ދައުލަތަށް ލިބޭ އާމްދަނީވެސް ހުރީ ރަނގަޅު މިންވަރެއްގައިިކަމަށާއި، ބަޖެޓްގައި ހުރި މަޝްރޫޢުތައްވެސް ރޭވިފައިވާގޮތަށް ކުރިއަށްދާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު މާލިއްޔަތު ކޮމިޓީގައި ދައުލަތުގެ އާމްދަނީއާއި އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ވަނީ ރާއްޖޭގެ އިޤްތިޞާދު އޮތީ ނާޒުކު ފައްތަރެއްގައިކަމަށް ވިދާޅުވެ ބައެއް ބޭފުޅުން ދައްކަވާ ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި ރާއްޖޭގެ އިޤްތިސާދު ކުރިއަށްދަނީ ރަނގަޅު ދުވެއްޔެއްގައިކަން އަމީރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ މިއަހަރު ފަތުވެރިކަމުގެ އަދަދުތައް ހުރީ އަންދާޒާ ކުރި މިންވަރަށް ވުރެވެސް ރަނގަޅަށްކަމަށާއި އެގޮތުން މިއަހަރުގެ މިހާތަނަށްވެސް ފަތުރުވެރިކަމުގެ ދާއިރާ ހުރީ އަންދާޒާއަށް ވުރެ 4 އިންސައްތަ މަތިކޮށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އިޤްތިޞާދު ކުރިއެރުވުމަށް ކަމަށާއި، އަދި އެ ރޮނގުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

އަމީރު ވިދާޅުވީ އިޤްތިޞާދީ ކުރިއެރުމާއެކު ދައުލަތަށް ލިބޭ އާމްދަނީއަށްވެސް އޭގެ ހެޔޮ އަސަރު ކުރަމުންދާކަމަށެވެ. އަދި އިޤްތިޞާދީ ކުރިއެރުން މިގޮތަށް ހިފެހެއްޓޭނަމަ މިއަހަރު ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެވޭކަމަށްވެސް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑަށްފަހު އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާއެކު 2021 ވަނަ އަހަރު އިޤްތިޞާދު 42 އިންސައްތަ ކުރިއެރިއިރު 2022 ވަނަ އަހަރު 12.3 އިންސައްތަ ކުރިއަރާފައިވާކަމަށެވެ. އަދި މިއަހަރު ރާއްޖޭގެ އިޤްތިޞާދު 7.6 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވޭކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ރާއްްޖޭގެ އިޤްތިޞާދަށް ކުރިއެރުން ލިބެމުންދާކަމަށް ސަރުކާރުން ބުނާ ބުނުމަށް ބައިނަލްއަޤްވަމީ މާލީ އިދާރާތަކުންވެސް އެއްބަސްވެއެވެ. އެގޮތުން އޭޝިޔާ ސަަރަހައްދުގައިވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަ އިޤްތިޞާދުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް އައިއެމްއެފްއާއި ވޯލްޑް ބެންކުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން