ފޮޓޯ: ހަތާވީސް
ފޮޓޯ: ހަތާވީސް
ބަރުލަމާނީ ނިޒާމާބެހޭ ގަރާރު އަވަސް ކުރެއްވުމަށް އެމްޑީޕީން އެއްބަސްވެއްޖެކަމަށް މަޖްލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި މަޖްލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ކުރަމުންދާ ރިިޔާސީ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރުމާއި ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ދަ ޑިމޮކްރެޓްސް ޕާޓީން ހުށަހެޅި ގަރާރު އަވަސްކުރެއްވުމަށް އެމްޑީޕީން އެއްބަސްވެފައިވާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި އިދިކޮޅު ލީޑަރޝިޕްގެ މެންބަރުން ހުށަހަޅާފައިވާ މައްސަލަތައް އެކަނި ހިމަނުއްވާފައިވާތީ މެންބަރުން ޖަލްސާ ބޯއިކޮޓް ކުރުމުގެ ސަބަބުން ޖަލްސާ ކުރިއަށް ނުގެންދެވުނެވެ.

ވެރިކަން ހިންގާ ނިޒާމާބެހޭ ގަރާރުގެ މައްސަލަ އަވަސް ކުރަން ޑިމޮކްރެޓްސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް އެދިވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެކަމާއި ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމާ މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން، އެ މަސައްކަތް ވީހާވެސް އަވަހަށް ކުރިއަށް ގެންދެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ،.

"މި މަސައްކަތް އަވަހަށް ކުރުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ޑިމޮކްރެޓުންގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު ވަނީ ވިދާޅުވެފައި. އެހެންވީމާ އަޅުގަނޑުމެންނަށް އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދެވޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެކަމާއި އެއްބަސްވެވަޑައިގަތުމުން އެ ގަރާރަށް މާދަމާގެ ޖަލްސާގައި ބަހުސް ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ގަރާރަކީ ދަ ޑިމޮކްރެޓްސްގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރެކެވެ. މިއަހަރުގެ ނޮވެމްބަރ މަސް ނިމުމުގެ ކުރިން ނިޒާމާއި ގުޅޭ ވޯޓް ނެގުމަށް އޭނާ ހުށަހެޅުއްވި ގަރާރުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން