެވޭވަރު ކަމަކަށް ބޭނުންވެއްޖެއްޔާ އަހަރެން ގާތު ބުނާތި....އެކަމަކު ބުނަން އެއްވެސްކަމެއް ފަޅާއަރައިގެން ނުވާނެ...] ޑޮކްޓަރ ޝަހީދު ހިނގައިގަތީމާ ހިތްހަމަޖެހިފައި އިން މަލަކާ ބުންޏެވެ.

އެފަދަ ހިތްހަމަޖެހުން ފިޔަވައި އެއްވެސް އުފަލެއް ފިރިއެއްގެ ފަރާތަކުން ކައިވެނީގެ ފަހަކުން އަދި އޭނާއަކަށް ނުލިބެއެވެ. ވުމާއެކު އެކަމާ އޭނާ ދެރަވެސްވެއެވެ.

[ޢިމްރާން..މިހާރު މަލަކާއަކީވެސް އިމޫގެ އަންބެއް...އޭނައަށް ލޯބިދޭންވާނެ. އަހަރެންގެ ހިތް ކިތަންމެ ނޭދުނަސް...ތީ މިހާރު އޭނަގެވެސް ޙައްޤެއް...އޭނާ އިމޫގެ އަންބެއްގެ މަގާމުގައި ހުރެމެ، ޢިމްރާންގެ ފަރާތުން އަޅާލުން ނުލިބުނީމާ އަންހެނަކަށް ކުރާނޭ އިޙްސާސްތައް އަހަންނަށްވެސް އެނގޭ...އޭނަ ވަރަށް ހިތާމަކުރާނެ...އެއީވެސް ހަމަ އަހަރެންފަދަ އަންހެނެއް...އަހަރެން އިމޫދެކެ ލޯބިވާ ވަރަށް ފަހަރެއްގައި އޭނަ ލޯބިނުވެދާނެ...އެހެން ނަމަވެސް، މީގެފަހުން ކޮންމެ ދެރެއިން އެއްރޭ އިމޫވާނީ އޭނަގެ ކޮޓަރިއަށް ނިދަންދާން.] ސަރާއަކީ ހެޔޮވިސްނޭ އަންހެން ކުއްޖެކެވެ. އޭނާ ވިސްނަނީ އަމިއްލަ އުފަލާއި ހިތްހަމަޖެހުން ލިބިގަތުމަށް އެކަންޏެއް ނޫނެވެ.

[ސަރާއަށް ކެތްވާނެތަ؟] ޢިމްރާން ވަރަށް ލޯތްބާއެކު ސަރާ އޭނާޔާ ގާތަށް ލަފާލިއެވެ.

[މަޖްބޫރީ ޙާލަތްތަކަށް ކެތްތެރިވެގެން ނޫނީ ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ....މިރޭ އިމޫ ދޭ އެކޮޓަރިއަށް.] ސަރާ އޭނާގެ ލޮލަށް ވެރިވި ކަރުނައިގެ އަސަރުތައް ފޮހެލިއެވެ. ސަރާދާށޭ ބުނެ ތަކުރާރުކޮށް އާދޭސްކުރީމައާއި ދުވާލުގެ ވަގުތެއްގައި މަންމަ ފަހީމާވެސް އެކަހަލަ އިޝާރާތެއް ކޮށްފައިވާތީ، ޢިމްރާން މަލަކާގެ ގާތަށް ދިޔުމަށްޓަކައި ކޮޓަރިން ނުކުތެވެ.

[ދަރިފުޅާ ކައިވެންޏެއް ކުރިޔަކަސް ނުފުދޭނެ. ފިރިއެއްގެ ވާޖިބުތަކެއްވެސް ހުރޭ...ތިހެން ކަންތައް ކުރީމާ މަލަކާއަށް ކިހާ އަސަރު ކުރާނެ...ޢަމުދުން އެމަންޖެ އެފަދަ ޙާލެއްގައި އިންދާ ހިތްދަތިވިޔަދީގެން ނުވާނެއެއްނު.] އެދުވަހު މަންމަ ދެއްކި ވާހަކަތައް ކުއްލިއަކަށް އޭނާގެ ހަނދާނުގެ ސްކްރީނަށް އެރިއެވެ.

ޙަޤީޤަތުގައިވެސް ޢިމްރާން އަޅާނުލާތީ މަލަކާ ހުންނަނީ ވަރަށް ދެރަވެފައެވެ. ނަމަވެސް އޭނާ އެއްވެސް މީހަކަށް އެކަމެއް ނުދައްކައެވެ. އެކަން ފަހީމާއަށްވެސް އެނގުނީކީ މަލަކާ ބުނެގެނެއް ނޫނެވެ. ޢިމްރާން އުޅޭގޮތުން އޭނައަށް ހީވީއެވެ.

ޢިމްރާން މަލަކާގެ ކޮޓަރިއަށް ވަންއިރު މަލަކާ އޮތީ ކުރީގެ މަޝްހޫރު ދިވެހި ވާހަކަ ފޮތެއް ކިޔާށެވެ. ކުއްލިއަަކަށް ޢިމްރާން އައިސް ވަނީމާ މަލަކާ ހިސާބަކަށް ހުއްޓުންއަރާގޮތްވެސް ވިއެވެ.

[ކިހިނެއްވީ؟ ހުވަފެނެއް ފެނުނީތަ؟] ޢިމްރާން ވަނީމާ އިރުކޮޅެއް ވަންދެން ބަސް ހުއްޓިފައި ހުރެފައި މަލަކާ ވާހަކަ ދެއްކިއެވެ.

[ހުވަފެނެއް ފެނުނީކީ ނޫން...އަހަރެން މިއައީ މިރޭ މިކޮޓަރީގައި ނިދަން...މާޝަކުވާ ގިނަނުކުރާތި، އަހަރެން ނުކުމެގެން ހިނގައިދާނަން.] ޢިމްރާން އެނދުގައި އިށީނެވެ. މަލަކާ ހިތްހަމަޖެހުމުގެ ނޭވާއެއްލިއެވެ.

[އަހަންނަށްވެސް ޝަކުވާ ކުރުމުގެ ޙައްޤު އޮންނާނެ. އަހަންނަކީވެސް ޢިމްރާންގެ އަންބެއްވިއްޔަ.] މަލަކާވެސް އެނދުގައި އިށީނެވެ.

[ހެވޭ އަންބަކަސް...މަލަކާ އަހަރެންގެ މަންމަގެ ބޮލަށް ވަދެގެން ކުރި ކަމެއްނު. ދެން މާވާހަކަ ގިނަނުކޮށް ނިދަން އުޅޭ. މަވެސް ނިދަން ވެއްޖެ.] ޢިމްރާން އެނދުގައި އޮށޯވެއްޖެއެވެ.

[މިކޮޓަރިއަށް ތިއައީ އެކޮޓަރީގައި ނުނިދިގެންތަ؟ އެކަނި މިކޮޓަރީގަ ނިދާލެވުނަސް ފިރިއެއްގެ ވާޖިބު އަދާކޮށްދެވުނު ކަމަކަށް ނުވާނެ. މިއަދު މަންމަ އެވާހަކަ ދެއްކީމާ މަންމަގެ ލޮލުގައި އަނދުން އަޅުވަންވެގެންދޯ ތިއައީ.] މަލަކާ ބޭނުންވަނީ ނިދާކަށް ނޫނެވެ.

[އަހަރެން މިތަނަށް މިއައީ މަންމަ ބުނެގެނެއް ނޫން. ސަރާ އަހަރެން ފޮނުވީ...ސަރާއަކީ މަލަކާ ކަހަލަ އަމިއްލަ އެދުންބޮޑު މީހެއް ނޫނޭ.] މަލަކާ މާވާހަކަ ގިނަކުރަން ފެށުމުން ޢިމްރާން ގާތަށް ހިސާބަކަށް ރުޅިވެސް އަތުވެއްޖެއެވެ.

[ސަރާ ޢިމްރާން މިކޮޓަރިއަށް އަންނަން ހުއްދީދީފި! ކޮންކަހަލަ ލޯތްބެއް. ލޯބިވާނަމަ ޢިމްރާން މިތަނަށް އަންނާކަށް އެއްބަހެއް ނުވާނެ.] މަލާމާތުގެ ރާގެއްގައި މިހެން ބުނެފައި މަލަކާ ހީނގަތެވެ.

[ދެން ހުއްޓާލާ....ތިމައުޟޫޢަށް ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން....] ޢިމްރާން ނިދާބޮކި ދިއްލިއެވެ. މަލަކާ ޢިމްރާނާ ޖެހި ފިތިގެން އޮށޯތެވެ.

އެރޭ މަލަކާ ހިތްހަމަޖެހުން ލިބިގަތެވެ. ނަމަވެސް އެއީ ޢިމްރާން ބޭނުންވެގެނެއް ނޫނެވެ. އެއީ މަލަކާގެ އިސްނެގުމެކެވެ. ޢިމްރާނަކީ މަލަކާގެ ފިރިމީހާ ކަމަށް ވުމާއެކު، ސަރާއެކޭ އެއްފަދައިން މަލަކާއަށްވެސް ހިތްހަމަޖެހުން ދިނުމަކީ އޭނާގެ ވާޖިބެކެވެ.

އެރެއަކީ ސަރާގެ މުޅި ޙަޔާތުގައިވެސް އައި އެންމެ އަނދިރިރޭގެ ގޮތުގައި އޭނާ ސިފަކުރެއެވެ. އޭނާގެ ދެލޯ ފަދައިން އެދޭ ލޯބިވާ ފިރިމީހާ އެހެން އަންހެނަކަށް ފިރިއެއްގެ ހިތްހަމަޖެހުން ދިނުމަށްޓަކައި ދިޔައީތީ، އެހިތްދަތިކަމުގައި އޭނާގެ ލޮލަށް ކުޑަކޮށްވެސް ނިދީގެ އަސަރެއް ނައެވެ. އެރޭ ހަތަރުދަން އޭނާ ހޭދަކުރީ ޢިމްރާންގެ ހަނދާނުގައެވެ. އޭނާވިސްނީ މަލަކާ އޭނާގެ މަޅީގައި ރަނގަޅަށް ޢިމްރާން ޖައްސަފާނެތީ އެކަމާއެވެ. މިހާރު މަލަކާއަކީވެސް އޭނައެކޭ އެއްފަދައިން ޢިމްރާންގެ އަންބެކެވެ. އެގޭތެރޭން ބޮޑަށް ފުރްޞަތު އޮތީވެސް މަލަކާއަށެވެ.

މަލަކާ ޢިމްރާންގެ ދަރިއަކަށް ބަލިވެއިން ޚަބަރު ޢިމްރާން ސަރާއަށް ދިނީ އޭގެ މަހެއްހާ ދުވަސް ފަހުންނެވެ.

[ކީކޭ!؟ މަލަކާ ބަނޑުބޮޑޭ؟ އަޅެ އަހަރެންވެސް ކުއްޖަކު ބޭނުން....] ޢިމްރާން ދިން ޚަބަރުން ވަގުތުން ސަރާގެ މޫޑު ސަކަރާތްވިއެވެ.

[ސަރާވެސް ވިހަންވީ. އަހަރެންވެސް މިހުންނަނީ ޙައިރާންވެފައި. ސަރާ ބަނޑު ބޮޑުނުވާތީ....ހަމަގައިމުވެސް އަބަދުވެސް އަހަރެން މިމަސައްކަތް ކުރަނީ ކުއްޖަކު ހޯދަން...ދެމީހުން ނުގުޅުމަކީވެސް ދަރިން ލިބުމަށް ހުރަސްއެޅޭ ކަމެކޭވެސް ބައެއް މީހުން ބުނޭ....] ޢިމްރާން ބުންޏެވެ. ޢިމްރާން އެހެން ބުނީމާ ވަގުތުން ސަރާ ބޭނުންވީ އޭނާ ޓެސްޓް ކުރާށެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު


7

ސަމީރާ

29-Jun-2020

އަހަރެން މިވާހަކަ ކިޔައިފިން މީގެ 8 އަހަރު ކުރިން 4 ފަހަރު ކިން ފޫއްސެއްނުވޭ ވަރަށް ރީތި މޮޅު ދިގުވާހަކަ އެއްޑުރާމަ އަކަށް ހަދައިލަން ވަރަށް ފައްކާ ވާހަކަ އެއް


11

ހަސަނު

29-Jun-2020

ފެށިގެން ނިމެންދެން ކިޔާލެވިދާނެ ކިތަންމެ ގިނަފަހަރަކު ވެސް އެހާވެސް ރިތި


10

ޝަމާ

29-Jun-2020

ވަރަށް މޮޅު ވަރަށް ރީތި ވާހަކަ އެއް



ޓްރެންޑިން