ފުލުހުން ވެހިކަލްތަކެއްގައި ސްޓިކާ ޖަހަނީ: ފޮޓޯ/މިހާރު
ފުލުހުން ވެހިކަލްތަކެއްގައި ސްޓިކާ ޖަހަނީ: ފޮޓޯ/މިހާރު
ދިވެހި ރާއްޖޭގެ ވެރިކަންކުރާ މާލެ ސިޓީގައި ހުރި އެކިއެކި މައްސަލަތަކުގެ ތެރެއިން ޕާކިން މައްސަލައަކީ ބޮޑު މައްސަލައެކެވެ. މިހާތަނަށް އެކަށީގެންވާފަދަ ޙައްލެއް ގެސްދެވިފައި ނުވާ މައްސަލައެކެވެ. މިހާރު މިމައްސަލަ އޮތް ގޮތުން މައްސަލަ ހައްލުކުރުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމުތަކުގެ ވަރަށްބޮޑު ދައުރެއް މާލޭ ސިޓީ ކައުންސިލަށް އެބައޮތެވެ. އެއީ މާލޭގެ ޢާންމު އެކިއެކި ބިންތައް އޮންނަނީ ސިޓީކައުންސިލްގެ ދަށުގައި ކަމަށްވާތީއެވެ. އެތަންތަނުން ޕާކިން ޒޯންތައް ހަމަޖައްސައި މަގުތަކުގެ އިންތިޒާމު ހަމަޖައްސައި ހެދުމަކީ އެކައުންސިލްގެ ދައުރެކެވެ.

މިހާރުގެ މޭޔަރު އިންތިޚާބުވުމާހަމައަށް އޮތް އެމްޑީޕީގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލުން މާލޭގެ އެކި ހިސާބުތަކުން ޢާންމު ޕާކިން ޒޯންތައް ހެދިއެވެ. ކުރީގެ މޭޔަރު ސިފާ މުޙައްމަދުގެ ބެއްލެވުމުގެ ދަށުން، ޖާގައެއް ނެތް މާލެއިން މިހާރުގެ ޙާލަތަށް ބަލާއިރު މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

އެންމެފަހުން ބޭއްވި ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބުނީ އިދިކޮޅު ޕީޕީއެމްއަށެވެ. މޭޔަރަކަށް އިންތިޚާބުވީ ޑރ.މުޙައްމަދު މުޢިއްޒެވެ. މުޢިއްޒުގެ ދައުރު ފެށުމާއެކު ކުރިން ސިޓީކައުންސިލުން ހައްދަވަމުންދިޔަ ޢާންމު ޕާކިން ޒޯންތަކަށްވުރެ ބޮޑަށް ހެއްދެވިތަން ފެނުނީ މާލޭގެ މަގުތަކާއި މައިޒާންތަކާއި ހުސް ބިންތަކުން ވިޔަފާރި އުސޫލުން ޕާކިންއާއި އެހެނިހެން ބޭނުންތަކަށް ބިން ކުއްޔަށް ދެއްވި މަންޒަރެވެ. މިހާރު ގޭގޭގެ ދޮރުމައްޗާއި ޕާކުތަކުގެ ސަރަޙައްދުގައިވެސް ގިނަ ޕާކިން ލޮޓުތަކުގައި އެހުންނަނީ ނަމަބަރުޖަހައި ކުއްޔަށް ދީފައެވެ. މިއާއެކު ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބެމުންދިޔަ ޕާކިން މައްސަލަ އިތުރަށް ވީ ގޯހެވެ.

ޤަވާއިދާ ޚިލާފު ވުމުން އަބަދު ދެނީ ކީއްވެ؟

ޕާކުކުރުމުގެ ޤަވާޢިދާ ޚިލާފަށް މަގުތަކާއި ޢާންމު ތަންތަނުގައި ޕާކުކުރުމަކީ ކުށެކެވެ. ކުށެއް ކޮށްފިނަމަ އަދަބެއް އޮވެއެވެ. އަދަބެއް ނެތްނަމަ އެކަން ކުށަކަށް ހަދާފައި އޮތުމުގެ ބޭނުމެއް ނެތެވެ. ޖެހުނުހާތަނެއްގައި ޕާކުކުރުމަކީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ހުއްދަކަމެއް ނޫނެވެ.

މި ދެންނެވި ހުރިހާ ޤައުމުތަކަކީ ޕާކިންގެ މައްސަލައެއް ނެތް ޤައުމުތަކެއްވެސް ނޫނެވެ. މާލޭގައި ޖެހުނުހާތަނެއްގައި ޕާކުކުރުމުގެ މައްސަލައާހެދި ދިމާވާ ބައެއް ކަންކަމަށް ބަލާއިރު، މަގުތަކުގެ ކަންކަން މަތީގައާއި ގޯޅި އަޅާއިރު ކުއްލިއަކަށްގޮސް މުޑިއަރާ ހިސާބުގައާއި ހަނިމަގުތަކުގައި ޕާކުކުރުން ހުއްދަނޫން ފަޅީގައި އުޅަނދުތައް ޕާކުކޮށްފައި ހުރެގެން ނުރައްކާތެރި އެތައް އެކްސިޑެންޑެއް ހިނގާފައިވެއެވެ. ބައެއް މީހުންގެ ފުރާނަ ގެއްލި ބައެއް މީހުންނަށް ބޮޑެތި އަނިޔާވެފައިވެއެވެ.

މިފަދަ ސަބަބުތަކާއެކު އެފަދަ ތަންތަނުގައި ހުންނަ އުޅަނދުތައް ފުލުހުން އަންނަނީ ޓޯކުރަމުންނެވެ. އަދި ބައެއް ފަހަރު ޕާކިން ސްޓިކާވެސް ޖަހައެވެ. މިއިން ކޮންމެ ފިޔަވަޅަކާއެކު ޖޫރިމަނާކުރެއެވެ. އެއީ ޤާނޫނުން ބާރުލިބެގެން ކުރާކަމެކެވެ. ފުލުހުންގެ މައްޗަށް ކުރުން ލާޒިމްކަމެކެވެ. އެފައިސާ ލިބެނީ ދައުލަތަށެވެ. އެފައިސާއިން ޚަރަދުކުރަނީ ރައްޔިތުންގެ އެކި ބޭނުންތަކަށެވެ. މިފައިސާ ގިނަމީހުން ދައްކައެވެ. ޖޫރިމަނާކުރުމުން ފައިސާ ނުދައްކައި އުޅޭ ބަޔަކުވެސް އުޅެއެވެ.

އުޅަނދު ޓޯކުރުމުން ޖޫރިމަނާ ދައްކަންޖެހޭތީ އެއުޅަނދު ބަލާނުގޮސް އެތައް ދުވަހެއް ވެފައިވާ މީހުން އުޅެއެވެ. އެއީ ޖޫރިމަނާ ނުދައްކަން ވެގެންނެވެ. އެފަދަ މީހުން ދައްކަން ޖެހިފައި އޮތީ ޕާކިން ޖޫރިމަނާ އެކަންޏެއްވެސް ނޫނެވެ. އުޅަނދުގެ އަހަރީފީވެސް އޮންނަނީ ނުދައްކައެވެ. ރޯޑްވާދިނަސްއެއް އިންޝުރެންސެއްވެސް ހަދާފައެއް ނޯވެއެވެ. މިއިން އެއްވެސް ޖޫރިމަނާއެއް ނުދައްކަން ގަދަދައްކާފައި ބަޔަކު އެބަތިއްބެވެ.

ޑރ. މުޢިއްޒު މިވިދާޅުވަނީ ކީކޭ؟

އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ވެރިކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ، ޕާކިން މައްސަލަތަކުގައި ކޮށްފައިވާ ހުރިހާ ޖޫރިމާނާއެއް މައާފުކޮށްދެއްވާނެ ކަމަށެވެ. ށ. ފުނަދޫގައި މުއިއްޒު ވިދާޅުވީ، މި ސަރުކާރަކީ ޕާކިން ސްޓިކާ ނުޖަހާނެ ކަމަށް ވައުދުވެގެން އައި ސަރުކާރެއް ނަމަވެސް، ފެންނަނީ ޕާކު ކުރާނެ ތަންތަން ނުދައްކައި ޕާކިން ސްޓިކާ ޖަހަމުންދާ މަންޒަރު ކަމަށެވެ.

ހަޤީޤަތަކީ ކޮބާ؟

ތެދުފުޅެކެވެ. ޕާކިން ސްޓިކާ އަކީ ބަޔަކަށް ބުރައެކެވެ. މާލޭގައި ބޭނުންހާ ތާކު ޕާކުކުރެވޭނެ ފަސޭހަ އިންތިޒާމެއްވެސް ނެތެވެ. އެހެންނަމަވެސް ޤާނޫނީގޮތުން ކުށެއްކަމަށް ކަނޑައަޅާފައި އޮތްކަމަށް ކުރުމުން އަދަބު ނުދީ ދޫކޮށްލެވޭނެ ހަމައެއް ކޮބައިކަން ޑރ. މުޢިއްޒު ވިދާޅުވާންޖެހެއެވެ.

ޕާކުކުރާނެ ޖާގަމަދުވުމުން ޤާނޫނު ވާވާންޖެހޭ ސަބަބެއް ވިދާޅުވާންޖެހެއެވެ. މިހާރު ޕާކިންކުށުގެ އަދަބުތައް ދޭއިރުވެސް ޕާކިންގެ މައްސަލަތަކާހެދި އެތައް އުނދަގުލެއް ރައްޔިތުންނަށް ވަމުންދެއެވެ. ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ގެއަށް ނުވަދެވި އެބަތިބެންޖެހެއެވެ. އޭނާ ގެއަށް ވަންނަން ހަދާފައި އޮންނަ ރޭމްޕްގެ ކުރިމަތީގައި ޤަވާޢިދާ ޚިލާފަށް ސައިކަލެއް ހުރެގެންނެވެ. އެކަމަށް އަދަބެއް އޮވެގެން ނުވޭތޯއެވެ؟

އަނެއްކޮޅުން އެތައްބަޔަކު ޤަވާޢިދާ އެއްގޮތަށް އުޅެއެވެ. ކުށްކުރެވުނީމާ ދައްކަންޖެހޭ ޖޫރިމާވެސް ގިނަމީހުން ދައްކައެވެ. ޤަވާޢިދާ ޚިލާފުވަނީވެސް ޖޫރިމަނާ ނުދައްކަނީވެސް ނިސްބަތުން މަދުބައެކެވެ. އެހެންކަމުން ޑރ. މުޢިއްޒުގެ މިވަޢުދުގެ އިންސާފަކީ ކޮބައި ހެއްޔެވެ. ޖޫރިމަނާ ފައިސާ ދެއްކި މީހުންގެ ފައިސާ ކޮބައިތޯއެވެ. ޤަވާޢިދަށް އުޅެން ބަޔަކު އުފުލި ތަކުލީފުގެ އަގު ކޮބައިތޯއެވެ. ތިޔަ ދައްކަވާ ވާހަކަފުޅު ދެކޮޅު ޖެހޭތޯއެވެ.

މާޒީއަށް ބަލާއިރުވެސް ޑރ.މުޢިއްޒުގެ ކިބައިން މިބާވަތުގެ ބައެއް ކަންކަން ފެނިފައިވެއެވެ. މިސާލަކަށް ކުނީގެ މައްސަލާގައި ވެމްކޯއާއި ސިޓީކައުންސިލުގެ މެދުގައި އުފެދުނު މައްސަލައަށް ބަލާލަމާތޯއެވެ؟ މި ދެބައި މީހުންގެ މެދުގައި އޮތް އެއްބަސްވުމާއި އެއާ ގުޅިގެން އުފެދުނު މައްސަލަ އިހަށް ބާއްވާށެވެ. ވެމްކޯއިން އެންގީ ޢާންމުން މަގުތަކަށް ކުނި ނުނެރުމަށެވެ. އެއީ އޭގެ ސަބަބުން މަގުތައް ތަޣައްޔަރުވުމާއި ކުނި އުކަން ވެމްކޯގައި ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީއެއް، ނުކުރާ ގޭބިސީއެއް ނޭނގުމާއި އިދާރީ އެތައް އޮޅުމެއް އެރުން ހުއްޓުވުމަށެވެ.

އެހެންނަމަވެސް ޑރ.މުޢިއްޒު ހިތްވަރުދެއްވީ ޢާންމުން މަގުތަކަށް ކުނި ނެރުމަށެވެ. ވިދާޅުވީ ސިޓީކައުންސިލުން ހުންނާނީ ވެމްކޯއަށް ފައިސާދީފައިކަމަށެވެ. މިއީ މުޅިން ތަފާތު ދެމައްސަލައަކަށް ވާއިރުވެސް ޤަވާއިދާ ޚިލާފުވާ މީހުންނަށް ހިތްވަރުލިބޭ މޭރުމުން މޭޔަރުވަނީ ވާހަކަފުޅުދައްކަވާފައެވެ.

މިބާވަތުގެ ކަންކަމަކީ ޑރ.މުޢިއްޒުފަދަ ޢިލްމީ ބޭފުޅެއްގެ ފަރާތުން ފެންނަންވާނެ ޢަމަލެއްބާއެވެ. ޢިލްމެއް ހިލްމެއް ނެތް މަގުމަތީ އެކްޓިވިސްޓުން ދައްކާފަދަ ވާހަކަތައް ދުނިޔޭގައި ކިޔެވޭނެ އެންމެމައްޗަކަށް ކިޔަވައި ވިދާޅުވެފައިވާ ޢިލްމީ ބޭފުޅުންކަމަށް ވިދާޅުވާ ބޭފުޅުން ވިދާޅުވީމާ ކަމަކުނުދެއެވެ. އިޚްލާސްތެރިކަމެއް ނުފެނެއެވެ.

ވޯޓު ހޯއްދަވަންވެސް ދައްކަވަންވާނީ ޤައުމުގެ މަސްލަޙަތާއި ޤާނޫނީ ނިޒާމު ގެއްލިގެން ނުދާފަދަ ވާހަކަތަކެވެ. މުއިއްޒު ދެއްކެވިޔަސް އަދި އެހެން ރިޔާސީ ކެންޑިޑޭޓަކު ދެއްކެވިޔަސް ގާނޫނާއި ގަވާޢިދާ ޚިލާފު އަދި މުޖުތަމަޢުގެ ތެރޭގައި ހަމަހަމަކަމާއި އިންސާފު ގެއްލޭފަފަ ވާހަކަ ދެއްކުމާއި އެފަދަ ވަޢުދުތައް ވެވަޑައިގެންނެވުމަކީ "ކަޑަ" ކަމެކެވެ. ގާނޫނު ތަކާއި ގަވާއިދުތައް މުގުރާލަން ހިތްވަރުދީ ދޮރިތައް ހުޅުވާލުމުގެ ބަދަލުގައި ދައްކަވަންވީ މައްސަލައިގެ ހައްލެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން