ނިޒާމު ބަދަލުކުރަން އުޅެނީ ރައްޔިތުންނަށް ހެޔޮ އެދިގެން ނޫން ކަމަށް ރައްޔިތުންގެ މަޖްލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މޮސްޓާ ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ވޯޓެއް ނެގުމާ ގުޅޭގޮތުން ސުވާލު އުފައްދަވާފައެވެ. މޮސްޓާ ވިދާޅުވިގޮތުގައި މީހުންގެ ސިކުނޑިއާއި ޓެކްނޮލޮޖީ ތަރައްގީ ވާ ވަރަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޤާނޫނުގައި ހިމަނުއްވަން އުޅުއްވާހެން ހީވާ ކަމަށެވެ.

"އެހެންވީމަ ޤާނޫނު އަސާސީގައި ހިމަނުއްވަން ވީ ކަންނޭނގެ ކޮންމެ 15 އަހަރަކުން ޓޭކްނޮލޮޖީއަށް ބަދަލު އަންނާތީވެ ނިޒާމީ ވޯޓެއް އެބަ ޖެހޭ ނަގަން. މީހުންގެ ސިކުނޑި ތަރައްގީވާ ވަރަކުން ނިޒާމީ ވޯޓެއް އެބަ ޖެހޭ ނަގަން. އެކަހަލަ އުސޫލަކުން ކަންނޭނގެ މި ވާހަކަދައްކަނީ. ނިޒާމު ގެންނަން އުޅެނީކީވެސް ރައްޔިތުންނަށް ހެޔޮ އެދިގެނެއް ނޫން." މޮސްޓާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން މޮސްޓާ ވިދާޅުވީ އިޚްލާސްތެރިކޮށް ވެރިކަން ނުކުރެވުނީމަ އެއް ބަޔަކު ސުޕްރީމް ކޯޓުގައި ތަޅު އަޅުވާފައި އަނެއް ބަޔަކު ސުޕްރީމް ކޯޓުގެ ޓިނު ނަގާފައި ހިތަށް އެރި ގޮތަކަށް ވެރިކަން ކުރައްވާތީ ކަމަށެވެ. މޮސްޓާ އިތުރަށް ވިދާޅުވީ ކޮންމެ ނިޒާމެއްގެ ވެރިކަމެއް ކުރިޔަސް މައްސަލައަކީ ވެރިކަން ކުރާ ނިޒާމް ނޫން ކަމަށާއި އަސްލު މައްސަލައަކީ އިޚްލާސްތެރި ވެރިޔަކު ނެތުން ކަމަށެވެ.

"މިގޮތަށް ވެރިކަން ކޮށްފައި އައިއްސަ ދެން ކޮން ވާހަކައެއް ދައްކާކަށް. ބަރުލަމާނީއޭ ރިޔާސީއޭ ކިޔައިގެން. ނަމޫނާއަކަށް މި ދައްކަނީ އަފްޣާނިސްތާނުގެ ކަޑަކަން. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމެއް ނެރޭއިރު އަންނަނީ އެތާނގެ އުސޫލު. އިޚްލާސްތެރި ކަމެއް ނެތިއްޔާ މިތާނގަ ނުކުރެވޭނެ ރަނގަޅު ވެރިކަމެއް ރިޔާސީ އޮތަސް، ވިރާސީ އޮތަސް. އިޚްލާސްތެރި ބަޔަކު ހޯދަންވީ. އިއުލާންކޮށްގެން ވިޔަސް، ބޭހެއް ކާންދީގެންވިޔަސް، ކުޑައިރު ވެކްސިން ދޭހެން ވެކްސިނެއް ކަންނޭނގެ ދޭންވީ 'އިޚްލާސްތެރި ވެކްސިން' ކިޔާ." މޮސްޓާ ވިދާޅުވިއެވެ.

އެންމެ ފަަހުން ރާއްޖޭގައި ވެރިކަން ކުރާ ނިޒާމާއި ބެހޭ ވޯޓެއް ނެގީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައެވެ. އެއީ މިހާރު އަމަލުކުރާ ގާނޫނު އަސާސީގައި ވެރިކަމުގެ ނިޒާމު ހިމަނަން ވެގެންނެވެ. އެފަހަރު ބޭއްވި ވޯޓު ދިވެހިން ނިންމީ ރިޔާސީ ވެރިކަމުގެ ނިޒާމެއް ރާއްޖޭގައި ދެމެހެއްޓުމަށެވެ.



މީގެ އިތުރަށްވެސް މޮސްޓާ ވަނީ ކޮންމެ ބޭފުޅަކުވެސް ވެރިކަމަށް އައުމުން އިޚްލާސްތެރިކަން ފެނިވަޑައިޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި ކޮންމެ ބޭފުޅަކުވެސް ވެރިކަން ކުރައްވަން ބޭނުންފުޅުވަނީ އުމަރް ބުނުލް ޚައްތާބް ފަދަ ބޭބޭފުޅުންނާއި އެއްގޮތަށް ކަމަށެވެ. އެހެން ނަމަވެސް، ވެރިކަން ކުރެވިގެން ދަނީ ހިޓްލަރއާއި ސުހާޓޯގެ ވެރިކަމާއި އެއް އުސޫލަކަށް ކަމަށް މޮސްޓާ ފާހަގަކުރެއްވިއެވެ. އަދި ދައްކާ ވާހަކައަކާއި ބަހާއި އަމަލާއި ދިމާނުވާ ކަމަށާއި ކޮންމެ މީހަކުވެސް ވެރިކަން ކުރަނީ އަމިއްލަ ޖީބަށް ފައިދާ ވާ ގޮތަށް ކަމަށް މޮސްޓާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން