އިޒްރާއީލުން ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެ އެހިންގާ އަނިޔާތަކާއި ލާއިންސާނީ އަމަލުތައް ހައްދުފަހަނައަޅާ ގޮސްފައިވާތާ އެތައް ދުވަހެކެވެ. އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ ބިންތައް އައްސުން ފޭރެމުން އެދަނީ ބައިނަލްއަޤްވާމީ އެއްވެސް އުސޫލަކަށް، އަދި ގާނޫނަކަށް ވެސް ބެލުމެއް ނެތިއެވެ. މުޅި ދުނިޔޭގައި އިންސާނީ ހައްގުތަކަށް ގޮވާ ނަގަމުންދާއިރު އެ ގޮވާލުންތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކެއް ނުހިމެނެއެވެ. އިންސާނީ ހައްގުތަކުގެ ވާހަކަ ގޮވާ މީހުންނާއި އެކަމަށް ވަކާލާތުކުރާ މީހުންގެ ލޯތަކަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް ބަޔަކު އަރައިގަންނަމުންދާ ތަނެއް ނުފެނެއެވެ.

އަމުދުން ފަލަސްތީނުގެ ވާހަކަ ދައްކާނެ ބަޔަކު ނުވެސް ނެތެވެ. އެވާހަކަ ހަމައެކަނި ދައްކަނީ ދުނިޔޭގައި މާބޮޑު ބާރެއްނެތް ބަސް ނުވިކޭ ގައުމުތަކާއި އެގަމުތަކުގެ ވަކިވަކި ރައްޔިތުންނެވެ. ދުނިޔޭގައި އަޑުގަދަކޮށް އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކާ ޖަމިއްޔާ ތަކާއި ޖަމާއަތްތަކާއި އެފަދަ ބޮޑެތި ގައުމުތަކުގެ ލޯތައް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ކަނުވެފައެވެ. އެމީހުންގެ ކަންފަތްތައް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ބީރުވެފައެވެ.



އެއްގޮތަކަށް ވެސް ދަންނަވާން މިއުޅެނީ އަފްޣާނިސްތާއި ސީރިޔާ ފަދަ ގައުމުތަކުގެ ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ ނުދައްކާށެކޭ ނޫނެވެ. އަދި އެފަދަ ގައުމުތަކުގެ ރައްޔިތުންގެ ހާލާމެދު ހަމްދަރުދީވެ އަޑު ނުއުފުލާށެކޭ ވެސް ނޫނެވެ. އަދި އެރައްޔިތުންނަށް އެހީ ނުވާށެކޭ ވެސް ނޫނެވެ. މިދަންނަވަނީ އެރައްޔިތުންގެ ވާހަކަ ދައްކާ ފަދައިން، އެރައްޔިތުންނަށް އެހީ ފޯރުކޮށްދޭ ފަދައިން ފަލަސްތީނުގެ ރައްޔިތުންގެ ވާހަކަވެސް އެމީހުންގެ އެވާހަކައިގެ ތެރޭގައި ހިމަނާވާހަކައެވެ. ދަންވަން މިއުޅެނީ އެމީހުންނަށް އެހީދޭ ފަދައިން ފަލަސްތީނުގެ ރައްޔިތުންނަށް ވެސް އެހީދޭ ވާހަކައެވެ. ދަންނަވަން މިއުޅެނީ އެގައުމުތަކުގައި ހިނގާ ހަމަނުޖެހުންތަކާއި ހިންގާ ލާއިންސާނީ ކަންކަމުގެ ވާހަކަ ދައްކާއިރު އެވާހަކަ ތަކުގެ ތެރޭގައި އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް އެދޭ އަނިޔާތަކާއި ހިންގާ ލާއިންސާނީ އަމަލުތަކުގެ ވާހަކަވެސް ދައްކަން ޖެހޭ ވާހަކައެވެ.

އިޒްރާއީލުން ކޮންމެ ދުވަހަކު ފަލަސްތީނުގެ ރައްޔިތުންގެ ގެތައް ތަޅައި ސުންނާފަތިކޮށް އެމީހުންގެ ބިންތައް އެދަނީ ފޭރެމުންނެވެ. އިޒްރާއީލުގެ ސިފައިން ކޮންމެ ދުވަހަކު ފަލަސްތީނުގެ ރައްޔިތުންނާއި އެކުރިމަތިލަނީ ނުރައްކާތެރި ހަތިޔާރުތައް ހިފައިގެންނެވެ. އެމީހުން ބޭނުން ވެއްޖެ ހިނދެއްގައި ފަލަސްތީނުގެ ރައްޔިތުންނާ ދިމާކޮށް އަނިޔާކޮށް ބަޑިޖަހާ މެރުމަކީ އެމީހުންނަށް ލިބިފައިވާ ހައްގެކޭ ބުނަމުންނެވެ. އަންހެނުންނާއި މަގުމަތީން ދިމާކޮށް އެމީހުންނަށް އަނިޔާކޮށް ބިރުދެއްކުމަކީ އެމީހުންގެ އުފަލެކެވެ. ޒުވާނުން މަގުމަތިން ހުއްޓުވައި ނުވަތަ އެމީހުން ފަހާދުވެ ބަޑިޖަހައި މެރުމަކީ އިޒްރާއީލު ސިފައިންނަށް ލިބޭ އުފަލެކެވެ. ފަލަސްތީނުގެ ތުއްތު ކުދިން ގަޔަށް ބަޑިޖަހައި ކުޑަކުދިން ހައްޔަރުކޮށް އަނިޔާކޮށް ހެދުމަކީ ބައިނަލްއަޤްވާމީ ގާނޫނުތަކުން އިޒްރާއީލަށް ދީފައިވާ ހައްގެއް ކަހަލައެވެ.



ފަލަސްތީނު ވަށާލައި ބަންދުކޮށް ފަލަސްތީނުގެ ރައްޔިތުން ރަށު ބަންދުގައި ގެންގުޅުމަކީ އަލިފުދާލުން އިޒްރާއީލަށް ދީފައިވާ ހުއްދައެއް ކަހަލައެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އެހީދިނުމަށް ހުރަސް އަޅައި ފަލަސްތީނުގެ މަދުރަސާތަކަށް ވަދެ އެތަންތަން ބިމާ ހަމަކޮށް ފަލަސްތީނުގެ ހޮސްޕިޓާ ތަކަށް ހަމަލާދީ އެތަންތަން ސުންނާފަތި ކުރުމަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން އިޒްރާއީލާއި ހަވާލުކޮށްފައިވާ މަސައްކަތްތަކެއް ކަހަލައެވެ. އިޒްރާއީލުން ބޭނުން ވުމުން ފަލަސްތީނުގެ ރައްޔިތުން ނިދާފައި ތިއްބާ ބޮންއަޅާ މިސައިންތަކުން ހަމަލާދިނުމަކީ ދުނިޔެ ތަރުހީބުދޭ އަމަލުތަކެއް ކަހަލައެވެ. އިޒްރާއީލުން ބަޑިޖަހާ މަރާލާ މީހުންގެ ޖަނާޒާގައި ބައިވެރި ވުމުގެ ހައްގުވެސް ފަލަސްތީނުގެ ރައްޔިތުންނަކަށް ނެތެވެ. ފަލަސްތީނު ރަމްޒުކޮށްދޭ ދިދައެއް ހިފައިގެން މަގުމައްޗަށް ނުކުތުމުގެ ހައްގު ވެސް އެގައުމުގެ ރައްޔިތުންނަކަށް ނެތެވެ. އިޒްރާއީލުގެ އަނިޔާއިން ޒަޚަމް ކޮށްލާ ކުޑަކުޑަ ދަރިފުޅު ގޮވައިގެން ބޭސްފަރުވާއަށް ވާސިލުވުމުގެ ހައްގުވެސް ފަލަސްތީނުގެ މަންމައިންނާއި ބައްޕައިންނަކަށް ނެތެވެ. އެކަމަކު އަޅުގަނޑުމެން އެންމެން މިއަދު މި ދައްކަނީ މިނެއް ނެތް، އިމެއް ނެތް ހައްގު ތަކުގެ ވާހަކައެވެ.



ފާޑުފާޑުގެ ސުލްހައަށް މަސައްކަތްކުރާ މަންދޫބުންނާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މަންދޫބުންނާއި ދީނީ މިނިވަންކަމަށް ވަކާލާތުކުރާ މަންދޫބުން އދ އިން އައްޔަން ކޮށްފައިވާއިރު އެމީހުންގެ މަސައްކަތް ތަކުގެ ތެރޭގައި އިޒްރާއީލުގެ އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނުމުގެ ވާހަކައެއް ނެތެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް އެމީހުންގެ ހައްގުގައި ބަހެއް ބުނާކަށް އެ މަންދޫބުންގެ މެންޑޭޓަކު ނެތެވެ.

ދުނިޔޭގެ ނަންމަޝްހޫރު ފިލްމީ ތަރިންނާއި ކުޅިވަރު ކުޅުންތެރިންނާއި ރީތީގެ ރާނީންގެ ލަގަބު ލިބިފައިވާ މަޝްހޫރު މީހުން ދުނިޔޭގެ ގައުމުތަކަށް ފޮނުވައިގެން އެމީހުން އެގައުމުތަކުގެ ރައްޔިތުންނަށް އެހީތެރިވެދީ އެމީހުން ދިރިއުޅޭ ހާލަތު ދުނިޔޭގެ ސަމާލުކަމަށް ގެނަސްދީ އެމީހުންނަށް އެހީ ހޯދައިދޭން މަސައްކަތް ކުރާތަން ދުނިޔޭގެ މީޑިއާތަކުން ކެނޑިނޭޅި ދައްކައި އެމީހުންނަށް ދުނިޔޭގެ ސަމާލުކަން ހޯދައިދީ އެމީހުން މަޝްހޫރު ކުރަމުން ގެންދާއިރު އެއިން މީހަކު ފަލަސްތީނަށް އަރައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބަހެއް ބުނާ އަޑެއް މަންޒަރެއް ވެސް ދުނިޔޭގެ ބޮޑެތި މީޑިއާތަކަކުން ނުފެނެއެވެ. އެފަދަ އަޑެއް އިވޭނީ ވެސް އަދި ފެންނާނީ ވެސް އެމީހުންގެ މަސައްކަތުގެ ތެރޭގައި ފަލަސްތީނު ހިމެނިގެންތާއެވެ.



ކޮންމެއަކަސް ހަގީގަތަކީ ބޮޑެތި މުސްލިމު ގައުމުތަކުން ވެސް އިޒްރާއީލާއި ދެކޮޅަށް ބަހެއް ބުނަން ޖެހިލުން ވުމެވެ. ފަލަސްތީނުގެ ރައްޔިތުންގެ ވާހަކަ ދައްކާން ބިރު ގަތުމެވެ. ހަގީގަތަކީ ދުނިޔޭގައި ރަސްކަންކޮށް ބަސްބުނުމުގެ ހައްގު ހޯދައިގެން ތިބި އެމެރިކާއާއި އިނގިރޭސިން އިސްވެ އޮވެ ކުރާ އެއްވެސް ކަމަކާއި އަދި އެމީހުން ދެކޮޅު ހަދާ އެއްވެސް ކަމަކާއި ދެކޮޅަށް މުސްލިމު ބޮޑެތި މުއްސަނދި ގައުމުތަކަށް ވެސް ބަހެއް ބުނާން ނުކެރުމެވެ. އެމީހުންގެ އަމަލުތަކާއި ދެކޮޅަށް ތެދުވާން ޖެހިލުން ވުމެވެ.

މިއަދުގެ ހަގީގަތަކީ ދުނިޔޭގެ ހުރިހާ އާރަކާއި ބާރެއް އޮތީ މުސްލިމުންނާއި ދެކޮޅު، މުސްލިމުންގެ އަދާވަތްތެރީންގެ އަތުގައި ކަމެވެ. އިސްލާމީ ގައުމުތަކުގައި ކިތަންމެ މުއްސަނދިކަމެއް ފައިސާއެއް އޮތް ނަމަވެސް އެ މުއްސަނދިކަން ކޮންޓްރޯލްކޮށް އޭގެ މައްޗަށް ބަސް ކިޔަނީ ވެސް އެމީހުންނެވެ. ދުނިޔޭގެ ޚަބަރުފަތުރާ ވަސީލަތްތައް ކޮންޓްރޯލް ކުރަނީ އެމީހުންނެވެ. މީސް މީޑިއާ ހިންގައި ކޮންޓްރޯލް ކުރަނީ އެމީހުންނެވެ.

އެހެންކަމުން ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކުރާ އާންމުންގެ އެކައުންޓްތައް ބަންދުކޮށްލުމަކީ އެމީހުން އަބަދުވެސް ކުރަމުން ގެންދާ ކަމެކެވެ. މިއަދު ވެސް އެކަން އޮތީ އެގޮތަށެވެ.



ނަމަވެސް މިއަދު މިދެންނެވި އިސްލާމީ ބޮޑެތި ގައުމުތަކަށް ގޮންޖަހާލާ އެބުނާ އދގެ މަންދޫބުންގެ މަސައްކަތް ފަނޑުކޮށްލާ ވަރަށް ދުނިޔޭގައި މާބޮޑު ބާރެއްނެތް ގައުމުތަކުންނާއި އެގައުމުތަކުގެ އާންމު ރައްޔިތުން ފަލަސްތީނުގެ ވާހަކަ އެބަ ދައްކައެވެ. މީސް މީޑިއާގެ އެކި ކަހަލަ އޮޅި ތަކުގައި އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާ ތަކުގެ ވިޑިއޯ ތަކާއި ފޮޓޯތައް އެބަ ހިއްސާ ކުރެއެވެ. އެއް އެކައުންޓް ބަންދު ކުރާއިރަށް އަނެއް ހަ އެކައުންޓު އެމީހުން އެބަ ހަދައެވެ.

ދެން އޮތީ އަޅުގަނޑުމެން އެންމެހާ މުސްލިމުން އެމީހުންގެ ފަހަތުން ތެދުވެ އެމީހުންގެ މަސައްކަތަށް ހިތްވަރު ދީ އެމަސައްކަތުގައި ބައިވެރި ވުމެވެ. ހުކުރު ޚުތުބާއާއި ހަމައިން އެވާހަކަ ހުއްޓައި ނުލަންވީއެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކާއި އެބުނާ ބިޔަ ޖަމިއްޔާ ތަކާއި ބޮޑެތި އިސްލާމީ ގައުމުތައް ލަދުގަންނަ ވަރަށް ކުދި ގައުމުތަކުގެ ރައްޔިތުން އެވާހަކަ ދައްކައި އެމަންޒަރުތައް ހިއްސާ ކުރަން ވީއެވެ. އެބުނާ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ނަމުގައި މަސައްކަތް ކުރާ ޖަމިއްތާތަކާއި އެފަދަ މީހުން ލަދު ގަންނަވަރަށް އެމީހުންނަށް ފެންނަ ވަރަށް އެވާހަކަ ދައްކަންވީއެވެ.

އާންމު ރައްޔިތުން މިގޮތަށް ތެދުވެ އެއް ރޫހެއްގައި އެކުވެރިކަމާއެކު ވަކާލާތުކޮށްގެން މެނުވީ ފަލަސްތީނުގެ ރައްޔިތުންގެ އަޑު ދުނިޔޭގެ ބޮޑެތި ގައުމުތަކަށާއި ބޮޑެތި ލީޑަރުންނަށް އިއްވޭކަށް ނެތެވެ. އެގޮތަށް އެކަން ކޮށްގެން މެނުވީ އދ ގެ އެބުނާ ޖަމާއަތްތަކާއި ޖަމިއްޔާ ތަކަށާއި ގްރޫޕްތަކަށް އެއަޑެއް ނުއިވޭނެއެވެ. މިދެންނެވި ދުނިޔޭގެ ބާރުތަކާއި ލީޑަރުން ތިބީ ފަލަސްތީނުގެ ރައްޔިތުންނަށްޓަކާ ލޯތައް ކަނުކޮށްގެންނެވެ. ކަންފަތްތައް ބީރުކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން