image ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު   15 ޖުލައި 2020 - 19:40
"ހައްދު ފަހަނަޅައިދިޔުން" މި މަފުހޫމަކީ "ދިވެހި ބަސްފޮތް" ވެސް މާނަ ބުނެދީފައިވާ މަފުހޫމެކެވެ. ނުވަތަ ލަފުޒެކޭ ވިދާޅުވިޔަސް އެންމެ ރަނގަޅެވެ. "ބަސްފޮތު"ގައި އޮންނާނީ ކުރުކުރުކޮށް އެ ލަފުޒުގެ މާނައެވެ. ބަސްފޮތުގައި ވާ ގޮތުން އެ ލަފުޒުގެ މާނައަކީ "ދާންވީ ހިސަބަށްވުރެ މާ އިތުރަށް ދިއުން" ނުވަތަ "ނުބައިކަމުގެ ކޮޅެއް ނެތުން" މިއެވެ. ނަމަވެސް މުޖުތަމަޢުގައި "ހައްދުފަހަނަޅައިދިޔުން" ތަފާތު މަފުހޫމުތަކުގައި ބޭނުންކުރާ އަޑު އިވޭތީ އެ ލަފުޒުގެ ތަފުޞީލަށް ބަލައިލާ ހިތްވީއެވެ.



އެންމެ ފުރަތަމަ "ހައްދުފަހަނައަޅައިދިޔުން" އަޅުގަނޑުމެންނަށް އެނގޭނީ "ހައްދު"ގެ މާނަ އެނގިގެންނެވެ. ދިވެހީންގެ ގިނަ މީހުންނަށް މިހާތަނަށް "ހައްދު"ގެ މާނަ ވިސްނިފައި އޮންނާނީ އެއީ "ވަކި ބާވަތެއްގެ" ކުށެއް ސާބިތުވުމުން އެ ކުށް ސާބިތުވި މީހެއްގެ ގައިގައި ދުއްރައިން ތަޅާ ތެޅުމަށެވެ. ޖަލްދުކުރުމަށެވެ. އެކަމަށް ޤުރުއާނުގައި ކަނޑައެޅިފައިވާ ނަމަކީ ޖަލްދުކުރުމެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِئَةَ جَلْدَةٍ" ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން ޖަހާށެވެ! (ޖަލްދުކުރާށެވެ!)") (سورة النور:2). ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ވެސް މިހާރު އޮންނަނީ މި ލަފުޒެވެ. ޖަލްދުކުރުމެވެ. ޖަލްދުކުރުމަށް "ހައްދުޖެހުމޭ" ކިޔައި އުޅުނީ، އެ އަދަބުދެވެނީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ޙައްދުން ބޭރަށް ނުކުތުމުން ދޭ ޢުޤޫބާތަކަށް ވާތީ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން ހައްދުގެ މާނައަށް ތަފުޞީލުކޮށް ބަލައިލާން ބޭނުންވީއެވެ.



ޙައްދަކީ ވެސް ބަސްފޮތުގައި އޮންނަ ލަފުޒެކެވެ. ބަސްފޮތް ބުނާ ގޮތުން ނަމަ، މި ލަފުޒުގެ މާނައަކީ "އިމެވެ." "ވަކި ހިސާބެކެވެ." ވަކި އިމެއްގެ މާނައަކީ ފެށޭ ހިސާބަކާއި ނިމޭ ހިސާނެއް އޮންނާނެ އެއްޗެކެވެ. ހިސާބަކީ ވެސް ފެށުމެއް އޮންނާނެ ތަނެކެވެ. އިސްލާމީ ޝަރީޢާގައި ވެސް ވަކި އިމެއް ކަނޑައެޅިފައިވެއެވެ. ކުރާންޖެހޭ ކަންތަކާއި ކޮށްގެން ނުވާނެ ކަންތައް އެއީ ޝަރީޢާގެ އިމުގެ ދެކޮޅެވެ. ވާޖިބު ނުވަރަ ފަރުޟުކަމެއް ނަމަ ކުރުން މަޖުބޫރެވެ. ޙަރާމް ކަމެއް ނަމަ، ނުކުރުން މަޖުބޫރެވެ. ވީމާ މި ދެމެދުގައި ހިފަހައްޓައިގެން ހުރެއްޖެ ނަމަ އެހުރެވެނީ ދީނުގެ ހައްދުގެ ތެރޭގައެވެ. ހައްދުން ބޭރު ނުވެއެވެ. މި އިމުން ބޭރުވެއްޖެ ނަމަ އެއީ ހައްދުން ބޭރުވުމެވެ. ހައްދުފަހަނަޅައި ދިޔުމެވެ. ސަވާބު ހޯދުމުގެ ނަމުގައި ނަމަވެސް ކުރާން އޮތް ކަމަކަށްވުރެ އިތުރަށް އަޅުކަން ކުރުމަކީ ހައްދުން ބޭރުވުމެވެ. މިސާލަކަށް ހައްޖަށް ގޮސް މިނާގައި ތިބޭ އިރު ނާމަދު ޤަޞްރުކުރުމަކީ އިސްލާމްދީނުގެ މިންގަނޑެވެ. ނަމަވެސް ސަވާބު އިތުރުކުރާން ކަމަށް ހީކޮށް ޤަޞްރުރުނުކުރުމަކީ ހައްދުން (އިމުން) ބޭރަށް ދިޔުމެވެ. އަނެއްކޮޅުން އިސްލާމް ދީނުގެ ރުކުންތަކުންއެންމެ ރުކުނެއް ވެސް އަދާ ނުކޮށް ދޫކޮށްލުމަކީ މި ދެންނެވި ހައްދުން ބޭރަށް ދިޔުމެވެ. ﷲ ޙަރާމްކުރައްވައިފައިވާ ޢަމަލެއް ކުރުމަކީ ހައްދުފަހަނަޅައިދިޔުމެވެ. ﷲ ވާޖިބުކަމެއް ގަސްތުގައި ދޫކޮށްލުމެވެ. ނުވަތަ ޙަރާމްކުރައްވައިފައިވާ ނުވަތަ ވަޢީދުގެ ބަސްފުޅު އައިސްފައިވާ ޢަމަލެއް ކުރުމެވެ. މިސާލަކަށް ރަނގަޅާއި ނުރަނގަޅު، ހައްގާއި ބާތިލެވެ. ކީރިތި ގުރުއާނުގައި ހައްދުގެ ގިނަ ގޮތް ކަމުގައިވާ 'ހުދޫދު"، (އިންތައް) މި މާނައިގައި ސާދަ ފަހަރު ބޭނުން ކުރެވިފައިވާކަމަށް ޢިލްމުވެރީން ބަޔާންކުރައްވައެވެ. މިއިން އެއްވެސް ފަހަރަކު، އޭގެ މާނަ ހައްދު ޖެހުމުގެ (އަދަބު ދިނުމުގެ) މާނައަކާ ނުގުޅެއެވެ. މި ތަންތަނުގައި މާނަ ގުޅެނީ މަނާކުރެވިގެންވާ ކަންކަމާއެވެ.

"ހައްދުޖެހުން" މި އިބާރާތް، ޢުޤޫބާތް ނުވަތަ އަދަބުދިނުމުގެ މާނައާ ގުޅިފައިވަނީ އެހެން ގޮތަކަށެވެ. މިގޮތުން، އެންމެ ފުރަތަމަ، ޢަރަބިބަހުން "ޙައްދު"ގެ ގިނަ ގޮތް "ހުދޫދު" ބޭނުންކުރެވޭން ފެށީ ދީނުގައި މަނާކުރެވިގެންވާ ކަންކަމަށް އިޝާރަތްކުރާށެވެ. މީގެ ތެރޭގައި އެ ކަންކަން ކޮށްފި ނަމަ، އުގާބާތެއް ކަނޑައެޅިފައި އޮންނަ ކަންކަން ކީރިތި ގުރުއާނާއި ނަބަވި ސުންނަތުގައި، ހިމެނެއެވެ. މި އަށް ފަހު، ދެން، ހައްދު ބޭނުން ކުރެވެންފެށީ ސީދާ މި ދެންނެވި ކުށްތަކަށް ކަނޑައެޅިފައި އޮންނަ އުގޫބާތުގެ ސިފައަށް ނުވަތަ ސޫރައަށް އިޝާރަތްކޮށެވެ. ޚާއްސަކޮށް ޖަލްދުކުރުމަށް، (އެބަހީ: ދުއްރާއިން ތެޅުމަށް) އިޝާރަތްކޮށެވެ. ކީރިތި ގުރުއާނުގައްޔާއި އަދި ނަބަވީ ސުންނަތުގައި ކަނޑައެޅިފައިވާ ގިނަ ޢުޤޫބާތްތަކުގެ ސޫރަ ނުވަތަ ސިފައަށް ބަލާއިރު އެންމެ ޢާއްމު ބާވަތަކީ ތެޅުމެވެ. މި ތެޅުމުގައި 'ހައްދެއް" އެބަހީ 'މިނެއް"، ('ވަކި އަދަދެއް') ކަނޑައެޅިފައި އޮވެއެވެ. މިސާލަކަށް: ސަތޭކަ އެތިފަހަރު ނޫނީ އަށްޑިހަ އެތިފަހަރު ނޫނީ ސާޅީސް އެތިފަހަރު މި ގޮތަށް (ހައްދެއް، ވަކިމިންވަރެއްނުވަތަ އަދަދެއް) ބަޔާންކުރެވިފައި އޮވެއެވެ. މި ގޮތަށް ވަކި އަދަދަކަށް ތެޅުން ކަނޑައެޅިފައި އޮންނާތީ މިފަދަ އުގޫބާތަށް ހައްދޭ، (ލަފްޒީ މާނައަކީ "މިން") ކިޔާން ފެށުނީއެވެ. އާދޭހެވެ! މިހިސާބުން އުގާބާތުގެ މާނައިގައި "ހައްދު" މި ލަފުޒު ބޭނުންކުރާން ފެށުނީއެވެ. މިކަން ފެނިގެންދަނީ އިސްލާމީ ތަޢުލީމުގެ ތެރެއިން ފިގުހު އުފެދި، އެ އިލްމު ފުރިހަމަވުމުންނެވެ. ފިގުހުގައި، ޤިޞާޞް ފިޔަވައި އެހެން ޢުޤޫބާތްތަކުގެ ވާހަކަދައްކާއިރު، އެ ވާހަކަތައް ގެނެވިފައި އޮންނަތަން ފެންނަނީ "ހުދޫދުގެ ބާބުގެ" ދަށުގައެވެ. ނަމަވެސް ހަގީގަތުގައި ދިވެހީން ހައްދުޖެހުމޭ ކިޔައިއުޅުނީ "ޖަލްދުކުރުމަށެވެ." ހައްދު ފަހަނަޅައި ދިޔުމުގެ ވާހަކަ ދައްކާއިރު ހައްދަކީ ކޮބައިކަން ބަޔާންކޮށްލުމަށްޓަކައި މި ވާހަކަ މިހައި ތަފްޞީލުކޮށް ދަންނަވައިލީއެވެ. "ފަހަނައެޅުން" ނުވަތަ "ފަހަނަޅައިދިޔުން" ބަސްފޮތުގައި މާނަކޮށްފައި އޮންނަނީ އެއީ "ފަސްދީ ދިޔުން" ކަމުގައެވެ. އެހެންވީމާ އެއީ ކަމެއް ފަހަށް ދޫކޮށް، މާ ދުރަށް ދިޔުންކަން އެބަ އެނގެއެވެ.

އިސްވެ ދިޔަ ވާހަކަތަކަށް ބަލައިލުމުން ދީނީ ގޮތުން ބަލާއިރު ހައްދު ފަހަނަޅައިދިޔުމަކީ އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ހައްދުން (އިމުން) ބޭރަށް ދިޔުންކަން ވަރަށް ސާފުކޮށް އެބަ އެނގެއެވެ. އެއީ ﷲ ބާވއިލައްވައިފާ ޝަރީއަތުގެ އިމުން ބޭރުވުމެވެ. ކޮންމެ ކޮޅަކުން ވިޔަސްމެއެވެ. ރަނގަޅަށް ސުންނަތަށް އުޅޭންކަމަށް ބުނެ އިމުން ބޭރަށް ނުކުތުމަކީ (ހައްދުން ނެއްޓުމަކީ) ވެސް ހައްދު ފަހަނަޅައިދިޔުމެކެވެ. އަނެއްކޮޅުން ދީނާ ޚިލާފު ވާހަކަދައްކައި އިސްލާމްދީނަށް ތައުހީނުކޮށް ރަސޫލާއަށް މަލާމާތްކޮށް ހެދުމަކީ އިސްލާނމްދީނުގެ އިމުން (ޙައްދުން) މާ ބޮޑަށް ވެސް ބޭރުވުމެވެ. ބޮޑާކަމާއި ހަރުކަށިކަމާއި ހައްދުފަހަނަޅައިދިޔުމަކީ މިއީއެވެ. "ހައްދުންމައްޗަށް" ދަނީކީ ނޫނެވެ. ހައްދު (އިންތައް) ފަސްދީ ދަނީއެވެ. ހައްދުފަހަނަޅައި ދަނީއެވެ. ދިވެހި ބަސްފޮތުގައި ބުނާ ދެވަނަ މާނައިގައި އެއީ ނުބައިކަމުގެ ކޮޅެއް ނެތް މިންވަރަށް ނުބައިވުމެވެ. އެއީ އިސްލާމީ ޝަރީޢާގެ އިމުން ބޭރުވުމެވެ. "ހައްދުފަހަނަޅައިދިޔުމުގެ ހަގީގީ މާނަ"އަކީ މިއީއެވެ.


ކިޔުންތެރިންގެ ހިޔާލު


14

މުދިމު

21-Jul-2020

މާޝާﷲ! ޙައްޤު ބަސްތަކެއް. އެކަމަކު ދިވެހީންގެ ގޮތަކީ ސުރުޚީ ކިޔައިލުމަށް ފަހު މީހާގެ ނަން ފެންނަ އިރަށް ލިޔެފައި އޮންނަ އެއްޗެއް ނުވެސް ކިޔައި ކޮމެންތްކުރާން ފެށުން. މިއީ ހަގީގަތަކީ.



ޓްރެންޑިން