ކޯރަމް ހަމަނުވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުން ތިންފަހަރަށް ލަސްކޮށްފިއެވެ.

މިއަދުގެ ޖަލްސާ ވެސް ފަށަން އޮތީ ހެނދުނު 9:00 ގަ އެވެ. ޖަލްސާއެއް ފަށަން ހަމަވާން ޖެހޭ ކޯރަމް ކަމަށްވާ 22 މެމްބަރުން އޭރު ތަޅުމުގައި ނެތުމުން މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެމްބަރުން ތަޅުމަށް ވަޑައިނުގެންނެވި ނަމަވެސް ގޯތިތެރޭގައި، ކުޑަދަށުގައި މެމްބަރުން އެބަ ތިއްބެވި ކަމަށެވެ.

އެހެންކަމުން 9:30 ވަންދެން ބެއްލެވުމަށްފަހު މަޖިލީސް މެދުކަނޑުއްވާލެއްވިއެވެ. އޭގެ ފަހުން އަލުން ފެއްޓެވި ނަމަވެސް މެންބަރުން ތަޅުމަށް ވަޑައިގެންފައިނުވާތީ ރައީސް ނަޝީދު ވަނީ ޖަލްސާ މެދުކަނޑުއްވާ ލައްވާފައެވެ. އަދި 10:00 ގައި އަލުން ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.

“އިއްޒަތްތެރި މެމްބަރުން އެބަ އިއުތިރާޒުކުރައްވާ މަޖިލީހުގެ ތަޅުމަށް ވަދެވަޑައިގަތުމަށް. މީގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް އެބަ ތިއްބެވި ކުޑަދަށުގައި.” ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

10:00 ގައި ޖަލްސާ ފެށީރުވެސް ކޯރަމް ހަމަވެފައި ނުވާތީ ރައީސް ނަޝީދު ވިދާޅުވީ ދެން ޖަލްސާ ފެށުމަށް މަސައްކަތް ކުރަށްވާނީ 11:00 ގައި ކަމަށެވެ.

މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު ރައީސް ނަޝީދު ވިދާޅުވީ ކުޑައިރުކޮޅެއް މަޑުކޮށް ބައްލަވަމުން ގެންދަވަނީ ޖަލްސާ ފެށުމަށް އިތުރު ދެ މެންބަރުން ބޭނުންވާތީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން