ދުވާލަކު އެންމެ 4،000 ފިޔަވަޅަށް ހިނގުމަކީ ބޮޑެތި ބަލިމަޑުކަމުގެ ސަބަބާހުރެ ފުރާނައަށް ނުރައްކާވުން ކުޑަވެދާނެ ކަމެއް ކަމަށް މިހާތަނަށް ކުރެވުނު އެންމެ ބޮޑު ތަހުލީލުން ދައްކައިފިއެވެ. މިތަހުލީލުން ދައްކާގޮތުން ހިނގުން އިތުރުކުރާވަރަކަށް ސިއްހީ ފައިދާތައްވެސް އިތުރުވެގެންދެއެވެ.

އަބަދު އިށީނދެ ނުވަތަ އޮށޯވެގެން އުޅޭ ދިރިއުޅުމަކީ ސިއްހަތު ދަށްވުމާ ގުޅުން ހުރި ކަމެއް ކަމަށް ބުނާ އިރު، ހިނގައިގެން ސިއްހަތު ރަނގަޅު އާދަތައް އަށަގަންނުވަން ޕްރޮމޯޓް ކުރާއިރު، ކިހާވަރަކަށް ހިނގައިގެންތޯ ފައިދާ ބޮޑީވެސް މިއީ އެނގެން މުހިންމު މަޢުލޫމާތެވެ.

އެގޮތުން މިކަން ދެނެގަތުމަށްޓަކައި ޕޮލެންޑްގެ މެޑިކަލް ޔުނިވާސިޓީ އޮފް ލޮޑްޒްގެ ކާޑިއޮލޮޖީގެ ޕްރޮފެސަރު މަސީޖް ބަނާޗް އިސްކޮށް ހުރެ 226،889 މީހުން ބައިވެރިކޮށްގެން ކުރި 17 ދިރާސާއެއްގެ ޑޭޓާ ނަގައިފައިވެއެވެ.

ޔޫރަޕިއަން ޖާނަލް އޮފް ޕްރިވެންޓިވް ކާޑިއޮލޮޖީގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓުން ދައްކާ ގޮތުގައި ދުވާލަކު މަދުވެގެން 3،967 ފިޔަވަޅު ހިނގުމުން ބޮޑެތި ބަލިމަޑުކަމުގެ ސަބަބާހުރެ ފުރާނައަށް ނުރައްކާވުން ކުޑަވާން ފަށާއިރު، ދުވާލަކު 2،337 ފިޔަވަޅު ހިނގުމުން ހިތުގެ ބަލިތަކުގެ ސަބަބުން ފުރާނައަށް ނުރައްކާވުން ކުޑަވެގެން ދެއެވެ.

"އަހަރެމެންގެ ދިރާސާއިން ކަށަވަރުވާ ގޮތުގައި ހިނގުން އިތުރުކުރާވަރަކަށް ސިއްހަތަށް ލިބޭ ފައިދާ އިތުރުވޭ. ދިރާސާއިން އެނގުނު ގޮތުގައި ހިނގުމަކީ ވަކި އުމުރަށް ބެލުމެއްނެތި އަންހެނުންނާއި ފިރިހެނުންނަށް ވެސް ޚާއްޞަ ކަމެއް،" ދިރާސާ ރިޕޯޓާ ބެހޭގޮތުން ޕްރޮފެސަރ ވިދާޅުވި އެވެ.

"ކުރި ދިރާސާ ދައްކާ ގޮތުގައި ބޮޑެތި ބަލިމަޑުކަމުގެ ސަބަބާހުރެ ފުރާނައަށް ނުރައްކާވުން މަދުކުރުމަށް ދުވާލަކު 4،000 ފިޔަވަޅު ހިނގުން މުހިންމު. އަދި ހިތުގެ އެކި ބަލިތަކުން ސަލާމަތްވުމަށްވެސް ހިނގުން މުހިންމު."


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން