2023 ވަނަ އަހަރަކީ ރިޔާސީ އިންތިޚާބު އޮންނަ އަހަރުކަމަށް ވުމާއެކު ޤައުމުގެ ވެރިކަމަށް ގެންނަން ޖެހެނީ ކާކުތޯ ދިވެހިންގެ މެދުގައި ސުވާލު ކުރެވެން ފަށައިފިއެވެ. ސިޔާސީ ޕާޓިތަކުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާނޭ ކެންޑިޑޭޓުން ތަކެއް ނަން އިޢުލާނުވެސް ކުރައްވައިފިއެވެ. ބައެއްބޭފުޅުން ކެމްޕޭނު ކުރައްވަންވެސް ފައްޓަވައިފިއެވެ. ހުރިހާ ބޭފުޅުންވެސް ވިދާޅުވަނީ ކުރިމަތިލައްވަނީ ޤައުމަށް ހެޔޮ އެދިވަޑައިގަންނަވާތީކަމަށެވެ. ޤައުމު ތަރައްޤީ ކުރެއްވުމުގެ މަޤުޞަދުގައި ކަމުގައެވެ. އަމިއްލަ އެދުންފުޅެއް އޮވެގެން ނޫންކަމަށެވެ. އެހެންކަމުން މިކެންޑިޑޭޓުންގެ ތެރެއިން މިދެންނެވި ސިފަ ހުރި ބޭފުޅަކީ ކޮބައިކަން ދެނެގަނެ، އެބޭފުޅަކަށް ވޯޓު ދީ ޤައުމުގެ ރައީސްކަމަށް ގެންނަން ރައްޔިތުން މަސައްކަތް ކުރަންޖެހެއެވެ.

ޝައްކެއްނެތް ގޮތުގައި އަމިއްލަ މަޞްލަޙަތެއް ނެތި، ރައްޔިތުންގެ މަޞްލަޙަތުގައި މަސައްކަތް ކުރައްވާނީ އަމިއްލަ ފައިދާއަށްޓަކައި ނުވަތަ ތިމާއަށް ލިބިދާނެ އަމިއްލަ ފައިދާއެއްގެ ބޮޑުކަމަށްޓަކައި ތިމާގެ ސިޔާސީ ފިކުރު ބަދަލު ނުކޮށް ހުންނެވި ލީޑަރެކެވެ. އެހެނީ ޕާޓީ ބަދަލު ކުރުމާއި ސިޔާސީ ހަތުރުން މިތުރުންނަށް ވުމާއި، އޭރު ކީ ޅެން ފަރިއްސަށް ވުމާއި މިކަންކަން ގުޅިފައިވަނީ ތިމާއަށް ލިބޭ އަމިއްލަ ފައިދާއެއްގެ ބޮޑުކަމުގެމައްޗަށެވެ. މިވީހާތަނަށް ސިޔާސީ ވެރިޔަކު ނުވަތަ އާއްމުންގެ މީހަކު ވިޔަސް ޕާޓީ ބަދަލު ކުރި ކުރުމަކުން ރައްޔިތުންނަށް ލިބުނު މަންފާއެއް ނެތެވެ. މަންފާއެއް ލިބުނީ އެބަދަލުކުރި މީހަކަށެވެ.

މިއަދުގެ ސިޔާސީ މަސްރަހަށް ބަލާއިރު އިދިކޮޅު ޕިޕީއެމް ޕީއެންސީއިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކޮންމެ ބޭފުޅަކު ނިކުމެވަޑައިގަތަސް އެބޭފުޅަކު ވާނީ ކޮންމެވެސް މަންފާއަކަށްޓަކައި ޕާޓީ ބަދަލު ކުރައްވާފައިވާ ބޭފުޅަކަށެވެ. އެމް.އާރު.އެމް ގެ ހާލަކީވެސް މިއީއެވެ. އަދި އެމް،އެން،ޕީ އިންވެސް އެޕާޓީގެ ކެންޑިޑޭޓަކަށް ދެއްކެން އޮތީ އަމިއްލަ ފައިދާއަށްޓަކައި ކޮންމެވެސް ޕާޓީ އެއް ނޫނީ ދެޕާޓީއެއް ބަދަލު ކުރައްވާފައިވާ ކެންޑިޑޭޓެކެވެ. އަމިއްލަފުޅު ގޮތުން ވާދަކުރައްވާނެކަމަށް ވިދާޅުވެފައިވާ ޑޮކްޓަރ މުޙައްމަދު މުނައްވަރާއި ޢުމަރު ނަޞީރަކީވެސް މީގެ ކުރިން ކޮންމެވެސް ދެޕާޓީއަކުން ފެނުނުނު ދެލީޑަރުންނެވެ.

ދެން އޮތީ ވެރިކަމުގައިއޮތް އެމް. ޑީ. ޕީ ގެ ވާހަކައެވެ. ރައީސް ނަޝީދު ތައްޔާރުވެ ވަޑައިގަންނަވަނީ ވެރިކަމުގެ ބޭނުންފުޅުގައި އަމިއްލަ ސިޔާސީ ޕާޓީ ދޫކުރައްވައި އާޕާޓީއެއް ހައްދަވައިގެން ވެރިކަމަށް ކުރިމަތިލައްވާށެވެ. އެމަނިކުފާނަކީ އަމިއްލަ ފައިދާއަށްޓަކައި އެމަނިކުފާނުގެ ދިފާޢުގައި މިއަދާއި ހަމައަށް ހަށިގަނޑާއި ފުރާނައިން ޤުރުބާންވި އެމް.ޑީ.ޕީ ގެ މެމްބަރުން ޤުރުބާން ކުރެއްވުމަށްފަހު ޕާޓީ ގެ ވެރިކަމާއި ދެކޮޅަށް ނިކުންނެވި ޕާޓީގެ ރައީސެވެ. އަޅުގަނޑު އިސްވެ މިދެންނެވި ކޮންމެ ބޭފުޅަކަށް ވެރިކަން ލިބިވަޑައިގަތަސް އެބޭފުޅުން ބައްލަވާނީ އެބޭފުޅުންގެ އަމިއްލަ ފައިދާއަށްކަން ޔަޤީނެވެ. މާޒީގެ ތާރީޚުން އެކަން ފެންނަން އެބައޮތެވެ. އެހެންވިއިރު މިއިން ބޭފުޅަކު ރައީސް ކަމުގައި ހުންނަވައިގެން ރައްޔިތުންގެ މަޞްލަހަތަށްވުރެ އިސްކުރައްވާނީ އަމިއްލަފުޅު ފައިދާ އާއި މަޞްލަޙަތުކަން ޔަޤީނެވެ. ކަމަކާއި ޖެހޭ ދުވަހު އަމިއްލަ ސަލާމަތާއި ރައްކަލަށޭ ވިދާޅުވެ، އިސްތިޢުފާދެއްވާފައި ރައްޔިތުން ދޫކޮށް ފިއްލަވާނެކަމީ މިބޭފުޅުންގެ މާޒީން ފެންނަން އޮތް ޙަޤީޤަތެވެ.

ދެން އޮތީ އެމް،ޑީ،ޕީ ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙުގެ ވާހަކައެވެ. އެމަނިކުފާނަކީ ފެށުނީއްސުރެ އެމަނިކުފާނުގެ ޕާޓީއަށް އިޚުލާޞްތެރި ބޭފުޅެކެވެ. ޤައުމާއި ރައްޔިތުންނަށް ވަފާތެރި ލީޑަރެކެވެ. އަދިވެސް ހުންނެވީ އެންމެ ފުރަތަމަ ޕާޓީއަކަށް ކުރެއްވި ސޮއި މަތީގައެވެ. ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމުގައެވެ. ކިތަންމެ ގިނަ ފުރުޞަތާއި އޮފާރ ތަކާއި ސޭލްތައް ކުރިމަތި ވުމުންވެސް ހުންނެވީ ސާބިތުކަންމަތީ އަމިއްލަ ޤައުމާއި ޕާޓީގެ ހައްޤުގައެވެ. ބޭވާފާތެރިވެވަޑައިގަތުމެއް ނެތިއެވެ. ފައިސާއަށް ވިކިވަޑައިގަތުމެއް ނެތިއެވެ. މަޤާމަށްޓަކައި ކުލަ ބަދަލު ކުރެއްވުމެއް ނެތިއެވެ. ޤައުމަށް ދިމާވި އެންމެ ބޮޑު މުޞީބާތުގެ ވަގުތުގައިވެސް ވިދާޅުވީ "އެމަނިކުފާނުގެ ރައްކަލަށްޓަކައި އަޅުއްވާނީ ރައްޔިތުންގެ ރައްކަލަށްޓަކައި އަޅުއްވާނެ ފިޔަވަޅުތައް" ކަމަށެވެ. ކޮވިޑުގެ ވަބާއިން އަމިއްލަ ޖާނު ސަލާމަތް ކުރެއްވުމަށްޓަކައި "ނަމުރޫދު ބިއްލޫރި އަލަމާރިއަކަށް އެރުނު ގޮތަށް'' ފަޅުރަށެއްގައި ނޫނީ ރިސޯޓެއްގައި ފިއްލެވުން އިޚުތިޔާރު ނުކުރައްވައެވެ.

އެހެންކަމުން މިޙަޤީޤަތްތަކަށް ބަލާއިރު ޝައްކެއްނެތި ދެންނެވެން އޮތީ ދިވެހިރައްޔިތުންނަށް އެންމެ ހެޔޮ ގޮތަކީ ދެވަނަ ދައުރަކަށް ރައީސް ޞާލިޙު ވެރިކަމަށް ގެނައުންކަމެވެ. ދިވެހިންނަށް ފެންނަންއޮތް ހަމައެކަނި ޗޮއިސްއަކީ ރައީސް ޞާލިހުކަމެވެ. ޝައްކެއްނެތެވެ. ދިވެހިންނަށްއޮތް ހަމައެކަނި ޗޮއިސްއަކީ ރައީސް ޞާލިހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން