ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާނަށް ކުރި 3 އަހަރު ދުވަހުގެ ޖަލު ހުކުމް ހައި ކޯޓުން ސަސްޕެންޑް ކޮށްފިއެވެ.

ޚާން ހައްޔަރުކޮށްފައިވަނީ މިމަހުގެ ކުރީކޮޅު، ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތުކޮށް ދަށުކޯޓުން އޭނާގެ މައްޗަށް ތިން އަހަރުގެ މުއްދަތުގެ ޖަލު ހުކުމެއް ކުރުމުންނެވެ. އެއާއިއެކު، ޚާންގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައެވެ. އިސްލާމްއާބާދު ހައިކޯޓުން މިދިޔަ އަންގާރަ ދުވަހު އެ ހުކުމް ސަސްޕެންޑްކޮށް ކަފާލާތުގެ ދަށުން ޚާން ދޫކޮށްލަން ވަނީ ހުކުމް ކޮށްފައެވެ.

ސިޔާސީ ދާއިރާއަށް ވަނުމުގެ ކުރިން ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ޚާން މިދިޔަ އަހަރު މަގާމުން ވަކިކުރީ އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ. ޚާންއާއި އޭނާގެ ޤާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި އޭނާގެ މައްޗަށް ޕާކިސްތާންގެ އަސްކަރިއްޔާއިން ކޮރަޕްޝަންގެ ތުހުމަތު އުފުލަމުން ދަނީ އޭނާއަށް އިންތިޚާބުގައި ބައިވެރިވުމުގެ ޙައްގު ގެއްލުވާލުމުގެ ގޮތުންނެވެ. އެގޮތުން، ޚާންގެ މައްޗަށް ކުރާ ދައުވާތައް ގިނަ ކަމުން، އޭނާ އަދިވެސް އެއްފަހަރު ޖަލަށް ލާނެ ކަމަށް ބެލެވެއެވެ.

މިއަދުގެ ވަގުތެއްގައި، އޭނާގެ އިތުރު މައްސަލައެއްގެ އަޑުއެހުން ބާއްވާނެއެވެ. މިއަދު އޭނާ ކޯޓަށް ހާޒިރުވުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ސިއްރުތައް ލީކް ކުރުމުގެ ދައުވާގެ އަޑުއެހުމަށެވެ. އޭނާގެ މައްޗަށް މިކުށް ސާބިތުވެވެއްޖެ ޙާލަތެއްގައި އޭނާގެ ސިޔާސީ ކެރިއަރ ނިމުމަކަށް އަންނާނެ ކަމަށް މަސްރަހު ދިރާސާ ކުރާ މީހުން ބުނެއެވެ. އަދި، އެ މައްސަލަ ކުރިއަށްގެންދާ ކޯޓުން ތިބީ އަސްކަރިއްޔާއާއި އެއްކޮޅަށް ކަމަށްވެސް ބުނެއެވެ.

ޕާކިސްތާންގެ އަސްކަރިއްޔާގެ ނުފޫޒުން ޚާންގެ ސިޔާސީ ޕާޓީގެ ބައެއް އިސް ލީޑަރުން ވަނީ ގައުމު ދޫކޮށް އެހެން ސަރަހައްދުތަކަށް ދިރިއުޅުން ބަދަލުކުރައްވާފައެވެ. އަދި ޚާން ދޫކޮށްލުމަށް އެދި މުޒާހަރާ ކުރާ މީހުންވެސް ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުންވެސް، އޭނާއާއި އެއްކޮޅަށް ވާހަކަދައްކާ ޕާކިސްތާނުގެ ނޫސްވެރިންނަށް ބިރުދައްކާ ހަދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން