ޒަމާނީ ޑިމޮކްރަސީއަށް ރާއްޖެ ފެށި ދަތުރުގައި އިސްލާޙީ މަސައްކަތުގެ ކުރީސަފުން އެންމެބޮޑަށް ފެނުނު އެއް ލީޑަރަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމެވެ. މިމަސައްކަތުގެ ތެރޭގައި ޤާސިމް ވަނީ އެތައް އަނިޔާއަކާއި ދުއްތުރާލެއް ތަޙައްމަލުކުރައްވާފައެވެ.

މިހާރު އަޅުގަނޑުމެން ޢަމަލުކުރަމުން މިއަންނަ ފެހި ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސެއްގެ ޙައިސިއްޔަތުން ޤާސިމް މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. އަދި އޭގެ ކުރިންނާއި ފަހުންވެސް ޤާސިމް ވަނީ އިސްލާޙަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ވަރަށް ބޮޑެތި ގުރުބާނީ ތަކެއް ވެވަމަޑައިގެންފައެވެ.

މި އިސްލާޙީ މަސައްކަތް ފެށިފަހުން އަނިޔާވެރިކަމާއެކު ޤާސިމް ހައްޔަރުކޮށް އަނިޔާދީފައި ނުވާ ހަމައެކަނި ސަރުކާރަކީ މިހާރު ހިނގަމުން މިދާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރެވެ.

އިސްލާޙީ މަސައްކަތުގެ ކުރީކޮޅު ސިޔާސީގޮތުން ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރެއިން ރައީސް މައުމޫންގެ ވެރިކަމުގައި ޤާސިމް ހައްޔަރުކޮށް ބަންދުކުރެވުނެވެ. ކުރެއްވި ކުށެއްނެތެވެ. ހަމައެކަނި ސަބަބަކީ ސަރުކާރުން ބޭނުންފުޅު ނުވާގޮތަށް ސިޔާސީ މަސައްކަތްޕުޅު ކުރެއްވުމެވެ. ހައްގުބަސް ވިދާޅުވުމެވެ. އަނިޔާއާއި ބޭއިންސާފާ ދެކޮޅަށް ބަސްފުޅު ވިދާޅުވުމެވެ. ޑިމޮކްރެސީއަށްޓަކާ މަގުމައްޗަށް ނުކުމެވަޑައިގެންނެވުމެވެ.

އޭގެފަހުން ޤާސިމްގެ މިންނެތް މަސައްކަތްޕުޅާއެކު ޒަމާނީ ޑިމޮކްރެޓިކް ނިޒާމެއް ރާއްޖޭގައި އެކުލަވާލެވި ދެން އެކުލަވާލެވުނީ އާ ސަރުކާރެކެވެ. ވަޠަން އެދޭގޮތަށް އިއްތިޙާދުވެގެން ޤާސިމް ޖާނާއި މާލުން ގުރުބާންވެ ވަޑައިގެން ހޭދަކުރައްވައިގެން ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ގެނެސްދެއްވިއެވެ. އާޚިރުގައި ކަންވީ ކިހިނެއްތޯއެވެ؟ އެންމެ 21 ދުވަހުގެތެރޭގައި ޤާސިމަށް ޖެހިވަޑައިގަތީ ސަރުކާރުން ނުކުމެވަޑައިގަންނަވާށެވެ.

އަދި 2010ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނަޝީދުގެ ސަރުކާރުން ޤާސިމް ޖަލަށް ލިއެވެ. ތުހުމަތަކީ ކޮރަޕްޝަނެވެ. ދެއްކުނު އެއްވެސް ހެއްކެއް އަދިއަދާހަމައަށްވެސް ނެތެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން އެކަމާދެކޮޅަށް އަޑުއުފުލައި އެތައް މަސައްކަތެއް ކުރިއެވެ. އެންމެފަހުން ޤާސިމަކީ ކުށެއް ނެތް މަޢުސޫމު މީހެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ.

ހެއްކެއް ޤަރީނާއެއް ނެތި ނަޝީދުގެ ސަރުކާރުން ޤާސިމް ހައްޔަރުކުރުމުގެ އިތުރުން ޤާސިމްގެ ވިޔަފާރިއާއި މުދަލަށް އެތައް ގެއްލުމެއް ދިނެވެ. އެމަނިކުފާނު ދިވެހި ގައުމާ ރައްޔިތުންގެ ރައްޔިތުންގެ ހައްގުގައި ކުރަށްވަމުން ގެންދެވި މަސައްކަތްތައް ބުއްޓުވައި އެކަމަށް ހުރަސް އެޅުމަށް އެތައް ކަމެއް ކުރިއެވެ.

ދައުރުހަމަވުމުގެ ކުރިން ނަޝީދު ވެރިކަމުން އިސްތިއުފާދެއްވުމާއެކު ދައުރުގެ ބާކީ ބައި ފުރިހަމަކުރެއްވީ އޭނާގެ ނައިބު ރައީސް ޑރ.މުޙައްމަދު ވަޙީދު ހަސަންމަނިކެވެ. އެދައުރު ނިންމެވީ އެމަނިކުފާނެވެ.

ދެންއައީ 2013ވަނަ އަހަރު އުފެދުނު ސަރުކާރެވެ. އެއީ ރައީސް ޔާމީންގެ ސަރުކާރެވެ. އެސަރުކާރުވެސް ވުޖޫދުވީ ޤާސިމްގެ މިންނެތް މަސައްކަތުންނެވެ. ގާސިމް ޖާނާ މާލުން ގުރުބާންވެ ވަޑައިގެންނެވެ. އެހެންނަމަވެސް ޔާމީންގެ ވެރިކަމުގައި ޤާސިމަށް ދިން އަނިޔާގެ ވާހަކަ އަދި ހަނދާންނެތޭހާ ދުވަހެއް ނުވެއެވެ.

2017ވަނަ އަހަރުގެ އޯގަސްޓް 24 ވަނަ ދުވަހުގެ މަތިން ޤާސިމްގެ ހަނދުމަފުޅުން ފިލައިގެންދާނެހެނެއް ހިޔެއެ ނުވެއެވެ. ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ޤާސިމްގެ މައްޗަށް ކުރީ ޔާމީންގެ ވެރިކަމުގައި އެދުވަހުއެވެ. އެޙުކުމް ކޮށްފައިވަނީ، ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ތުހުމަތުގައެވެ. ޙުކުމްކުރީ ގާސިމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނިކޮށް، ޣައިރު ހާޒިރުގައެވެ.

ބަލިޙާލަތު ބޮޑުވެގެން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެންނެވިގޮތަށް ޤާސިމް ހުންނަވަން ޖެހުނީ އަމިއްލަފުޅަށް އަރުވާލެވިގެން ބޭރުގައެވެ. ޔާމީންގެ މުޅިވެރިކަމުގައި ކުޑަމިނުން ރާއްޖެ ވަޑައިގަތުމުގެ ފުރުސަތެއްވެސް ލިބިވަޑައި ނުގަނެއެވެ. އަދި ޤާސިމްގެ ޢާއިލާއަށްވެސް އެހާ ޙާލުގައި އުޅެންޖެހުނެވެ. ދަރިކަލުން ސިޔާދު ޤާސިމް ޖަލަށް ލިއެވެ. ވިޔަފާރިއާއި މުދަލަށް އެތައް ގެއްލުމެއް ލިބުނެވެ.

ދެންއައީ މިހާރު ހިނގަމުން މިދާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރެވެ. މިވެސް ޤާސިމްގެ ބައިވެރިވުމާއެކު ގެނައި ސަރުކާރެކެވެ. މިސަރުކާރުގެ ދައުރު ހަމަވާން ކުޑަ ދުވަސްކޮޅަކަށް މިވަނީ ވެފައެވެ. ޤާސިމް މިވަގުތު ހުންނެވީ ސަރުކާރާ ދުރުގައެވެ. ސަރުކާރަށް ފާޑުވެސް ވިދާޅުވެއެވެ. ރައީސް ޞާލިޙަށްވެސް ފާޑުވިދާޅުވެއެވެ.

އެހެންނަމަވެސް މިސަރުކާރުން ޤާސިމާމެދު ޢަމަލުކުރަމުން އަންނަނީ ކިހިނެއްތޯއެވެ؟ ޤާސިމަކަށް އަނިޔާއެއް ނުދެއެވެ. ހަމަ ޔަޤީނުންވެސް ޤާސިމް ހައްޔަރެއް ނުކުރެއެވެ. ކޮންމެވެސް ސިފައެއްގައި އެމަނިކުގެ ވިޔަފާރިއަށް ހުރަސްއެޅޭ ޒާތުގެ ސިޔާސީ ކަންކަން ފެންނަމުން ދިޔަ ނަމަވެސް ފާޅުގައި އެމަނިކުފާނުގެ ވިޔަފާރިއަށް ދަތިކުރާތީއެއް ނުފެނެއެވެ.

އެހެންކަމުން އަންނަ ރިޔާސީ އިންތިޚާބުގައި ވަކި ޕާޓީއަކަށް، ވަކި ކެންޑިޑޭޓަކަށް، ވަކި ފިކުރަކަށް ތާޢީދުކުރައްވާނަމަ ޤައުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟ ޤާސިމަށް އެންމެ އޯގާތެރިވެވަޑައިގަތީ ކޮން ލީޑަރެއްތޯއެވެ؟ ޤައުމަށް އެންމެ ފައިދާބޮޑީ ކޮންގޮތެއްތޯއެވެ؟ މިއީ މިއަދު ގިނަ ބަޔަކު އުފައްދާ ސުވާލު ތަކެކެވެ.

އޮނަރަބްލް ގާސިމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ސިޔާސީ ގޮތުން ވަރަށް ހިކުމަތްތެތި ނިންމެވުންތައް ނިންމަވާފައިވާ އެރޮނގުން ދެވަނައެއް ނެތް ސަހުޞިއްޔަތެކެވެ. ސިޔާސީ ގޮތުން ރަނގަޅަށް ބިސާބު ނުޖައްސަވާ ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅުއްވާނެ ބޭފުޅެއް ނޫނެވެ. އެގޮތް ނިންމެވުމުގައި އެމަނިކުފާނު އިސްކުރަށްވާނީ ގައުމާ ރައްޔިތުންގެ މަސްލަހަތުކަމީ އެނގި ކަށަވަރުވާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން