ޗައިނާއިން ސިއްރުކުރި ސާރސް ބަލިމަޑުކަމާބެހޭ ކަންކަން ފަޅާއަރުވާލި މިލިޓަރީ ޑޮކްޓަރު މަރުވެއްޖެއެވެ.

މީގެ 20 އަހަރު ކުރިން ޗައިނާ ސަރުކާރުން ސިއްރު ކުރި ސާރސް ބަލިމަޑުކަން ނުވަތަ ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ބަލިމަޑުކަމާބެހޭ ކަންކަން ހާމަކޮށްދިން ޑޮކްޓަރ ޖިއަންގ ޔަންޔޮންގ މަރުވީ އުމުރުން 91 އަހަރުގައެވެ. އޭނާ މަރުވީ ނިއުމޯނިއާ ބަލީގައިކަމަށް ރިޕޯޓުތައް ބުނެއެވެ.


ރިޓަޔާ ކުރުމުގެ ޑޮކްޓަރ ޖިއަންގ ވަނީ ކުރިން ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީގެ ޖެނެރަލް ހޮސްޕިޓަލުގެ ޗީފް ސާޖަންގެ މަގާމު އަދާކޮށްފައެވެ. 2003 ވަނަ އަހަރު ސާސް ބަލިމަޑުކަމާ ބެހޭގޮތުން ޗައިނާ ސަރުކާރުން ސިއްރުކޮށްފައިވާ މައުލޫމާތުތައް ހާމަކުރުމާއެކު ޑރ. ޖިއަންގ ވަނީ ގައުމީ ބަޠަލެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އެއަށްފަހު އޭނާ ވަނީ މެދުކެނޑުމެއްނެތި ގޭބަންދުގައި އަހަރުތަކެއް ހޭދަކޮށްފައެވެ.

2002 ން 2004 ވަނަ އަހަރު ބަލިމަޑުކަމެއްގެ ގޮތުގައި ފާހަގަކުރި ސާރސް ބަލިމަޑުކަން ނުވަތަ ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ބަލިމަޑުކަން އެންމެ ހަލުވިކަމާއެކު ފެތުރުނު ދުވަސްވަރު 29 ގައުމަކުން 8000 އަށްވުރެއް ގިނަ މީހުންނަށް މިބަލި ޖެހި، 770 އަށްވުރެއް ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. މިބަލި ފުރަތަމަ ފެނިގެން ދިޔައީ ޗައިނާއިންކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ސާރސް ބަލިމަޑުކަމާއި ބެހޭގޮތުން ޑރ. ޖިއަންގ މައުލޫމާތު ކުރަމުން ވަނީ އޭރުގެ ޗައިނާގެ ހެލްތު މިނިސްޓަރު އާންމުންނަށް ހާމަކުރަމުން ދިޔަ މައުލޫމާތު ދޮގުކޮށްފައެވެ. އޭރުގެ ހެލްތު މިނިސްޓަރު ފުރަތަމަ މިބަލީގެ ކަންކަން ހާމަކޮށްފައިވާގޮތުން ސާރސް ބަލީގައި ރިޕޯޓުކޮށްފައިވަނީ 12 ކޭސް ކަމަށާއި އޭގެ ތެރެއިން މަރުވެފައިވަނީ އެންމެ ތިން މީހުން ކަމަށެވެ. ނަމަވެސް ޑރ. ޖިއަންގ ވަނީ މިނިސްޓަރުގެ ބަސް ދޮގުކޮށް ބެއިޖިންގެ އެއް ހޮސްޕިޓަލެއްގައި އެކަނި ވެސް ސާރސް ބަލީގައި 60 މީހުން އެޑްމިޓްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ހަތް މީހަކު މަރުވެފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ބެއިޖިންގެ އެކި ހިސާބުތަކުން އިތުރު އެތައް ކޭސްތަކެއް ފެނިފައިވާ ކަމަށްވެސް ޑޮކްޓަރ ހާމަކޮށްފައިވެއެވެ.

ހަގީގީ ހާލަތާ ބެހޭ ގޮތުން ޑރ. ޖިއަންގ ލިޔުއްވި ބަޔާނަށް ޗައިނާގެ ދައުލަތުގެ މީޑިއާތަކުން އަޅާނުލި ނަމަވެސް ބައިނަލްއަގުވާމީ ނޫސްތަކުގެ ލޯތައް އަމާޒުވީ ޑޮކްޓަރުގެ ބަޔާނަށެވެ. އެގޮތުން އެ އަހަރުގެ އޭޕްރީލް މަހު ޓައިމް މެގަޒިން އަށް ދެއްވި އިންޓަވިއުއެއްގައި ޑޮކްޓަރ ވަނީ "ބަލިމަޑުކަމާއި ބެހޭ ޞައްޙަ ތަފާސްހިސާބުތައް ހާމަނުކޮށްފިނަމަ މަރުތަކެއް އިތުރުވުން ގާތް" ކަމަށެވެ.

ސާރސް ބަލިމަޑުކަމުގައި ޑރ. ޖިއާންގ ކުރި ފަދަ ތަޖުރިބާއެއް، ކޯވިޑް-19 ފުރަތަމަ ފެތުރުނު ދުވަސްވަރު، ޑޮކްޓަރ ލީ ވެންލިއަންގް އާއި އިތުރު ބައެއް މެޑިކަލް ޕްރޮފެޝަނަލުން ތަޖުރިބާކުރިއެވެ. އެމީހުންވެސް ވަނީ ދޮގުމައުލޫމާތު ހާމަކުރި ކަމަށްބުނެ ޗައިނާ ސަރުކާރުން ހައްްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު